ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ވ-2) އާއި އެފްއޭއެމްގެ ރައީސް ބައްސާމް (ކ) ރައީސް ސޯލިހުއާ އެކު ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއް ބައްލަވާލައްވަނީ. --މިހާރު ފައިލް ފޮޓޯ
14 ނޮވެމްބަރ 2022 - 10:42
އެފްއޭއެމް އެކި ފަރާތްތަކަށް ދަރާފައި އޮތުމުން ކަންބޮޑުވާ ކަމަށާއި އެކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު ވާހަކަދައްކަމުން އަންނަ ކަމަށާއި އެކަމަކު އެ ދަރަންޏަށް ސަރުކާރު ޒިންމާވާން ނުޖެހޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ ދަރަނި ބޮޑުވެ އެ އެސޯސިއޭޝަން ބަނގުރޫޓުވެދާނެ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، އެކަމާ ބެހޭގޮތުން މިނިސްޓަރާ މިއަދު މަޖިލީހުގައި ސުވާލުކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންނަށް މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ދެއްވި ފައިސާ ކުޅުންތެރިންނަށް ނުދޭތީ ކުޅުންތެރިން އަންނަނީ ޝަކުރާކުރަމުންނެވެ. ކަރަންޓު ބިލުތަކަށް ފައިސާ ނުދައްކައިގެން އެ އެސޯސިއޭޝަނުން ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވެ އެވެ. މީގެ އިތުރުން އަމިއްލަ ކުންފުންޏަކަށް ދޭން ޖެހޭ ފައިސާ ނުދެވިގެން އެފްއޭއެމްގެ ބިމެއް އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވެ އެވެ.
މަހުލޫފު ވިދާޅުވީ އެފްއޭއެމް އަށް ސަރުކާރުން ދޭން އެއްބަސްވެ ނުދީ އެއްވެސް ފައިސާ އެއް ނޯންނާނެ ކަމަށެވެ. އަދި ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ކުޅިވަރު އެސޯސިއޭޝަންތަކަކީ ދަރަންޏަށް އަމިއްލަ އަށް ޒިންމާވާން ޖެހޭ ގާނޫނީ ޝަހުސުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވެ މިނިސްޓްރީގެ އެއްވެސް ޒިންމާއެއް ނެތް މި ދަރަންޏާ މެދު،" މަހުލޫފު ވިދާޅުވި އެވެ.
އެކަމަކު މިކަމުގައި ކަންބޮޑުވެ، މައްސަލަ ހައްލުކުރެވޭނެ ގޮތްތަކަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި އެ ބައްދަލުވުމުގައި އެފްއޭއެމުން، މިކަން ވަރަށް އަވަހަށް ހައްލުކުރާނެ ކަމަށް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުން ނަގަން ޖެހޭނީ ކޮން ފިޔަވަޅެއްތޯ ބެލުމަށް މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ މިދަނީ ކުރަމުން،" މަހުލޫފު ވިދާޅުވި އެވެ.
ފީފާގެ ގަވާއިދު ބުނާ ގޮތުން އެފްއޭއެމްގެ އެއްވެސް ކަމަކަށް ސަރުކާރުން ނުވަތަ އެހެން ތިން ވަނަ ފަރާތަކަށް ނުވަދެވޭނެ އެވެ. އެގޮތަށް އަމަލުކޮށްފި ނަމަ ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑްކުރާނެ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ ކުރީކޮޅު މަހުލޫފު ވަނީ، ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުން ޖާގަ ގެއްލުނު މައްސަލަ ބައްލަވަން މަސައްކަތްކުރައްވައިފަ އެވެ. އެއާ އެކު ފީފާ އިން ވަނީ އިންޒާރު ދީފަ އެވެ. އެހިސާބުން އެ މަސައްކަތް މިނިސްޓަރު ހުއްޓާލެއްވެވި އެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ މަހުލޫފުއާ އޭރު އޮތް ދެކޮޅުވެރިކަން ނިމި ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވި އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި މިނިސްޓްރީ އާއި އެފްއޭއެމްގެ ގުޅުން އަނެއްކާ ވެސް ވަނީ ގޯސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެފް.އޭ.އެމް
15 November 2022
ބައްސާމު މިހާރުން މިހާރަށް ވަކިކުރޭ. އޭރުން ރައްޔިތުން ނިކުމެ އެފް.އޭ.އެމް ހަމަޔަކަށް އަޅުވާނެ.
