ޚަބަރު / ރާއްޖެ-މޮރިޝަސް

މޮރިޝަސް އިން ބުނަނީ ރާއްޖޭން އުޅެނީ ފުށުއަރާ ސަރަހައްދުގެ 99 ޕަސެންޓް ނަގަން ކަމަށް

އިމުގެ މައްސަލާގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މައްސަލަ އުފެދިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓެއް.

ރާއްޖޭން އުޅެނީ މޮރިޝަސްގެ ބޯޑަރާ ފުށުއަރާ ސަރަހައްދުގެ 99 ޕަސެންޓް ހޯދަން ކަމަށާއި އިމުގެ މައްސަލާގާއި ރާއްޖޭން ދައްކާ ވާހަކަ ރަނގަޅު ނޫން ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސް އިން ބުނެފި އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ބޯޑަރުގެ މައްސަލާގައި އިޓްލޮސް އަށް މޮރިޝަސް އިން ހުށަހަޅައިގެން އުޅޭ މައްސަލާގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު އޮތް އަޑުއެހުމުގައި މޮރިޝަސްގެ އެޖެންޓް ދީރެންދުރާ ދާބީ ވިދާޅުވީ، ދެ ގައުމުގެ އިމުން ފުށުއަރާ ސަރަހައްދުގެ މިލްކުވެރި ފަރާތަކީ ދިވެހިރާއްޖެ ނޫން ކަމަށާއި މޮރިޝަސް ކަމަށެވެ.

ރާއްޖޭގެ ދެކުނުން އައްޑު އާއި މޮރިޝަސްއާ ދެމެދު، ދެ ގައުމުން އިގްތިސާދީ ހާއްސަ ސަރަހައްދު ބައިނަލްއަގުވާމީ މިންގަނޑުން ފާހަގަކުރުމުން ފުށުއަރާ ސަރަހައްދުގެ ބޮޑުމިނުގައި 95،828 އަކަ ކިލޯމީޓަރު ހުރެ އެވެ.

"މިއީ އަވަށްޓެރި ދެ ގައުމު. ދެ ގައުމަށް ކުރިމަތިވެފައި ވަނީ އެއްކަހަލަ ގޮންޖެހުންތަކާއި މައްސަލަތައް،" އދ. ގެ ނުވަ ފަނޑިޔާރުންގެ ކުރިމަތީގައި މޮރިޝަސްގެ އެޖެންޓް ދާބީ ވިދާޅުވި އެވެ.

އިޓްލޮސް އަށް މޮރިޝަސް އިން މައްސަލަ ހުށަހެޅުމާ އެކު ރާއްޖޭން ބުނަމުން އައީ މޮރިޝަސް އިން ދައުވާކުރަނީ އިނގިރޭސި ވިލާތުގެ މިލްކުވެރިކަން އޮތް ސަރަހައްދަކަށް ކަމަށާއި އެހެންވެ އެ މައްސަލާގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެކަމަކު ޖަރުމަނުގައި ހުންނަ އިޓްލޮސް އިން މިދިޔަ އަހަރު ވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފަޔަށް ބާރު ދީފަ އެވެ. އެއީ އިނގިރޭސި ވިލާތުން ޗާގޮސް ހިފައިގެން ތިބުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށެވެ.

ރާއްޖޭން ތާއީދުކުރީ ބައިނަލްއަގުވާމީ ކޯޓުގެ ނިންމުމަށް

ރާއްޖޭގެ ސްޓޭންޑާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުންނާއި އިޓްލޮސް އިން ނިންމާފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ރާއްޖޭން ވަނީ، ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ރާއްޖޭން ކުރިން ގަބޫލުކުރި ނަމަވެސް އެ ވިސްނުން ބަދަލުކޮށް މޮރިޝަސް އަށް އެކަމުގައި ތާއީދުކުރާނެ ކަމަށް ބުނެފަ އެވެ. އެ ނިންމުން ހާމަކުރުމުން މިއީ އިމުން ފުށުއަރާ ސަރަހައްދު މޮރިޝަސް އަށް ދޫކޮށްލަން ނިންމުން ކަމަށް މާނަކޮށް ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން ގެންދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއް ކަމަށް ރާއްޖޭން ގެންގުޅުނު ސްޓޭންޑް ބަދަލުކުރީ ދުނިޔޭގެ އެންމެ މަތީ ކޯޓުންނާއި ޓްރައިބިއުނަލުން ވެސް އެކަމުގައި މޮރިޝަސް އަށް ތާއީދުކުރުމުން، އެންމެ ފަހު ކަމެއްގެ ގޮތުގަ އެވެ.

