ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޗެމްޕިއަންސް ލީގު ކުޅެން ފެންވަރު ހިފަހައްޓަން ޖެހޭ: ކްލޮޕް

ލީޑްސް އަތުން ބަލިވި މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް.-- ފޮޓޯ: އޭއެފްޕީ

މާސީސައިޑް (އޮކްޓޫބަރު 30) - އެއް ފެންވަރެއްގައި ހިފަހައްޓައި ނުލެވިއްޖެ ނަމަ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމުގެ އުންމީދު ކުޑަ ކަމަށް، ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް އަތުން 2-1 އިން ބަލިވި މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ރެލިގޭޝަން ގައި އޮތް ލީޑްސް އަތުން ބަލިވެ، ލިވަޕޫލަށް ވަނީ ގަދަ ހަތަރަކާ ގާތަށް ޖެހިލަން އެޓީމަށް ލިބުނު ފުރުސަތު ނަގާލައިފަ އެވެ. ރޭގެ މެޗަށް ފަހު ލިވަޕޫލަށް 12 މެޗުން ލިބިފައި ވަނީ 16 ޕޮއިންޓެވެ. އެ ޓީމު މިވަގުތު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް ވަނީ 13 މެޗުން 24 ޕޮއިންޓް ހޯދައިފަ އެވެ.

"އަހަރެމެން މިހާރު މި ކުޅޭހެން އެއް ފެންވަރެއްގައި ހިފާއްޓާ ނުލެވިއްޖެ ނަމަ ޗެމްޕިއަންސް ލީގެއް ނުކުޅެވޭނެ، އެކަން ހައްލު ކުރަން ޖެހޭ،" މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް ބުންޏެވެ.

މެޗަށް ފަހު ލިވަޕޫލް ކުޅުންތެރިން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ

މިހާތަނަށް ލީގުގައި ލިވަޕޫލަށް މޮޅު ވެވުނީ ހަތަރު މެޗުންނެވެ. މިދިޔަ ހަފްތާ އެޓީމު ވަނީ ފުލުގައި އޮތް ނޮޓިންހަމް ފޮރެސްޓް އަތުން ވެސް ބަލި ވެފަ އެވެ. ނަމަވެސް ލީޑްސްއާ ދެކޮޅަށް ނުކުތީ، ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ފަސޭހަ ކަމާއެކު އަޔެކްސް ބަލިކޮށްފަ އެވެ.

ލީޑްސް އިން ލިވަޕޫލް ކޮޅަށް ހަތަރު ވަނަ މިނިޓުގައި ލަނޑު ޖަހައި ކުރި ހޯދީ އެޓީމުގެ ފަހަތަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ޑިފެންޑަރު ޖޯ ގޯމޭޒް ކީޕަރު އެލިސަން ބެކާ އަށް ފަހަތަށް ޖައްސާލި ބޯޅަ ހޯދައި ލީޑްސް އަށް ލީޑު ނަގައިދިނީ ރޮޑްރިގޯ އެވެ. ނަމަވެސް އެންޑީ ރޮބާޓްސަން ނަގައިދިން ހުރަހަކުން މުހައްމަދު ސަލާހު ވަނީ އޭގެ 10 މިނިޓު ފަހުން ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ލީޑްސްގެ ބްރެންޑެން އާރޮންސަން ފޮނުވާލި ހަމަލާއެއް ގޯލު ދަނޑީއަށް ވެސް އަމާޒު ވިއިރު، އެޓީމުގެ ގޯލްކީޕަރު އިއާން މެސްލިއާ ވަނީ ލިވަޕޫލުން މެޗުގައި ފޮނުވާލި ނުވަ ހަމަލާއެއް ދިފާއު ކޮށްފަ އެވެ. ރޮބާޓޯ ފިރްމީނޯ ބޮލުން ފޮނުވާލި ހަމަލާއެއް ދިފާއު ކުރި އިރު، ޑާވިން ނޫނޭޒް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއެއް ވެސް މެސްލިއާ މަތަކުރި އެވެ.

ސަމާވިލް ލިވަޕޫލް ބަލިކުރި ލަނޑު ޖެހުމަށް ފަހު އުފާފާޅޫކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލީޑްސް މޮޅުވި ލަނޑު 89 ވަނަ މިނިޓުގައި ޖަހައިދިނީ ކްރައިސެންސިއޯ ސަމާވިލް އެވެ. ޕެޓްރިކް ބެމްފޯޑް ދިން ޕާހަކުން ލަނޑު ޖެހި ނެދަލެންޑްސްގެ ޒުވާން ކުޅުންތެރިޔާ ސަމާވިލް، ލީޑްސް އިން މިދިޔަ ހަފްތާ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ވެސް ލަނޑު ޖެހި އެވެ.

ލިވަޕޫލް އެންމެ ފަހުން އަމިއްލަ ދަނޑުގައި ބަލިވީ މިއަހަރުގެ މާޗު މަހު ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން އަތުންނެވެ. އޭގެ ކުރިން ލީގުގައި ބަލިވީ މިދިޔަ އަހަރުގެ މާޗު މަހު (2020/2021 ސީޒަންގަ) އެވެ. އަމިއްލަ ދަނޑުގައި ރޭ ލިވަޕޫލް ބަލިވީ، ބަލި ނުވެ 29 މެޗު ހަމަކޮށްފަ އެވެ. މި މުއްދަތުގައި ލިވަޕޫލް ވަނީ އެންފީލްޑުގައި 22 މެޗުން މޮޅުވެ، ހަތް މެޗު އެއްވަރު ކޮށްފަ އެވެ.

މި ނަތީޖާއާ އެކު ލީޑްސް ވަނީ 12 މެޗުން 12 ޕޮއިންޓް ހަމަކޮށް، ރެލިގޭޝަން ޒޯނުން މައްޗަށް، ލީގުގެ 15 ވަނައަށް ޖެހިލައިފަ އެވެ. އެޓީމުގެ ފަހަތުގައި އޮތް އެސްޓަން ވިލާ އާއި ސައުތެމްޓަން އަށް 13 މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ.

ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލްގެ އަވަށްޓެރި އެވަޓަން ވަނީ ރަށުން ބޭރުގައި ފުލަމްއާ ވާދަކޮށް 0-0 އިން އެއްވަރުކޮށް، ޕޮއިންޓެއް ހޯދައިފަ އެވެ.

ފުލަމް އަށް ކުޅޭ ބްރެޒިލްގެ ވިލިއަން އާއި ސާބިއާގެ އެލެކްޒެންޑާ މިޓްރޮވިޗް ފޮނުވާލި ހަމަލާތައް ދިފާއު ކުރުމުގައި އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެވަޓަން އޮތީ 13 މެޗުން 14 ޕޮއިންޓް ހޯދައިގެން، ލީގުގެ 12 ވަނައިގަ އެވެ. ފުލަމް އޮތީ 19 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޯޗް

31 October 2022

ކްލޮޕް ކަލޭ، ކުޅުންތެރިންނަށް ދަސްކޮށްދީބަލަ ހަނިއެންގަލަކުން ލިބޭ ފުރުސަތުގައި، އަމިއްލައަށް ލަނޑުޖަހަން ނުއުޅެ، ހުސްކޮށް ހުންނަމީހާއަށް ޕާސްކުރުމަށް. ލިވަރޕޫލްގެ މައްސަލައަކީ ލިބޭފުރުސަތުގައި ގިނަފަހަރަށް ނިންމާނުލެވުމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454