ކުޅިވަރު

ޕޮގްބާ އަށް ވޯލްޑް ކަޕް ގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ

މި އަހަރު ފްރާންސުން ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ޕޮގްބާ، މިއީ އޭނާ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު މެޗު.-- ފޮޓޯ: އޭއެފްޕީ

ކަކުލުގެ އޮޕަރޭޝަނުން ރަނގަޅުވާން އިތުރު ވަގުތު ބޭނުންވާތީ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް މި އަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

"އިއްޔެ އާއި މިއަދު ޓިއުރިން އާއި ޕިޓްސްބާގުގައި ކުރިއަށް ގެންދިޔަ މެޑިކަލް ރިވިއުއަށް ފަހު، ޕައުލް ޕޮގްބާގެ ސާޖަރީން ރަނގަޅުވާން އަދިވެސް ވަގުތު ބޭނުންވާކަން އެނގުނު،" އެޖެންޓް ރަފައެލާ ޕިމެންޓާ ނެރުނު ބަޔާނެއްގައިވެ އެވެ.

"މި ސަބަބަށްޓަކައި ވޯލްޑް ކަޕް ބްރޭކުގެ ކުރިން ޔުވެންޓަސްގެ ސްކޮޑާއި އަދި ފްރާންސް ގައުމީ ޓީމާ އެކު ގަތަރަށް ވެސް ޕައުލް (ޕޮގްބާ) އަށް ދަތުރު ނުކުރެވޭނެ."

ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީ ވެސް ވަނީ މިދިޔަ ހަފްތާ ބަންދުގައި، ވޯލްޑް ކަޕް ފެށުމުގެ ކުރިން އުމުރުން 29 އަހަރުގެ ޕޮގްބާ އޭނާގެ ޔުވެންޓަސް ޓީމާ ގުޅުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ބުނެފަ އެވެ.

އިޓަލީގެ ބައެއް މީޑިއާތަކުން ހާމަކުރާ ގޮތުގައި ޕޮގްބާގެ ފައިގެ ފަލަމަސްގަނޑަށް ވެސް ވަނީ އަނިޔާ ވެފަ އެވެ. އަމި އެކަމުން ރަނގަޅުވާން ގާތްގަނޑަކަށް 15 ދުވަސް ބޭނުން ވެއެވެ.

"ޕައުލް ޕޮގްބާ، ދާދި ފަހުން ކުރި ރޭޑިއޮލޮޖިކަލް ޓެސްޓުތަކުގެ އަލީގައި، އަދި ޕްރޮފެސަރު ވޯލްކާ މުސާލް ޕިޓްސްބާގުގައި ކުރިއަށް ގެންދިޔަ ކަކުލުގެ އިވެލުއޭޝަން އަށް ފަހު، ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަން ޖެހޭ،" ޔުވެންޓަސްގެ ބަޔާނުގައިވެ އެވެ.

ޕޮގްބާ އަކީ ޔުވެންޓަސް އިން މިވަގުތު ކުޅުމާ ދުރުގައި ތިބި 12 ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އަލުން ހިލޭ ޓްރާންސްފާ ގައި ޕޮގްބާ ވަނީ މި ސީޒަނަށް އަލުން ޔުވެންޓަސް އަށް ބަދަލު ވެފަ އެވެ. ނަމަވެސް ޖުލައި މަހު އޭނާގެ ކަނާތު ކަކުލުގެ މިނިސްކަސް އަށް އަނިޔާ ވެގެން، އެނބުރި އައިސް ޔުވެންޓަސް އަށް އަދި މެޗެއް ކުޅެވޭގޮތެއް ނުވެ އެވެ.

ވޯލްޑް ކަޕް ގައި ކުޅުމުގެ އުންމީދުގައި ޕޮގްބާ ވަނީ އެންމެ ފުރަތަމަ، ސާޖަރީ ނުހަދަން ނިންމައިފަ އެވެ. ނަމަވެސް އޮކްޓޫބަރު މަހުގެ މެދުތެރޭން ފަރިތަކުރުންތަކަށް ނުކުމެ، ޕޮގްބާގެ ވިސްނުން ބަދަލުވެ، ސާޖަރީ ހަދަން ނިންމީ އެވެ. އަދި އޮޕަރޭޝަނަށް ފަހު އޭނާ ވަނީ ޔުވެންޓަސް އާއެކު ޓްރެއިނިން ސެޝަންތަކެއްގައި ވެސް ބައިވެރިވެފަ އެވެ.

ޕޮގްބާ އަކީ މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ފްރާންސުން ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ ފައިނަލް ގައި ކްރޮއޭޝިއާ ކޮޅަށް ލަނޑު ވެސް ޖަހައިފަ އެވެ.

ޕޮގްބާ އާއެކު ފްރާންސް ޓީމުގައި ހިމެނޭ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ވެސް ވަނީ ހެމްސްޓްރިންގް އަނިޔާއަށް ފަރުވާ ކުރަން ކުރި ސާޖަރީ އަށް ފަހު ހަތަރު މަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އޮގަސްޓް މަހު ޓޮޓެންހަމް ހޮޓްސްޕާ އާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި އަނިޔާ ވެގެން ބަދަލު ކުރި ފަހުން އޭނާ އަދި މެޗެއް ނުކުޅެ އެވެ.

ޕޮގްބާ އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅުނީ މިދިޔަ މާޗު މަހު އެވެ. އެއީ ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗެކެވެ. އެ މެޗު ފްރާންސް އިން ވަނީ 5-0 އިން ކާމިޔާބު ކޮށްފަ އެވެ.

ޕޮގްބާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 91 މެޗު ކުޅެދީ، 11 ލަނޑު ޖަހައިފަ އެވެ. އޭނާގެ ފުރަތަމަ ވޯލްޑް ކަޕަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތެވެ. އެ މުބާރާތުގައި ވެސް އޭނާ ގޯލު ޖެހި އެވެ.

މި މަހު ފަށާ ވޯލްޑް ކަޕް ގައި ފްރާންސް ފުރަތަމަ ނުކުންނާނީ، 22 ވަނަ ދުވަހުގެ ރޭ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ޑެންމާކާއި ޓިއުނީޝިއާ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

01 November 2022

ފްރާންސް ސަޕޯޓަރުންނަށް ލިބުނު ހިތާމަވެރި ހަބަރެއް.ގެޓް ވެލް ސޫން ބްރަދާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454