ޚަބަރު

ސޮނެވާ ނަމޫނާ: ކުނި މަދުކުރުމަށް އާ އަމާޒުތަކެއް

ސޮނެވާ ނަމޫނާއާ ގުޅިގެން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުން އަންނަ 11 ރަށުގެ ކައުންސިލް ރައީސުން: އެ ކައުންސިލުތަކުގެ އަމާޒާއި ލަނޑުދަނޑިތައް ސަރުކާރަށް ހުށަހެޅި -- ފޮޓޯ: ސޮނެވާ ނަމޫނާ

04 ޑިސެމްބަރ 2022 - 14:12

ކުނި އުފެދޭ ވަރު މަދުކުރުމުގައި މި ރަށްތަކަކީ މިހާރު ނަމޫނާއެކެވެ. "ސޮނެވާ ނަމޫނާ" ޕްރޮގްރާމްގައި ހިމެނޭ ބ، ނ އަދި ހދ. އަތޮޅުގެ 11 ރަށުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް ވަރަށް ރަނގަޅު ނިޒާމެއް މިހާރު އެބައޮތެވެ. ކުނި މަދުކުރުމުގައި މި ރަށްތަކުން ބޮޑެތި ކާމިޔާބީތަކެއް ވެސް އަންނަނީ ހޯދަމުންނެވެ.

ސޮނެވާ އާއި ރަށްރަށުގެ ކައުންސިލުތައް ގުޅިގެން، 2019 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ މި ބޭނުންތެރި މަސައްކަތުގެ ތަސައްވުރެއް ބ. ކިހާދު އަށް އަހަރެމެން މި ކުރާ ދަތުރުގައި ލިބުނެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް މި 11 ރަށުން ކުރާ މަސައްކަތުގައި އަދިވެސް ގޮންޖެހުންތައް ގިނަ އެވެ. އެހެންވެ، އެ ގޮންޖެހުންތަކުން އަރައިގަތުމަށް، ކުނި މަދުކޮށް ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖު ކުރުމަށް ކައުންސިލުތަކުން ކަނޑައަޅާފައިވާ އަމާޒުތައް ސަރުކާރުގެ މިނިސްޓަރުންނަށާއި މަޖިލިސް މެމްބަރުންނަށް އިއްޔެ ހުށަހެޅި އެވެ.

ބ. ކިހާދޫގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރާ ގޮތް ބައްލަވައިލެވުމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި މަޖިލިސް މެމްބަރު އަލީ ނިޔާޒް އާއި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް އަދި ސަރުކާރުގެ އެހެން ބައެއް އިސްވެރިން އެ ރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔުން -- ފޮޓޯ: ސޮނެވާ ނަމޫނާ

ސޮނެވާ ނަމޫނާގައި ހިމެނެނީ ބ. ކިހާދު އާއި ދޮންފަނާއި މާޅޮހާއި ދަރަވަންދު އާއި ކުޑަރިކިއްޔާއި ކަމަދޫ އަދި ކެންދު އެވެ. ނ. ކުޑަފަރި އާއި ޅޮއްސާއި، މަގޫދޫ އަދި ހދ. މަކުނުދޫގައި ވެސް މިހާރު އެ ޕްރޮގްރާމް ހިންގަ އެވެ.

ކިހާދޫގައި ހުންނަ ޓިވެކް ސެންޓަރުގެ ހޯލުގައި އިއްޔެ ބޭއްވި ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ބައްދަލުވުމުގައި، ރަށްތަކުގެ ކައުންސިލުގެ ރައީސުން ވަނީ އެ އަމާޒުތައް މިނިސްޓަރުންނަށް ހުށަހަޅައި، ސޮއިކޮށްފަ އެވެ. އެ އަމާޒުތައް އެކުލަވާލާފައި ވަނީ ސޮނެވާ ނާމޫނާ ޕްރޮގްރާމްގެ ކުރިއަށް ހުރި މަސައްކަތްތައް ރޭވުމަށް ސޮނެވާފުށީގައި މިދިޔަ މަހު ބޭއްވި ވޯކްޝޮޕެއްގަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ލަމާޒުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޒާޔު ވެސް ބައިވެރިވެވަޑައިގަތެވެ.

ކައުންސިލުތަކުގެ އަމާޒުތައް

• އަންނަ އަހަރު ނިމުމުގެ ކުރިން ރިސައިކަލް ކުރެވޭ ޒާތުގެ ހުރިހާ ކުންޏެއް އެއްކުރާނީ ވަކިކުރުމަށް ފަހު.

• އަމިއްލަ އަށް ފަނާ ނުވާ ޒާތުގެ ކުނި އެންދުން ހުއްޓާލުން.

• އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުން.

• ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖުކުރުމުގެ ސްޕެޝަލިސްޓުން ހޯދައި ތަމްރީނުކޮށް އަދި ރަށްތަކުގެ ތެރޭގައި އެ ތަޖުރިބާ ހިއްސާކުރުން.

• އަލުންބަލުން ރީސޭލް މާކެޓް ފަދަ، ރަށްތައް ގުޅިގެން ކުނި މަދުކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުން.

