އާސެނަލްގެ ފަރިތަކުރުންތަކުގެ ތެރެއިން އޮޒިލް (ކ) އާއި ވެންގާ.-- ފޮޓޯ: އޭއެފްޕީ
09 ޖެނުއަރީ 2017 - 11:26
ލަންޑަން (ޖެނުއަރީ 9) - އާސެނަލާ އެކު އާ އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރު ކަމަށާއި އެހެން ނަމަވެސް އޭގެ ކުރިން އާސެނަލްގެ ކޯޗު އާސެން ވެންގާގެ މުސްތަގުބަލާ ގުޅޭގޮތުން ކްލަބުން ގޮތެއް ނިންމުން މުހިއްމު ކަމަށް އެ ޓީމަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފި އެވެ.
އޮޒިލް އާއި އަލެކްސިސް ސަންޗޭޒް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ 18 މަސް ދުވަހެވެ. ރިޕޯޓްތައް ބުނާގޮތުން މިދެ ކުޅުންތެރިންގެ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތައް ހުއްޓިފައި އޮތީ މުސާރައަކާ މެދު އެއްބަސްނުވެވިގެންނެވެ. ނަމަވެސް އޮޒިލް ވަނީ އޭނާ ގޮތެއް ނިންމުން ލަސްވަނީ ވެންގާގެ މުސްތަގުބަލާ ގުޅޭގޮތުން ކްލަބުން ގޮތެއް ނުނިންމާތީ ކަމަށް ބުނެފަ އެވެ.
"އާސެނަލްގައި އަހަރެން މިހުރީ އުފަލުން. ކްލަބާ އެކު އާ އެއްބަސްވުމެއްގައި ސޮއިކުރަން ވެސް ތައްޔާރު އެކަމަކު އޭގެ ކުރިން އަހަރެން ބޭނުން ކޯޗު (ވެންގާ)ގެ މުސްތަގުބަލާ ގުޅޭގޮތުން ކްލަބުން ގޮތެއް ނިންމަން. ވެންގާ އަކީ އަހަރެން އާސެނަލަށް ބަދަލުވި އެއް ސަަބަބު. އޭނާގެ އިތުބާރަކީ އަހަންނަށް ވަރަށް މުހިއްމު އެއްޗެއް،" އޮޒިލް ބުންޏެވެ.
އާސެނަލުން ވެންގާއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އާސެނަލްގެ ބޯޑުން ވަނީ ވެންގާ އަށް އާ އެއްބަސްވުމެއް ހުށަހަޅާނެ ކަމަށް މި ސީޒަން ފެށުމުގެ ކުރިން ބުނެފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އާ އެއްބަސްވުމުގެ ކަންތައްތައް އޮތީ މަޑުޖައްސާލައިފަ އެވެ
އާސެނަލްގެ ކުރީގެ ތަރި ތިއަރީ އޮންރީ ވަނީ އޮޒިލް އާއި ސަންޗޭޒް ބޮޑު މުސާރަ އަށް ޑިމާންޑްކުރާ ކަމަށް ބުނެ އެ ދެ ކުޅުންތެރިންނަށް ފާޑުކިޔައިފަ އެވެ. އޮޒިލް ބުނީ އޮންރީ އަށް ކަމުގެ ހަގީގަތް އެއްކޮށް ނޭގޭ ކަމަށާއި ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކާތީ ހިތާމަކުރާ ކަމަށެވެ.
"ކޮންމެ މީހަކަށް ވެސް އެމީހެއްގެ ވިސްނުން ހުރި ގޮތަކަށް ވާހަކަ ދެއްކުމުގެ ހުއްދަ އޮވޭ. ކުރީގެ ކުޅުންތެރިޔަކު ވިޔަސް އަހަންނާއި ކްލަބާ ދެމެދު ދެކެވުނު ވާހަކަތައް ނޭނގި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދެއްކުމުން ހިތާމަ ކުރަން،" އޮޒިލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy