ލައިފްސްޓައިލް / ބ. ކިހާދޫ

ކިހާދޫ ބަދަލުވެއްޖެ، އެއީ މިހާރު ނަމޫނާ ރަށެއް

ރަށުގެ އެއްވެސް ތަނެއްގައި ކުނިކޮޅެއް އޮންނަން، މިހާރު، މި ރަށު މީހުން ނުރުހެ.

ބ. ކިހާދޫގެ މަގެއް މަތި: ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި މި ރަށަކީ މިހާރު ނަމޫނާ ރަށެއް -- ފޮޓޯ: މިހާރު

10 ޑިސެމްބަރ 2022 - 09:40

21 comments

ރަށުގައި އުފެދޭ ކުނި މެނޭޖުކުރުމަށް ސޮނެވާ ނަމޫނާއާ ގުޅިގެން ބ. ކިހާދޫން ފެށި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅެވެ. ރަށުގެ އެއްވެސް ތަނެއްގައި ކުނިކޮޅެއް އޮންނަން، މިހާރު، މި ރަށު މީހުން ނުރުހެ އެވެ.

މިދިޔަ ތިން ވަރަކަށް އަހަރުގެ ތެރޭގައި މި ރަށު މީހުން ކުންޏާ މެދު ދެކޭގޮތް ވަރަށް ބޮޑަށް ވަނީ ބަދަލުވެފަ އެވެ. އެ ބަދަލު އައީ ރަށުގެ އެންމެން ވެސް ތަބާވާ، އެއް "އަހުލާގަކުންނެވެ". އެއީ ކުނި އުފައްދާ ވަރު މަދުކުރުމާއި ދެވަނަ ފަހަރަށް ބޭނުންކުރެވިދާނެ އެއްޗެހި އުކާނުލުމުގެ ވިސްނުމުންނެވެ. ވަރަށް ސާފުތާހިރު ރަށެއްގެ ގޮތުގައި ކިހާދޫ މިއަދު މިއޮތީ، މި ރަށުގެ ކުދިބޮޑު އެންމެން ހިފަހައްޓާ މި ހަމައިގެ ސަބަބުންނެވެ.

މި ރަށުގެ މަގެއް މަތިން ކުޑަ ކުނިކޮޅެއް ވެސް ނުފެނެ އެވެ. އޮޅިގެން ވެސް މީހަކު މަގުމައްޗަށް ކުންޏެއް ނޫކަ އެވެ.

ބ. ކިހާދޫގެ މަގެއް މަތި: ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި މި ރަށަކީ މިހާރު ނަމޫނާ ރަށެއް -- ފޮޓޯ: މިހާރު

ކިހާދޫ ކައުންސިލުގެ ރައީސް ހުސެއިން ޝާފިއު ވިދާޅުވިގޮތުގައި، ކުރިން އެ ރަށުގައި ވެސް ވަރަށް ބޮޑު ކުނި ފުންޏެއް އޮތެވެ. އޭރު ކުނި އުކާލަމުން ދިޔައީ ވެސް އެއްވެސް ބެލުމެއް ނެތި އެވެ. ކޮންމެ ފަހަރަކު ކުނި ފުނި ބޮޑުވުމުން އަންދާލަނީ އެވެ. ނަމަވެސް، 2019 ވަނަ އަހަރު ސޮނެވާ ނަމޫނާއާ ގުޅިގެން، ރަށުގެ މީހުން ކުންޏަށް ހޭލުންތެރިކުރުވުމަށާއި ކުނި ވަކިކުރަން ދަސްކޮށްދިނުމުގެ ގޮތުން ބޭއްވި ވޯކްޝޮޕްތަކަށްފަހު ބޮޑު ބަދަލެއް އަންނަން ފެށި އެވެ.

ނަތީޖާއަކަށްވީ އެ ބޮޑު ކުނި ފުނި ވެސް "ގެއްލުމެވެ".

"ރަށު ރައްޔިތުން އެއް ދުވަހު ނުކުމެ އެ ކުނި ފުނީގައި ހުރި ކުނިތައް ވަކިކޮށް މުޅިތަން ސާފުކުރީ،" ޝާފިއު ވިދާޅުވި އެވެ.

