ކެޓަރީނާ ކައިފް، އާލިއާ ބަޓް އަދި ޕްރިޔަންކާ ޗޮޕްރާ.
09 ނޮވެމްބަރ 2022 - 11:13
ބޮލީވުޑް ފިލްމް "ޖީ ލޭ ޒަރާ"ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ފިލްމުގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ތިން ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ، ކެޓަރީނާ ކައިފް އަދި އާލިއާ ބަޓް ހިމަނައިގެން އެކްސެލް އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމު ޑަރެކްޓުކުރަނީ ފަރްހާން އަކްތަރެވެ.
މި ފިލްމަކީ ވަރަށް ކުރިން އިއުލާން ކުރި ފިލްމެކެވެ. ނަމަވެސް އޭގެ އެތައް ދުވަހަކަށް ފަހު، "ހަންގާމާ" އަށް ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި ވަރަށް އަވަހަށް ފިލްމުގެ ޝޫޓިންގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.
ފިލްމުގެ ޝޫޓިން ނުފެށި ލަސްވާން ޖެހުނީ އާލިއާ ބަޓް ބަނޑުބޮޑު ވުމުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރެ އެވެ.
ޕީޓީއައި ނިއުސް އެޖެންސީ އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނެފައި ވަނީ މި ފިލްމުގައި އޭނާއާ އެކު ދެން ފެންނަ ދެ އެކްޓަރުން ހޮވީ އޭނާ ކަމަށެވެ.
ޕްރިޔަންކާ ބުނި ގޮތުގައި އޭނާގެ ޖީލުގެ އެކްޓަރުން އައީ މިހާރުގެ އެކްޓަރުން ކުރިއެރުމަށް މަގު ކޮށައިދެމުންނެވެ. ޕްރިޔަންކާ ބޭނުންވީ ބޮކްސް އޮފީހުގައި ހިނގާނެ ރަނގަޅު ކްރިއޭޓިވް ފިލްމެއް އޭނާގެ ރައްޓެހިންނާ އެކު (ކެޓްރީނާ/އާލިއާ) އުފެއްދުމަށެވެ. އަދި އަންނަ އަހަރު ފިލްމުގެ ޝޫޓިން ވެސް ފަށާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
ޕްރިޔަންކާ އެންމެ އަވަހަށް ދެން ފެންނާނީ ހޮލީވުޑް ސީރީޒް "ސިޓަޑެލް" އިންނާއި ފިލްމް "ލަވް އަގެއިން" އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy