ޑިޒްނީ ލޭންޑް: އެތާތިބި މީހުން އެތަނުގެ އެތެރޭގައި ތިއްބައި، އެކަކު ވެސް ނުކުތުން މަނާކޮށް، އެތަން ވަނީ ވަގުތުން ބަންދުކޮށް ތަޅުލާފައި
01 ނޮވެމްބަރ 2022 - 13:10
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޝަންހާއީ ފުރަބަންދުކުރުމަށް ޗައިނާ ސަރުކާރުން ނިންމުމާ ގުޅިގެން، އެ ސަހަރުގައި ހުންނަ ޑިޒްނީ ރިސޯޓް އިއްޔެ ކުއްލިއަކަށް ބަންދުކުރުމުން، އެ ތަނުން ނުނިކުމެވި އެތައް ބަޔަކު އެތަނުގެ އެތެރޭގައި ތާށިވެއްޖެ އެވެ.
ޝަންހާއީ ފުރަބަންދުކުރުމަށް ޗައިނާ ސަރުކާރުން ނިންމުމާއެކު ޑިޒްނީ ލޭންޑްގައި ތިބި މީހުން އެތަނުގެ އެތެރޭގައި ތިއްބައި، އެކަކު ވެސް ނުކުތުން މަނާކޮށް، އެތަން ވަގުތުން ބަންދުކޮށް ތަޅުލި އެވެ. އެއަށް ފަހު، އެ ރިސޯޓްގެ ފަރާތުން އެންގީ، އެތެރޭގައި ތިބި އެއްވެސް މީހަކަށް އެ ތަނުން ނުކުމެވޭނީ ކޮވިޑް ޓެސްޓު ހެދުމަށް ފަހު ނެގެޓިވް ނަތީޖާއެއް ލިބުމުން ކަމަށެވެ.
ޗައިނާއަކީ، ކޮވިޑް ފެތުރެމުންދާ ބޮޑެތި ގައުމުތަކުގެ ތެރެއިން، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން މިހާރު އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ހަމައެކަނި ގައުމެވެ. ޗައިނާގައި މިހާރު އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އެއްވެސް ސަހަރެއްގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ޖެހިޖެހިގެން ދެދުވަހު މައްޗަށް ދާން ފަށައިފި ނަމަ، އެ ދުވަހުން ފެށިގެން އެ ސަހަރެއް ފުރަބަންދުކުރުން ހިމެނެ އެވެ.
އެއާއެކު، އެ ސަހަރެއްގެ ވީހާ ގިނަ ބަޔަކު ކޮވިޑަށް ޓެސްޓު ކުރުމާއި ޕޮޒިޓިވްވާ މީހުންނާއި އެމީހުންނާ ބައްދަލުވެ އުޅޭ މީހުން ގިނަ ދުވަސްތަކަކު ކަރަންޓީނުގައި ތިބެންޖެހެ އެވެ. އަދި ވަކި ހުއްދައެއް ލިބިގެން ނޫނީ، ގެއިން ބޭރަށް ނުކުމެ އުޅުން މަނާކުރުން ހިމެނެ އެވެ.
ޝަންހާއީ ސަރުކާރުން އިއްޔެ އިއުލާންކުރި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ފަހުން ޑިޒްނީ ރިސޯޓަށް ޒިޔާރަތްކުރި ކޮންމެ މީހަކު، ޖެހިޖެހިގެން ތިން ދުވަހު ކޮވިޑަށް ޓެސްޓު ކުރަންޖެހޭނެ އެވެ. އަދި ބޭރަށް ނުކުމެ އުޅެވޭނީ ޖެހިޖެހިގެން ތިން ދުވަހު ނެގެޓިވް ނަތީޖާއެއް ލިބިގެން ކަމަށާއި، އެފަދަ ހާލަތެއްގައި ވިޔަސް، ގިނަ މީހުންނާ އެކުގައި އުޅުން ހުއްދައެއް ނޫނެވެ.
ޗައިނާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ފުރަބަންދުގެ ހާލަތު އިއުލާން ކުރަން ޖެހުނީ މިދިޔަ ތިން ދުވަހު ވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދުވަހުން ދުވަހަށް މައްޗަށް ދާކަން ފާހަގަ ކުރެވުމުންނެވެ. އިއްޔެ އެކަނިވެސް، އެ ގައުމުން 2699 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށާއި، އޭގެ ތެރެއިން ތިން މީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަމުންދާ ކަމަށް ވެސް އެ ވުޒާރާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
01 November 2022
ތިއަކީ ހައިރާންވާންޖެހޭ ކަމެއްނޫން ސޯސަލް ކުރެޑިއްޓު ސިއްޓަމު ހަދައިގެން ރައްޔިތުން ޖަނަވާރު ބަލަހައްޓާ ބީދައިން ގެއްގުޅޭ ގައުމުތަކުގަ
ނަންނެއްގޮލަ
01 November 2022
ޗައިނާގަ ސޯސަލް ކުރެޑިޓު އެއީ އަސލު އޮންނަ ެެއްޗެއް ނޫން އޭ އީ އެމެރިކާ މީޑިޔާއަކުން މާބޮޑު ކޮއްލައިގެން މީގެ ދެތިން އަހަރު ކުރިން ފެތުރި ދޮގު ހަބަރެއް
ބީރުބޮލުވަޒީރު.
01 November 2022
ސަލީމު އިދުރީސް ބުންޏަސް ތިއަބުނީ ވަރަށްބޮޑު ތެދެއް،
ދެނޯ
01 November 2022
ސަލީމު ތިޔަ ބުނާ ގޮތަށް މީހުން ގެންގުޅެގެންތަ އެމީހުން ދުނިޔޭގެ 2 ވަނައަށް އެންމެ ބޮޑު އިގްތިސޯދަށްވެފަ އެއޮތީ އަދި އެހާ ބޮޑެތި ކުރިއެރުން ހޯދާފަ އެއޮތީ. ހާދަ ފައްކާ ސިސްޓަމެކޭ އެހެންވީމަ. އެގައުމު މީހުން އެކަމާ އެބަ ޝަކުވާ ކުރޭތަ؟
ސަލީމު އިދުރީސް
02 November 2022
މިބުނާ ސޯސަލް ކުރެޑިޓު ސިއްޓަމާ ޗައިނާ އިގުތިސޯދީ ގޮތުން ހޯދާފަ ހުރި ކުރިއެރުން ތަކާ އެއްވެސް ގުޅުމެއްނެއް! ކޮމިއުނިސްޓު އުސޫލު ތަކީ އޭގެޒާތުގަ ގޯސް އުސޫލު ތަކެ އްނޫން އެކަމަކު އިންސާނުންގެ ބޭނުންތަކާ އެދުންތަކަކީ ތަފާތު އެއްޗަކައް ވީމަ އެހާރަނގައް މަސައްކަތް ނުކުރޭ! 1989 ފަހުން ޗައިނާގެ ކޮމިއުނިސްޓު ސިއްޓަމުދިއައީ ރިފޯމް ވަމުން މިހާރު ޗައިނާއަކީ ދުނިއެއާ ގުޅި ލާމެހިފަވާ ގައުމެއް