ބ. ކިހާދޫގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރާ ގޮތް ބައްލަވައިލެވުމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އާއި މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޒާރު އާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން އެ ރަށުގައި -- ފޮޓޯ: ސޮނެވާ ނަމޫނާ

ކައުންސިލުތަކުގެ ހުށަހެޅުންތައް

އެ އަމާޒުތައް ހުށަހެޅުމުގެ އިތުރުން ކައުންސިލުތަކުން ވަނީ ޕޮލިސީ ލެވެލްގައި ސަރުކާރުން އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ފެންނަ 13 ރިކޮމެންޑޭޝަނެއް ވެސް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ހުށަހެޅުންތަކަކީ؛

• އެމްޑަބްލިއުއެސްސީ ފަދަ ދައުލަތުގެ ކުންފުނިތަކުން ފެން ބަންދުކުރުމުގެ ސަބަބުން ސިންގަލް ޔޫސް ޕްލާސްޓިކް އިތުރުވެ، ސަޕްލައި ފެނަށް އާންމުން އިތުބާރުކުރުން ކުޑަވާތީ އެ ކުންފުނިތަކުން ފެން ބަންދުކުރުން ހުއްޓާލުން.

• ގޭބިސީތަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ފެން ޓެސްޓްތަކުގެ ނަތީޖާތައް އާންމުކުރުން. އަދި ހުރިހާ ރަށެއްގެ ސްކޫލުތަކާއި އާންމުން އެއްވާ ތަންތަނުގައި ފެން ލިބޭނެ ސްޓޭޝަންތައް ބެހެއްޓުން.

• 2024 އިން ފެށިގެން ރިސޯޓުތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމާއި ރިސޯޓުތަކަށް އޮޕަރޭޓިން ލައިސެންސް ދޫކުރާއިރު ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންނުކުރަން ލާޒިމުކުރުން.

• ރައްކާތެރިގޮތުގައި ނައްތާލަން އުނދަގޫވާ ސިންގަލް ޔޫސް ނެޕީގެ ބަދަލުގައި ބޭނުންކުރެވިދާނެ އެހެން އެއްޗެހި އަގުހެޔޮކޮށް ގަންނަން ލިބޭނެ ގޮތް ހަދައިދިނުން.

• ކުނި މެނޭޖުކުރުމަށް ބޭނުންވާ މެޝިނަރީ ހޯދައިދީ، އެ މަސައްކަތް ކުރާނެ މީހުން ތަމްރީނުކޮށްދިނުން. އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ރަނގަޅު މުސާރައެއް ލިބޭނެ ގޮތް ހަދައިދިނުން.

ބ. ކިހާދޫގައި ކުނި މެނޭޖުކުރާ އިކޯ ސެންޓަރު ސަރުކާރުގެ އިސްވެރިންނަށް ދައްކާލަނީ -- ފޮޓޯ: ސޮނެވާ ނަމޫނާ

އެ ބައްދަލުވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ޝައުނާ ވިދާޅުވިގޮތުގައި ކުންޏަކީ ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުނުކޮށްފި ނަމަ އޭގެ ސަބަބުން އާންމުންގެ ސިއްހަތަށާއި ތިމާވެއްޓަށާއި އިގުތިސާދަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭ އެއްޗެއްކަން މިހާރު އެނގެ އެވެ. އެކަމަކު ކިހާދު އަށް ވަޑައިގަތުމުން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މައްސަލަ ހައްލުކުރަން މި ރަށުން ކޮށްފައިވާ ބުރަ މަސައްކަތް ފެނިވަޑައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ގިނަ ރަށްރަށުގައި ކުނި މެނޭޖުކުރެވޭނެ ރަނގަޅު ނިޒާމެއް ހަގީގަތުގައި ނެތް. އެހެންކަމުން މި ރަށުގައި މި ފެންނަ މަންޒަރަކީ، މި ރަށުގައި މި އުފެދިގެން އަންނަ ނިޒާމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އުފެދެން ޖެހޭނެ ނިޒާމެއް،" ޝައުނާ ވިދާޅުވި އެވެ.

ކައުންސިލުތަކުގެ ހުށަހެޅުންތައް ބަލައިގަނެ، ސަރުކާރުން އެކަމުގައި ކޮށްދެން ޖެހޭ ކަންކަމަށް ފުރިހަމަ އެއްބާރުލެއް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ޝައުނާ ދެއްވި އެވެ.

ކިހާދުއަށް ކުރެއްވި ޒިޔާރަތުގެ ސަރުކާރުގެ ކަމާބެހޭ އިސްވެރިން ވަނީ އެ ރަށުގެ ގޭގޭގައި ކުނި ވަކިކުރާގޮތާއި ކުނި މެނޭޖުކުރާ އިކޯ ސެންޓަރު ބައްލަވާލައްވައިފަ އެވެ. އަދި ބ. އަތޮޅު ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ސޮނެވާ ނަމޫނާއާ ގުޅިގެން ހިންގާ ސެކަން ހޭންޑް ސާމާނު ވިއްކާ "އަލުންބަލުން ރީސޭލް މާކެޓް" ކުރިއަށް ގެންދާ ގޮތް ވެސް ބައްލަވާލެއްވި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454