އިޓްލޮސްގައި އޮތް އިމުގެ މައްސަލަ ފެށުނީ ރާއްޖެ އަށް އެ ސްޓޭންޑްގައި ނާކާމިޔާބުވުމުންނެވެ. ރާއްޖޭން އަދިވެސް ދަމަހައްޓަނީ 2010 ވަނަ އަހަރު ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ބޮޑުކުރުމަށް ހުށަހެޅި ހުށަހެޅުމެވެ. އެކަމާ މޮރިޝަސް ދެކޮޅެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވާހަކަ ދައްކަވަނީ.

އދ. ގައި އޮތީ ޗާގޮސްގެ އަސްލު ރަށްވެހިންނަށް އެ މީހުންގެ ވަޒަނަށް އެނބުރި ދިއުމުގެ ހައްގުގެ މައްސަލަ އެވެ. މިކަމުގައި މީގެ ކުރިން އަބަދުވެސް ރާއްޖޭން އދ. ގައި ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އަދި ވެރިކަން ބަދަލުވެ، އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ވެސް ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ. ސަބަބެއް ކަމަށް އޭރު ބުނެފައިވަނީ ކަނޑުގެ ސަަރަހައްދުގެ ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް އިޓްލޮސް އަށް މައްސަލަ ހުށަަހަޅާފައި އޮތުމެވެ.

ދިވެހިރާއްޖޭގެ އެކުވެރިންނަށް އިހްތިރާމާ އެކު ބުނަން ޖެހެނީ ތިޔަ ވިސްނުން ގޯސް ކަމަށް: މޮރިޝަސްގެ ވަކީލް

އިޓްލޮސްގައި ރާއްޖޭގެ އެޖެންޓް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ބުރާސްފަތި ދުވަހު ވިދާޅުވީ، އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭން ވޯޓު ދޭން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވުމުން އެކަމުގެ ބަދަލުގައި މޮރިޝަސް އިން މިހާރު ވަނީ މޮރިޝަސްގެ ބްލެންހެމް ފަރުގެ ސާވޭ ހެދުމަށް ދިޔަ ޚަރަދު ރާއްޖެ އަތުން ހޯދުމަށް މޮރިޝަސް އިން ކުރި ދައުވާ އަނބުރާ ގެންދަން ނިންމިކަން އަންގާފައި ކަމަށެވެ.

ރިފްއަތު ވިދާޅުވީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ ބޮޑުކުރަން ރާއްޖޭން 2010 ވަނަ އަހަރު ހުށަހެޅި ހުށަހެޅުމަށް މޮރިޝަސް އިން ހުށަހެޅި އިއުތިރާޒް ވެސް އަނބުރާ ގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޖެހިގެން އުޅޭ މައްސަލަ

ޔޫއެން ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (1982) ގައި ބުނާ ގޮތުން ކަނޑުގެ ބޯޑަރު އޮންނަ ގައުމުތަަކަށް ކަނޑުގެ ސަރަހައްދުން ކޮންޓްރޯލް އޮންނާނީ އެ ގައުމެއްގެ އައްސޭރިފަށުން ފެށިގެން 230 މޭލާ ހަމަޔަށެވެ.

ރާއްޖެ އާއި މޮރިޝަސް އިން މިކަމުގައި މައްސަލަ ޖެހިގެން އުޅެނީ މި 230 މޭލު ގުނަން ފަށާގެ ހިސާބަކާ މެދުގަ އެވެ. މޮރިޝަސް އިން ފަރުގެ ސާވޭއެއް ހެދުމަށް ފަހު މިން އަޅަން ފަށަނީ ރާއްޖެއާ ވަރަށް ބޮޑަށް ކައިރި ހިސާބަކުންނެވެ. އެހެން ހެދުމުން، ފުށުއަރާ ސަރަަހައްދު ވަކިން ބޮޑުވެ އެވެ.

"ދިވެހިރާއްޖޭގެ އެކުވެރިންނަށް އިހްތިރާމާ އެކު ބުނަން ޖެހެނީ ތިޔަ ވިސްނުން ގޯސް ކަމަށް،" މޮރިޝަސްގެ ފަރާތުން ވާހަކަ ދައްކަވަމުން ކޯޓުގައި ވަކީލް ފިލީޕް ސޭންޑްސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭން އުޅެނީ އިމުން ފުށުއަރާ ސަރަހައްދުގެ 99 ޕަސެންޓް ހޯދަން ވެގެންނެވެ.