އޭގެފަހުން މި ރަށުގެ ހުރިހާ ގެއަކުން ވެސް ކުނި އުކަމުން އަންނަނީ ޕްލާސްޓިކާއި ބިއްލޫރި އާއި ފުޅި އާއި ދަޅާއި ކުނިވާ ޒާތުގެ ކުނި ވެސް ވަކިކޮށްގެންނެވެ. ގޮނޑުގައި ކުނި އެންދުން ވެސް އެއްކޮށް ހުއްޓާލި އެވެ. ރަށުގައި އުފެދޭ ފަތްކުނި މެނޭޖުކުރަނީ ވަލުތެރޭގެ އެކި ހިސާބުތަކަށް އަޅައިގެންނެވެ. ގޭބިސީތަކުގައި އުފެދޭ ކުނިވާ ޒާތުގެ ކުނީގެ ތެރެއިން ކައިފައި ބާކީވާ އެއްޗެހި އުކާލުމުގެ ބަދަލުގައި، ބަދަލުކޮށްލަނީ ގަސްކާނާ އަށެވެ.

ބ. ކިހާދޫގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރާ ގޮތް ބައްލަވައިލެވުމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އާއި މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޒާރު އާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން އެ ރަށުގައި -- ފޮޓޯ: ސޮނެވާ ނަމޫނާ

ޝާފިއު ވިދާޅުވީ ކުނި އަންދަން އުޅެފިނަމަ، މިހާރު ރައްޔިތުން ސީދާ އެކަމާ ދެކޮޅު ވެސް ހަދާ ކަމަށެވެ.

"ފަތްކޮޅެއް އަންދާލަން އުޅުނަސް ކައުންސިލަށް ޝަކުވާ އާދޭ،" އޭނާ ވިދާޅުވި އެވެ.

"މިފަހުން މި ރަށުގައި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓް ހިންގާ ކުންފުންޏަށް ދިން ބިމުގައި ހުރި ގަސްތައް ނަގައި އެ އެއްޗެހި އަންދާލަން ކައުންސިލުން ހުއްދަ ދިނީމަވެސް ރަށުގެ ހުރިހާ ރައްޔިތުންގެ ޝަކުވާ އައިސްގެން އެކަން ހުއްޓާލަން ޖެހުނީ."

އޭނާ ވިދާޅުވިގޮތުގައި، އެކަމުން ފެންނަނީ މީހުންގެ ވިސްނުމަށް އައިސްފައިވާ ރަނގަޅު ބަދަލެވެ. މީހުން އެކަމާ ދެކޮޅު ހެދީ، ކުނި ނާންދައި ވެސް، އެ އެއްޗެހި މެނޭޖުރެވިދާނެ މާ ރަނގަޅު ގޮތްތައް އޮތްކަން މިހާރު ޔަގީންވާތީ އެވެ.

ރަށަށް ބޮޑު ބަދަލެއް

ކުރިން އެ ރަށުގައި މީހުން ކުނި އުކަނީ އަމިއްލަ އަށެވެ. އެއްވެސް އުސޫލެއް ނެތި، އެކި ވައްތަރުގެ ކުނި އުކައި، ގޮނޑު އޮތީ ފުރިފަ އެވެ. ކޮންމެ ފަހަރަކު ކުނި ފުނި ބޮޑުވުމުން އަންދާލަނީ އެވެ.

އެކަމަކު މިހާރު ގޭބިސީތަކުން އުފައްދާ ކުނި ގެންދަނީ ކިހާދޫގެ ދެކުނު ފަރާތުގައި ހަދާފައިވާ ކުނި މެނޭޖުކުރާ ސެންޓަރަށެވެ. މި ރަށުގެ 40 އެއްހާ ގޭބިސީގައި އުފެދޭ ކުނި އުކައިދިނުމުގެ މަސައްކަތް ކުރަނީ ކައުންސިލުން އެތަނަށް ނަގައިފައި ތިބޭ މުވައްޒަފުންނެވެ. ކޮންމެ ހަފުތާއަކު ފަސް ދުވަހު، ކޮންމެ ގެއަކުން ވެސް އެ މީހުން ކުނި ނަގަ އެވެ.

