ޓީއެފްޖީގެ "އެމްވީރަން" ގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު (މ) ބައިވެރިވެވަޑައިގަންނަވަނީ: ސިއްހީ ނުރަނގަޅު އާދަތަކާ ދުރުކުރުވުމުގެ ގޮތުން ޖަލްސާތައް ރޭނގަނޑު ނުބޭއްވުމަށް ފަޒްނާ ވަނީ ވާހަކަ ދައްކަވާފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
09 ނޮވެމްބަރ 2022 - 06:40
ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ނުރަނގަޅު އާދަތަކުން ސިއްހީ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމުގެ ވަރުގަދަ އިންޒާރެއް ދިން ދިރާސާ ރިޕޯޓެއް އާންމުކުރި ވަގުތު ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ފާހަގަކުރެއްވީ "ރަސްމީ ނުރަނގަޅު އާދަ" އެކެވެ؛ ޖަލްސާތައް ރޭގަނޑު ބާއްވާތީ ދަންވަރު ކެއުމަށް ދެވޭ ހިތްވަރެވެ.
ސިއްހީ ކަންކަން ފަދަ މުހިންމު ދާއިރާތަކުގެ ވާހަކަ ދައްކަން ވެސް ރޭގަނޑު ޖަލްސާތައް ބާއްވައި އެ ޖަލްސާ މެންދަމާ ހިސާބަށް ދިގު ދެމިގެން ގޮސް އެއީ ކެއުމުގެ ވަގުތަކަށް ބަދަލުވާ ގޮތުގެ ވާހަކަ އެވެ.
އެކި ފެންވަރުގެ ޖަލްސާތަކާއި ހަފްލާތައް ރޭގަނޑު ބޭއްވުމަކީ އަހަރެމެންގެ ތެރޭގައި އާދަކާދައަކަށް ވެފައި އޮތް ކަމެކެވެ. ހާއްސަ ކަންކަމާ ގުޅިގެން ބާއްވާ ބޮޑެތި ޖަލްސާތައް ވަރަށް ދަން ވަންދެން ކުރިއަށް ގެންދާ ފަހަރު ވެސް އާދެ އެވެ. އެކަމަކު މިއިން ޖަލްސާއެއް ނިންމާފައި، "އެންމެ ކުޑަމިނުން" ބިލެތްމީރުކޮށްލުމެއް ނެތިއްޔާ އެއީ ވަރަށް ދެރަ ކަމަކަށް ވެސް އޮންނަނީ ވެފަ އެވެ. އެކަމަކު ކުޑަގޮތަކަށް މިކަން ކުރަން ގިނަ ފަހަރަށް ހުންނަނީ ވެސް ތެޔޮ ހެދިކާތަކެވެ.
"... ދަންވަރު 12 ޖަހާއިރު ޖަލްސާނިމިގެން ކައިގެން، ޚާއްސަކޮށް ހެދިކާ ކައިގެން ނިދުމަކީ ސިއްޙީ ނަޒަރަކުން ބެލިކަމުގަވިޔަސް ރަނގަޅު އާދައެއް ކަމަކަށް ނުވާނެ." ފަޒްނާ ލިޔުއްވާފައިވެ އެވެ.
ފަސްޓް ލޭޑީ ފަޒްނާ އަހްމަދުގެ ފޭސްބުކް ޕޯސްޓް
ފަޒްނާ މިހެން ލިޔުއްވާފައި ވަނީ ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭގޮތުން ރާއްޖޭގައި ހެދި ދިރާސާއިން ކަންބޮޑުވާ އެތައް ކަމެއް ހާމަވެފައި ވަނިކޮށެވެ. ހަރަކާތްތެރިވެ އުޅުން މަދުވުމާއި ސިއްހީ ގޮތުން ގެއްލުންވާ ގޮތަށް ކެއުމުގެ އާދަ ބެހެއްޓުން ފަދަ ކަންކަމާ ހުރެ އާބާދީގެ ބޮޑު ބައެއްގެ ކޮލެސްޓްރޯލާއި ހަކުރު އަދި ލޭ މަތި ކަމަށް އެ ދިރާސާ އިން ވަނީ ދައްކައިފަ އެވެ.
ފަލަވުން ނުވަތަ ބަރުދަން އިތުރުވުމަކީ ރޭގަނޑު ދަންކޮށްފައި ކެއުމާ މެދު އޮންނަ އެންމެ އާންމު ކަންބޮޑުވުމެވެ. މިއީ މިކަމުގައި އާންމު ވިސްނުމެވެ.
