މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު މިދިޔަ ހުރިހާ ދުވަސްވަރެއްގައި ވެސް "އާންމުންނަށް ނުފެންނަ ހާލަތަކަށް" ވެއްޓިފައިވާ ކަމަށާއި ފަރުވާ ދީފައި ނެރޭ ގާތްގަނޑަކަށް އެންމެ އަލުން ރިހެބަށް ގެންދަންޖެހޭ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ) އިން ރޭ ބުނެފި އެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެންޑީއޭ ހިންގުމާ ހަވާލުވެ ހުންނެވި، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޝިދު ވިދާޅުވީ އެންޑީއޭ ގޯސް ހާލަތަކަށް ވެއްޓިފައި އޮތް ނަމަވެސް އެ ހާލަތުން އަރައިގަންނަން މިދިޔަ ދެ އަހަރެއްހާ ދުވަހު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. 

"އާންމުންނަށް ނުފެންނަ ވަރުގެ ހާލަތަކަށް އަޅުގަނޑުމެންގެ ފަރުވާ ދިނުމުގެ ކަންކަން ވެއްޓިފައި އޮތީ. ބަޔަކަށް އިނގިލި ދިއްކުރަނީކީ ނޫން. މިއީ އެންމެ ފުރަތަމަ ފެށިގެން ވެސް އެކަން އަންނަމުން އައި ގޮތް،" ރާޝިދު ވިދާޅުވި އެވެ. 

ނަމަވެސް އޭނާ ވިދާޅުވީ، މިއީ އެންޑީއޭ ބޮންސުންލާފައި އޮތް މައްސަލަ ހައްލު ކުރާނެ އަހަރަކަށް ވާނެ ކަމަށެވެ. އޭގެ ތެރޭގައި ބައިނަލްއަގްވާމީ އުސޫލުތަކާއި ހެއްކާއި ގަރީނާ އަށް ބިނާވާ އަދި ހާއްސަކޮށް އިސްލާމީ ތަރުބަވީ ދިރިއުޅުމުގެ މައްޗަށް ފަރުވާގެ ބިންގާ އެޅުން ހިމެނޭ ކަމަަށް ރާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރުމުން ސަލާމަތް ވާން ބޭނުންވާ މީހުންނަށް އެހީތެރިވެވޭނެ ރަނގަޅު ނިޒާމެއް ރާއްޖޭގައި މިހާރަކު ނެތެވެ. ދެހާސް ވަނަ އަހަރުގެ ހިސާބުގައި ވަރަށް ގިނަ ކަންކަން ރަނގަޅު ކުރެވުނަސް މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ސަލާމަތް ކުރުމުގެ ނިޒާމު ތަފާތު ސަަބަބުތަކާ ހެދި ވަރަށް ބޮޑަށް ހީނަރުވި ކަމަށް ރާޝިދު ވިދާޅުވި އެވެ.

އެންޑީއޭ ހިންގުމާ ހަވާލުވެ ހުންނެވި ރާޝިދު: މި އަހަރު ވަރަށް ގިނަ ކަންކަން ރަނގަޅު ކުރާނެ ކަމަށް ވިދާޅުވި.
އެންޑީއޭ ހިންގުމާ ހަވާލުވެ ހުންނެވި ރާޝިދު: މި އަހަރު ވަރަށް ގިނަ ކަންކަން ރަނގަޅު ކުރާނެ ކަމަށް ވިދާޅުވި.

"އެހެންވީމާ އަޅުގަނޑުންނަށް ވަރަށް ގިނަ ކަންކަން މި ޖެހުނީ އަލުން ސްކްރެޗުން ފަށަން،" އޭނާ ވިދާޅުވި އެވެ. 

އެންޑީއޭގެ ބައެއް ގޮންޖެހުންތައް:

  1. އެކަށީގެންވާ އަދަދަށް މުވައްޒަފުންނެއް ނެތް.
  2. މިހާރު ވެސް ތިރީހަކަށް މީހުންނަށް ކައުންސިލިން ދޭއިރު، ނަފުސާނީ ފަރުވާ ފޯރުކޮށްދޭނެ މީހުންގެ އަދަދު މަދު.
  3. ފަރުވާދޭ ސެންޓަރުގެ ހާލަތު ރަނގަޅު ކުރަންޖެހޭ.
  4. ފަރުވާދޭ ސެންޓަރުތަކުގައި ޑިމާންޑާ އެއްވަރަށް ޖާގައެއް ނެތް.