ކިހާދޫގައި ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މިހާރު

ކޮންމެ ގެއެއްގައި ވެސް ހުންނަނީ ކުނި ވަކިކޮށްފަ އެވެ. ޕްލާސްޓިކާއި ބިއްލޫރި އާއި ފުޅި އާއި ދަޅާއި ކަރުދާސް ވަކިކޮށްފައި ހުންނައިރު، އެ އެއްޗެހި ވެސް ހުންނަނީ ވަރަށް ރީއްޗަށް ސާފުކޮށްފަ އެވެ. ކުނިކޮއްޓަށް ގެންގޮސް ފަސޭހައިން އެ ނައްތާލެވޭނެ ގޮތަށް ރެޑީކޮށްދީފަ އެވެ. ކުނިވާ ޒާތުގެ ކުނީގެ ތެރެއިން ކުނިކޮއްޓަށް ގެންދަނީ ހަމައެކަނި ނެޕީ އެވެ.

މިހާރު މި ރަށުގައި އަންނައު ވެސް ނޫކަ އެވެ. ދެވަނަ ފަހަރަށް ބޭނުންކުރެވިދާނެ އަންނައުނު، ސޮނެވާ ނަމޫނާއާ ގުޅިފައިވާ ބ. އަތޮޅުގެ ރަށްތަކުގެ މެދުގައި ބާއްވާ ރީސޭލް މާކެޓެއްގައި ވިއްކާލަނީ އެވެ. ހަފުތާއަކު އެއް ފަހަރު، ކޮންމެވެސް އެއް ރަށެއްގައި އެ މާކެޓް ބާއްވަ އެވެ. އެ މަސައްކަތް ކުރަނީ ކޮންމެ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީންނެވެ.

ގޭގައި އުފެދޭ ކުނިވާ ޒާތުގެ ކުނި މެނޭޖުކުރަން މި ރަށުގައި، ކޮންމެ ގެއެއްގައި ވެސް ހާއްސަ އިންތިޒާމެއް ހަމަޖައްސާފައިވެ އެވެ. އެކަމަށް ބޭނުންކުރަނީ "ޓަކަކުރާ ހޯމް ކޮމްޕޯސްޓިން" ކިޔާ ހާއްސަ މެތަޑެކެވެ. މި މެތަޑު ބޭނުންކޮށްގެން، ކައިފައި ބާކީވާ އެއްޗެހި ގަސްކާނާ އަށް ބަދަލުކޮށްލަނީ، ގޭގެ ގޯތިތެރޭގައި ބަހައްޓައިގެންނެވެ.

ބ. ކިހާދޫގައި ގޭގޭގައި އުފެދޭ ކުނިވާ ޒާތުގެ ކުނި، ހާއްސަ މެތަޑެއް ބޭނުންކޮށްގެން ގަސްކާނާއަށް ބަދަލުކުރަނީ މި ފޮތި ކޮތަޅަށް އަޅައިގެން -- ފޮޓޯ: މިހާރު

• ގަސްކާނާ ހަދަން ކޮންމެ ގެއަކަށް އެކަމަށް ހާއްސަ ފޮތި ކޮތަޅެއް ދީފައި ހުރޭ.

• އެ ކޮތަޅުގެ އަޑީގައި ހުންނަނީ ކޮމްޕޯސްޓިންއަށް ބޭނުންވާ ހާއްސަ ވެއްޔެއް އަޅައިފައި.

• ކުނިވާ ކުނި ކޮތަޅުގެ ތެރެއަށް އަޅައި އެ ވެއްޔާ އެއްކުރޭ.

• 7-15 ވަރަކަށް ދުވަސް ތެރޭގައި އެ ކުނިތައް ވެސް ވެއްޔަށް (ގަސްކާނާއަށް) ބަދަލުވޭ.

މި ރަށުގައި ކުނިކޮއްޓަކީ ވެސް މިހާރު ވަރަށް ތަފާތު ތަނެކެވެ. އިކޯ ސެންޓަރުގެ ނަން ދީފައި މި ކުނިކޮށީގައި އެއްވެސް ނުބައި ވަހެއް ނުދުވަ އެވެ. މެއްސެއް އެއްޗެއް އެނބުރޭތަން ވެސް ނުފެނެ އެވެ. ވަރަށް ސާފުތާހިރުކޮށް އޮންނަ މިތަނުގައި ރަށުގެ ބައެއް އިވެންޓުތައް ވެސް ބާއްވަ އެވެ. ފޫހިފިލުވާލައި، ކޮފީއެއް ބޯލަން ވެސް މީހުން މިތަނަށް އާދެ އެވެ.