ބޮޑުމީހާ
14 November 2022
އެެއްވަރުގެ ކޮރަޕްޓް ދެމީހުން. އެކަކީ މިނިސްޓަރެއް އަނެކަކީ ރައީސެއް. ތަންކޮޅެއް ފަސްބައި ސާފުބަޔަކު އަހަރުމެންގެ މައްޗަށް އިސްކޮށްތިބޭނެ ދުވަހެއް އަންނާނެބާ؟
ސީޒަން ޖެކުހަން
14 November 2022
އެކަމަކު ރައީސްމީހާ އުޅެނީ ބައްސާމު ހާދަ ގާތްކޮށްގެންނޭ. އެއީ ކީއްވެބާ؟
އުދުހޭ
14 November 2022
ރަގަޅު ވާހަކައެއް. އެފްއޭއެމް އެއީ މިނިވަން އިދާރާއެއް. ދަރަނީ މެނޭޖްކުރަންޖެހޭނީ ފީފާއާ ގުޅިގެން. ދެރައީ ދަރުލަތުގެ ކަރަންޓް ކުންފުނިން އެހާވަރު އަރަންދެން ޚިދުމަތް ދިންކަން. 3 މަހު ބިލް ނުދެއްކީމަ ކަނޑާލަންޖެހޭނެ.
ރަދީފްއޮފިޝަލް
14 November 2022
އެފްއޭއެމް ނުހިންގި އިނދަޖެހޭއިރުވެސް މަގާމްގަ ބަގުޑި ބައްދައިގެން ހުންނަނީ ޕާސަނަލް ފައިދާއަށްކަން އެއީ ކަށަވަރުވެ ޔަގީންވާކަމެއް.ވ.ވެދުން
ފޫހި
14 November 2022
އާޅެ ދަރަނިވެރިވެ ތަން ނުހިންގޭއިރުވެސް އިސްތިއުފާންދޭން އެގޭމީހަކު މިގައުމުގައި ނޫޅޭ. ލަދެއްވެސް ދެން ހަމަ ނުގަންނަނީ. މިހާރު އަބަދު އިވެރނީ ދަރަނިވެރިވެފައިވާ ވާހަކަ. ބައްސާމު އިސްތިއުފާ. ޓެކްސްފައިސާ އިން އެއްވެސް ޚަރަދެއް ކޮށްގެންނުވާނެ.
އަލީ
14 November 2022
ދެން އެހެންވީރު އެދަރަންޏަށް ޒިންމާވާނީ އެތަނުގެ ހަތަރުފާރުތޯ؟
ފޫޖި
14 November 2022
އެމަސައްކަތާ ހަވާލުވެތިބި އެފްއޭއެމްގެ ވެރިން.
ހަސަނު
14 November 2022
އެފްއޭއެމަކީ ފީފާއިން ގެންގުޅޭ ތަނެއް.. ދަރަނި ދައްކަން ޖެހޭނީ ފީފާ އިން...
ރަދީފު ބިން ރަފައިދާ
14 November 2022
ދަރަންޏަށް ޒިންމާވާންޖެހޭނީ އެދަރިކުރިމީހެއް. އަދި ދަރަނިކުރަމުންދާއިރުވެސް އެއްވެސްފިޔަވަޅެއް ނާޅާ އެކަން ބަލަންތިބިމީހުން.
ބަކުންބޭ
14 November 2022
އެފް.އޭމް އަކީ ދިވެހި ސަރުކާރުގެ ތަނަކަށް ނުވިޔަސް އެއީ ދިވެހި ދައުލަތުގެ މިލްކެއްކަމަށްވުމާއެކު އެތަނުން ހިންގާ ޖަރީމާތައް އެބަޖެހޭ ބަލަން. ޓެކްސްޕޭޔަރ ގެ ފައިސާ ހިތުހުރިގޮތަކަށް މަހުލޫފަށް ވެސް އެނގިހުރެ ބައްސާމް ބޭނުންގޮތަކަށް ހަދަމުންދާއިރު އެމީހުން އަދިވެސް އެތިބީ މަޤާމްގައި. އެފްއޭމްގެ ހަރުމުދާ ވެސް ވިއްކަން ފަށައިފި، ހުރިހާ ގެއްލުމެއް ދިވެހި ރައްޔިތުންނަށް.