ރާޝިދު ވިދާޅުވީ، ޑްރަގް ބޭނުންކުރާ މީހުންނަށް ފަރުވާދޭ ނިޒާމު ރަނގަޅު ކުރުމުގައި މިދިޔަ ދެ އަހަރު އާންމުންނަށް އެހާ ބޮޑު ތަފާތުތަކެއް ނުފެނިދާނެ ކަމަށާއި އެކަމަކު ވަރަށް ބައިވަރު ކަންކަން "ގްރައުންޑް ލެވެލް" ގައި ކޮށްފައިވާ ކަމަށެވެ. 

"ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ ކުއްޖާ އަށް ބޭނުންވާ ހުރިހާ ކަމެއް ރެޑީވެގެން އަންނާނީ. މަގުމަތިން އެ ކުއްޖާ އަށް އެހީތެރިވާނެ މަގެއް ހޯދައިދިނުމާއި ފަރުވާގެ ތެރޭގައި ވެސް އެ މީހުންނަށް ބޭނުންވާ ކަންކަން ރަނގަޅަށް ފުދިގެން ދިއުން. އެނގެން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި،" އޭނާ ވިދާޅުވި އެވެ. 

ރާޝިދު ތަކުރާރުކޮށް ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާގެ ނިޒާމު ރަނގަޅު ކުރަން ވަށައިގެން ހުންނަންޖެހޭ ކަންކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

"ދެހާސް ސައްބީސް ވަނަ އަހަރަކީ ޕަބްލިކަށް މުޅިން ތަފާތު މަންޒަރެއް އިރާދަކުރެއްވިއްޔާ ފެނިގްންދާނެ އަހަރެއް،" އޭނާ ވިދާޅުވި އެވެ.  

މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމުގެ ތެރެއަށް މިހާރު ވައްދަނީ ފަރުވާ އަށް ގެންދަން ކޯޓުން ހުކުމެއް ކުރުމުން ނުވަތަ އެ މީހެއްގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ. 

ރާޝިދު ވިދާޅުވި ގޮތުގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގައި މިހާރު 10 ވަރަކަށް މަރުކަޒު ގާއިމުކޮށްފައިވާއިރު، ފަރުވާ ދިނުމަށް ތަފާޒު ނިޒާމުތައް ކުރިމަގުގައި ބޭނުންކުރާނެ އެވެ. އޭގެ ތެރޭގައި ފަރުވާ އަށް ބޭނުންވާ މީހާގެ ހާލަތަށް ވަކިން ރިއާޔަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. 

ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު: މަރާމާތު ނުކުރާތާ 28 އަހަރު ވެދާނެ ކަމަށް ރާޝިދު ވިދާޅުވޭ.
ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު: މަރާމާތު ނުކުރާތާ 28 އަހަރު ވެދާނެ ކަމަށް ރާޝިދު ވިދާޅުވޭ.

"މިހާރު ހަގީގަތަށް ދަންނަވަންޏާ ހާރަކަސަް، ތަރާވީހަކަސް ލާން [ޑްރަގް ފަރުވާއަށް މީހުން ގެންދަން] އޮތީ ހިންމަފުށި. އެ ތަނުގައި މިހާރު ޕްރޮގްރާމެއް އެބަ ހިނގާ ކޮންމެވެސް ވަރަކަށް. އެކަމަކު އަދިވެސް އަޅުގަނޑުމެން ބޭނުންވާ ފެންވަރަކަށް އެ ކަމެއް ނުދޭ،" ރާޝިދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، ޑްރަގް ފަރުވާދޭ މީހުންގެ މަރުކަޒުތައް "ވަރަށް ނިކަމެތި" ކަމަށާއި އެ ތަންތަނުގައި މިވީހާ ދުވަހު އެއްވެސް މަރާމާތެއް ވެސް ކޮށްފައި ނެތް ކަމަށެވެ. 

