އަތޮޅުތެރޭގެ މިނީ ބަހުގައި ވެސް ޓިކެޓު ވިއްކަން ފަށަނީ
13 އޮކްޓޯބަރ 2022 - 18:30
އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) އިން އައްޑު އާއި ފުވައްމުލައް އަދި ލ. އަތޮޅުގައި ބޭނުންކުރާ ބަސްތަކުން ކަރުދާސް ޓިކެޓު ވިއްކަން އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ ހިދުމަތާއެކު މާލެ އެކޭ އެއްގޮތަށް ބަހުގެ ތެރެއިން ޓިކެޓު ގަނެގެން ދަތުރުކުރެވޭނެ ކަމަށެވެ. އެކަމަކު، ޓާމިނަލްތަކުން ޓިކެޓެއް ނުވިއްކާނެ އެވެ.
ބަހުގެ ކޮންޑަކްޓަރު ޓިކެޓް ދޫކުރާނީ ހާއްސަ ފޮއްޓަކަށް ފައިސާ ލުމުންނެވެ. އަދި ދަތުރު ކުރަމުންދާއިރު، މާރު ނުކުރެވޭނެތީ ސީދާ އަދަދު ހަމަވާނެހެން ފައިސާ ގެންދިއުމަށް އެމްޓީސީސީން އެދެ އެެވެ.
އެ ކުންފުނިން ބުނިގޮތުގައި، ކަރުދާސް ޓިކެޓު ވިއްކުމުގެ އިންތިޒާމު ހަމަޖެއްސީ އިސްރަށްވެހިންނަށް ފަސޭހައަކަށެވެ.
އާރްޓީއެލްގެ ވެބްސައިޓާއި ޓްރެވެލް އެޕްލިކޭޝަން މެދުވެރިކޮށް، ކިއުއާރު ޓިކެޓު ނަގައިގެން ވެސް ދަތުރުކުރެވޭނެ އެވެ. ކިއުއާރު ޓިކެޓު ނަގާނެ ގޮތް ދައްކައިދޭ ވީޑިއޯއެއް އާރްޓީއެލްގެ ޔޫޓިބާއި ސޯޝަލް މީޑިއާ ޕޭޖުތަކުން ފެންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގެ ބަސް ދަތުރުތަކުގެ އަގުތައް އުޅެނީ 5ރ. އާއި 20ރ. އާ ދެމެދުގަ އެވެ.
އައްޑޫ ސިޓީގެ ބަސް ދަތުރުތަކުގެ ތަފްސީލް
އައްޑޫގެ އަށް ރޫޓަކުން ބަސް ދަތުރުކުރާއިރު، އެއް ރޫޓު ފިޔަވައި ބާކީ ރޫޓުތަކުގެ ޓިކެޓެއްގެ އަގަކީ 5ރ. އެވެ. އައްޑޭ މެއިން ކަނެކްޓަ ރޫޓުގެ ދަތުރުތަކުގެ އަގުތައް އުޅެނީ 10ރ. 15ރ. އަދި 20ރ. އަށެވެ.
ފުވައްމުލައް ސިޓީގެ ބަސްދަތުރުތަކުގެ ތަފްސީލު
ފުވައްމުލަކުގެ ބަސް ދަތުރުތަކުގެ ޓިކެޓު އުޅެނީ 5ރ. އަށެވެ. އެ ސިޓީގައި ބަސް ދަތުރު ކުރަނީ ތިން ރޫޓަކަށެވެ.
ލ. އަތޮޅުގެ ބަސް ދަތުރުތަކުގެ ތަފްސީލު
ލ. އަތޮޅުގައި ޖުމްލަކޮށް ހިމެނެނީ ފަސް ރޫޓެކެވެ. އޭގެ ތެރެއިން އިސްދޫ-ކަލައިދޫ ރޫޓާއި ފޮނަދޫ އަދި ގަމުގެ އެތެރޭގެ ދަތުރުތައް ކުރާ ރޫޓުގެ އަގަކީ 5ރ. އެވެ. ގަން- ކައްދޫ އެއާޕޯޓާއި ފޮނަދު- ކައްދޫ އެއާޕޯޓުގެ ރޫޓުގެ އަގުތައް އުޅެނީ 10ރ. 15ރ. އަދި 20ރ. އަށެވެ.