އެންމެން ގުޅިގެން ދެއްކި ތަފާތު

ކިހާދޫ އިކޯ ސެންޓަރުގެ ޒުވާން ސުޕަވައިޒަރު މުހައްމަދު ނަދީމް ކުރިން މަސައްކަތްކުރީ ރިސޯޓުގަ އެވެ. ކޮވިޑްއާއެކު ރިސޯޓް ވަޒީފާ ގެއްލުމުން ރަށަށް އައިސް ކުރާނެ މަސައްކަތެއް ހޯދަނިކޮށް އޭނާއަށް ވަދެވުނީ އިކޯ ސެންޓަރަށެވެ. އޭނާއެކު މި ސެންޓަރު ދެން މަސައްކަތް ކުރާ ހަތަރު ޒުވާނުންނަކީ ވެސް މި ރަށުގެ ޒުވާން ކުދީންނެވެ.

އޭނާ ބުނިގޮތުގައި، މިތަނުގައި އޭނާ މަސައްކަތް ކުރަން ފެށިއިރާ އަޅާބަލާއިރު މިހާރު ވަރަށް ބޮޑު ބަދަލެއް ފެނެ އެވެ. ކުރިއަށް ވުރެ ބޮޑަށް އާންމުން ހޭލުންތެރިވެފައިވުމަކީ އޭގެން އެއް ކަމެކެވެ. އަދި ދުވަހެއް ދުވަހަކަށް މި ސެންޓަރަށް ގެންނަ ކުނި މަދުވަމުން އަންނާތީ، ރަށުގައި ކުނި އުފައްދާ މިންވަރު މަދުވަމުން އަންނަކަން ވެސް އޭނާއަށް ފާހަގަކުރެވެ އެވެ.

"ފުރަތަމަ އަހަރެމެން މިކަން ފެށިއިރުގައި ނޭނގޭ އެކި ބާވަތުގެ ކުނި އުފެދޭ މިންވަރެއް ވެސް،" އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.

"މިކަން ފެށީމަ މި އެނގުނީ އަހަރެމެން ނުވިސްނާ ބާވަތުގެ އެތައް ބައިވަރު ކުންޏެއް ވެސް އުފެދޭކަން."

ބ. ކިހާދޫ އިކޯ ސެންޓަރުގައި ޕްލާސްޓިކާއި ކަރުދާސް ކުނި ވަކިކޮށްފައި ޑަސްބިނުގައި -- ފޮޓޯ: މިހާރު

ނަދީމް ބުނީ ކުނި ވަކިކޮށްގެން އުކާލަން ގޭބިސީތަކަށް އެންމެ ފުރަތަމަ އެންގުމުން، ބައެއް މީހުން އެކަމާ ކުޑަކޮށް ޖެހިލުން ވެސް ވި ކަމަށެވެ. ކުނި ވަކިކޮށްފައި ބަހައްޓަން ޖެހެނީ ސާފުކޮށްފައި ކަމަށް ވާތީ، އެއީ ދިގު މުއްދަތަކަށް ބަލާއިރު ނުވާނެ ކަމެކޭ ބައެއް މީހުން ބުނި ކަމަށެވެ. އެކަމަކު، މަޑުމަޑުން އެކަން އާދައަކަށް ބަދަލުވެ، މިހާރު އެއީ މީހުންނަށް މާ އުނދަގޫ ކަމަކަށް ނުވާ ކަމަށް އޭނާ ބުންޏެވެ.

ކުރިން ކޮންމެ ދުވަހަކު ހުރިހާ ގެއަކުން ކުނި ނެގިޔަސް، އެކަން މާ ބުރަވުމުން ހެދީ ޝެޑިއުލެކެވެ. ފަސް ދުވަހުގެ ޝެޑިއުލެއް ހަދައި، އެކި ދުވަހު ނަގަނީ އެކި ބާވާތުގެ ކުންޏެވެ. އެހެންވެ، މިހާރު މަސައްކަތް ކުރިއަށް ވުރެ ލުއި ކަމަށް ވެސް އޭނާ ބުނެ އެވެ.

