ޚަބަރު / ވ. އަތޮޅު

ހުޅިދޫގެ މައްސަލާގައި ރިސޯޓުތަކުން ބިރު ދައްކާ ކަމުގެ ތުހުމަތު؛ ފެލިދޫ އެ މައްސަލައިން ބަރީއަވެއްޖެ

ވ. ފެލިދޫ ބަނދަރު: ހުޅިދޫ މައްސަލާގައި ކުރި މުޒާހަރާގައި އެ ރަށުގެ ބައިވެރިވުން ނޯންނާނެ ކަމަށް އެ ރަށު ކައުންސިލުން ބުނޭ -- ފޮޓޯ: އެމްޓީސީސީ

ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ވ. ހުޅިދޫގެ މައްސަލާގައި އެ އަތޮޅުގެ ރިސޯޓުތަކުން ބައެއް ރަށްރަށަށް ބިރުދައްކާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހުޅިދޫގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާތީ އެ ރަށް އަނބުރާ ހޯދުމަށް ވ. އަތޮޅު ކައުންސިލުން އިސްނަގައިގެން، އެ އަތޮޅުގެ ގިނަ ބަޔަކު ބައިވެރިވެ މިދިޔަ މަހު ބޮޑު މުޒާހަރާއެއް ވެސް ކުރި އެވެ. އެ މުޒާހަރާ އަށް ފަހު، ވ. އަތޮޅުގައި ހިންގާ ބައެއް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ގެސްޓުން ނުފޮނުވައި، ބިރު ދައްކަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ އަތޮޅުގައި ހިންގާ ނަކާއި އަލިމަތާ ރިސޯޓުގެ މެނޭޖުމަންޓަށް، ވ. އަތޮޅުގައި ވެރިކަން ކުރާ ރަށް ކަމަށްވާ ފެލިދޫ ކައުންސިލުން ފޮނުވި ސިޓީއެއްގައި ވަނީ ހުޅިދޫ ހޯދަން ކުރި މުޒާހަރާ ކުށްވެރިކޮށްފަ އެވެ. އަދި އެ މުޒާހަރާގައި އެ ރަށުގެ އެއްވެސް ބައިވެރިވުމެެއް ނޯންނާނެ ކަމަށް ބުނެފައިވެ އެވެ.

ވ. ހުޅިދޫގައި މުޒާހަރާ ކުރާތީ ފުލުހުން ގޮސް މައްސަލަ ހައްލުކުރަން އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއުއާ ވާހަކަދައްކަނީ.

އެ ސިޓީގައި ބުނީ ވ. އަތޮޅުގެ ރައްޔިތުންގެ ނަމުގައި އެ އަތޮޅުގައި ގެސްޓް ހައުސް ހިންގާ ބަޔަކު ނުކުމެ ހުޅިދޫ ހޯދުމުގެ ނަމުގައި އެ ރަށަށް އަރައި ކުރި މުޒާހަރާތަކުގައި ފެލިދޫގެ މީހުން ބައިވެރިނުވާ ކަމަށެވެ. ހުޅިދު އަށް އަރައި ކުރި މުޒާހަރާ އަކީ ވަރަށް ނާތަހުޒީބު، ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެ ކައުންސިލާއި އެ ރަށުގެ ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި އޮތެވެ.

"ފެލިދޫ ކައުންސިލްގެ ސިޔާސަތަކީ އަތޮޅުގައި ހުރި ވިޔަފާރިތަކަށާއި ރަށުގެ އަދި އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދިނުމެވެ،" އެ ސިޓީގައި ވެ އެވެ.

ނަމަވެސް، ވ. އަތޮޅު ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، އާރަށް އިންވެސްޓަމަންޓަށް 2017 ވަނަ އަހަރު ކުއްޔަށް ދޫކޮށްފައިވާ ހުޅިދޫގެ މައްސަލާގައި ކުރި މުޒާހަރާ އަކީ އެ އަތޮޅުގެ ފަސް ރަށުގެ ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުމާ އެކު ބޭއްވި ހަރަކާތެކެވެ.