ނިދުމާ ގާތްކޮށްފައި ކެއުމުން ހަށިގަނޑަށް ކުރާ އަސަރުތައް ދެނެގަތުމަށް އެކި ދިރާސާތައް ކޮށްފައިވެ އެވެ. އެކި ދިރާސާތަކުން އެކި ގޮތަށް ދެއްކި ނަަމަވެސް ސަކޭޑިއަމް ރިދަމް ނުވަތަ "ހަށިގަނޑުގެ ގުދުރަތީ ގަޑި" އާ އެއްގޮތަށް އާދަތައް ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަ ދިރާސާތައް ގިނަ އެވެ. އެއީ ދުވާލު މަސައްކަތުގައި އުޅޭއިރު ކާން ވަގުތު ހުސްކުރުމާއި ރޭގަނޑު ނިދާ ވަގުތާ ކައިރިކޮށްފައި ނުކެއުމެވެ. ރޭގަނޑަކީ އަރާމުކޮށް ނިދުމުގެ ވަގުތަކަށް ހެދުމެވެ.
ބައެއް ދިރާސާތަކުން ވެސް އެނގިފައިވާ ގޮތުގައި ސަކޭޑިއަމް ރިދަމްއާ އެއްގޮތަށް ކެއުން ބެހެއްޓުމުން ފާހަގަކުރެވޭ ވަރަށް ބަރުދަށް ލުއިވެ އެވެ. މިކަން ހާމަވި ދިރާސާގައި، ސަކޭޑިއަމް ރިދަމްއާ އެއްގޮތަށް ކެއުމުގެ ވަގުތުތައް ބެހެއްޓި މީދާތަކަކަށް ހައި ފެޓް މީލް ދިނެވެ. އަދި ހަމަ މި ކެއުން ސަކޭޑިއަމް ރިދަމްއާ ދިމާނުވާ ގޮތަށް އެހެން މީދާތަކަކަށް ދިނެވެ. ނަތީޖާއަކަށްވީ ސަކޭޑިއަމް ރިދަމްއާ އެއްގޮތަށް ކެއުމުގެ އާދަތައް ހުރި މީދާތަކުގެ ބަރުދަން ލުއިވުމެވެ.
މީގެ އިތުރުން އެހެން ދިރާސާއަކުން އެނގުނު ގޮތުގައި ކެއުމަށް ހާއްސަކުރާ ވަގުތު 12 ގަޑިއިރަށް ވުރެ އިތުރުވާ ނަމަ ފަލަބައްޔާއި ހަކުރު ބަލި އަދި ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެ އެވެ.
ކުޑަކުޑަ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ހަކުރު ބަލީގެ އަލާމާތްތައް ފެންނަން ފަށާފައި ހުރި އަށް މީހަކު، ކެއުމުގެ ވަގުތު ހަ ގަޑިއިރަށް، ހެނދުނު 8 އިން އިރުއޮއްސި 6 އަށް ކުރުކޮށްލުމުން ލޭގައި ހަކުރު ހުންނަ މިންވަރާއި ލޭގެ ޕްރެޝަރާއި ދަށްވެގެން ދިޔަ އެވެ. މީގެ އެހެން ދިރާސާއަކުން ދެއްކީ ފާސްޓިން ބްލަޑް ޝުގަ ހުންނަ ވަރު ހެނދުނު 8 އާއި ހަވީރު 5 އާ ދެމެދު ކާ މީހުންނަށް ވުރެ މެންދުރު 12 އާއި ރޭގަނޑު 9 އާ ދެމެދު ކާ މީހުންނާ އަޅާބަލާއިރު ދަށްކަމެވެ.
ޑައިވިންގެ ދުނިޔޭގެ އެންމެ ބޮޑު ރެކޯޑް ރާއްޖޭގައި ހެދުމަށް ފަސްޓް ލޭޑީ ފަޒުނާ އަހުމަދު މޫދަށް ފައިބައިވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ތަޖުރިބާކާރުން ވިދާޅުވަނީ މިއީ ޑިއުޓީ ބަހައިގެން، މުޅި ދުވަހުގެ އެކި ވަގުތު މަސައްކަތުގައި އުޅެންޖެހޭ މީހުންގެ މެދުގައި، ކޮލެސްޓްރޯލް މަތިވުމާއި ހަކުރު ބަލި ފަދަ މައްސަލަތައް ގިނަވުމުގެ ސަބަބަކަށް ވެދާނެ ކަމަށެވެ. އެކަމަކު މިއީ ސައިންޓިފިކް ގޮތުން މުޅިން ކަށަވަރުކުރެވިފައިވާ ކަންކަމެއް ނޫނެވެ.
