ދުނިޔޭގެ ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑުން ވިސްނަނީ ފުޓްބޯޅައިގެ ކާމިޔާބަކަށް ނޫން، ފައިސާއަށް: ރޮނާލްޑޯ

މެންޗެސްޓާ ޔުނައިޓެޑަށް ކުރިއަށް އޮތް ދެ ތިން އަހަރު ވެސް ކުރިއަށް ޖެހިލަން އުނދަގޫވާނެ ކަމަށާއި ވެރިންގެ ވިސްނުން ހުރީ ކްލަބް މާކެޓްކޮށްގެން ފައިސާ ހޯދަން ކަމަށް އެ ކްލަބުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ކްލަބުން އޭނާ އަށް އޮޅުވާލައި އޭނާ ބޭރުކޮށްލަން މަސައްކަތްކުރާ ކަމަށް ބުނެ އިނގިރޭސި ނޫސްވެރިޔާ ޕިއާސް މޯގަން އަށް ރޮނާލްޑޯ ދިން އިންޓަވިއުގެ ދެ ވަނަ ބައިގައި އޭނާ ވަނީ ކްލަބުގެ ހިންގުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

"މެންޗެސްޓާ ޔުނައިޓެޑަކީ މާކެޓިން ކްލަބެއް. އެ މީހުންނަށް މާކެޓްކޮށްގެން ފައިސާ ހޯދާ. ކްލަބުގެ ވެރިން ކްލަބުގެ ކުޅިވަރުގެ ކަންކަމާ މެދު ސަމާލުކަމެއް ނުދޭ. ވަރަށް އުނދަގޫވާނެ ކުރިއަށް އޮތް ދެ ތިން އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ކުރިއަށް އަރަން،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް ކުރިން ކުޅުނުއިރު، 2005 ގައި ކްލަބާ ހަވާލުވި ގްލޭޒާ އާއިލާގެ މެމްބަރަކާ މިހާތަނަށް ދުވަހަކު ވެސް ބައްދަލުވެފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ޔުރޮޕާ ލީގު 2017 ވަނަ އަހަރު ލިބުނު ފަހުން ތަށްޓެއް ހޯދައިނުވާ ޔުނައިޓެޑް ހިންގާ ގޮތާ މެދު ހިތްހަމަނުޖެހިގެން ސަޕޯޓަރުން ވަނީ ގްލޭޒާސްއާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. ރޮނާލްޑޯ ވަނީ ސަޕޯޓަރުންގެ އެ އަމަލަށް ތާއީދުކޮށް ވާހަކަދައްކައިފަ އެވެ.

"ސަޕޯޓަރުންނަށް ހަގީގަތް އެނގެން ޖެހޭ. ކުޅުންތެރިން ބޭނުންވާނީ ކްލަބަށް އެންމެ މޮޅު ގޮތް. އަހަރެން ވެސް ބޭނުންވަނީ ކްލަބަށް އެންމެ މޮޅު ގޮތް ވާން. އެހެންވެ އަހަރެން އެނބުރި މި ކްލަބަށް އައީ،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލާއި މެންޗެސްޓާ ސިޓީ އަދި އާސެނަލް މިހާރު އޮތް ފެންވަރަށް ޔުނައިޓެޑަށް ނުދެވެނީ ކްލަބުގެ އެތެރޭގެ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

"ކްލަބުގެ އެތެރޭގައި އެބައުޅޭ ގޯހެއް،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އިންޓަވިއުގެ ފުރަތަމަ ބައިގައި ބުނެފައިވާ ގޮތުގައި، ކޯޗު އެރިކް ޓެން ހަގް އޭނާ އާށް އިހުތިރާމް ނުކުރާ ކަމަށާއި އެހެން އޭނާ ވެސް ކޯޗަށް އިހުތިރާމް ނުކުރާ ކަމަށެވެ.

"އަހަންނަށް އިހުސާސްކުރެވެނީ ކްލަބުން އަހަންނަށް އޮޅުވާލާފައިވާ ކަމަށް. ހަމައެކަނި ކޯޗެއް ނޫން، ކްލަބުގެ އިސް ބައެއް މީހުން ވެސް މަސައްކަތްކުރޭ އަހަރެން ކްލަބުން ބޭރުކޮށްލަން،" އޭނާ ބުންޏެވެ.

ޔުނައިޓެޑުން ވިދާލިި ފޯވާޑް މިދިޔަ ސީޒަނުގައި އެ ކްލަބަށް އެނބުރި އައީ ރެއާލް މެޑްރިޑާއި ޔުވެންޓަސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ. މިދިޔަ ސީޒަނުގައި އޭނާ 15 ގޯލް ޖެހި އެވެ. އެކަމަކު މައްސަލަތައް ދިމާވީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔުނައިޓެޑަށް ފުރުސަތު ނުލިބޭތީ އޭނާ ކްލަބް ދޫކޮށްލަން މަސައްކަތްކުރުމުންނެވެ. އަނެއްކޮޅުން މި ސީޒަނުގައި ހަވާލުވި ކޯޗު ޓެން ހަގް ވެސް ވަނީ އޭނާގެ ޕްލޭނުގައި ރޮނާލްޑޯ ނުހިމެނޭ ކަމަށް ބުނެފަ އެވެ.

ރޮނާލްޑޯ އަށް އެހެން ކްލަބަށް ނުދެވުނީ އޭނާ އަށް ދޭން ޖެހޭ މުސާރަ މާބޮޑުވުމުން އެއްވެސް ބޮޑު ކްލަބަކުން އޮފާއެއް ނުދޭތީވެ އެވެ.

އެކަމަކު މި އިންޓަވިއުއާ އެކު ދެން އޭނާ ކްލަބުގައި ދެމި ހުންނާނެ ކަމަށް ނުބެލެވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޖަރުމަނުގެ ބަޔާން މިއުނިކާއި އިންގްލެންޑުގެ ޗެލްސީ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިޓަލީގެ އޭސީ މިލާނާއި ނަޕޯލީން ރޮނާލްޑޯ ގެންދަން ވިސްނަ އެވެ.

ރޮނާލްޑޯގެ އިންޓަވިއު އެއްކޮށް ރިލީޒްވުމުން ޔުނައިޓެޑުން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ އެވެ. ބެލެވޭ ގޮތުގައި އެއް މިލިއަން ޕައުންޑުން ޖޫރިމަނާކުރާނީ އެވެ. ފަހަރުގައި ކޮންޓްރެކްޓް އުވާލަފާނެ އެވެ.

ރޮނާލްޑޯ މިވަގުތު ހުރީ އަންނަ އާދީއްތަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕުގައި ކުޅުމަށް ޕޯޗުގަލް ގައުމީ ޓީމާ އެކު ގަތަރުގަ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިޙްސާސް

16 November 2022

ރޮނާލްޑޯ ބުންޏަސް އެބުނީ ހަމަ ތެދަަށް. ދުނިޔޭގެ އަރަމުން އަންނަ ވަރުގަދަ ފޯވާޑުން މެންޔޫ އަށް ނުދާ ސަބަބީކީ އެބުނި ސަބަބުތައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454