އާރުޓީއެލް އަތޮޅުތެރޭގެ ބަހުގެ ހިދުމަތުގައި ވެސް އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނަށް އައިޑީކާޑާއެކު ހިލޭ ދަތުރުކުރެވޭނެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އެވެ. ސްކޫލު ކުދިންނަށް ހިލޭ ދަތުރުކުރެވޭނީ ޔުނިފޯމުގައި ތިބޭ ގަޑިތަކުގަ އެވެ.
އައްޑު އާއި ފުވައްމުލައް އަދި ލ. އަތޮޅުގައި ބަސް ދަތުރުކުރާ ރޫޓުތައް ފެންނަން ހުންނަ މެޕް، އާރްޓީއެލް ވެބްސައިޓު ނުވަތަ ޓްރެވެލް އެޕް މެދުވެރިކޮށް ބެލޭނެ އެވެ.
މަހެއްހާ ދުވަހުގެ ހިލޭ ދަތުރުތަކަށް ފަހު، އާރްޓީއެލްގެ މާލޭ ބަސް ތަކުން ވެސް މި މަހުގެ ތިން ވަނަ ދުވަހު ވަނީ ޓިކެޓްގެ އަގު ނަގަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާނާ
14 October 2022
ރާއްޖެތެރެއަށް އަތޮޅުތެރެއެކޭ ނުކިޔޭނެ. ދިވެހިބަހުގައި "އަތޮޅުތެރެ" ކިޔަނީ އަތޮޅެއްގެ އެތެރެވަރިއަށްވާ ސަރަހައްދަށް. ރާއްޖެތެރެއަށް ކިޔާނީ "އަތޮޅުތައް".
އަބްޑޫޅް
14 October 2022
މިރޫޓު ތަކަށް އިގިރޭސި ނަން ދޭން މި ޖެހެނީ ކީއްވެގެން؟ ކަލޭމެންގެ މީހުންނަށް ވާހަކަ ދެއްކެނީ "ޕިޖިން އިގިރޭސިން" ނޫނީ އިންޑިޔާ އިގިރޭސިން. ނޭގޭތަ އެކަމެއް؟ ކަލޭމެންނަކަށް އިގިރޭސިއެއް ނޭގޭ. ކަލޭމެންނަކީ މައް، ބީރަށްޓެހި، ދިވެހިން. ދިވެހިބަހުން ލިޔެ ކިޔާބަލަ.
އަބްޑޫޅް
14 October 2022
އަތޮޅުތެރެޔޭ؟ ބީރަށްޓެހި ރަށްފުށް ދޯ؟
ބަސްކާޑު
13 October 2022
ބަސްކާޑު އުވާލީ އެ ބޭނުންކުރަން ރައްޔިތުންނަށް މާ ފަސޭހަ ވީމަދޯ. 2023 އިންތިހާބަށް ތައްޔާރުވޭ.
ކިހާބޮޑުކަމެއް
14 October 2022
އެއީވެސް އިލެކްޝަނަށް ދާންޖެހޭވަރު ކަމެއްތަ؟ ހެހެހެ..
ކާސިމް ހާޖީ
13 October 2022
މިއަދުވެސް 100ރ ރުފިޔާ އަށް ވިއްކީ 3 ތިކެޓް ބާކީ ރުފިޔާ ވެސް ނުދިން ..ބާކީ އައް ވާވަރަށް ތިކެޓް ދޭޝެ ވެސް ބުނިން އެކަން ވެސް ނުކޮޢްދިން ހީލޭ ބަސް ދުއްވި ދުންވުން ތަން ފޫ ބައްދަނީ މިހެން ދޯ؟
ސްމޭޝް-ފުވައްމުލައް
13 October 2022
ކީއްކުރަން އިތުރަށް ފޮށްޓަށް އިތުރަށް ފައިސާ ލީ؟ ބާކީ ނުލިބޭނެތީ އަދަދު ހަކޮށްގެން ގެނައުމަށް ބުނެފައި އޮތީ. އަދިވެސް ކަންފަސޭހަ ކުރޭ!
މައްސަލަ ހޯދާ
13 October 2022
އަމިއްލައަށް އެއްބަސްވީނު މާރުނުކުރެވުނަސް ހެޔޮކަމަށް! ދެން މިހާރު ބޭކާރު އަނގައެއް ތަޅާކަށް. މާރުނުކުރެވޭނޭ ބުނީމަވެސް ޓެކްސީ ތިރީސް ރުފިޔާ ނުދޭންވެގެން ހޭވި ހަޑިއެއްނުތީ! ނޫނީ ކާސިމު އަތުގައި މާ ލާރި ގިނައީ!