ވިލާ ކޮލެޖުގެ ފަރާތުން ޓޭލާސް ޔނިވާސިޓީއަށް ހަނދާނީ ފިލާ އެއް އެރުވުމަށް ފަހު. އެ ޔުނިވަސިޓީ އާއި އެކު ވެފައިވާ ޕާޓްނާޝިޕު އިއުލާނު ކުރީ ރޭގަ. -- ފޮޓޯ: ވިލާ ކޮލެޖު
01 ޑިސެމްބަރ 2022 - 14:11
ވިލާ ކޮލެޖުން މެލޭޝިއާގެ މަޝްހޫރު ޓޭލާސް ޔުނިވާސިޓީއާ އެކު ޕާޓްނާޝިޕެއް ގާއިމުކޮށް، އަންޑާ ގްރެޖުއޭޓު އަދި މާސްޓާސް ފެންވަރުގެ ކޯސްތަކެއް އިފުތިތާހު ކޮށްފި އެވެ.
ވިލާ ކޮލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓްނާޝިޕް އިފުތިތާހު ކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ޓޭލާސް ޔުނިވާސިޓީގެ ކޯސްތައް ރަސްމީކޮށް ފައްޓަވައި ދެއްވީ ޓޭލާސް ޔުނިވާސިޓީގެ ރައީސް ޕްރޮފެސަރު މައިކަލް ޑްރިސްކަލް އެވެ.
މިނިސްޓަރު އަސްލަމް ވިލާ ކޮލެޖާއި ޓޭލާސް ޔުނިވާސިޓީގެ ޕާޓްނާޝިޕު ލޯންޗު ކުރައްވަނީ. -- ފޮޓޯ: ވިލާ ކޮލެޖު
އެއީ ބެޗެލާ އޮފް ކަލިނަރީ މެނޭޖުމަންޓާއި ބެޗެލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖުމަންޓާއި ބެޗެލާ އޮފް މާސް ކޮމިއުނިކޭޝަންސާއި މާސްޓާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖުމަންޓު އަދި މާސްޓަ އޮފް ކޮމިއުނިކޭޝަންސް ޕްރޮގްރާމެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓަ ޑރ. އަލީ ނަޖީބު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓާލިޓީ ކޯސް ހެދުމުގެ ފުރުސަތު މިހާރު ރާއްޖެ އިން ލިބޭނެ ކަމަށެވެ. އެއީ ސަރުކާރުގެ އިސްވެރިން ވެސް ވަޑައިގެންފައިވާ ކަމަކަށް ވާއިރު، އެ ދާއިރާގެ އެންމެ ޕްރިމިއަމް ފެންވަރުގައި ހިދުމަތްދޭނެ ބަޔަކު އެ ކޯސްތަކުން އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޭލާސް ޔުނިވާސިޓީގެ ރައީސް ޕްރޮފެސަރު މައިކަލް ޑްރިސްކަލް ކޯސްތައް ޯންޗު ކުރައްވަނީ. -- 5 ކޯހެއް ވަނީ ލޯންޗު ކޮށްފަ. -- ފޮޓޯ: ވިލާ ކޮލެޖު
"ޓޫރިޒަމް ދާއިރާގައި ފެންވަރު ރަނގަޅު ބަޔަކު ބިނާކުރުމަށް މި ކޮލެޖުން މަސައްކަތް ކުރަން. މި ޕްރޮގުރާމުން ދުނިޔޭގެ ފެންވަރުގެ ތަމްރީނު ލިބޭނެ. މިއީ ވޯލްޑް ކްލާސް ތައުލީމެއް ރާއްޖޭގައި ހުރެގެން ހޯދުމަށް ލިބޭ ފުރުސަތެއް،" ޑރ. އަލީ ނަޖީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޓޭލާސް ޔުނިވާސިޓީއާ އެކު ގާއިމުކުރި ޕާޓްނާޝިޕުގެ ދަށުން ވިލާ ކޮލެޖުގައި ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރާނެ އެވެ. އަދި އެ ޕާޓްނާޝިޕުގެ ދަށުން އިތުރު ކޯސްތަކެއް ވެސް ތައާރަފު ކުރާނެ ކަމަށް ވިދާޅުވި އެވެ.
ޓޭލްސް ޔުނިވާސިޓީގެ ހޮސްޕިޓާލިޓީ ޕްރޮގުރާމަކީ މުޅި ދުނިޔޭގައި ވެސް އެ ދާއިރާގެ ކޯސްތަކުގެ ތެރެއިން 16 ވަނައިގައިވާ ޕްރޮގްރާމެެވެ. އެއީ މި ސަރަހައްދުގެ އެންމެ މޮޅު ހޮސްޕިޓާލިޓީ ޕްރޮގްރާމެވެ
ޓޭލާސް ޔުނިވާސިޓީ އަކީ ކިއުއެސް ވޯލްޑް ރޭންކިންގެ 50 ވަނައިގައި ހިމެނޭ ތަނެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy