ކުޅިވަރު / ޗެމްޕިއަންސް ލީގު

ލިވަޕޫލް ދެ ވަނަ ބުރަށް، ޓޮޓެންހަމް އިންތިޒާރުގައި

އެލިއޮޓް، ލިވަޕޫލްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެމްސްޓެޑާމް (އޮކްޓޫބަރު 27) - ނެދަލެންޑްސްގައި އެގައުމުގެ ޗެމްޕިއަން އަޔެކްސް އާ ވާދަކޮށް 3-0 އިން މޮޅުވެ، ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދި އިރު، ޓޮޓެންހަމް ހޮޓްސްޕާ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިންއާ 1-1 އިން އެއްވަރުވެ، ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރަން އިންތިޒާރު ކުރަން ޖެހިއްޖެ އެވެ.

ލިވަޕޫލަށް މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ލީޑު ނަގައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހެވެ. އަދި ދެ ވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ ޑާވިން ނޫނޭޒް އެވެ. އޭގެ ތިން މިނިޓް ފަހުން ލިވަޕޫލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ހާވީ އެލިއޮޓް އެވެ.

މި ނަތީޖާއާ އެކު ލިވަޕޫލުން ނޮކައުޓް ބުރުގެ ޖާގަ ޔަގީން ކުރީ މިހާތަނަށް ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގުރޫޕުގެ އެއް ވަނައިގައި އޮތް ނަޕޯލީ ވަނީ ރޭ ހަމަ މި ނަތީޖާއިން 3-0 އިން އަމިއްލަ ދަނޑުގައި ސްކޮޓްލެންޑްގެ ރޭންޖާސް ބަލިކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ސްކޮޓްލެންޑްގެ ރޭންޖާސް ކޮޅަށް ނަޕޯލީގެ ލަނޑުތައް ޖަހައިދިނީ ޖިއޮވާޏީ ސިމިއޯނީ އާއި ލިއޯ ސްކިރީ އޮސްޓިގާޑް އެވެ. ސިމިއޯނީ ވަނީ މެޗުގެ ވަރަށް ކުރީކޮޅު ނަޕޯލީ އަށް ދެ ގޯލު ޖަހައިދީފަ އެވެ.

އަޔެކްސް އަށް މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނީ ތިން ޕޮއިންޓެވެ. އެޓީމުން ފަހު މެޗުގައި ނުކުންނާނީ، ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮތް ރޭންޖާސްއާ ދެކޮޅަށެވެ.

ކޭން ޖެހި ގޯލު ބަލައި ނުގަތުމާ ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރުމުން ޓޮޓެންހަމްގެ ކޯޗު ކޮންޓޭ އަށް ރަތް ކާޑު ދެއްކުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމުން ރޭ ސްޕޯޓިންއާ ދެކޮޅަށް ކުޅެ އެއްވަރު ވިއަސް، އެޓީމަށް ވަނީ އެންމެ ކުޑަމިނުން ގުރޫޕްގެ ތިން ވަނައިގައި ނިންމޭނެކަން ޔަގީން ވެފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖެހީ ސްޕޯޓިން އިންނެވެ. ފުރަތަމަ ހާފުގައި އެޓީމަށް ލަނޑު ޖަހައިދިނީ ޓޮޓެންހަމްގެ އެކަޑަމީ އިން އުފެދުނު އިނގިރޭސި މިޑްފީލްޑަރު މާކަސް އެޑްވާޑްސް، 23، އެވެ. ނަމަވެސް ދެވަނަ ހާފުގައި ޓޮޓެންހަމުން ކުޅުން ރަނގަޅު ކުރި އެވެ. އެޓީމުން އެއްވަރު ކުރީ 80 ވަނަ މިނިޓުގައި އިވާން ޕެރިސިޗް ނަގައިދިން ކޯނަރަކުން ރޮޑްރިގޯ ބެންޓެންކޫ ބޮލުން ޖެހި ގޯލުންނެވެ.

މެޗުގެ އިތުރު ވަގުތުގައި ހެރީ ކޭން ޓޮޓެންހަމް މޮޅު ކޮށްދޭން ލަނޑެއް ޖެހި ނަމަވެސް، ދިގު ވީއޭއާރު ރިވިއު އަކަށް ފަހު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައި، ގޯލު ބަލައި ނުގަންނަން ނިންމައިފަ އެވެ.

ވީއޭއާރުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރުމުން ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ވަނީ ރަތް ކާޑު ވެސް ދައްކައިފަ އެވެ.

ގުރޫޕް ސްޓޭޖުގެ ފަހު ހަފްތާގެ މެޗުތައް ބާކީ ހުރި އިރު، އެންމެ ފޯރި ގަދަވާނެ ކަމަށް ބެލެވެނީ ވެސް ޓޮޓެންހަމް ހިމެނޭ ގުރޫޕް ޑީގެ މެޗުތަކެވެ.

މި ގުރޫޕުގެ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް އެވެ. ދެ ވަނައިގައި އޮތް ސްޕޯޓިން އާއި ތިންވަނައިގައި އޮތް ޖަރުމަންގެ އެއިންޓްރަކް ފްރޭންކްފާޓް އަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ފްރާންސްގެ މާސޭ އަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ހަތަރު ޓީމަށް ވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ގުރޫޕްގެ ފަހު މެޗުގައި ޓޮޓެންހަމުން ރަށުން ބޭރުގައި ނުކުންނާނީ މާސޭއާ ދެކޮޅަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454