ހުޅިދޫ މައްސަލާގައި އިސްކޮށް އުޅުއްވާ ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސެއިން މިއަދު "މިހާރު" އަށް ވިދާޅުވީ، އެ މައްސަލައިން ފެލިދޫ ބަރީއަވީ ރިސޯޓުތަކުން ބިރުދައްކާތީ ކަމަށެވެ. ފެލިދޫގައި ގިނަ އަދަދެއްގެ ސުވެނިއާ ޝޮޕްތައް ހުންނަ ކަމަށާއި ހުޅިދޫ މައްސަލަގާއި އެ ރަށުން ބައިވެރިވާތީ، ރިސޯޓުތަކުން ވިޔަފާރިކުރަން އެ ރަށަށް ގެސްޓުން މިހާރު ނުފޮނުވާ ކަމަށެވެ.

ފުރަތަމަ ދުވަހުން ފަށައިގެން ވެސް ފެލިދޫގެ ބައިވެރިވުން، އަތޮޅުގެ އެހެން ހުރިހާ ރަށެއްގެ ވެސް ބައިވެރިވުން އޮވެގެން މި ހަރަކާތް ފެށީ. ފެލިދޫ ކައުންސިލުގެ ސިޓީގައި އެ އޮތީ ކަނޑައެޅިގެން ދޮގެއް: ޝިފާގް، ތިނަދޫ ކައުންސިލުގެ ރައީސް

"ފުރަތަމަ ދުވަހުން ފަށައިގެން ވެސް ފެލިދޫގެ ބައިވެރިވުން، އަތޮޅުގެ އެހެން ހުރިހާ ރަށެއްގެ ވެސް ބައިވެރިވުން އޮވެގެން މި ހަރަކާތް ފެށީ. ފެލިދޫ ކައުންސިލުގެ ސިޓީގައި އެ އޮތީ ކަނޑައެޅިގެން ދޮގެއް،" އޭނާ ވިދާޅުވި އެވެ.

ޝިފާގް ވިދާޅުވި ގޮތުގައި، ވ. އަތޮޅުގައި ހިންގާ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ މެދުގައި ވާދަވެރިކަން ވެސް ވަރަށް ބޮޑެވެ. އެ ވާދަވެރިކަން އުފެދިފައި ވަނީ ރިސޯޓުތަކުން ރަށްރަށަށް ގެސްޓުން ފޮނުވުމުން، ދެވަނަ ފަހަރަށް އެ މީހުން ރާއްޖެ އަންނައިރު، ރިސޯޓަށް ދިއުމުގެ ބަދަލުގައި އެ ރަށްތައް ހިޔާރުކުރާތީ ކަމަށެވެ. އެއީ ރިސޯޓުތަކަށް ވުރެ އަގުހެޔޮކޮށް، ގާތްގަނޑަކަށް ހަމަ އެއް ހިދުމަތެއް ރަށްރަށުން މިހާރު ލިބޭތީ އެވެ.

ވ. ހުޅިދޫ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

އޭނާ ވިދާޅުވީ، މިދިޔަ އަހަރު އަލިމަތާ ރިސޯޓު ކައިރި އަށް ހުއްދަ ނެތި ކެޔޮދޫ ބަޔަކު ފީނި ކަމަށް ބުނެ، އެ ރަށަށް ގެސްޓުން ފޮނުވުން ވެސް ހުއްޓާލި ކަމަށެވެ. މީހުން ދިރިއުޅޭ ރަށްރަށަށް ގެސްޓުން ނުފޮނުވަން ރިސޯޓުތަކުން އެ ކަހަލަ ތަފާތު ބަހަނާތައް ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވެސް އިރެއްގައި ބައިވެރިވުމެއް ނޯންނާނެ: ފެލިދޫ ކައުންސިލް