މިހާރު އެ މީހުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ކުނި އުފުލަން ބޮޑު ޕިކަޕެއް ނެތުމެވެ. މިހާރު ގޭބިސީތަކުން ކުނި ނަގަނީ ކުޑަކުޑަ "ރަށު ޕިކަޕެއް"ގަ އެވެ. އެ ޕިކަޕު މާ ކުޑަވުމުން، ހުރިހާ ގެއަކުން ކުނި ނަގަން ވަރަށް ގިނަ ވަގުތު ހޭދަވެ އެވެ.

ބ. ކިހާދޫ އިކޯ ސެންޓަރުގައި ޕްލާސްޓިކު ކުނި ފިއްތާފައި -- ފޮޓޯ: މިހާރު

ކައުންސިލުގެ ރައީސް ޝާފިއު ވިދާޅުވިގޮތުގައި، އެކި ފަހަރު މަތިން އިއުލާންކޮށްގެން ވެސް ރަނގަޅު ޕިކަޕެއް ލިބޭނެ ގޮތް އަދި ވަނީ ނުވެފަ އެވެ.

އިކޯ ސެންޓަރުގައި ބިއްލޫރި ފުނޑުކުރާ މެޝިނަކާއި ޕްލާސްޓިކާއި އެހެން ބައެއް ބާވަތުގެ ކުނި ފިއްތާ މެޝިން ހުރުމުން އެ ފަސޭހަ ވެސް އެބައޮތެވެ. އެކަމަކު ބައެއް ގެތަކުން ގެންނަ ބޮޑެތި ފަރުނީޗަރާއި ލަކުޑިފަދަ ކުނި މެނޭޖުކުރެވޭނެ ގޮތެއް އަދި ނެތެވެ. އެއީ ވެސް އެ މީހުންނަށް ދިމާވާ ދައްޗެކެވެ. ނެޕީ ނައްތާލެވޭނެ ގޮތެއް ވެސް މިތަނުގައި އަދި ނެތެވެ.

"ނެޕީ އަކީ މިހާރު މި ރަށުގައި އެންމެ ގިނައިން އުފައްދާ ޕްލާސްޓިކް ކުނީގެ ތެރެއިން އެންމެ ގިނަ އެއް ބާވަތް. އެހެންވެ، ސޮނެވާ ނަމޫނާއާ ގުޅިގެން އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ޕްލާސްޓިކް ނެޕީ ނޫން އެހެން އޮލްޓަނޭޓިވްތަކަށް ދިއުމަށް މީހުން ހޭލުންތެރިކުރުވުމަށް،" ޝާފިއު ވިދާޅުވި އެވެ.

ބ. ކިހާދޫގައި ކުނި މެނޭޖުކުރާ އިކޯ ސެންޓަރު -- ފޮޓޯ: މިހާރު

އެކަމުގައި ވެސް އާންމުންގެ ވިސްނުން ބަދަލުކޮށްގެން، ހައްލު ލިބިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ދެމެހެއްޓެނިވި ގޮތެއްގައި އެ ރަށުގައި ކުނި މެނޭޖުކުރުމަށްޓަކައި ސޮނެވާއާއެކު ކުރާ މި މަސައްކަތުގައި މިހާ ހިސާބަށް އާދެވުނީ ވެސް އާންމުންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެގެން ކަމަށް ވާތީ އޭނާއަށް އެ ޔަގީންކަން އެބައޮތެވެ.

"ކުޑަކުދިންނާއި ސްކޫލް ކުދިން މީގެ ތެރެއަށް ވައްދަން ވެސް ވަރަށް ގިނަ ޕްރޮގްރާމްތައް ހުންނާނެ ކުރިއަށް ގެންގޮސްފައި، ކަލެކްޝަން ޑޭސް އާއި ކްލީނިން ޑޭސް ކަހަލަ ހަރަކާތްތައް ބާއްވައިގެން. އަދި އާންމުން ވެސް މި ކަހަލަ ކަންކަމުގެ ތެރެއަށް ނެރެ، އަހަރެމެން ވަރަށް މަސައްކަތްކުރިން މިކަމުގައި އާންމުންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުކުރަން،" ޝާފިއު ވިދާޅުވި އެވެ.

