ގަތަރުގައި ކުރިއަށް ދިޔަ ޓްރެއިނިން ސެޝަނެއްގައި ނޭމާ، ކުޑަކުދިންތަކަކާ ބައްދަލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
24 ނޮވެމްބަރ 2022 - 12:38
ލުސެއިލް (ނޮވެމްބަރު 24) - ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާގެ ކުޅުމުގައި ރަން ދުވަސްތައް ކަމަށް ވިޔަސް އުމުރުން 30 އަހަރުގެ ފޯވާޑް ވަނީ މިފަހަރުގެ މުބާރަތަކީ އޭނާގެ ފަހު ވޯލްޑް ކަޕް ވެދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.
ސީނިއާ ގައުމީ ޓީމާ އެކު ނޭމާ އަށް މިހާތަނަށް ކާމިޔާބު ކުރެވުނީ 2013 ވަނަ އަހަރުގެ ކޮންފެޑެރޭޝަން ކަޕް މުބާރާތެވެ. އޭރު އުމުރުން 21 އަހަރުގައި ނޭމާ ވަނީ ފައިނަލް މެޗުގައި ފުލްކޮށް ކުޅެ، އޭރުގެ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން ކޮޅަށް ގޯލު ވެސް ޖަހައިފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް އެ އަހަރު އޭނާ ހޯދި އެވެ.
މިއީ ނޭމާ ކުޅޭ ތިންވަނަ ވޯލްޑް ކަޕެވެ. އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ގައި؛ 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ސެމީ ފައިނަލަށް ދަތުރު ކުރި އެވެ. ނަމަވެސް ކުއާޓާ ފައިނަލް މެޗުގައި އަނިޔާ ވެގެން އޭނާ އަށް ސެމީ ފައިނަލުގެ މެޗު ގެއްލުނެވެ. އަދި އެންމެ ފަހުން ރަޝިއާގައި ބޭއްވި މުބާރާތާ ކުރިމަތިލީ ބޮޑު އަނިޔާއަކުން ސަލާމަތް ވެގެންނެވެ. އޭނާގެ މޮޅު ކުޅުމާ އެކު ވެސް ދަނޑުމަތީގައި 'އެކްޓު' ޖައްސާ ކަމަށް ބުނެ ގިނަ ބަޔެއްގެ ނުރުހުން އޭރު އޭނާ އަށް އަމާޒު ވިއެވެ.
ގަތަރުގައި ބޭއްވި ފަރިތަކުރުން ތަކުގައި ނޭމާ (މ) އާއި ސިލްވާ (ކ) އަދި މާކީނިއޯސް (ވ).-- ފޮޓޯ: އޭއެފްޕީ
ނަމަވެސް މި އަހަރުގެ ވޯލްޑް ކަޕަށް ނޭމާ ކުރިމަތިލާ އިރު އޭނާ ހުރީ މީގެ ކުރީ ދެ ވޯލްޑް ކަޕުގައި ފެނުނު ނޭމާ އަށް ވުރެ ތަފާތު ފޯމެއްގަ އެވެ. ފްރާންސްގެ ޕީއެސްޖީ ކްލަބް ލެވެލްގައި ކުޅޭ ނޭމާ މި ސީޒަންގައި ވަނީ އެޓީމަށް 20 މެޗު ކުޅެދީ، 15 ގޯލު ޖަހައި ދީފަ އެވެ. އަދި އޭނާ ވަނީ ޖުމްލަ 27 ގޯލުގައި ހިއްސާ ވެފަ އެވެ.
ޕީއެސްޖީގެ ތަފާތު ފޯމާ އެކު، މި އަހަރުގެ ވޯލްޑް ކަޕް ގައި ކުޅޭ ނޭމާ އަކީ ކުރީ އަހަރުތަކުގައި ފެނުނު ނޭމާ އަށް ވުރެ ތަފާތު މޮޅު ފޯމެއްގެ ނޭމާ އެއް ކަމަށް އެގައުމުގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ވަނީ ބުނެފަ އެވެ.