"ދެހާސް ސައްބީސް ވަނަ އަހަރަކީ ޕަބްލިކަށް މުޅިން ތަފާތު މަންޒަރެއް އިރާދަކުރެއްވިއްޔާ ފެނިގްންދާނެ އަހަރެއް" 
ރާޝިދު

އެގޮތުން ހިންމަފުށި ސެންޓަރު ހެދި ފަހުން 28 އަހަރު ވެފައިވާއިރު، މިހާތަނަށް އެއްވެސް މަރާމާތެއް އެ ތަނުގައި ނުކުރާ ކަމަށް ރާޝިދު ކަންބޮޑުވުމާ އެކު ވިދާޅުވި އެވެ. 

"ވަކި ބަޔަކަށް އެއްޗެއް ބުނަނީކީއެއް ނޫން. އެއްވެސް މަރާމާތެއް ކުރެވިފައެއް ނެތް. އެހެންވީމާ މިވަގުތު އެ ތަނުގައި ހަގީގަތުގައި ކެޕޭސިޓީއާ ގާތަށް ވެސް ކުދިން ގެންގުޅެވޭ ހާލަތެއްގައެއް ނޫން އޮތީކީ،" އޭނާ ވިދާޅުވި އެވެ. 

"ފަރުވާގެ ތެރޭގައި ކުއްޖާ ގެންގުޅޭއިރު އެ ކުދިން ވެސް ބަސްނާހާ ހާލަތްތައް ވެސް އަންނާނެ ކުރީކޮޅުގައި. އެހެންވީމާ އެ ކުދިން ބަސްނޭހީމާ އަޅުގަނޑުމެން ކަނޑައަޅަންޖެހޭ ކަންކަން. އެ ކަހަލަ ކަންތައްތައް ވެސް އަޅުގަނޑުމެންނަށް މިވަގުތު ކަނޑައެޅޭކަށް ނެތް ފެސިލިޓީތަކުގެ ހާލަތު ހުރި ގޮތުން."

ވަރަށް ބޮޑު އުންމީދެއްގައި

ރާޝިދު ވިދާޅުވި ގޮތުގައި އޭނާ ހުންނެވީ މި އަަހަރަށް ވަރަށް ބޮޑެތި އުންމީދުތަކެއްގަ އެވެ.

އޭގެ ތެރޭގައި ފަރުވާދޭ ސެންޓަރުތަކުގެ ހާލަތު ރަނގަޅު ކުރުމާއި ޑްރަގްގެ އިތުރު ފަރުވާގެ ނިޒާމުތައް ރަނގަޅުވުމާއި ސެންޓަރުގައި އާ ހިދުމަތްތައް ފަށައިގަތުން ހިމެނެ އެވެ. 

ނަފުސާނީ ފަރުވާ ބޭނުންވާ ވަރަށް ގިނަ މީހުން މަސްތުވާތަކެތީގެ ފަރުވާ އަށް އެދޭތީ އެފަދަ މީހުންގެ އެސެސްމަންޓުތައް ހަދަން ވެސް ވަގުތު ހޭދަކުރަން ޖެހޭތީ އެ ކަމަށް ވެސް ހައްލުތަކެއް އަންނާނެ ކަމަށް ރާޝިދު ވިދާޅުވި އެވެ. 

އޭގެ އިތުރުން މިޒާޖުގެ ގޮތުން އެހެން މީހުންނާ އެކު ގެންގުޅެން އުނދަގޫވާ މީހުންނަށް ވެސް ހާއްސަ ގޮތްތަކެއް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުކަޒުތައް ފުރި މަގުމަތިން މީހުން ގެންދެވޭކަށް ވެސް ނެތް

ރާޝިދު ތަކުރާރުކޮށް ފާހަގަކުރެއްވި އެއްކަމަކީ ޑްރަކް ކޯޓުން ވެސް ޑްރަގް ފަރުވާ އަށް ގިނަ ބަޔަކަށް ހުކުމް ކުރާއިރު އަދި މަގުމަތިން  ވެސް ގިނަ ބަޔަކު ސެންޓަރުތަކަށް ގެންދަންޖެހޭ ހާލަތުގައި އޮތް ނަމަވެސް ކިއޫ ދިގުވާ މައްސަލަ އެވެ. އަދި އަމިއްލަ އަށް އެދިގެން ވެސް އެތައް ބަޔަކު ޑްރަގް ފަރުވާ އަށް އެދޭތީ ބެކްލޮގް ހުސްކުރެވޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޑްރަގް ފަރުވާ އާންމުކޮށް ދެނީ ތިން މަހަށެވެ. އެހެންވެ، އިތުރު ބަޔަކު ސެންޓަރަށް ގެންދަން އަބަދުވެސް ތިން މަސް ހޭދަވާ ކަމަށް ރާޝިދު ވިދާޅުވި އެވެ. 

