އޮކްޓޫބަރ 23، 2022؛ ޗައިނާގެ ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީގެ ޕޮލިޓް ބިއުރޯގެ ސްޓޭންޑިން ކޮމިޓީގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަރު އަދި އެ ގައުމުގެ ރައީސް ޝީ ޖިންޕިންގް ވާހަކަ ދައްކަވަނީ. --އޭއެފްޕީ
23 އޮކްޓޯބަރ 2022 - 18:32
ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަށް ރިއާސީ ތިން ވަނަ ދައުރެއް ދޭން ނިންމައި، އެ ގައުމުގެ ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީގެ އަހަރީ ކޮންގްރެސް އިއްޔެ ނިންމާލައިފި އެވެ.
ދުނިޔޭގެ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު ކޮންގްރެސްގެ ނިންމުމުގެ ޖަލްސާގައި އެންމެ ފަހު ކަމަކަށް އޮތީ، ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީގެ އެންމެ އިސް މަގާމުތައް އިއުލާން ކުރުމެވެ. ޕާޓީގެ ލީޑަރުގެ މަގާމަށް ކުރިއަށް އޮތް ފަސް އަހަރަށް ވެސް އިންތިޚާބުކުރީ މިހާރުގެ ރައީސް ޝީ ޖިންޕިންގް އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް (މ) އާއި ކޮމިޔުނިސްޓް ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ޕޮލިޓްބިއުރޯ ސްޓޭންޑިން ކޮމިޓީ އަށް އައްޔަންކުރެއްވި ހަ ބޭފުޅުން. މަތިން ވާތް ފަރާތު ކަނުގައި އާ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރާނެ ކަމަށް ބެލެވޭ ލީ ޗިއާންގް
ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވުމާ އެކު، ރައީސް ޝީ އިއްޔެ ވަނީ އޭނާގެ ކެބިނެޓްގެ އެންމެ އިސް މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުން، ކޮންގްރެސްގެ ބައިވެރިންނަށް ތައާރަފްކޮށްދެއްވައިފަ އެވެ. ކޮންގްރެސްގެ އެންމެ މުހިންމު ނިންމުމަކީ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، އެ މަގާމުގައި މިހާރު ވެސް ހުންނެވި ރައީސް ޝީ ޖިންޕިންގް ފަސް އަހަރުގެ ތިން ވަނަ ދައުރަކަށް އިންތިޚާބުކުރުމެވެ.
މިއީ ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ބާނީ، ޗެއާމަން މާއު ޒީޑޮންގް އަށް ފަހު، ފަސް އަހަރުގެ ތިން ވަނަ ދައުރަކަށް އެ މަގާމަށް ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް (ވ) އާއި ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރާނެ ކަމަށް ބެލެވޭ ލީ ޗިއާންގް
ޕާޓީގެ ފަރާތުން ނިންމި ނަމަވެސް، އެ ގައުމުގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ރަސްމީ ގޮތުން ޝީ އައްޔަންކުރާނީ، މިއަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އޮންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަހަރީ ޖަލްސާގަ އެވެ.
ޗައިނާގެ ވެރިކަން ހިންގުމުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ދައުލަތުގެ ވެރިއަކަށް ހުންނަވާނީ ކޮމިޔުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލެވެ. އޭނާގެ ދަށުން އޭނާއާ އެކުގައި ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ، ޕޮލިޓްބިއުރޯ ސްޓޭންޑިން ކޮމިޓީއެއް އޮންނާނެ އެވެ. އެ ކޮމިޓީގެ ދަށުން، 24 މެންބަރުންގެ މައްޗަށް އެކުލެވޭ ޕޮލިޓްބިއުރޯ އެވެ. ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ހިމެނޭނީ މި ފަންތީގަ އެވެ.
ޗައިނާގެ އާ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރާނެ ކަމަށް ބެލެވޭ ލީ ޗިއާންގް
ރައީސް ޝީގެ ފަހަތްޕުޅުން ސްޓޭންޑިން ކޮމިޓީގެ ބޭފުޅުން ސްޓޭޖަށް އަރައިވަޑައިގެންނެވި އިރު، ރައީސްގެ އެންމެ އަރިހުގައި ހުންނެވީ، ލީ ޗިއާންގް، 63، އެވެ. އެ ތަރުތީބަށް ބަލާއިރު، މިހާރު ކުރިއަށް ދާ ރިއާސީ ދައުރުގެ މުއްދަތު މިއަންނަ މާރިޗް މަހު ހަމަވުމުން، މިހާރުގެ ބޮޑުވަޒީރު ލީ ކާޗިއަންގް ގެ ބަދަލުގައި އެ މަގާމަށް ދެން އައްޔަންކުރައްވާނީ ލީ ޗިއާންގް އެވެ. އޭނާ މިހާރު ހުންނެވީ ޝަންހާއީގައި ހުންނަ ކޮމިޔުނިސްޓް ޕާޓީ އޮފީހުގެ އެންމެ އިސް ވެރިޔާގެ މަގާމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙިނި
24 October 2022
ވޯޓު ނުލާ ހޮވާރައީސް ކޮން ރައީސް؟
އައްޅޮ
23 October 2022
މަރުހަބާ ޝީ.
އޮނަރަބްލް އަފީފު ދީދީ
23 October 2022
ކޮމިއުނިސްޓް ޤައުމުތަކުގައި ވެރިކަންކުރާންތިބޭ ބަޔަކު ވެރިކަންކުރާނީވެސް އަދި ވެރިކަމުގެ ބާރުގެ ބޭނުން ހިފާނީވެސް އެމީހުން ޤަބޫލުކޮށްގެންތިބި އުސޫލާއި ހަމަތަކުގެ ތެރެއިން. # އެކަމަކު އަހަރުމެން "ނަމުން ޑެމޮކްރަޓިކް" ޤައުމުގެ ކަންކަން ހިގާގޮތް ނިކަން ބަލާބަލަ. ޤާނޫނުހަދާ ބާރާއި، ވެރިކަން ހިންގުމުގެ ބާރު އަދި އަދުލު އިންސާފުގެ ބާރު ހިންގަމުންދަނީ ޑެމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް އެކުގައިވި މިނިވަން ބާރުތަކެއްގެ ގޮތުގައިތޯ.!؟