މީގެ ކުރީގެ އަޑުއެހުންތަކުގައި ރާއްޖޭން ނެގީ މި މައްސަލަ އިޓްލޮސްގައި ނުބެލޭނެ ކަމަށް ބުނެ އިޖުރާއީ މައްސަލައެކެވެ. އެއީ ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއް ކަމަށާއި އިމުގެ މައްސަލާގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ އެވެ. އެކަމަކު ކޯޓުން ނިންމީ މިހާރު ބަލަމުން ގެންދާ މައްސަލާގައި އިނގިރޭސި ވިލާތުގެ މަސްލަހަތެއް ނެތް ކަމަށާއި އެކަމުގައި ބަލާނީ އައިސީޖޭ އިން 2019 ވަނަ އަހަރު މޮރިޝަސްއާ އެއްކޮޅަށް ނިންމި ނިންމުމަށް ކަމަށެވެ.

ޗާގޮސްގެ ތާރީހު

އިނގިރޭސި ވިލާތުން ޗާގޮސްގެ އެހެން ރަށްތަކާ އެކު މޮރިޝަސް ފްރާންސްގެ އަތްދަށުން އަތުލީ 1810 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ބުނަމުން އައީ އެއީ ދަނޑުވެރިކަމުގެ ބޭނުމަށް ކަމަށެވެ. އެކަމަކު އޭގެ 100 އަހަރަށް ވުރެ ވެސް ފަހުން ސޮވިއެޓް ޔުނިއަންގެ ބާރު ގަދަވުމާ އެކު އެމެރިކާ އިން އިންޑިއާ ކަނޑުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް ބޭނުންވެ އެކަމުގައި އިނގިރޭސި ވިލާތް އެއްބަސްކުރުވައިގެން ޗާގޮސްގެ ޑިއެގޯ ގާސިއާ (ފޯޅަވަހި) ކުއްޔަށް ނެގީ އެވެ.

މޮރިޝަސް އަށް 1968 ވަނަ އަހަރު މިނިވަންކަން ލިބުމުން މޮރިޝަސް އާއި ޗާގޮސްގެ އެހެން ރަށްތައް ވަކިކޮށްލައި އެ ރަށްތަކުގެ ދެ ހާހެއްހާ މީހުން ގަދަބާރުން ވަޒަނުން ބޭރުކޮށްލީ އެވެ. އެ މީހުން ރަށްތަކުން ފައިބައިގެން ދިޔައިރު ގެންދަން ހުއްދަ ދިނީ ކޮންމެ މީހަކު އެންމެ ފޮއްޓެކެވެ. އަނިޔާވެރިކަމާ އެކު ވަޒަނުން ބޭރުކޮށްލި މި މީހުން އަދިވެސް ގެންދަނީ ވަޒަނަށް އެނބުރި ދިއުމުގެ ހައްގު ހޯދަން ކޯޓުތަކުގައި ދައުވާކުރަމުންނެވެ.

ޗާގޮސްގެ ރަށްތައް

އިނގިރޭސި ވިލާތުން 2010 ވަނަ އަހަރު ވަނީ ޗާގޮސްގެ ބޮޑު ސަރަހައްދެއް، ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފަ އެވެ. މަސްވެރިކަން ރަނގަޅު މި ސަރަހައްދު މިގޮތަށް ކަނޑައެޅުމަކީ ޓޫރިޒަމަށް ބަރޯސާވާ މޮރިޝަސް އަށް އިގްތިސާދީ ގޮތުން ލިބެން އޮތް ފައިދާއަކަށް ވެސް އެޅުނު ހުރަހަކަށްވި އެވެ.

އިމުގެ މައްސަލަ ޖެހިފައިވާ ސަރަހައްދަށް މި އަހަރުގެ ކުރީކޮޅު މޮރިޝަސް އިން ވަނީ ފުރަތަމަ ފަހަރަށް ސާވޭ ޓީމެއް ފޮނުވައިފަ އެވެ. ޗާގޮސް މީހުން ވެސް ހިމެނޭ މި ޓީމުގެ މި ދަތުރު ވެފައި ވަނީ އިނގިރޭސި ވިިލާތުގެ ހަތިޔާރު އެޅި ސިފައިންނާ ނުލައި ޗާގޮސް މީހުންނަށް އެ މީހުންގެ އަމިއްލަ ވަޒަނަށް ކުރެވުނު ފުރަތަމަ ދަތުރަށެވެ. މި ދަތުރަށް އެންމެ ކުރު ދަތުރެއް ކުރެވޭނީ ދިވެހިރާއްޖޭން ކަމަށް ވިޔަސް މޮރިޝަސް އިން މި ދަތުރު ފެށީ އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ސޭޝެލްސް އިންނެވެ.