"ރާސްލާފައި ގެންގޮސް ތަނަކަށް ލައިގެން އެ މީހުން ބައްޓަން ކުރެވޭ ކަހަލަ ގޮތަށް ނޫން އަދި ވަސީލަތްތައް ހުރީކީ،" އޭނާ ވިދާޅުވި އެވެ. 

ރާޝިދު ވިދާޅުވީ، ބެލެނިވެރިން އެދިގެން ވަރަށް ގިނަ ފަހަރު ޑްރަގް ފަރުވާ އަށް މީހުން ގެންދާ ކަމަށާއި އެކަމަކު، ގާތްގަނޑަކަށް ހުރިހާ އެންމެން މަރުކަޒުން ނުކުންނަނީ ފަރުވާ ފުރިހަމަނުކޮށް ކަމަށެވެ. އެހެންވީމާ، އެންޑީއޭ އިން ކުރިމަގުގައި ބަލާނީ އެ މީހަކު އަމިއްލަ އަށް ޑްރަގް ފަރުވާ ބޭނުންވެގެން އެ އިދާރާ އަށް ހުށަހަޅާ މިންވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިގޮތަށް އުޅޭ ކުދިން އަޅުގަނޑުމެން އެބަ ހުނިޖަހަން،" ރާޝިދު ވިދާޅުވި އެވެ. 

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ޗެއާމަންގެ ޒިންމާއާ މިދިޔަ މަހު ހަވާލުވެވަޑައިގެންނެވި އަހުމަދު ސިއްދީގު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާތީ، ސެންޓަރުތައް މަރާމާތު ކުރުމާއި ފަރުވާ އެންމެ ބޭނުންވާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުން ހިމެނޭ ކަމަށެވެ. 

"މީގެ ކުރިން ވެސް ހަމަ ދިވެހި ސަރުކާރުތައް ރާއްޖޭގައި އޮތީ. އެކަމަކު މިކަން ހައްލު ކުރުމަށްޓަކައި އޭރު މަސައްކަތް ކުރެވުނު ނަމަހީ މިއަދު މި އަންނަ ޝޯޓޭޖެއް އަންނާކަށް ނުޖެހުނީސް،" ސިއްދީގް ވިދާޅުވި އެވެ.

"ސެންޓަރުތަކަށް މީހުން ވައްދަން އަޅުގަނޑުމެން އާބާތުރަ ފިލުވައިގެން މީހުން ވައްދާނެ ޖާގަ ބޮޑުކުރަން ނުޖެހުނީސް މީގެ ކުރިން ހެޔޮނިޔަތެއްގައި ރަނގަޅަށް މަސްތުވާތަކެތީގެ ވަބާއިން ރާއްޖޭގެ މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ނަމަހީ."

ފީލްޑުގައި ތިބީ ދެއަތުން ގުނާލެވޭހާ މަދުބައެއް:

ރާޝިދު ވިދާޅުވި ގޮތުން ނަމަ މަސްތުވާތަކެއްޗާ ގުޅޭ ކަންތައްތަކުގައި ރާއްޖޭގައި އަދިވެސް ހަރަކާތްތެރިވަނީ އެ ކަމަށް ހާއްސަކޮށްގެން 2004 ހިސާބުގައި އަމިއްލަ ބަޔަކު އިސް ނަގައިގެން އުފެއްދި ޖަމިއްޔާ "ޖާނީ" ގެ ތެރެއިން ނުކުތް ބައެކެވެ. 

