ވ. އަތޮޅުގައި އޮތް ސަފާރީއެއްގައި މިއަދު ހަވީރު ރޯވުމާ ގުޅިގެން އެ ވަގުތު އެ އުޅަނދުގައި ތިބި އެންމެން ސަލާމަތްކޮށް، އެ އަތޮޅު ފެލިދު އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި، ވ. އަތޮޅު ކުޑަ އަންބަރާ ދިމާލުން ތިން މޭލު ބޭރުގައި އޮތް ޔަސާވާ ޕްރިންސަސް ނަމަކަށް ކިޔާ ސަފާރީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދުގެ ހަވީރު 5:54 ހާއިރު ލިބުމާ އެކު، ފުލުހުން އެ ސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދު އަށް ވަނީ ގެންގޮސްފަ އެވެ.

"ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިން،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

ސަފާރީގައި ރޯވިއިރު އެ އުޅަނދުގައި ތިބި ޓޫރިސްޓުންގެ ތެރޭގައި ހިމެނެނީ ފުލުހުން ބުނި ގޮތުގައި ފަސް ފިރިހެނުންނާއި 12 އަންހެނުންނެވެ. ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް ފިރިހެނެއް އަދި ޖަރުމަނުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ ސަރަަހައްދުގައި ހަރަކާތްތެރިވަމުން ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސަފާރީގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

އެމްއެންޑީއެފުން އާންމުކުރި ފޮޓޯ އިން ފެންނަ ގޮތުގައި ސަފާރީގެ ގެގަނޑުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފައިފަ އެވެ.