"އޭގެ ނަތީޖާ ވަރަށް އުޖާލާކޮށް މިއަދު މި ފެންނަނީ."

މި ރަށުން ދިމާވާ ކޮންމެ މީހަކު ވެސް ބުނަނީ ކުނި މެނޭޖުކުރުމުގައި ކިހާދޫ އަކީ މިހާރު ނަމޫނާ ރަށެކެވެ. މި ނަމޫނާއަށް ބަލައިގެން އެހެން ރަށްރަށުން ވެސް ތަފާތު ދައްކާށެވެ.

21 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 4%
icon wow icon wow 4%
icon inlove icon inlove 42%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުރާންތި

20 December 2022

40 ގޭބިސީ ވާހަކަތިޔަ ކިޔަނީ އަދި އެވެސް ( މިލިއަނުން ޑޮލަރު އޮޕަރޭޓްވާ ) ރިސޯޓެއްގެ އެހީތެރިކަމާއެކު ، އެހެންވީއިރު ތިޔަކަމަކީ އަހަރުމެން އަޖައިބުވާވަރުކަމެއް ނޫން !! 2000 ނުވަތަ 3000 މީހުން އާބާދި 250 ގޭބިސީ ކުނި ތިހެން ހަދާބަލަ ، ދެން ކޮބާ ކޮންމެ ރަށަކަށް އެހީތެރިވާނެ ރެސޯރޓް ؟؟ ކޮންމެ އަތޮޅަކު ރެސޯޓް ހުރޭ އެކަމު ސީ.އެސް.އާރު ކޮޅުވެސް ކާލަނީ މާލޭގެ ކޮންމެސް ޖަމިއްޔާއަކުން ގިނަފަހަރު،

The name is already taken The name is available. Register?

ޢަލީ ސުލައިމާން

11 December 2022

ކުދި 300 މީހުން ތިބޭ ރަށްރަށުން ކުނިނައްތާލެނުނޭ ކިޔާފަ 2000 3000 މީހުން ދިރިއުޅޭ ރަށްރަށުން ތިގޮތަށް ކުނިމަދުކުރުމަކީ މާފަސޭހައިން ވާނޭކަމެއްނޫނެވެ. ސަރުކާރުން ރަނގަޅު އިންތިޒާމެއް މިކަމަށް ހޯދައިނުދީފިނަމަ ރަށްރަށް މުޅިން ކުނިވެގެން ހިނގައިދާނެ.

The name is already taken The name is available. Register?

ޓިވީއެމް

11 December 2022

ސަރުކާރު ސަރުކާރު ކިޔަކަސް ނުވާނެ ބްރޯ! ކުޑަ ރަށުގެ ވަސީލަތްތައް ކުޑަ. ބޮޑު ރަށްރަށުގައު ވަސީލަތްވެސް ގިނަވާނެ. މައްކަލައަކީ ބަހަނާ ކައިގެން އުޅެން ދަސްވެފަހުރުން.

The name is already taken The name is available. Register?

ކިހާ

10 December 2022

މިއަދަކީ މަސްވެރިންގެ ދުވަހޯ؟؟؟!!

The name is already taken The name is available. Register?

ކޮރަލް

10 December 2022

އެންމެ ރިސޯޓް އަކުން އެދަނީ ނަމޫނާ ދައްކަމުންނެވެ. މިނިސްޓަރު އަށް ކަމެއް ނުވާތާ އެދަނީ ޝަކުވާ ކުރަމުންނެވެ.

The name is already taken The name is available. Register?

ހުޒާމާ ހަސަން

10 December 2022

ކުޑަ ރަށެއްގަ ތިގޮތަށް ގެންދެވިދާނެ. 40 ގޭބިސީ. ބޮޑަތި ރަށްރަށުގަ ކުނި ފިއްތާފަ ބަހައްޓަންވެސް ބޮޑު ޖާގަ ބޭނުނާނެ. ގިނަ މީހުންނާ ވަސީލަތާ... ހަމަ އިތުރު ހަރަދު ...

