ދުނިޔެ / ރިޝީ ސުނަކް

ރިޝީގެ ސަރުކާރާ މެދު ނަޒާހަތްތެރިކަމުގެ ސުވާލު އުފެދިފައި

އޮކްޓޫބަރ 26، 2022: އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި، އިދިކޮޅު ލޭބާ ޕާޓީގެ ފަރާތުން ކުރިމަތިކުރި ސުވާލުތަކަށް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ޖަވާބު ދެއްވަނީ. --އޭއެފްޕީ

27 އޮކްޓޯބަރ 2022 - 13:11

2 comments

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމާ މިދިޔަ އަންގާރަ ދުވަހު ހަވާލުވެވަޑައިގެންނެވި ރިޝީ ސުނަކް އޭނާގެ ކެބިނެޓް މެމްބަރުންނާ އެކު ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައި، ސަރުކާރު ހިންގާނެ ގޮތުގެ މަޝްވަރާތައް ކުރެއްވި އެވެ. އެއަށް ފަހު ހުރިހާ މެމްބަރުން ވަޑައިގަތީ، ގާނޫނު ހަދާ މަޖިލީހުގައި އޮތް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ދަންފަޅީގައި ބައިވެރިވުމަށެވެ.

މި ދަންފަޅީގެ މަސައްކަތްތައް ފެށުނީ، އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާ، އާ ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވެ ދެއްކެވި ވާހަކަކޮޅުންނެވެ. އޭނާ ވިދާޅުވީ އޭޝިއާ ދަރިކޮޅުގެ ބޭފުޅަކު ފުރަތަމަ ފަހަރަށް އިނގިރޭސި ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމަކީ އިނގިރޭސި ތާރީޚުގައި ވަރަށް ފާހަގަކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކިތަންމެ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ހުއްޓަސް، ހުރިހާ ނަސްލުތަކަކާއި ހުރިހާ ގަބޫލުކުރުންތަކެއްގެ މީހުންނަށް ވެސް، އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޮތް އެންމެ ރަނގަޅު ތަނަކީ އިނގިރޭސި ވިލާތްކަން، ރިޝީ ސުނަކް، އެ މަގާމަށް ވަޑައިގަތުމުން ކަށަވަރުވާ ކަމަށެވެ. އަދި އެއީ އެހެން ގައުމުތަކުގައި ފެންނާނެ މަންޒަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއަށް ފަހު ކިއާގެ ހޫނު ސުވާލުތައް ފެއްޓެވުމާ އެކު ލޭބާ ޕާޓީގެ މެމްބަރުން އޭނާގެ ވާހަކަތަކަށް ތާއީދު ކުރައްވަމުން ގެންދެވި އެވެ. އޭނާގެ ފުރަތަމަ ސުވާލު ވެސް ބޮޑުވަޒީރު ރިޝީއާ ކުރިމަތިކުރެއްވީ، ކުރީގެ ބޮޑުވަޒީރުގެ ސަރުކާރުގައި ދާޚިލީ ވަޒީރަކަށް ހުންނަވަނިކޮށް މަގާމުން ދުރުކުރި ސުއެލާ ބްރޭވާމޭން އަލުން ކެބިނެޓަށް ގެންނަވައި ހަމަ އެ މަގާމު ދެއްވަންޖެހުނު ސަބަބަކާ ގުޅޭ ގޮތުންނެވެ.

އޮކްޓޫބަރ 26، 2022؛ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި އޮތް ސުވާލު ކުރުމުގެ ވަގުތުގައި، އެ ގައުމުގެ އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާ، ބޮޑުވަޒީރު ރިޝީ ސުނަކްއާ ސުވާލު ކުރައްވަނީ. –އޭއެފްޕީ

ޖަވާބުގައި ރިޝީ ވިދާޅުވީ ސުއެލާ އަށް ގޯހެއް ހެއްދެވުނު ކަމަށް އޭނާ ގަބޫލުކުރައްވައި އެކަން ރަނގަޅު ކުރައްވާފައިވާ ކަމަށާއި، އެހެންކަމުން ގުޅިފައިވާ ސަރުކާރެއް އުފައްދަވައި، ސަރުކާރުގައި ތަޖުރިބާ އާއި ހަމަޖެހުން ދެމެހެއްޓުމުގެ ގޮތުން، އޭނާ އަލުން ކެބިނެޓްގައި ހިމެނުއްވީ ކަމަށެވެ. އޭނާ ވިދާޅުވީ ދާޚިލީ ވަޒީރު ކުރިން ގޯހެއް ހެއްދެވިޔަސް، އޭނާގެ ހަގީގީ މަސައްކަތަކީ ކުށްވެރިންނާ ދެކޮޅަށް މަސައްކަތް ކުރެއްވުން ކަމަށާއި އިނގިރޭސި ވިލާތުގެ ބޯޑަރުތައް ދިފާއުކުރުމަކީ ވެސް އެ ވަޒީރު ކުރައްވާނެ ކަމެއް ކަމަށެވެ.

