ގައިދީންތަކެއް މާލޭގެ މަގުމަތީގެ މަސައްކަތެއް ކުރަނީ: މާފުށީ ޖަލުގައި ކުށްވެރިން ފޯނު ބޭނުން ކުރުން ހުއްޓުވުމަށް ވަނީ އެންޓެނާއެއް ހަރުކޮށްފައި.---ފައިލް ފޮޓޯ| މިހާރު
22 ނޮވެމްބަރ 2022 - 13:18
މާފުށީ ޖަލުގައި ފޯނު ބޭނުންކުރުން ހުއްޓުވުމަށް ހަރުކުރި އެންޓަނާގެ ނަތީޖާ ފެންނަ ކަމަށާއި މިހާރު ޖަލުގެ މޯބައިލް ނެޓްވޯކަކީ މޮނީޓަކުރެވޭ ނެޓްވޯކެއް ކަމަށް ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
ޕޮލިހާއި ކަރެކްޝަންސް އަދި ހޯމް މިނިސްޓްރީ ގުޅިގެން މިދިޔަ ހަފުތާގައި ބޭއްވި ޕްރެސް ކޮންފަރެންސަށް ފަހު، ޕްރިޒަންސް ކޮމިޝަނަރު "މިހާރު" އަށް ވިދާޅުވީ، މާފުށީ ޖަލުގައި ހަރުކުރި "ހަނީޕޮޓް" އެންޓަނާގެ ސަބަބުން، ޖަލުގައި ކުރާ ފޯނު ކޯލުތައް މޮނީޓަކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ހުއްދަ ދީގެން ބޭނުންކުރާ މޮބައިލް ފޯނުތަކާއި ހުއްދަ ނެތި ގެންގުޅޭ ފޯނުތައް އޭގެ ސަބަބުން ދެނެގަނެވޭ ކަމަށެވެ.
"މިހާރު ދަނީ ކޮންމެ ދުވަހަކު އަންނަ ފޯނު ކޯލުތައް މޮނީޓާކޮށް، ސްކޭމް ކޯލުތައް ކުރާ މީހުން ފާހަގަކޮށް އެ ކޯލްތައް ބްލޮކް ކުރަމުން. އޭގެ އިމްޕެކްޓް ފެންނަން ފަށައިފި،" ކޮމިޝަނަރު ވިދާޅުވި އެވެ.
ޖަލުތަކުގައި ފޯނު ބޭނުންކުރުމާއި ސްކޭމް ކޯލުތައް ކުރުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެކަން ހައްލުކުރަން މާފުށީ ޖަލުގައި ޖޭމަރެއް ވެސް ހަރުކުރި އެވެ. އެކަމަކު، މީހުން ދިރިއުޅޭ ރަށަކަށް ވާތީ އެކަށީގެންވާ ގޮތެއްގައި އެ ބޭނުން ނުކުރެވޭ ކަމަށް ބުނެ އެ ބޭނުންކުރުން ހުއްޓާލީ އެވެ.
އެހެންވެ، ޖަލުގައި ފޯނު ބޭނުންކުރުމުގެ މައްސަލައަށް ކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރުންގެ ލަފައާ އެކު ބެހެއްޓީ އެކަމަށް ހާއްސަ އެންޓަނާއެކެވެ. އެކަމަކު އެއިން ލިބޭ މައުލޫމާތަށް ބަލާއިރު ޕްރައިވެސީ މައްސަލަ ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޕްރިޒްންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު، މިދިޔަ ހަފުތާގެ ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"މިހާރު އަޅުގަނޑަށް އެއް ކަމެއް ކަށަވަރުކުރެވޭނެ. ޖަލުގެ މޮބައިލް ނެޓްވޯކަކީ މޮނިޓާޑް ނެޓްވޯކެއް. މާނައަކީ، އެ ތަނުގައި ހުއްދަ ދެވިގެން ބޭނުންކުރާ މޮބައިލްތަކަކީ ކޮބާ ކަމާއި ހުއްދަ ނެތި ބޭނުންކުރާ މޮބައިލްތައް އަޅުގަނޑުމެންނަށް އެބަ ދެނެގަނެވޭ. އާއްމުން ދިރިއުޅޭ ތަނެއްގައި ހުންނަ ސަރަހައްދަކަށް ވާތީ އެ ތަނަކީ އާއްމު ރައްޔިތުންގެ ނަމްބަރުތަކާ އެއްޗެހި އަންނާނެ، ޕްރޮސެސްއެއްގެ ތެރެއިން މިކަން ކުރަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.