ފެލިދޫ ކައުންސިލްގެ ރައީސް އަހްމަދު ނަސްރުﷲ "މިހާރު" އަށް ވިދާޅުވީ ހުޅިދޫ މައްސަލާގައި ކުރި މުޒާހަރާގައި އެ ރަށުގެ ބައިވެރިވުމެއް ނެތްކަން ސިޓީއަކުން ދަންނަވަން ޖެހުނީ އެކަމުގައި އެ ރަށުގެ ބައިވެރިވުމެއް އެއްވެސް އިރަކު ނޯންނާނެތީ ކަމަށެވެ. އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ފަޅުރަށެއް އޮތުމަކީ ފެލިދޫއިން ވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށާއި އެކަމަކު އަތޮޅު ކައުންސިލުން ގަދަކަމުން ހުޅިދު އަށް އަރައި ކުރި މުޒާހަރާ ބަލައިނުގަނެވޭ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ އިދާރާތަކާ ވާހަކަދައްކައިގެން، ބަޔަކަށް ބިރުނުދައްކާ އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރާ ނަމަ އަޅުގަނޑުމެން ދެންވެސް އެކަމަށް އެއްބާރުލުން ދޭނަން: ނަސްރުﷲ، ފެލިދޫ ކައުންސިލުގެ ރައީސް

"ހުޅިދު އަށް އެރުމަކީ އަޅުގަނޑު ތާއީދުކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ އިދާރާތަކާ ވާހަކަދައްކައިގެން، ބަޔަކަށް ބިރުނުދައްކާ އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރާ ނަމަ އަޅުގަނޑުމެން ދެންވެސް އެކަމަށް އެއްބާރުލުން ދޭނަން."

މުޒާހަރާކުރަން ހުޅިދު އަށް އެރީ ވ. އަތޮޅުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރީކުރާ ބަޔަކު ނުފޫޒު ފޯރުވައިގެން، ވަކި ބައެއްގެ މަސްލަހަތު ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށް ނަސްރުﷲ ތުހުމަތުކުރެއްވި އެވެ.

ވ. ހުޅިދޫ: އެ ރަށް ރައްޔިތުންނަށް ނުދޭ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން އެ ރަށް ކައިރިއަށް ދޯނިފަހަރުގައި ގޮސް ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

ވ. އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ފަޅުރަށެއް ހޯދުމުގެ މަސައްކަތުގައި އެ ކައުންސިލުން، އަތޮޅު ކައުންސިލަށް އެއްބާރުލުން ދޭ ކަމަށާއި އެކަމާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާ އެކު ބޭއްވި މަޝްވަރާތަކުގައި ވެސް ބައިވެރިވެފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަތޮޅު ކައުންސިލްގެ ރައީސް އިސްވެ ހުންނަވައިގެން ނުކުންނެވި ކަމުގައި ވިޔަސް، އަޅުގަނޑުމެން އަތޮޅު ކައުންސިލްގެ މެމްބަރުން މަޝްވަރާ ކުރެވިގެން ފަޅު ރަށެއް ހޯދުމުގެ ކަންތައްތައް އަންނަނީ ކުރަމުން. ހުޅިދޫގެ އަދި އަންބަރާގެ ކަންތައްތައް ވެސް އަންނަނީ ބަލަމުން. އެކަމަކު ކޮންމެ ކަމެއް ކުރަން ވެސް އޮންނާނެ ރިވެތި އުސޫލާއި ހަމަތަކެއް،" އޭނާ ވިދާޅުވި އެވެ.

"ހުޅިދު އަކީ އަލިމަތާ ތަންތަނުން ގެސްޓުން ގޮސް ހާފްޑޭ އަށް ނަމަވެސް، ޓޫޑޭ އަށް ނަމަވެސް ތިބޭ ރަށެއް. ތިބޭއިރުގައި އެ ބޭފުޅުންނަށް ފެންނަ ހިސާބަށް އެ ރަށަށް އަރައި ބޯޑު ހިފައިގެން މުޒާހަރާ ކުރީމާ ގެސްޓުންގެ ސޭފްޓީ އެންޑް ސެކިއުރިޓީ ކޮބައިތޯއޭ."

އަލިމަތާ ރިސޯޓަށް ސިޓީ ފޮނުވީ، އެ ރިސޯޓުން ފެލިދު އަށް ގެސްޓުން ނުފޮނުވާތީ ކަމަށް ބުނާ ވާހަކަ ނަސްރުﷲ ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ، އަބަދުވެސް އޮންނަ އުސޫލުން ހަފުތާއަކު އެއް ދުވަހު އެ ރިސޯޓުން އެ ރަށަށް ގެސްޓުން ފޮނުވާ ކަމަށެވެ. އެކަމަކު އެ ސިޓީ ފޮނުވަން ޖެހުނީ، އެ ރަށުގައި ސޮވެނިއާ ޝޮޕްތައް ހިންގައިން އާމްދަނީ ހޯދާ ވަރަށް ގިނަ މީހުން އުޅޭތީ، އެ ހަރަކާތުގެ ސަބަބުން އެ ވިޔަފާރި އަށް ނުރަނގަޅު އަސަރެއް ކޮށްފާނެތީ ރައްޔިތުންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވި އެެވެ.

