ފުލުހުން އަތުލައިގަތް މަސްތުވާ އެއްޗެހިތަކެއް ނައްތާލަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
27 ނޮވެމްބަރ 2022 - 14:03
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ހިންގުމަށް ބަދަލުތަކެއް ގެނެސް، ފަރުވާއަށް އެދޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ފަރުވާ ފަށައިފި އެވެ.
އެ އެޖެންސީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ވަނީ 433 މީހުން ޑިޓޮކްސިފިކޭޝަންގެ ފަރުވާއަށް އެދިފަ އެވެ. އޭގެ ތެރެއިން 371 މީހެއްގެ ފަރުވާ ފެށިފައިވާތީ ބާކީ ތިބީ 62 މީހެކެވެ.
އަމިއްލައަށް ބޭނުންވެގެން ރިހެބިލިޓޭޝަން އަދި ކޮމިއުނިޓީ ފަރުވާއަށް 126 މީހުން ހުށަހަޅާފައިވެ އެވެ. ފަރުވާ ފެށިފައިވަނީ 108 މީހެކެވެ. ފަރުވާ ނުފެށި ތިބީ 18 މީހެކެވެ.
އެންޑީއޭއިން ބުނީ މި އަހަރުގެ މިހާތަނަށް 458 މީހުން ފަރުވާއަށް ހުކުމްކޮށްފައިވާ ކަމަށެވެ. އެއީ؛
- ރެސިޑެންޝަން ފަރުވާ: 160
- ކޮމިއުނިޓީ ފަރުވާ: 298
ފަރުވާ ފެށި މީހުންގެ އަދަދު
- ރެސިޑެންޝަން ފަރުވާ: 69
- ކޮމިއުނިޓީ ފަރުވާ: 30
އެންޑީއޭއިން ބުނީ އެންމެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނަނީ މާލޭގައި ހުންނަ ކޮމިއުނިޓީ ސާވިސް ސެންޓަރުން ކަމަށެވެ. އެ ތަނުގައި 262 މީހުން ފަރުވާ ހޯދަ އެވެ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި 100 މީހުން ފަރުވާ ހޯދަ އެވެ.
ރަށްރަށުގެ ސެންޓަރުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނަނީ ހިތަދޫގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގަ އެވެ.
އެންޑީއޭއާ ގުޅޭގޮތުން އެ އެޖެންސީގެ އާ ސީއީއޯ އިމާދު ސޯލިހު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ފަރުވާ ބޭނުންވާ މީހުން ވެސް ރަނގަޅަށް އެއްބާރުލުން ދޭނަމަ އެންމެ ލަސްވެގެން ދޮޅު މަސް ދުވަހުގެ ތެރޭގައި ފަރުވާ ފެށޭނެ ކަމަށެވެ. އަދި މިހާރު އެންމެ އިސްކަމެއް ދެނީ، ސެންޓަރުތައް އެންމެ ފުލް ކެޕޭސިޓީގައި ބޭނުންކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދުކުރަނީ އެއަށްވުރެ ވަގުތު ކުޑަކުރަން. މާނައަކީ ވީހާ ވެސް އަވަހަކަށް އަޅުގަނޑުމެން ކްލައިންޓުން މި ނިޒާމުގެ ތެރެއަށް ވެއްދި، ފަރުވާގެ ނިޒާމުގެ ތެރޭގައި އޭނާ ޝާމިލްކުރެވޭނެ ގޮތް ހެދުން،" އިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ފަރުވާ ނުލިބުމުގައި ހުރީ ހަމައެކަނި އެންޑީއޭގެ މައްސަލަ އެކަނި ނޫން ކަމަށެވެ.