މި ދިރާސާތައް މިހެން ހުރި ނަމަވެސް ރޭގަނޑު ކެއުމަކީ އާދައަކަށް ހަދައިފި ނަމަ މެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް އެތައް ދިރާސާއަކުން ދައްކާފައިވެ އެވެ. މިއީ ހަކުރު ބައްޔަށް މަގުފަހިވާ އިންސިއުލިން ރެސިސްޓެންސާއި އެކަށީގެންވާ ވަރަށްވުރެ ފަލަވުމާއި ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުން ފަދަ ކަންކަމާ ކުރިމަތިކުރުވާ މައްސަލައެކެވެ. ރާއްޖޭގައި ދިރާސާގައި ފެންނަނީ ނުރައްކާތެރި ބަލިތަކަށް މީހާ ހުށަހެޅޭ މި ހުރިހާ މައްސަލައެއް ރާއްޖޭގައި ވަރަށް އާންމުވެއްޖެ ކަމަށެވެ.
ރޭގަނޑުގެ ޖަލްސާތަކުން ނޫނަސް، މިހާރު ފެންނަނީ ދަންވިދަންވިހެން ގްރޫޕް ހަދާފައި ގޮސް ކެއުމާއި ކޮފީ ބުއިން ފަަދަ ކަންކަން ދިވެހިންގެ ލައިފްސްޓައިލަކަށް ވަމުންދާ ތަނެވެ. މި ދެވެނީ ނުރައްކާ މަގަކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
15 November 2022
ހަގީގަތުގާވެސް މިހާރު ކަންކަން ހުރީ އެހެން. ދިވެހީންގެ ދިރިއުޅުމުގެ އާދަތަކަށް އައި ބޮޑު ބަދަލުން ދިވެހީން މިވަނީ އެއިން ނުނެއްޓޭވަރަށް އޭގެ ތެރޭގާ ތާށިވެފާ. މެޑަމް ވިދާޅުވެލެއްވީ ވަރަށްވެސް އަގުހުރި ބަސްފުޅެއް. އެބަސްފުޅުގެ ބޭނުންހިފާ ކުރިޔަށްދާން މަސައްކަތް ކޮށްފިނަމަ އަދިވެސް ކަންކަން ރަނގަޅުވާނެ. ބޭނުންވަނީ ބޮޑުހިތްވަރެއް. ނުގުޑާފަދަ އަޒުމެއްގާ މަސައްކަތްފެށުން. ރޭގަނޑުގެ ކެއުން ވީހާވެސް އަވަހަށް ނިންމާ ތެލުގެ ބާވަތްތަކާ ދުރުވުން،.
ޒުރާރު
10 November 2022
ފަޒުނާމެންނަށް ރޭގަނޑު އަވަހަށް ކެވުނަސް އަހަރުމެން ގިނަ އާދައިގެ ރައްޔިތުން ކުލިދައްކާ އަނބިދަރިންނަށް ކާންބޯންދީ ބޭސްފަރުވާ މިކުރެވެނީ ދެތިން ޖޮބުގައި އުޅެގެން. ގެޔަށް ވަދެވެނީ ރޭގަޑު 11 ޖަހާކަތް ހާއިރު!! ދެން އަވަހަށް ކެވޭނެބާ ކާން ބޭނުންވިއަސް؟؟؟ އެވަރުންވެސް އަދި ޖީއެސްޓީ ބޮޑުކުރަން ސޯލިހު ހިފާފަ އެހެރީ. ފަޒުނާމެންނަށް އިހުސާސުވެސް ނުވާނެ ގަނޑުވަރުތެރޭގަ ތިހެން ތިބޭ އިރަކު މިދައްކަަ ވާހަކައެއް!! ސޯ ބެޓާ ކީޕް ޔުއާ މައުތު ޝަޓު!
