ދުނިޔެ / އިގިރޭސިވިލާތް

އިނގިރޭސި ބޮޑުވަޒީރުގެ މަގާމުގެ ވާދަވެރިކަން ބޮޑުވެފައި

ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން (ކ) އާއި އޭނާގެ މާލީ ވަޒީރު ރިޝީ ސުނަކް، 2020 މާޗްގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

23 އޮކްޓޯބަރ 2022 - 12:54

1 comments

އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ އެތެރޭގައި އުފެދުނު ދެބަސްވުންތަކާ ހެދި، ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވުމުން، އެ މަގާމާ ހަވާލުވެވަޑައިގެންނެވި ލީޒް ޓްރަސްގެ ސަރުކާރަށް ދެ މަސް ވެސް ނުވަނީސް، މިދިޔަ ބުރާސްފަތި ދުވަހު ލީޒް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ބޮޑުވަޒީރުގެ މަގާމު ހުސްވުމާ ގުޅިގެން، ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކެރީބިއަންގައި ހޭދަކުރައްވަމުން ގެންދެވި ޗުއްޓީ ކެންސަލް ކޮށްލެއްވުމަށް ފަހު، އިއްޔެ ލަންޑަނަށް ވަޑައިގެންފި އެވެ. އަދި އިއްޔެ މެންދުރު ފަހު ވަނީ ބޮޑުވަޒީރު ކަމުގެ މަގާމަށް އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ، ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކްއާ އެކުގައި ސިއްރު ބައްދަލުވުމެއް ބާއްވައިފަ އެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަޣާމުން އިސްތިއުފާ ދެއްވި ލިޒް ޓްރަސް. --އޭއެފްޕީ

ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށްޓަކައި، އެންމެ ފުރަތަމަ ހާސިލްކުރައްވަން ޖެހިވަޑައިގަންނަވާނީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމެވެ. މިހާރު އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ބެހިފައި އޮތް ގޮތުން ކޮންޒަވޭޓިވް ޕާޓީ އަށް ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ޖުމްލަ 650 ގޮނޑީގެ ތެރެއިން 357 ގޮނޑި ލިބިފައިވާތީ، ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރެވޭނީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރެވެ.

ބޮރިސް އާއި ރިޝީ ސިއްރު ބައްދަލުވުމެއް ބޭއްވި ނަމަވެސް، ޕާޓީގެ ލީޑަރުކަމަށް ޝައުގުވެރިވެވަޑައިގަންނަވާކަން އެއިން އެއްވެސް ބޭފުޅަކު މިހާތަނަށް އިއުލާނެއް ނުކުރައްވަ އެވެ. ޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވަން ބޭނުން ނަމަ، މާދަމާގެ މެންދުރު 1:00ގެ ކުރިން، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ އެ ޕާޓީގެ މެމްބަރުންގެ ތެރެއިން މަދުވެގެން 100 މެމްބަރުންގެ ތާއީދު ހޯދަންޖެހޭނެ އެވެ.

އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމު ހޯއްދަވައިގެން ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ރިޝީ ސުނަކް. --އޭއެފްޕީ

އެންމެ ފަހުގެ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ކޮންޒަވޭޓިވް މެމްބަރުންގެ ތެރެއިން 128 މެމްބަރެއްގެ ތާއީދު ވަނީ ރިޝީ އަށް ލިބިވަޑައިގެންފަ އެވެ. ބޮރިސް އަށް ލިބިވަޑައިގެންފައިވަނީ އެންމެ 53 މެމްބަރުންގެ ތާއީދެވެ.

ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރެއްވި ކުރީގެ ދިފާއީ ވަޒީރު ޕެނީ މޯޑައުންޓް އަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ އެންމެ 23 މެމްބަރުންގެ ތާއީދެވެ.

ޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ މާދަމާ މެންދުރު ފަހު އެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުގެ ގަވާއިދު ހަމަޖެހިފައި އޮތް ގޮތުން، މިފަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވޭނީ ގިނަވެގެން އެންމެ ތިން ކެންޑިޑޭޓުންނަށެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓު ލެވޭނީ އެ ޕާޓީގެ މެމްބަރުންގެ ތެރެއިން، ވޯޓު ލުމަށް އެދި ރަޖިސްޓްރީކުރި 170000 މެމްބަރުންނަށެވެ. މާދަމާ ބާއްވާ ވޯޓުލުމުގައި އެންމެ ގިނަ ވޯޓު ހޯއްދަވާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރުގެ ވޯޓުލުން، މިއަންނަ ހުކުރު ދުވަހު އޮންނާނެ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީރުބޮލު ވަޒީރު.

23 October 2022

ކޮންމެމީހަކު ބޮޑުވަޒީރުކަމަށް ހޮވުނަސް އިނގިރޭސި އިގުތިސާދު ސަލާމަތެއް ނުކުރެވޭނެ. ސަބަބު ބައިވަރު. ރައްޔިތުންތިބީ ފިނިކުރި ކޮޓަރީގައި މީހުންލައްވާ އަޅުމަސައްކަތްކުރުވާފަ ޖަންކުފުޑުކައިގެން ސިއްހީގޮތުން ބުރަހެލިވެ ކަންނެއްވެފަ. ވޯކުފޯސްއެއް ނެތް. ދެވަނަ ސަބަބަކީ ޔޫރަޕުގެ ގައުމުތަކަކީ ޢަރަބި ބައްރާއި އެފްރިކާ އަދި އޭސިއާގެ ގައުމުތައް އަޅުވެތިކޮށް އެތަންތަނުން ފޭރިގެން ކައިބޮއި އުޅުނު ބައެއް. މިއަދު އެގޮތަށް ފޭރިކެވޭވަރަށްވުރެ ޔޫރަޕު ބަލިކަށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454