"ނުރައްކާތެރި ވަބާއިން ސަލާމަތްވާން ކޮންމެ މީހަކު ވެސް ކޮރަޕްޝަނަށް ނޫނެކޭ ބުނަން ޖެހޭ. އެކަން ހުއްޓުވޭނީ ފަރުދީ ގޮތުން ވެސް އެއްބާރުލުމާ އެކު"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ: ކޮރަޕްޝަން ފެތުރިފައި އޮތް މިންވަރުން ހުއްޓުވުމަކީ ސަރުކާރުގެ ސިޔާސަތަކުން ނުވަތަ ވަކި މުއައްސަސާއަކަށް އެކަނި ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު
09 ޑިސެމްބަރ 2022 - 11:59
ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހިޔާނާތުގެ ކިތަންމެ ކުޑަ އަމަލެއް ވެސް ހިންގަން ރުހިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ދުވަހުގެ ހިތާބުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ނަޒާހަތްތެރިކަމާއި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރަން އެމަނިކުފާނު އިރުޝާދު ދެމުން އަންނަ ކަމަށެވެ. ދައުލަތުގެ އެއްވެސް އިދާރާއެއްގެ ތެރޭގައި ހިޔާނާތުގެ އަމަލެއް ހިނގާ ނަމަ އެކަން އަވަހަށް ރިޕޯޓްކުރަން އެދިވަޑައިގަތެވެ.
"ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުމަށް ވެބް ޕޯޓަލްއެއް ގާއިމުކޮށް، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރާ މީހުންނަށް ފުރިހަމަ ގާނޫނީ ހިމާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ހެޔޮ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުން އިތުރުވާ ވަރަކަށް، ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ދެނެގަނެވެ އެވެ.
"އަދި މިނިވަންކަމާ އެކު އެފަދަ މައްސަލަތައް ތަހުގީގުކުރާ ކަމުގެ ޔަގީންކަން އޮތުމުން، ކޮރަޕްޝަންގެ އަމަލުތައް ހިންގުން މަދުވާކަން ފާހަގަކުރެވެ އެވެ،" ރައީސް ވިދާޅުވި އެވެ.
އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: ކޮރަޕްޝަން ހުއްޓުވުމަށް މި ސަރުކާރުން ސިޔާސަތެއް ވަނީ ކަނޑައަޅާފައި.
ރައީސް ވިދާޅުވީ މުޅި ދުނިޔޭގައި ކޮރަޕްޝަންގެ މޫތައް ފެތުރިފައި އޮތް އިރު ރާއްޖެ ވެސް އެކަމުން ސަލާމަތް ނުވާ ކަމަށެވެ. ގައުމެއް ނުވަތަ މުޖުތަމައުގައި ކޮރަޕްޝަން ފެތުރިއްޖެ ނަމަ ގެއްލުން ނުވާ އެންމެ ދާއިރާއެއް ވެސް ނޯންނަ ކަމަށް ވިދާޅުވި އެވެ.
"ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުން ލަސްވާ ވަރަކަށް، އެކަމުގެ ސަބަބުން ގައުމީ ތަރައްގީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި މުޖްތަމައުގެ ހަމަޖެހުމަށް ލިބޭ ގެއްލުން ވަކިން ބޮޑަށް އިތުރުވެ އެވެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮރަޕްޝަނަކީ އެންމެ މުއައްސަސާއަކަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ހުއްޓުވޭނެ ކަމެއް ނޫނެވެ. އެކަން ހުއްޓުވޭނީ އެކަމާ ދެކޮޅަށް ކޮންމެ ފަރުދަކު ވެސް މަސައްކަތްކޮށްގެން ކަމަށް ވިދާޅުވި އެވެ.
ކޮރަޕްޝަން ހުއްޓުވަން މީގެ ހަތަރު އަހަރު ކުރިން ފެށިގެން ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެކަމުގައި އިތުރަށް ކިތަންމެ މަސައްކަތްތަކެއް ކުރަން ހުރި ކަން ރައީސް ފާހަގަކުރެއްވި އެވެ.
