2019 ވަނަ އަހަރު ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވަނީ: ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ ލިބިފައިވާ މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައި -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
17 އޮކްޓޯބަރ 2022 - 20:40
ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ 2020 ވަނަ އަހަރު ދީފައިވާ މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު އަންނަ މަހު ބާއްވަން ތައްޔާރުވަމުން އަންނަނިކޮށް، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ފާސްކުރީ 58 މެމްބަރުންގެ ތާއިދާއެކުގަ އެވެ.
އެ ގާނޫނަށް 2020 ވަނަ އަހަރު ގެނައި އިސްލާހެއްގެ ދަށުން ބާ އިމްތިހާނެއް ބޭއްވެންދެން އެހާތަނަށް ކިޔަވައި ނިމިފައި ތިބި މީހުންނަށް ހާއްސަކޮށް ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު ވަކީލުކަމުގެ ހާއްސަ ހުއްދައެއް ދިނެވެ. އެކަމަކު، އެންމެ ފުރަތަމަ ބާއްވާ ބާ އިމްތިހާނުގައި އެ މީހުން ބައިވެރިވުން މިހާރު ލާޒިމްވެ އެވެ.
އެހެންވެ، އުޝާމް ހުށަހެޅުއްވީ އެ މައްދާ އުނިކޮށް، އެ މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ހެދުމަށެވެ.
ބާ އިމްތިހާނަށް 10،000ރ. ފީއެއް ނަގަން ނިންމާފައި ވާތީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ބާ ކައުންސިލުން މިހާރު އެ ފީ 6،500ރ. އަށް ކުޑަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ބިލު ދިރާސާ ކުރީ އެ ގާނޫނަށް އިސްލާހު ގެނައުމަށް، ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހެޅުއްވި ބިލާ ވެސް އެކުގަ އެވެ. ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ތާއިދާ އެކު އެ ބިލު ވެސް މިއަދު މަޖިލީހުން ފާސްކުރި އެވެ.
ވަކީލުކަމުގެ ހާއްސަ ހުއްދަ އޮތް މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ހަދަން ބާ ކައުންސިލް ތާއީދު https://t.co/QfkEqnxrkL
— Mihaaru (@Mihaarunews) September 5, 2022
ޔޫނުސް ހުށަހެޅުއްވި ބިލުގައި އޮތީ ގާނޫނީ ވަކީލުކަމުގެ ހުއްދަ އަށް އެދޭ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ކުރިން ގާނޫނުގައި ލާޒިމުކޮށްފައި އޮތްއޮތުން ބަދަލުކުރުމަށެވެ. އެހެން ގައުމުތަކުގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަ ކުރާ ތަމްރީނުތައް ކުރިޔަށް ގެންދާ ގޮތަށް ރިއާޔަތްކޮށް ރާއްޖެ އަށް އެންމެ އެކަށީގެންވާ ތަމްރީނުގެ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރުމުގެ ބާރު ބާ ކައުންސިލަށް ދިނުމަށް އެ ބިލުގައިވެ އެވެ.
ބާ ކައުންސިލަށް ލިބޭ އާމްދަނީން އެ ކައުންސިލް ހިންގޭނެ ގޮތަށް، ބާ ކައުންސިލުގެ ހިންގުން ބައްޓަންކުރުމަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލުން ދައްކާ ޗަންދާ އާއި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި ހުއްދަ އާކުރުމާއި ސެޓްފިކެޓް އަލުން ހެއްދުން ފަދަ ކަންކަމުން ނެގޭ ފީ އިން ކައުންސިލަށް އާމްދަނީ ހޯދޭނެ ކަމަށް ބުންޏެވެ.