ޕްރިޒަން ކޮމިޝަނަރު ވިދާޅުވީ ޖަލުތަކުގައި ފޯނު ބޭނުންކުރާ މައްސަލައަށް އެ އިދާރާއަށް އެކަނި ހައްލެއް ނުގެނެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މައްސަލަ ހައްލުކުރެވޭނީ ނިޒާމު ތެރޭގައި ދެން ހުރި ހުރިހާ މައްސަލައަކަށް ހައްލު އަންނައިރު. އެއީ ހަމައެކަނި ހޯމް ސެކްޓާއަށް ހައްލުވާނެ ކަމެއް ނޫން. ސާވިސް ޕްރޮވައިޑަރުން، ސިމް ދޫކުރުމުގައި ގެންގުޅުމުގެ އުސޫލުތަކަށް ބަދަލު އަންނަންޖެހޭ. ހަމަ އެގޮތަށް، ޑޭޓާ ޝެއާކުރުމުގެ މައްސަލަތަކަށް ހައްލު އަންނަންޖެހޭ. ގާނޫނުތަކަށް ވެސް އިސްލާހު އަންނަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
މި ހުރިހާ ކަމެއް އިންތިޒާމްވެގެން އައުމުން، ޖަލުގައި ފޯނު ބޭނުންކުރުމުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
23 November 2022
ކުރެވޭނެ، ވާނެ، ކޮއްފަދައްކަބަލަ. ރައިއްޔަތުން ގޮތްހުސްވެއްޖެ ޕާޓޭންނާ ގޭންގްތަކުގެބިރައް.
ބަގު
24 November 2022
ސަރުކާރު ބިރުގަންނަނީ ހަރުކަށި މީހުން ދެކެ ގޭންގުތަކާހުރެ ރައްޔިތުން ގޮތްހުސްވިޔަސް އޯކޭ އެއީ އެމީހުންގެ ބިޒްނަސް
މޮނިޓަރު
23 November 2022
މޮނިޓަރ ކުރެވޭނެ. މޮނީޓަރުގެ ފޮތުގައި ވެސް ލިޔެވޭނެ. ލިޔަން އިންނަ މީހާއާއި ލިޔާ މީހާއާއި ލިޔަން ބުނާ މީހާ އެމީހުން ބައިވެރިވެގެން ކުރާ ކަންކަމުގެ ވާހަކަ މޮނީޓަރު ފޮތުގައި ލިޔެފައި ނޯންނާނެ. އިހަކަށްދުވަހު ޑްރަގް ވައްދަން އުޅުނު އޮފިސަރުކަހަލަ ކިތަންމެ އޮފިސަރުންނެއް މި އިދާރާތަކުގައި ތިބޭނެ.
ހޮޓްކިންގ
23 November 2022
މިރާއްޖޭގައި، ޖަލެއް، އިންގީނުގެއެއް، ފެންޕްލާންޓެއް، ކުނިއަންދާ މެށިނެއް ބެހެއްޓިޔަސް އެތަން މިހަދަނީ އެތާ ދިއުޓީހުންނައިރު ހަވީރު ފުށް ޖަހައިގެން ހިނގަން ނިކުއްނަ އަންހެންކުދިން ފެންނަފަށުގާ. ކީއްވެތާ މީހުން ދިރިއުޅޭ ރަށްރަށާ ތި ތަންތަން ވަކި ނުކުރެވިގެން ތިއުޅެނީ؟
މަހަމޫދު
23 November 2022
ފަޅުރަށަކަށް ޖަލު ބަދަލުކޮށް ޖޭމަރު ބެހެއްޓީމާ ތިކަން ހައްލުވީ. އެގޮތަށް އެކަން ކުރުމަށް ފައިސާ ހޯދޭނެ ސިޔާސީ މަގާމުގައި ތިބޭ މަސައްކަތް ނުކުރާ ބޭކާރު މީހުން ކަނޑާލައި އެފައިސާއިން.