"ކޮރަޕްޝަން ހުއްޓުވުމުގައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ، އެފަދަ މައްސަލަތައް ރިޕޯޓްކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ކަނޑައެޅިފައި އޮތުމާއި، ދައުލަތުގެ މާލީ އަދި އިދާރީ ހިންގުންތެރިކަމުގެ ހާމަކަމާއި ފާޅުކަން މިހާރަށް ވުރެ އިތުރުކުރުމެވެ. ހަމައެފަދައިން، ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ފުރިހަމަ މިނިވަންކަމާއި އިހްތިޔާރު، އެކަމާ ގުޅުން ހުރި މުއައްސަސާތަކަށް ދިނުމެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހިޔާނާތް ހިންގުމާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ހާސިލްކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކުގަ އެވެ. ގައުމީ މައްސަލައެއްގެ ގޮތުގައި ހޭލުންތެރިކަން އިތުރުކޮށް އެ އަޒުމަކަށް މަސައްކަތްކޮށްގެންނެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކީ، އެމީހެއްގެ އަމިއްލަ ނަފްސުން ފެށިގެން، އާއިލާއާއި މުޖްތަމައުގައި ވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވެއްޖެ ނަމަ، މި ނުރައްކާތެރި ވަބާއިން މުޖްތަމައު ސަލާމަތްކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ،" ރައީސް ވިދާޅުވި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތު ކަނޑައަޅައި އަމަލުކުރަން ފަށައިފަ އެވެ. އެއާއެކު ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާއްމުކުރަން ވަނީ މަޖުބޫރުކޮށްފަ އެވެ.
ބޭނުމަކީ ސިޔާސީ މަގާމުތަކަށް އައްޔަންކުރެވޭ މީހެއްގެ މާލީ ހާލަތު އާންމުކޮށް އެނގުމާ އެކު، އެ މަގާމުގައި ހުރެގެން ނުޙައްގު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން އާންމުންނަށް ދެނެގަތުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އޭގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލެއް ވެސް ރައީސް އޮފީހުން ވަނީ ގާއިމްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލުންމަތީގެ ޑަކްޓަރު އިބުރާހީމް ފުޅު
11 December 2022
ތިމާ ސީދާ ނުވެ އެހެން މީހުން ސީދާކުރަން އުޅުމަކީ ހޫނު ދަގަނޑު މައްޗަށް ފެން އެޅުން އެގޮތަށް އަޅާ ފެންދާނީ އާތްވައް އަރައިގެން
ތުނި ކަރުދާސް
11 December 2022
މަނިކުފާނު ޖޯކު ކިޔުއްވަނީތޯއެވެ؟ ބަލަގަ ފެނަކަ ސަޢީދު ގޮވަގިގެން ތިޔަ އުޅުއްވަނީ އަންނަ ރުޅީގައި ތޯއެވެ؟ ހަމަ އަހާލީއެވެ. މިކޮމެންޓް ކިޔައިފައި މަނިކުފާނު މިއަށް ލައިކް ޖައްސަވާށެވެ.
ފުކެއް ބޮޑުވަރު
10 December 2022
ބަަހާ އަމަލަކާ ދިމަލެއް ނުވެޔެއްނޫންތޯ. ކީއަވެބާ 5 ބިލިއަން ރުފިޔާ ބަޖެޓްގެ ބޭރުން ބޭނުންކޮއްފަ ހޭދަކުރި ގޮތުގެ ތަފްސީލް ހާމަކުރަން ނުކެރުނީ. ހަގީގަތަކީ މިހާ ކޮރަޕްޓް ބަޔަކު ދިވެހި ސަރުކާރާ ހަވާލުނުވާކަން. ތަފާތަކީ ކޮރަޕްޝަނައް ނޫނެކޭ ކިޔާކަން.
ދަންޑަހެލެ
10 December 2022
ފޮރުވިގެން ހުރެ ކޮރަޕްސަން ހިންފާ ފަޅޮލޭ ނުކިޔާ
މަނީހެއިސްޓު
10 December 2022
ކަލޭ ތިބެނީ ކޮރަޕުސަން ހިންގަން ބުރޯ ކަހަޔަ އެޖެންޓުން ލާފަ ކަލޭ އިނޮސަންޓުކަމައް ދައްކަން ހުންނަނީ އަޑީގަ
ވާންޗޯބުރަންޗޮ
10 December 2022
އެހެންވެދޯ ކަލެ އެކަން ހިންގަން މީހުންލާފަ އެތިބެނީ؟؟؟ޖޮބެއް ޕުރޮކުޓެއްވެސް އެނޫން ގޮތަކައް ނުލިބޭ!!!!!