"އަނެއްހެން ބުނާ ނަމަ ދެއަރުން ގުނާލެވޭ ވަރަށް ވުރެ މަދު މި ފީލްޑުގައި މަސައްކަތް ކުރަން ތިބި މީހުން. އަދި އަމުދުން މުޖުތަމައުގެ ތެރޭގައި ނެތް. ދެން ޖީލެއް ހަލާކުވެގެން ހިނގައްޖެ، ދޭތެރެ ފުދޭވަރަކަށް ދުރުވެފައި އޮތީ،" ކަންކަން ރަނގަޅު ނުކުރެވި ވަރަށް ދިގު މުއްދަތެއް ވެއަތުވެ ހިނގައްޖެކަން ފާހަގަކުރައްވަމުން ރާޝިދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ނުވަތަ ފަރުވާގެ ނިޒާމު ރަނގަޅު ކުރަން ވެސް މިހާރު އޮތީ އަލުން މީހުން އުފައްދަން ޖެހިފަ އެވެ.

"ރާސްލާފައި ގެންގޮސް ތަނަކަށް ލައިގެން އެ މީހުން ބައްޓަން ކުރެވޭ ކަހަލަ ގޮތަށް ނޫން އަދި ވަސީލަތްތައް ހުރީކީ،"
ރާޝިދު

އެހެންވެ، މީހުން އުފެއްދުމުގެ މަސައްކަތް މި އަހަރު ވަރަށް ބޮޑަށް ކުރިއަށް ގެންދާނެ ކަމަށް ރާޝިދު ވިދާޅުވި އެވެ. 

"އޭނާ ވިދާޅުވީ، އުމްރާނީ ގޮތުން ރަނގަޅު ތަންތަން ހަދައި، ފަރުވާ އަށް ބޭނުންވާ މީހުން ވެސް އެ ތަންތަނަށް ގެންދެވިދާނެ ކަމަށާއި އެކަމަކު އެ މީހުންނަށް ނަސޭހަތްދީ، ހެޔޮގޮތް ކިޔައިދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. 

"މުވައްޒަފުން އެބަތިބި ބައިވަރު. އެކަމަކު ކްލިނިކަލް، ސީދާ ކުދިންނާ ފޭސްކޮށްގެން މަސައްކަތްކުރާ މީހުންގެ ނިސްބަތް ވަރަށް މަދު. އެހެންވީމާ ވަރަށް ބޮޑު އަދަދަކަށް އަޅުގަނޑުމެން އެބަ ބޭނުންވޭ މި ފީލްޑުގައި މަސައްކަތް ކުރާނެ މީހުން. ހަމަ އެއާ އެކީގައި ކޮމިއުނިޓީ ތެރޭގައި މަސައްކަތް ކުރާނެ މީހުން. އެ ރޯލަކީ ބޮޑަށް ޖަމިއްޔާތަކުން އަދާކުރެވޭނެ ރޯލެއް،" ރާޝިދު ވިދާޅުވި އެވެ.

އެންޑިއޭގެ އާ ޗެއާމަން ސިއްދީގު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގައި މި 2026 އަހަރު އުފާވެރި މަންޒަރުތަކެއް ފެންނާނެ ކަމަށެވެ. 

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ކުރިން ހުންނެވި ސިއްދީގު.-
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ކުރިން ހުންނެވި ސިއްދީގު.-

އޭގެ ތެރޭގައި "ހޯޕް އައިލެންޑު" ފެސިލިޓީގެ މަސައްކަތްތަކާއި އެންޑީއޭގެ ދަށުގައި ހުރި މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކޮށްދިނުމާއި ފަރުވާގެ ނިޒާމު ވަރުގަދަ ކުރުން ހިމެނެ އެވެ. 

"ސަރުކާރު ހެޔޮނިޔަތެއް އެބައޮތް. މިކަން ކޮށްދިނުމަށްޓަކައި ފެސިލިޓީސްތައް ގާއިމްކޮށްދެނީ. އިންފްރާސްޓްރަކްޗާ ގާއިމްކޮށްދެނީ. އަދި އެންޑީއޭ ހިންގުމުގެ ދާއިރާ އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްގެން އަދި ކުރިއަށް ވުރެ ބޮޑެތި ބަދަލުތަކެއް އައިސްފައި މި އޮތީ. މިއިން ކޮންމެ ކަމަކުން ދަލީލު ކޮށްދެނީ ސަރުކާރުގެ ގުޑްވިލްގައި އެބަހުރިކަން،" ސިއްދީގު ވިދާޅުވި އެވެ.