The name is already taken The name is available. Register?

ޏަންނެއްގޮލާ

10 December 2022

އިތުރު ހަރަދު ނުކޮއް ދެން ކުނީގެ ކަންޑެއްގަ ދިރި.އުޅެން ވީ. އަދި.އަގުހެޔޮ ގޮތް ތައް ފެންނާނެދޯ. ކޮންމެސް.hisAބަކުން ފަށަން ޖެހޭނު.

The name is already taken The name is available. Register?

އަފްޣާނިސްތާނުގެ ހާމިދު ކަރުޒާއީ

10 December 2022

ދިވެހިންނަށް ވަރަށް ޖޭވެވޭނެ މީހަކު ނުވަތަ ބަޔަކު ރަނގަޅަށް ކަމެއްކުރަންޏާ. އަދި އެބަޔަކަށް ކަމެއްކޮށްދޭމީހާދެކެވެސް އެހާ ރުޅިއަންނާނެ.

The name is already taken The name is available. Register?

ޙައްބޭ

10 December 2022

40 ގެޔޯ ހުންނަނީ. ތިއީ ބޮޑު ރަށެއްގެ އެންމެ ކޮއްޓެއްގައި ހުންނަ އަދަދު.

The name is already taken The name is available. Register?

ކިލޯ2

10 December 2022

ބަހަނާ ނުދައްކާ

The name is already taken The name is available. Register?

ޙަސަނާތުތަރި

10 December 2022

ބޮޑު ރަށެއް ވިއްޔާ މާ ފަސޭހަވާނެ. ކަންކުރާނެ ވަސީލަތާ މީހުން ލިބޭނެ. ބޭނުންވަނީ ހޭލުންތެރިކަން

The name is already taken The name is available. Register?

ކުނި މޭނޭޖް

10 December 2022

ދިވެހީންނަކީ އަބަދުވެސް ސާފުތާހިރުބައެއް. ކިހާދޫ ރައްޔިތުން ތިދައްކުވާދެއްވި ކުނިމޭނެޖުކުރުމުގެ ނަމޫނާއަކީ އެހެން ރަށްރަށުން އެެއީ މިސާލެއްގެ ގޮތުގައި އެކަން ނަގައިގެން ކުނި މެނޭޖުކުރަންވީ. މަރުހަބާ ކީހާދޫ ރައްޔިތުންނަށް.

The name is already taken The name is available. Register?

ސިމްޕަލް

10 December 2022

މަރުހަބާ! ކިހާދޫގައި ސައިކަލް ދުއްވުން މަނާ ކުރުން ކިހިނެތްވާނެތޯ؟ އެއީ ރަށްތަކުގެ ސާފު ރީތި މާހައުލު ހަލާކު ކޮށްލާ އެއްޗެއް. ރައްޔަތުންގެ މެދުގައި ވޯޓެއް ނަގައިގެން އެފަދަ ކަމެއް ކޮށްފި ނަމަ ކާމިޔާބުވާނެ.

The name is already taken The name is available. Register?

ހީވެސްނުވޭ!

10 December 2022

މަ ހަމަ ހައިރާންވެއްޖެ!! މަ ނުވާނެ ކަމަށް ހީކުރި ކަންކަންވެސް ހަމަ ދިވެހިންވެސް ކުރާތަން އެބަފެނޭ!! މަހީކުރީ، ދިވެހިން ދެން ރަގަޅު ނުވާނެކަމަށް، އެމީހުން މީހަކު ބުނާ/ދައްކާ ރަގަޅު ކަމެއް ދެން ނުކުރާނެކަމަށް އެކަމު ދިވެހިންވެސް ހަމަ ވަރަށް ރަގަޅު، ގިނަމީހުން ހެޔޮބަސް ޤަބޫލުކުރޭ. ތިހިރަ ފެނިގެންދަނީ ޖަޕާންފަދަ ޤައުމުތަކުން ފެންނަ މިސާލު. ޖަޕާނުން ވަރަށްގިނަ ރީތި މިސާލުތައް ފެނޭ. ދަސްކުރަމާބަހީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454