ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ހަދަން ފުލުހުންނަށް ލާޒިމް ކުރަނީ

ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ހެދުމަށް ފުލުހުންނަށް ލާޒިމްވާ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.


މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން ޑްރަގް އޮފެންޑަ ރިމާންޑް ސެންޓަރަކީ، މަސްތުވާތަކެތި ބޭނުން ކުރުމާއި ޕެޑްލް ކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނަށް ހާއްސަ މަރުކަޒެކެވެ. އެ މަރުކަޒުގައި އެމީހުންނަށް އަސާސީ ފަރުވާ ދޭން ވާނެ ކަމަށް ވެސް ގާނޫނުގައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި ބިލްގައި ބުނެފައިވަނީ އެ ބިލް ފާސްވެ، އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 180 ދުވަހުގެ ތެރޭގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ފުލުހުން އުފައްދަން ވާނެ ކަމަށެވެ. އަދި ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރުތައް ހިންގަން ވާނީ ފުލުހުން ކަމަށް ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލްގައި ވެ އެވެ.

ގާނޫނުގައި އޮންނަ ގޮތުން، ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުތައް އުފައްދައި ހިންގުމުގެ ހުރިހާ ބާރެއް ދީފައި އޮތީ ނެޝަނަލް ޑްރަގް އެޖެންސީ އަށެވެ. އެކަމަކު، މަޖިލީހަށް ހުށަހެޅި ބިލްގައި ބުނީ ސެންޓަރުތަކުގައި ހިންގައި ފަރުވާގެ ޕްރޮގްރާމްތައް ހިންގާނީ ޑްރަގް އެޖެންސީން ކަމަށެވެ. އަދި ސެންޓަރުތަކުގައި މަސައްކަތް ކުރާނީ ޑްރަގް އެޖެންސީން ދޫކުރާ ލައިސަންސް ލިބިފައިވާ މީހުން ކަމަށް ބިލް ގައި ބުނެފައި ވެ އެވެ.

ބިލް ގައި ވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ މެމްބަރުންގެ އަދަދު 12 އަށް އިތުރު ކުރަން ހުށަހަޅައިފަ އެވެ. ކުރިން ބޯޑުގައި ތިބެނީ 10 މެމްބަރުންނެވެ. ބިލް ގައި ބުނެފައިވާ ގޮތުން އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން މީހަކު ބޯޑަށް އައްޔަން ކުރަން ޖެހެ އެވެ.

މީގެ އިތުރުން، ބިލްގައި ވަނީ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއް އެއް ފަހަރު ފުރިހަމަކޮށްފައިވާ މީހެއް ނަމަ، ނުވަތަ ފަރުވާ ހުއްޓާލާފައިވާ މީހެއް ނަމަ، އޭނާ އަށް ދެވަނަ ފަހަރަށް ޕްރޮގްރާމްގައި ބައިވެރިވެވޭނީ ނޭޝަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ ފީއެއް ދެއްކުމަށް ފަހު ކަމަށެވެ.

ބިލް ގައި ވާ ގޮތުން ޑޮކްޓަރުގެ ޕްރިސްކްރިޕްޝަނެއް ނެތި މަސްތުވާތަކެތި ބޭނުން ކޮށް ފިނަމަ އެއީ ކުށެކެވެ. އެގޮތުން، އެ ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ބިލްގައި ހިމަނާފައި ވެ އެވެ.