އޭނާގެ ކޮންޒަވޭޓިވް ޕާޓީން، ކުށްކުރުމާއި ކުށްވެރިންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅޭ އިރު، އިދިކޮޅު ލޭބާ ޕާޓީން އެ ކަންކަމުގައި ގެންގުޅެނީ ވަރަށް ދޫދިނުމުގެ ސިޔާސަތެއް ކަމަށް ވެސް ބޮޑުވަޒީރު ރިޝީ ވިދާޅުވި އެވެ. އަދި ބޭރު މީހުން ހިޖުރަކުރުމުގެ މައްސަލައިގައި ވެސް ލޭބާ ޕާޓީން ގެންގުޅެނީ، އެއްވެސް ހައްދެއް ނެތި ހުޅުވާލާފައިވާ ސިޔާސަތެއް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

އެ ތުހުމަތަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓަވައި އިދިކޮޅު ލީޑަރުގެ ތުހުމަތުތައް ދެން ވެސް އަމާޒު ކުރެއްވީ ދާޚިލީ ވަޒީރުގެ ނަޒާހަތްތެރިކަމުގެ މައްޗަށެވެ. އޭނާ ވިދާޅުވީ އަންގާރަ ދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ބޮޑުވަޒީރު ރިޝީ ވައުދުވެވަޑައިގަތީ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ކަމަށާއި، ނަމަވެސް ނަޒާހަތްތެރިކަން ގެއްލިފައިވާ ބޭފުޅަކު ކެބިނެޓްގައި ހިމެނުއްވުމުން ސަރުކާރުގެ ނަޒާހަތްތެރިކަމާ މެދުގައި ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ބޮޑުވަޒީރު ލިޒްގެ ދާޚިލީ ވަޒީރަކަށް ހުންނެވުމަށް ފަހު، އެ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ، އޭނާގެ އަމިއްލަ އީމެއިލް ބޭނުން ކުރައްވައިގެން ރަސްމީ ލިޔުމެއް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ކޮންޒަވޭޓިވް ޕާޓީގެ އެހެން މެންބަރަކަށް ފޮނުވި މައްސަލަ ފަޅާ އެރުމުންނެވެ. އެކަން ފަޅާއެރީ އެ މެއިލް ފޮނުއްވި އިރު، އޮޅިގެން އެހެން މެމްބަރަކަށް އެ މެއިލްގެ ކޮޕީއެއް ފޮނުއްވުމުންނެވެ.

ސުއެލާ ފޮނުއްވި އީމެއިލްގައި އޮތް ރަސްމީ ލިޔުމަކީ، ހިޖްރަކުރާ މީހުންގެ މައްސަލައާ ގުޅޭ ގާނޫނީ ވާހަކަތަކެއް ހިމެނޭ ލިޔުމެކެވެ. ނަމަވެސް އެ ލިޔުން ފޮނުއްވުމުގައި ވަޒީރުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ދެ އަމަލެއް ހިންގަވާފައިވެ އެވެ.

ފުރަތަމަ ކަމަކީ، އެފަދަ ލިޔުމެއް އެހެން މީހަކާ ހިއްސާ ކުރުމުގެ ވަގުތު ޖެހުމުގެ ކުރިން، އެހެން މީހަކާ ހިއްސާ ކުރެއްވުމެވެ. ދެވަނަ ކަމަކީ ރަސްމީ ލިޔުމެއް މީހަކަށް ފޮނުއްވުމުގައި އަމިއްލަ އީމެއިލް ބޭނުންކުރުމެވެ. ވަޒީރުންގެ ސުލޫކީ މިންގަނޑުގައި ބުނާ ގޮތުން، ވަޒީރެއްގެ މަގާމުގައި ހުންނަވާ އިރު، ރަސްމީ އެއްވެސް ލިޔުމެއް އެހެން އެއްވެސް ފަރާތަކަށް ފޮނުވަންވާނީ، ސަރުކާރުގެ ފަރާތުން އެ ވަޒީރަކަށް ހަމަޖައްސައިދީފައި އޮންނަ އީމެއިލުންނެވެ.

މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް، އިދިކޮޅު ލޭބާ ޕާޓީގެ ހިޔަނި ދާޚިލީ ވަޒީރު ޔްވޭޓް ކޫޕާ މިހާރު ވަނީ، ރިޝީގެ ސަރުކާރުގައި ހިމެނޭ ކެބިނެޓް ސެކްރެޓަރީ ސިމޯން ކޭސް އަށް ހުށަހަޅުއްވައިފަ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަބީބު.

30 October 2022

މިރާއްޖޭގަ 250 ފިރިހެނުންގެ ސަލާމަތީ ބާރު ތަކައް އަލަމްގިރި ދ ީ. ފަހުރި އުދުވާނީ ހަމަލާތަކައް އިންސާފު ނުލިބޭ ނަމަވެސް އިނގ ި. ޜޭސިވިލާތަކީ އެކަން ހުއްދަތަނެއް މީއެކަން މަނާތަނެއް

The name is already taken The name is available. Register?

އެމްސް

28 October 2022

އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރުގެ ދާޚިލީ ވަޒީރު، މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ، އަމިއްލަ އީމެއިލް ބޭނުން ކުރައްވައިގެން ރަސްމީ ލިޔުމެއް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ކޮންޒަވޭޓިވް ޕާޓީގެ އެހެން މެންބަރަކަށް ފޮނުވި މައްސަލަ ފަޅާ އެރުމުން! މިރާއްޖޭގަ، ސާބިތު ޙުކުމާއި ކަރަޕްޝަންގަ ތުހުމަތާއި އެކުވެސް މަޤާމުގަ ދެމިހުރެވޭނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454