ކޮންމެ އަހަރެއް ފެށުމުގެ ކުރިން، އެ އަހަރަކު ލިބޭނެ އާމްދަނީ އާއި ކެޕިޓަލް އަދި ރިކަރަންޓް ހަރަދުތައް ވަކިން އެނގޭނެހެން ބަޖެޓް ތައްޔާރުކުރުމަށް ފަހު ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން ފާސްކުރަން ވެސް ޖެހެ އެވެ. އަދި ކައުންސިލްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކޮށް، އެ ފައިސާ ހަރަދުކުރަން ޖެހޭނީ ގާނޫނުގެ ދަށުން ހަދާ ވަކި ގަވައިދަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ބުންޏެވެ.
އެ އިސްލާހުގައި ބާ ކައުންސިލަށް ވަކީލުންގެ ސުލޫކީ މައްސަލަ ބެލޭ ދާއިރާތައް ވެސް ފުޅާކޮށްދީފައިވެ އެވެ. އަދި އެ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ވެސް މައްސަލަތައް ބެލޭނެ ކަމަށް ބުންޏެވެ. ވަކީލުންނާ ގުޅޭ އެފަދަ މައްސަލައެއް ކޮންމެ މީހަކަށް ވެސް ބާ ކައުންސިލަށް ހުށަހެޅިދާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންފާ
18 October 2022
ފަޚުރުވެރި ދިވެހިން އެކަމަކު ބާކައުންސިލުން ދޭ އިމްތިޙާން އިނގިރޭސިން ދިވެހި ރާއްޖޭގެ ކޯޓުގައި ވަކާލާތު ކުރަނީ ދިވެހިބަހުން އެކަމަކު ޓެސްޓު ހަދަނީ އިނގިރޭސިން އަޅެ މީ 21 ވަނަ ގަރުނުގެ ބޮޑު ޖޯކު ނޫންތަ!
އަބްޑޫޅް
18 October 2022
އޮކުސްފޯޑުން ލޯވު ހަދައިގެން، އެއް ލަންބަރު ޕިއެޗުޑީ ކަމުގެ ސަނަދުން، އޭ+++ ޕުލަސް ޕުލަސް ޕުލަސް ފާސްވެގެން ނޫނިއްޔާ، ރާއްޖޭގަ ލޯވު ގެ ރޮނގުން އެއްވެސް މަޝައްޤަތެއް ކުރެވިގެން ނުވާޅެ.
ބޭއިންސާފު
18 October 2022
ނާއިންސާފުން ކޮށްފައިވާކަންކަން މުޅިން. އެއްބަޔަކަށް މިއީ އިންސާފުވިޔަސް އަނެއްބަޔަކަށް މީ ވަރަށް ބޮޑު ބޭއިންސާފެއް. ބާއިމްތިހާނެކޭ ކިޔާ އެއްޗެއް ހަދަން ޖެހޭކަން ނޭނގި އެ ވުޖޫދަށް ގެނައުމުގެ ކުރިން ކިޔަވަން ފެށިކުދިންގެ ބޮލުގައި އަޅުވާލި ކަންތައް ދެކިބަލަ. އަދި އެވެސް ބޮޑުއަގެއް ދަރިވަރުން ދައްކަން މިޖެހެނީ.
ޙަސަން އަޙްމަދު
18 October 2022
ބާކައުންސިލުން މި ކުރަނީ ގާނޫނުގެ އަދުލު އިންސާފުގެ ރޫޙާ ޚިލާފު ކަންކަން. މިއިން އެނގެނީ ގާނޫނު ދަންނަ ބަޔަކު ނޫންކަން ވަކީލުންގެ ކައުންސިލް ހަދައިގެން ތި އުޅެނީ. މިމީހުންގެ ރޫޙު މި ހުންނަނީ ޔޫރަޕުގެ މެދު ޒަމާނު ފާދިރީންނެކޭ އެއްގޮތަށް. އެންމެ ނުރައްކާ އޮތީ މިފަދަ ބަޔަކު އަޅުތަކުންގެ މައްޗަށް ގާނޫނާ ގަވައިދު ހަދަން ފެށީމާ.
ޥާލުސޮރު
18 October 2022
ކޮބައިތޯ މައްސަލައަކީ ނޫނީ އަދި ނުހޭލެވެނީ ބާ