އިސްމާލި
10 December 2022
ކޮރަޕްޝަން ހުއްޓުވަން ރައްޔިތުން އެއްބާރުލުން ދޭންވީ. އިކޮނޮމީ ދައްވީމަވެސް ރައްޔިތުން ހަރަދު ކުޑަކޮއް އެބައި ޓެކުހަށް ދައްކަންވީ. ހުރިހާކަމެއް އަހަރުން ބޮލަށް. ރައީސް ފުޓުބޯޅަ ބައްލަވަން. އަނބިކަނބަލުން ފެޝަންޝޯ ހުޅުވަން. ރިސޯޓު ޓެކުހާއި ޖޫރިމަނާ މާފު. މެއިންޓަނަންސްއައް ބަންދުކުރާ ރިސޯޓުން ކުލި މާފު. މިހާތަނަށް އެންމެ ގިނައިން ފައިސާ ބެހީ "ގާނޫނު" ތެރެއިން ބަދަލުގެ ގޮތުގަ.
ފިކުރު
10 December 2022
ސިޔާސީ މީހުންނާއި ޕަބްލިކްލިމިޓެޑް ކުންފުނިތަކާއި އަދި ސިވިލްސާރވިސް މީހުން ހަބޭހަށް ކަރެޕްޝަން އެބަހިއްގައެވެ.އެކަން ފޮރުވާދެނީ ވެސް ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކުންނެވެ.އެމް އެމް ޕީއާރުސީ މައްސަލައާއި ވެއްޓިލޭޓަރ މައްސަލައާއި އަދި ޑްރަގް މައްސަލަތަށް ނުބެލިއެވަނީ ކީއްވެގެންތޯ ؟ސްޕޯޓްސް މިނިސްޓަރައާ ޓްރާންސްޕޯޓް މިނިސްޓަރުގެ މައްސަލަ ކޮބައިތޯ ؟ މިވާހަކަ ނޭގެނިތޯ ރައީސް ތި ވިދާލުވަނީ ކަންމަތި ފިހާރަތަކުންގެ ވާހަކަތޯ ؟ މަގާމުން ދުރުކުރައްވާށެވެ.
އޯކޭ
10 December 2022
ވަރަށް ބޮޑު ތެދެއް. މީ ސުކޫލުތަކުގައި ކިޔަވަދޭ އަޑުއިއްވަދޭ ވަރަށް ބޮޑު ތެދެއް. ގޭތެރެއިން މިކަން ނުކުރާތި. ސަރުކާރުން ހިންގާ ކަންކަމުގައި ވައްކަން ކުރަނީއޭ ޚިޔާނާތޭ ލޫޓުވަނީއޭ ކިޔަސް އެކުރަނީ ޥައްކަމެއްނޫން ޚިޔާނާތެއްވެސް ނޫންދޮގެއްތަ މިމިސްޓަރޫ.
ސަރީ ސިހާމް
10 December 2022
ތިޔަފަދަ ކަންތަކަށް ނުރުހެންޏާ އަދި ތިޔަދައްކަވަނީ ހެޔޮ ނިޔަތެއްގައި ދައްކަވާ ވާހަކައެއް ނަމަ ނިކަން ފެނަކަ ސައީދުގެ ވަޒީފާ ބަދަލުކޮށްލަ ބަލާށެވެ. ޔާމީނުއަށް އެންމެން ވަގަށް ގޮވިޔަސް ރަނގަޅު ސިފަތަކެއް ހުއްޓެވެ. ނިމާލާއި މެދު އާދަޔާ ޚިލާފަށް އަޑުއެރި އިރު ހުރި މަގާމުން އެކަހެރި ކުރިއެވެ. ނަމަވެސް މަނިކުފާނު ތިޔަ ހުންނަވަނީ ނުރުހެމޭ ކިޔުއްވައިގެން ޕީއާރު ކެމްޕޭނުގައެވެ. ތިޔެއް ނުވިކޭނެއެވެ. ވޯޓުން ބަލިވެ ރޯން ބޭނުން ނޫންނަމަ މިހާރަކީ އޮތްވަގުތެވެ.