"އަހަރެންނަށް ހީވޭ ނޭމާ މި މުބާރާތަށް އައީ ތަފާތު މޮޅު ފޯމެއްގައި ހެން. އޭނާގެ ކުޅުން މި އަހަރު ތަފާތު. 2014 ވަނަ އަހަރު އޭނާ އަށް އަނިޔާ ވީ ވަރަށް މޮޅަށް ކުޅެމުން ދަނިކޮށް، އަދި 2018 ވަނަ އަހަރު އޭނާ އައީ ތަފާތު ގޮތަކަށް އެއީ ސީރިއަސް އަނިޔާތަކަކާ އެކު އައުމުން އެންމެ މޮޅަށް ނުކުޅެވުނު. ނަމަވެސް ތަފާތު ތައްޔާރީތަކަކާ އެކު، އަނިޔާއެއް ނުވަތަ ހާސްވެ ނުތަނަވަސް ވާފަދަ އެއްވެސް ކަމަކާ ނުލައި މިއަހަރު ފެންނަނީ މާ ރަނގަޅު ނޭމާ އެއް،" ފުރަތަމަ މެޗުގައި ސާބިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސިލްވާ ބުންޏެވެ.
ތިއާގޯ ސިލްވާ، ސާބިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
"ކުލަބް ލެވެލް ގައި އޭނާ ރީތި ފުޓުބޯޅައެއް ކުޅޭ، އަދި ގައުމީ ޓީމު ތަމްސީލު ކުރުމުގައި ވެސް މޮޅަށް ކުޅޭ. އެކަމަކު ގައުމީ ޓީމާ އެކު ތަށްޓެއް ހޯދަން އުނދަގޫ ވެފައި ވަނީ ނޭމާއަށް އެކަންޏެއް ނޫން. ބްރެޒިލްގެ ހުރިހާ ރައްޔިތުންގެ ވެސް އެދެނީ މި މުބާރާތާ އެކު ނޭމާގެ ކެރިއަރު ފެށުނީއްސުރެން އޭނާއާ މެދު ކުރަމުން ދިޔަ އުންމީދުތަކުގައި ހަގީގީ ކުލަ ޖެހުން.
"މީގެ އިތުރުން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އަމާޒު ހާސިލް ކުރުމަށް ޔަގީން ކަމާއެކު އެހީތެރިވެދޭނެ ފެންވަރުގެ ޝައުގުވެރި ކުޅުންތެރިން (ބްރެޒިލް ޓީމުގައި) އޭނާއާއެކު ކުރިއަށް ކުޅެން އެބަތިބި."
ނޭމާ އާއި ތިއާގޯ ސިލްވާ ވެސް ވަނީ ކްލަބް ފުޓުބޯޅައިގައި ކުޅުންތެރިއަކަށް ހޯދޭނެ ހުރިހާ ކާމިޔާބެއް ހޯދައިފަ އެވެ.
ބްރެޒިލް އާއެކު ނޭމާ ކޮންފެޑެރޭޝަން ކަޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަނަކީ ތިއާގޯ ސިލްވާ އެވެ. އަދި ސިލްވާ އަކީ 2019 ވަނަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކުރި ބްރެޒިލް ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އެ މުބާރާތުގެ ސްކޮޑަށް ނޭމާ ނެގި ނަމަވެސް، ފުރުސަތު ގެއްލުނީ އެންމެ ފަހު ވަގުތު ރަހުމަތްތެރިކަމުގެ މެޗެއްގައި ގަތަރާ ދެކޮޅަށް ކުޅެނިކޮށް އަނިޔާ ވެގެންނެވެ.
މި އަހަރު މުޅި ބްރެޒިލް ވެސް ތިބީ ގަތަރުގައި ހަ ވަނަ ފަހަރަށް އެ ގައުމުން ވޯލްޑް ކަޕް ތަށި އުފުލާލުމުގެ އުންމީދުގަ އެވެ.
ކެމަރޫން އާއި ސްވިޒަލެންޑް ވެސް ހިމެނޭ ވޯލްޑް ކަޕް ގުރޫޕް ޖީ ގައި، ބްރެޒިލް ގެ ފުރަތަމަ މެޗުގައި ސާބިއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދުބެއްޔާ
24 November 2022
ނޭމާ މި މުބާރާތަށް އައީ ތަފާތު މޮޅު ފޯމެއްގައި. އޭނާގެ ކުޅުން މި އަހަރު ތަފާތު. 2014 ވަނަ އަހަރު އޭނާ އަށް އަނިޔާ ވީ ވަރަށް މޮޅަށް ކުޅެމުން ދަނިކޮށް. މިފަހަރު ފުރަތަމަ މެޗުގައި އޭނާ ފެނުނަސް މެޗްގެ މެދުތރެއިން އޭނާ ނުފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އަންކަލް ސޭމް
24 November 2022
މަގޭމެންގެ އުންމީދުތައްވެސް ގުޅިފާވަނީ ނޭމާއާ.