ޑޮކްޓާރ. ބަނާނާ
22 November 2022
މަގުމަތީ އެއްއަރިމަތީ ގައި ބޮނދާއިގެން ތިބޭ ބިދޭސީންނަށް ވިއްކާ މޮބައިލް ސިމްތައް ވިއްކުން ހުއްޓުމަކަށް ގެނެސްގެން ނޫނީ ތިޔަކަން ހައްލު ނުވާނެ..
އަޒީޒާ
22 November 2022
ފޯނު އެތެރެކުރާ މީހުން މޮނިޓާ ކުރެވޭނެ ނިޒާާމެއް ހެދިއްޔާ ނަތީޖާ މާރަނގަޅު ވާނެ. މިހާރު ތިވާގޮތުން މާފުށީގެ އާއްމު ރައްޔިތުންގެ ޒާތީ ފޯނުގެ މުއާމަލާތްތަކަށް ވެސް ޕްރައިވެސީއެއް ނެތް ދޯ ؟ ރާއްޖެއަށް ކަމުދަނީ ވަން އައިލެންޑް ވަން ޖެއިލް ކޮންސެޕްޓް. ފަޅުރަށެއްގަ ޖަލެއް އަޅާ މާފުށިން ޖަލު ބަދަލު ކުރަން ގޮވާލަން..
އިބްރޭތަރި
22 November 2022
ރާއްޖޭގައި ފޯނުގެ ޚިދުމަތްދޭ ކުންފުނިތަކުން ބަލަނީ ވީހާގިނަ ސިމް ބަހާލެވޭތޯ. ފަައިދާބޭނުމީ!
ނޭދޭ ބަދަލު
22 November 2022
އެކަން އެބައެނގޭ ޖަލަށް މިހާރު ތަކެތި އެ ވައްދަނީ ޖަލު އޮފިސަރުން
ކޮރަލްމީހުން އުޅޭ ރަށްރަށުގަ ޖަލު ހެދީމަ ހުރިހާ ަމއްސަލަ އެއްވެސް ދިމާވާނެ އެވެ.
22 November 2022
މީހުން އުޅޭ ރަށްރަށުގަ ޖަލު ހެދީމަ ހުރިހާ މައްސަލަ އެއްވެސް ދިމާވާނެ އެވެ.
1206
22 November 2022
މިއިން ދޭހަވަނީ އަސްލު މައްސަލަ ހައްލު ކުރަން، ސަރުކާރުގެ މުއައްސަސާތަކުން ހެޔޮ ނިޔަތުގައި މަސައްކަތްކޮށްފައިނުވާ ކަން. ނޫސްވެރިން ވެސް މައުލޫމާތު ހޯދައި ފެތެރުމުގައި ޣައިރުޒިންމާދާރު ކަން. އަހަރުމެންނަށް އޮތީ މި ވާހަކަ ދައްކަދައްކައި އަނގަފާރުއެޅުން. މައްސަލަ ވެސް، މައްސަލަ ދިމާވާ ގޮތް ވެސް އެންމެނަށް އެނގޭ. އެކަކު ވެސް، މައްސަލަ ހައްލު ކުރަން ބޭނުން ނުވުން ހުރިހާ ވެސް މައްސަލަޔަކީ.
އަލިފުޅު3
23 November 2022
މުޅި ގައުމު މިއޮތީ މަތިމައްޗަށް އަނގަފާރު އަޅާ އަވަދިވެފަ!