45 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 7%
icon angry icon angry 86%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިންސްމޯކް ސާންޖީ

24 October 2022

ދުނިޔޭގެ ތާރީޚުގަ ހުރިހާ ހަޑިއެއް ހާވާފަ މިހާރު ދުރުގަ ބަލަން އެތިބެނީ އިނގިރޭސިން. ނުބެހޭ ބިންތަކަށް ވެރިވެގަނެ، އެތަނުން ފައިބއިގެން ދާއިރު އެއްވެސް ވަރަކަށް ބަލާލުމެއް ނޯވޭ. ޕާކިސްތާނާ އިންޑިއާގެ ބޯޑަރު މައްސަލަވެސް އަދިއަދަށް ދެމިގެން މިއައީ އިނގިރޭސިން ބޯޑަރު އެޅިގޮތް މޮޅުކަމުން

The name is already taken The name is available. Register?

މުންޖިޗޭ

24 October 2022

ޖީބަށް ބައިއަޅަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ، ދައުރު ނިމެންވާއިރަށް އެކިއެކި މަޤާމުގަކުގައި ތިބި މީހުން ފައިދާނެގެންއޮތް ގޮތަކަށް ނަގަނީ، މިވެރިން ދާއިރު އެއްވެސް ދިވެހިރައްޔިތަކަށް އެމީހެއްގެ އަމިއްލަ މިނިވަންކަމާމެދުވެސް ޔަޤީކަމެއްނޯންނާނެ، ޖީބަށް އިތުރުކޮށް ރައްޔިތުން މޯގޭޖްކޮށްފާވެސް އޮވެދާނެ، އެނގޭއިރު އޮންނާނީ އަޅުމަސައްކަތްކުރަން ޖެހިފައި، ދިވެހިރައްޔިތުންނާދޭތެރޭ މިވެރިންގެ އިޚްލާޞްތެރިކަމެއްނެތްކަން އެތައްގޮތަކުން ހާމަވޭ.

The name is already taken The name is available. Register?

ޖަމާ

24 October 2022

ފޯޅަވަހި މަލިކު މީ ޜައްޖެ އަތުން މަކަރާ ހީލަތުން ދަމައިގަނެފައިވާ ރައް ރައް.

The name is already taken The name is available. Register?

ބޮކި

24 October 2022

ކޮބާތަ..... މިކަމުގައި ޝެއިޚް އަންނި މިކަމުގަ ބުނަނީ ކީކޭތޯ؟

The name is already taken The name is available. Register?

ޛާން

24 October 2022

މޮރިސަސް އަކީ އިންޑިއާ ދަރިކޮޅު މެޖޯރިޓީ އޮންނަ ގައުމެއް. ޢެހެންވީމާ ވިސްނާލާ ކަންތައް ވަމުންދާގޮތް.

The name is already taken The name is available. Register?

ހިނި

23 October 2022

ތި މޮރިޝަސް އަކީ އިންޑިޔާ މީހުން ވެރިވެގަނެން އުޅޭ ގައުމެއް.

The name is already taken The name is available. Register?

ހައްގުބަސް

23 October 2022

އައްޑޫ ލ އަތޮޅު ހަަނިމާދޫ ވިއްކާލާފަ. ދެރަ

The name is already taken The name is available. Register?

އެހެލާ

23 October 2022

ރައްޔިތުން ކުރަންވީ ކަމަކީ މުއަދަތު ހަމަވީމަ ދެން އަލުން ހިންނަވަރު އިބުރަހީމް ފުޅަށް ފުރުޞަތު ނުދިނުން

The name is already taken The name is available. Register?

ދިވެހިން

23 October 2022

އިންޑިޔާ ދިވެހިންގެ ސިޔާސީ މީހީހުން ގަނެލީ

The name is already taken The name is available. Register?

އައްޑޫ ބަސްމަގު

23 October 2022

މޮރިޝަސްގަ ވަކީލުންނަ ތިބީ އިންޑިޔާގެ ރޯ އެޖެންޓުން. މޮރިޝަސް މަޖުލީހުގަ އިންޑިޔާ މީހުން. މޮރިޝަސް އިންޑިޔާ މީހުން ގިނަވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454