އަމިއްލައަށް ބޭނުންވެގެން ފަރުވާގެ ނިޒާމަށް އަންނަނީ ވަރަށް މަދު ބައެއް ކަމަށާއި ގިނަ މީހުންނަކީ ކޯޓަށް ގެންދިއުމުން ފަރުވާއަށް ހުކުމް ކުރާ މީހުން ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށިފޮ
06 December 2022
ޙުސްދޮގު ކޮންމެ ކަމެއްގައިވެސް ދޮގު ހެދުން ނޫނީ ކަމެއް ނެތީ
ޓެކުނޮލަޖީ
28 November 2022
އެންޑީއޭގަ ނެތް ޑޭޓާސިސްޓަމެއްވެސް ދުވަހުންދުވަހައް ތިޕޮރޮގުރާމުގައި ތިބި މީހުންގެ ކަންތައް ޓުރެކު ކުރެވޭނެ. މާފަހަތުގައި އެންޑީއެ އޮތީ
ގުރާމު
28 November 2022
ހަބަނޑައް ބޯލައިގެން ތިބެ ނުބޮމޭ ބުނާ ބައެއް އެއީ. ހަރުކަށިއަދަބުން ނޫންގޮތަކައް އެމީހުން އިސްލާހެއްނުވާނެ
ޖައްލޭ
28 November 2022
ފަރުވާދޭ އެއްވެސް މަރުކަޒެއް އަދި ތިކިޔަ ޕުރޮގުރަމު މީހަކުވެސް އާއްމުރައްޔިތުން ދިރިއުޅޭ ރައްތަކުގައި، ހާއްސަކޮއް ތޮއްޖެހިފައޮތް މާލެސިޓީގައި ގެންގުޅުމަކީ ގޯހެއް. ތިޔަބަޔަކު ބައިތިއްބަން ކޮންމެސް ފަޅުރަށެއް ހަދާ
އޮޅުންބޮޅުން
28 November 2022
ބޯމީހުންނައް ފަރުވާ ދެންޏާ ވައްކާންކުރާ މީހުންނައްވެސް ދޭންޖެހޭނީ ފަރުވާ އުތަ؟
އައްޑުބެއްޔާ
28 November 2022
ފަރުވާ ޕުރޮގުރާމުގައި ރަށްތަކުގަ ތިބޭމީހުން ސަރުކާރުން އެރަށެއްގަ ހިންގާ ކޮންމެސް މަސައްކަތެއްގައި ބައިވަރިކޮއްފަ ކޮންމެ ދުވަހަކުވެސް އެތަނެއްގަ ވޯކު ކުރާގޮތައް ހަދާފަ އެމީހުންގެ ވޯކު ކަންތަކާ ޑިސިޕްލިން ސަރުކާރުން ބަލާގޮތައް ފަރުވާ ޕޮރުގުރާމު ބަދަލުކުރޭ. އުޖޫރާގެ ގޮތުގައި ދުވާލަކައް 30 ރުފިޔާ އަށްވުރެ ގިނަވެގެން ނުވާނެ. ފަރުވާއެ ކިޔާފަ ގޭގަ ބައިތިއްބައިގެން އިތުރައް އެޑިކްޓުން ބޮއިފަ އާއިލާއަށް ތަކުލީފުޖެއްސީމަ ފަރުވާޕޮރޮގުރަމް ކަމަކުނުދޭ
ތަގޭ
28 November 2022
އެބަޖެހޭކަންނޭގެ ތަންކޮޅެއް ހަރުކަށިވާން ތިކަމުގަ އެންޑިއޭ. މާބޮޑައް ދޫދިނީމަ އެޑިކްޓުން އަރާނީ ތިބޭޅުންގެ ބޮލައް. މިހާރުވަނީ އެހެން
ގަބީލާ
28 November 2022
އިމާދުގެ ބޯވެސް މިހާ އަވަހައް އެމީހުން ކައިފިހެން އެބަހީވޭ
ބަހާދަރު
28 November 2022
އަދަބު ހަރުކަށިކޮއް ފަރުވާ ޕުރޮގުރާމުގެ މޮނިޓަރިން ވަރުގަދަ ނުކޮއް ކުރިއައް ދެވޭކައް ނެތް އިމާދު. ގިނަ އެޑިކުޓުން އެއައްވުރެ ބޯ ނުބައި
ރިއްޕެ
28 November 2022
ހެޔޮކޮއް. ކޯޓުން ހުކުމް ނުކުރާހާ ހިދު ބޯ ކަމައް އެއްބަސްވެސް ނުވޭ އެމީހުން
ބެރޭ
28 November 2022
ބައެއް މައިންބަފައިންނައް ބޯކަން އެގިތިބެ ރުފިޔާދޭ. އައްސު މިއުޅެނީ އެންޑީއޭގެ އެކަނި މައްސަލައެއްނޫން
ކުއްވެރިންނައް ދޭނީ އަދަބެވެ.
28 November 2022
ފަރުވާ ދޭންޖެހޭނީ ބަލިމީހުންނައް. ލީގަލީ އެޑަލުޓުންނައް ވެފާތިއްބާ މަސްތުވާ އެއްޗެތި ބޭނުންކުރުމަކީ ބައްޔެެއްނޫން އެއީ ބޮޑުކުށެއް. ކުށުގެ ހުރިހާ އުންސުރެއް ހަމަވާނެ. ކުއްކުރީމަ ދޭނީ އުގޫބާތުގައި އޮތް އަދަބު. ކުށައް އަދަބު ކަޑައަޅާފަ ދީނުގަވެސް ގާނޫނުގައިވެސް އޮންނަނީ ކުއްކުރާމީހާ އިސުލާހުކޮއް މުޖުތަމައުގެ ރައްކަލަކައް. އެ މަހުފޫމުން ބޭރުވީމަ މުޅިނިޒާމު ތިއޮތީ ގަޑުބަޑުވެފަ.
މޯޖު
28 November 2022
ބޯބައިގަނޑު ފަޅުރަށަކައް އަޅާބަޔެ. ބަލާއާ ހަމައޭ