އެ މުޒާހަރާގެ ފަހުން، ހުޅިދޫ މައްސަލާގައި ވ. އަތޮޅު ކައުންސިލާއި ސަރުކާރާ ދެމެދު މިދިޔަ މަހު މަޝްވާރަތަކެއް ވެސް ކުރި އެވެ. އެ މަޝްވަރާތައް ނިމުނީ ވަކި ކޮޅެއްގައި ނުޖެހި، ދެ ފަރާތުން ވެސް ދޫނުދީ އެވެ. އެކަމަކު، ތިމާވެށީގެ ހާލަތު ބަޔާންކުރާ ރިޕޯޓާ ހިލާފަށް ހުޅިދޫގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ ރަށަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އީޕީއޭއިން މިހާރު އަންނަނީ ސާވޭއެއް ހަދަމުންނެވެ.

5 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައުންސިލް ރައީސް ކަމް ގެސްޓް ހައުސް އިންވެސްޓަރ

08 November 2022

މުޒާހަރާ ކުރާރަށްރަށަކަށް ގެސްޓުންނެއް ނުފޮނުވޭނެ. ރިސޯޓްތަކުން ޓުއަރ އޮޕަރޭޓަރުންނާ ހަދާފައި ހުންނަ އެގެރީމެންޓުތަކުގައި އެމީހުންގެ ސޭފްޓީއަށް އިސްކަންދޭންޖެހޭ.. އެމީހުންނަށް ނުރައްކަލެއް އަސްލުގަ ނެތަސް މުޒާހިރާ ކުރަންޖެހޭ ވަރުގެ އިޖްތިމާއީ މައްސަލަތަކެއް ހިމެނޭ ރަށަކަށް ފޮނުވޭނީ އެކަން ނިމި މައްސަލަތައް ހައްލުވީމައި. މީކީ ރިސޯޓުތަކުން ހުޅިދޫ މައްސަލާގައި ވަކިކޮޅެއް ނެގުމެއެް ނޫން. އަތޮޅުކައުންސިލް ރައީސަކީ ގެސްޓް ހައުސް ހިންގާ ވިޔަފާރިވެރިއެއް

The name is already taken The name is available. Register?

ޢިހްސާސް

08 November 2022

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށަކަށް ގެސްޓުން ހޮލިޑޭ ހަދަން އެއަރަނީ ހަމަ ހިލޭތޯ ކައުންސިލަރު؟ ދަނޑުވެރިކަން ގެސްޓު ހޮލިޑޭ ދެކަމެއް.

The name is already taken The name is available. Register?

ގ‫ަސަމް ސުހައިލް

07 November 2022

‫މަށަށް އޭރުވެސް އެނގޭ އަތޮޅު ކައުންސިލް ރައިސް ސުޖާ އުޅުނީ ކޮންކަމަކާކަން. ސުޖާއަކީ ތިނަދޫގަ ފުޅާ ދާއިރާއެއްގަ ގެސްޓްހައުސް ވިޔަފާރިކުރާ މީހެއް.

The name is already taken The name is available. Register?

7/11

07 November 2022

ފެލިދޫ މީ ވަރަށް އަމިއްލައެދުން ބޮޑު ބައެއް އުޅޭ ރަށެއް. ޔޫސުފް ނައީމު ބުނެގެން ދޯ ސިޓީ ތި ފޮނުވީ

The name is already taken The name is available. Register?

އުދުހޭ

07 November 2022

ހުޅިދުއަކީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށަކަށްވާއިރު އެރަށަށް ގެސްޓުންނަށް އެރެނީ ކީއްވެހޭ؟؟؟ މީ ބޮޑު ސުވާލު. މީ ޖަރީމާ. ނަމުގައި ދަނޑުވެރިކަން. ކަމުގައި ޓޫރިޒަމް. ރަށް އަތުލުން ލަސްވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454