ވިޔަފާރި / ހުޅުމާލެ

ދަމާސްގެ ވަން ޕާކް: ވެހިކަލް ޕާކު ކުރުމުގެ ސްޓައިލް ބަދަލުކޮށްލަނީ

ވަން ޕާކް ބިލްޑިން . އެ އިމާރާތް ޑިޒަިން ކުރީ އާކިޓެކްޓް، އަބްދުލް ހައްނާން ޔޫސުފް--ފޮޓޯ:ދަމާސް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިއަލް އެސްޓޭޓާއި ފަރުނީޗަރުގެ ވިޔަފާރި ކުރަމުން އަންނަ، ދަމާސް އިން ހުޅުމާލޭގައި ޕާކިން އަށް ހާއްސަ އިމާރާތެއް ހަދަން ނިންމައިފި އެވެ.

"ވަން ޕާކް" ނަމުގައި ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހަދާ މި ޕާކިން އިމާރާތުގައި 500 ވެހިކަލަށް އެއްފަހަރާ ޕާކު ކުރުމުގެ ޖާގަ ހުންނާނެ އެވެ.

ހަތް ފްލޯއަށް ހަދާ މި އިމާރާތުގެ ގްރައުންޑާއި އެއް ވަނަ ފްލޯ ހާއްސަކޮށްފައި ވަނީ ޝޮޕިން މޯލަށެވެ. އެ ތަނުގައި ރީޓެއިލް ފިހާރަތަކާއި ސެލޫނާއި އެނޫން ވެސް ކޮމާޝަލް ބޭނުންތަކަށް ދޫކުރާނެ އެވެ. އަދި ރޫފްޓޮޕް ހާއްސަ ކުރަނީ އިވެންޓްތައް ބޭއްވުމަށާއި ފުޓް ކޯޓުތަކަށެވެ. ބާކީ ހުރިހާ ފްލޯއެއްގައި ހުންނާނީ ޕާކިންއަށް ހާއްސަ ޖާގަ އެވެ.

ވަން ޕާކިންގައި ވެހިކަލް ޕާކު ކޮށްފައި ހުންނާނެ ގޮތް. އެތަން ގާތްގަނޑަކަށް 18 މަސް ދުވަހުން ނިންމާނެ ކަމަށް އެކުންފުނިން ބުނޭ-- ފޮޓޯ: ދަމާސް

މިއަދު ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި ދަމާސް އިން ވަނީ އެ ބިލްޑިން އިމާރާތް ކުރަން ޓްރަސްޓް އިންޖިނިއަރިންނާ ހަވާލުކޮށްފަ އެވެ. އެކަމުގެ އެއްބަސްވުމުގައި ޓްރަސްޓް އިންޖިއަރިންގެ ފަރާތުން ސޮއި ކުރެއްވީ މުހައްމަދު ހާދީ އެވެ. އަދި ދަމާސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސޯލިހު އެވެ.

ދަމާސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސޯލިހު "ވަން ޕާކު" ލޯންޗު ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ--ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ސޯލިހު ވިދާޅުވީ ގާތްގަނޑަކަށް 18 މަސް ދުވަހުގެ ތެރޭ އެތަނުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ އިރު އަންނަ ޖެނުއަރީ މަހު ހިސާބުގައި އެތަނުގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށެވެ.

ވަން ޕާކުން ޖާގަ ދޫކުރާ ގޮތްތައް

- ގަޑި އިރަށް ޗާޖު ކުރާ ޕާކިން

- ޕްރިިމިއަމް ޕާކިން

- ލޯންގް ޓާމު ޕާކިން

- ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވެހިކަލަށް ޖާގަ

ވަން ޕާކު ބިލްޑިންގައި ހަދާ ޝޮޕިން މޯލް އޭރިއާ-- ފޮޓޯ: ދަމާސް

އޭނާ ވިދާޅުވީ، އެ ބިލްޑިން އިން ޕާކިން ޖާގަ ގަންނަ މީހުންނަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، އާލީ ބާޑް އޮފާގައި ވަގުތީ ގޮތުން ވެހިކަލް ޕާކު ކުރަން ޖާގަ ލިބޭނެ ކަމަށެވެ.

އެ އިމާރާތުގައި ވަގުތީ ޕާކިން އޭރިއާ އާއި ކުރު މުއްދަތަށް އަދި ދިގު މުއްދަތަށް ޕާކިން ޖާގަ ދޫކުރާނެ އެވެ. އަދި ބަންދު ކުރެވޭ ގޮތަކަށް ވެހިކަލްތަކަށް ގަރާޖު ޕާކިން އޭރިއާ ވެސް ދޫކުރާނެ އެވެ. އެ ތަނުގައި ކާރުތައް ޕާކު ކުރަން ހުންނަ ޖާގައިގައި އިލެކްޓްރިކް ކާރުތައް ޗާޖު ކުރެވޭނެ އިންތިޒާމު ވެސް ހުންނާނެ އެވެ.

މި އިމާރާތުން ވެލޭ ޕާކިން ހިދުމަތް ވެސް ދެވޭނެ އެވެ. މިއީ ޕާކު ކުރަން އަންނަ މީހާ އަމިއްލައަށް އެކަން ކުރުމުގެ ބަދަލުގައި އެތަނުގައި ހުންނަ އެކަމަށް ހާއްސަ މީހަކަށް އެކަން ކުރަން ހަވާލު ކުރުމެވެ. މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ދޭން ފަށާ ފުރަތަމަ ބިލްޑިން އެވެ.

ދަމާސް އާއި ޓްރަސްޓް އިންޖިނިއަރިންނާ އެކު އެއްބަސްވުމެއްގައި ސޮއި ކުރައްވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ސޯލިހު ވިދާޅުވީ، އެންމެ ޒަމާނީ ވަސީލަތްތަކާ ހަދާ ޕާކިން އިމާރާތުގައި އިލެކްޓްރިކް ކާރު ޗާޖު ކުރާ ހިދުމަތް ވެސް ދޭން ނިންމީ ކުރިއަށް އޮތް ހަތް އަހަރު ތެރޭ ވެހިކަލް އުފައްދާ ހުރިހާ ކުންފުންޏަކުން ހަމައެކަނި އިލެކްޓްރި ކާރު އުފައްދަން އެއްބަސްވެފައިވާތީ، އެކަމަށް ވިސްނައިގެން ކަމަށެވެ. އެ އިމާރާތަކީ އެންމެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އެކަން ކުރާ އުސޫލުން ޕާކިން ހިދުމަތް ލިބޭނެ އިމާރާތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާކިން ބިލްޑިންގައި ސިސްޓަމް ޑިޒައިން ކުރަނީ ދުނިޔޭގެ ތަރައްގީވެފަ އަންނަ ގައުމުތަކުގައި ވެސް އެކަން ކުރާގޮތަށް. ވެންޓިލޭޝަނާއި ސެކިއުރިޓީ ކެމެރާ މޮނިޓާ ކުރެވޭ ގޮތަށް. ޖާގަ ވެސް އެޕްލިކޭޝަނެއް ބޭނުން ކޮށްގެން އެތަނަށް އައުމުގެ ކުރިން ޕާކިން ޖާގަ ހުރި ސަރަހައްދުތައް އިނގޭނެ. އެވެއިލަބަލް ސްލޮޓްތައް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

0 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 0%
icon angry icon angry 23%
icon wow icon wow 14%
icon inlove icon inlove 18%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454