އަހް
10 November 2022
އަމިއްލަ ސިއްހަތަށް އިސްކަން ނުދީ އުޅުމަކީ އެހެން މީހަކަށް އެކަމުގެ ތުހުމަތު ކުރެވޭނެ ކަމެއް ނޫން. ލަންޗް ޕެކް ގެންގުޅުމާއި ދުވާލު 30 މިނިޓް ކަސްރަތު ނުކުރެވޭ ވަރު ވެގެން ނުވާނެ
އިސްމާލި
10 November 2022
ރަސްމީ ވަޒީފާގައި ނޫޅޭ، ދަރިން ބަލައި ގޭތެރޭ ކަންކަން ކުރަން ނުޖެހޭ ފަސްޓް ލޭޑީއަށް މެންދުރު ބާރަ ޖަހާއިރު ޖަލްސާ ބޭއްވިދާނެ. ގޯލްޑަން ސްޕޫން އަކާއިއެކު އުފަންވި ދަރިއަކަށް އަދި ފަސްޓް ލޭޑީއަށް ރޭގަނޑު ނިދުމުގެ ކުރިން ފެންޓަސީއިން ބްލޭބެރީ އާއި އޯގޭނިކް ހިމާލަޔަން ގްރީންޓީ ބޮވިދާނެ. އާންމު މީހާ އަށް އޮތީ ރޭގަނޑު ޖަލްސާ އަށް ފަހު ކަންމަތީ ހޮޓަލުން އެމް.ޑީ މޯހަން ވިއްކާ ތެޔޮ ހެދިކާ ކައިގެން އަވަހަށް ނިދުން. އޭރުން ދަރިން ހެނދުނު ސުކޫލަށް ގެންދެވޭނީ
ޖީޒާ1
10 November 2022
ފަޒޫ މެންއަށް ބާންދީން އާއި ނޯކަރުން ދުވާލު 4 ދަޅައަށް ސަރުކާރު ބަޖެޓުގަ މެވާ އާއި ތަރުކާރީގެ ނާސްތާ ހަދައިދޭން ތިބެއެވެ.
މަބުނީ
10 November 2022
ބޭކާރު ޖަލްސާތައް ބޭއްވުން ދިވެހިންގެ ކަމަކީ.
ސޯސް12
09 November 2022
ދައުރު ނިމޭންކައިރިވި މިދިޔަ ދެމަހު ކޮންމެ ދެ ރޭން އެރޭ ކަހަގޮތަކަށް ކޮންމެވެސް ހަފުލައަކަށް ގޮސް ދެން މިހާރު އެކަކު މިބުނަނީ ފަޅޯ ކޮޅެއް ކާލަށޭ އަނެކަކު މިބުނަނީ ދަތުުރުތައް މަދުކޮއްލާށޭ އަމަލުން މިކަން ނުދައްކާ ދައްކާވާޙަކަ މިހުރި
ކިމްޖޮންގްއުން
09 November 2022
ދިވެހިރާއްޖޭގެ ސޮސައިޓީގެ މައްސަލަ ފެށޭ ހިސާބެއް ލިޔާކަށް ނޭގޭ. ހުރިހާކަމެއްއޮތީ ބޮއްސުންލާފަ. އެންމެ ކުޑަމިނުން ހިނިތުންވެފަ ހުންނަ މީހެއްވެސް މިހާރު ނުފެނޭ. ޝުކުރުވެރި ހިތްތަކެއް ނުފެނޭ. މާއްދީއްޔަތުގެ ރަސްކަން އޮތީ ދިވެހިންގެ ހިތްތަކުގައި މުޅިން އަށަގަނެފަ. މިކަމަށް ރޫހާނީ ޑޮކްޓަރުން ބޭނުންވާ ހިސާބުގަ.
އެންކް
09 November 2022
މެންކްވެސް ބުނީ އިޝާކޮށްލައިގެން އަވަހަށް ނިދުމޭ ރަގަޅީ. ދީނުގައިވެސް އުޅެން އޮންނަނީ އެންމެ ސިއްހަތަށް ފައިދާހުރި ގޮތަށް.
އައިމިނާ
09 November 2022
ޑރ. ން ވިދާޅުވަނީ ބަނޑު ފުރާކަށް ނުޖެހެއޭ. އެކަމު އަޅުގަނޑުމެންނަށް ކެވޭކަމަށް ވަނީ ބަނޑު ފުރުނީމަ. އެ ވެސް މައްސަލައެއް.
އައިމިނާ
09 November 2022
ފުށްކިލޯ އެއް 5 ރ. އަށް.ކިއުކަންބާ ކިލޯއެއް 65 ރ. ކިހިނެއްތޯ މިވަރުން އާދައިގެ ބަޔަކަށް ކުޅަދާނަ ވާނީ. ބަރަބޯ ކިލޯއެއް 28ރ. އަށް. ދެންޖެހެނީ އަގުހެޔޮ އެތިން ބަނޑުފުރަން. ހަނޑުލާއި ފުށުން ބަނޑު ފުރީމަ ވާގޮތް މިހާރު ފެނިގެން މި ދަނީ.