ބ. އަތޮޅުގެ ހަތަރު ރަށެއްގައި އީކޯ ސެންޓްރޯތަކެއް ހަދަނީ

ބ. އަތޮޅުގެ ތިން ރަށެއްގައި ހާމައަށް ކުނި އެންދުން ހުއްޓާލައި އެ ކުނިތައް އަލުން ބޭނުން ކުރެވޭގޮތަށް ހެދުމަށްޓަކައި އެ ރަށްތަކުގައި "އީކޯ- ސެންޓްރޯ"ތަކެއް ގާއިމުކޮށްދިނުމަށް ސޮނޭވާފުށި ރިސޯޓުން ނިންމައިފި އެވެ.


ބ. މާޅޮސް ކައިރީގައި އޮންނަ އެ ރިސޯޓާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ރަށްތަކަކީ ދަރަވަންދު އާއި މާޅޮހުގެ އިތުރުން ކިހާދޫ އެވެ. "ނަމޫނާ ބ. އަތޮޅު"ގެ ނަމުގައި ވެފައިވާ އެ އެއްބަސްވުމުގެ ދަށުން ކުނި ނައްތާލަން ނިންމާފައި ވަނީ ކުނީގެ ގޮތުން އުކާލެވޭ ތަކެތި އަލުން ބޭނުން ކުރެވޭގޮތް ހަދައިގެންނެވެ.

ސޮނޭވާފުށީގައި އެފަދަ ސެންޓަރެއް މިހާރު ވެސް ހިންގަ އެވެ. އެ ތަނުގައި އުފެދޭ އެކިއެކި ކުނި ފުނޑުފުނޑުކޮށް އޭގެން ތަފާތުތަކެތި އުފައްދަ އެވެ. އޭގެ ތެރޭގައި އިމާރާތް އެޅުމަށް ގާއެޅުމާއި ގަސް ކާނާ ހިމެނެ އެވެ. އެ ރިސޯޓުން އުކާލާ ހުރިހާ ޕްލާސްޓިކް ކުންޏެއް އެގޮތަށް ބޭނުން ކުރެ އެވެ.

ސޮނޭވާފުށީގައި ކުނި ނައްތާލާ ސެންޓްރޯ--

ފުރަތަމަ ސެންޓްރޯ ގާއިމް ކުރަނީ މި އަހަރު މާޅޮހުގަ އެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި މިފަދަ ސެންޓްރޯއެއް ގާއިމް ކުރެވޭ ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅޭގޮތުން ސޮނޭވާގެ ސީއީއޯ ސޯނޫ ޝިވްދަސާނީ ވިދާޅުވީ އެންމެން އެކުގައި މަސައްކަތް ކޮށްފި ނަމަ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގައި ނަމޫނާ ގައުމަކަށް ރާއްޖެ އަކީ ވެގެންދާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ހުރިހާ ރަށެއްގައި ވެސް އެފަދަ ސެންޓްރޯތަކެއް ހެދި، ކުނިން ނަފާ ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[މުސްތަގުބަލުގައި] އެއްވެސް ރަށެއްގައި ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅެއް ބޭނުމެއް ނުކުރާނެ. ޕްލާސްޓިކް ހޮޅިއެއް ބޭނުމެއް ނުކުރާނެ. އެއްވެސް ރިސޯޓަކުން ވެސް އަދި ގެސްޓް ހައުސްއަކުން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ފެން ފުޅިއެއް ބޭނުމެއް ނުކުރާނެ،" ސޯނޫ ވިދާޅުވި އެވެ.

އެ ތިން ރަށާއި ސޮނޭވާފުށީގެ އިތުރުން ކަނޑުގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާ "ކޮމަން ސީސް"އާ ދެމެދު ވަނީ ޕާޓްނާޝިޕެއް ވެސް ހަދައިފަ އެވެ. އެ އެއްބަސްވުން ހަދާފައި ވަނީ ކަނޑަށް އަޅާ ކުނި މަދުކުރުމަށް ނަމޫނާ ދެއްކުމަށެވެ.

ރާއްޖޭގައި ދެ ރިސޯޓް ހިންގާ ސޮނޭވާ އަކީ ތިމާވެށި ހިމާޔަތް ކުރުމުގައި ނަމޫނާ ދައްކާ ބްރޭންޑެކެވެ. އެ ރިސޯޓުތަކުން ބޭނުން ކުރާ 90 ޕަސެންޓް ޕްލާސްޓިކަކީ ރިސައިކަލް ކުރެވޭ ތަކެއްޗެވެ. މީގެ 10 އަހަރުން ފެށިގެން އެ ރިސޯޓުގައި ޕްލާސްޓިކް ފެންފުޅި ބޭނުން ކުރުން ވަނީ ހުއްޓާލާފަ އެވެ.