ޓެރަރިޒަމްގެ އޮޕަރޭޝަނެއްގައި ފުލުހުން: ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫއިން ހައްޔަރުކުރި އެކަކު މިއަދު ވަނީ މިނިވަންކޮށްފައި --- ފޮޓޯ/މިހާރު
11 ޑިސެމްބަރ 2022 - 14:12
ޓެރަރިސްޓް ހަމަލާއެއް ދީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނު ކަމަށް ބުނެ ދާދިފަހުން އައްޑޫން ހައްޔަރުކުރި މީހަކާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން ހައި ކޯޓުން މިއަދު އޭނާ މިނިވަންކޮށްފި އެވެ.
މިދިޔަ މަހު އައްޑޫގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކުރި އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުން އެ މީހުން އުޅުނީ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދޭށެވެ.
އެ މައްސަލާގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މީހުންގެ ތެރެއިން ހައި ކޯޓުން މިއަދު މިނިވަންކުރީ ދަށު ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރި މީހެކެވެ.
އެ މީހާ ބަންދުކުރަން މަރަދޫފޭދޫ ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދުކުރި ހުކުމުގައިވަނީ އޭނާއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުން ފިޔަވައި އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެ ރިޕޯޓުގައި ހުރި ވާހަކަތަކަށް ބުރަދަނެއް ލިބޭ އިތުރު ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ޓެރަރިޒަމްގެ ގާނޫނު އޮންނަ ގޮތުން އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް މީހަކު ބަންދު ކުރެވޭނީ ގާނޫނުގައި ބުނާ ޝަރުތުތަކެއް ފުރިހަމަވުމާ އެކު، އެއަށް ބާރު ދޭ އިތުރު ހެކި ގަރީނާ ހުރި ނަމަ އެވެ. އަދި މި މައްސަލާގައި އެކަންކަން ފުރިހަމަ ނުވާތީ އޭނާ ބަންދުކުރުން ގޯސް ކަމަށް ހުކުމުގައިވެ އެވެ.
"ބާރު ދޭ އެއްވެސް ގަރީނާއެއް އިންޓެލިޖެންސް ރިޕޯޓާއެކު ހިމެނިފައިނުވާއިރު، ހަމައެކަނި އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެން." ހުކުމުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ އަމުރު ބާތިލް ކުރުމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭއިންސާފު
12 December 2022
މިގައުމުގަ އެއްކަމެއް ވެސް ރަނގަޅެއް ނުވާނެ ދެރަވަރުގެ ހާދިސާއެއް ނުހިނގަނީސް. ގައުމުގަ ޖެހިލުމެއް ނެތި މީހުން މާރާނެ ފެންވަރުގެ މީހުން ތިބިކަން އިނގި ހުރެ،ޑުރަގުގެ ބޮޑުންވެސް އިނގިހުރެ މިއުޅެނީ އާރާ ބާރުގަ. މާލޭގެ ނަން މަޝްހޫރު ގޭންގުތައް އެންމެނަށް އިނގޭ، އެކަމު ގާނޫނު ނަގަހައްޓަން ތިބޭ ބަޔަކަށް ވާކަމެއް އެބައޮތްތަ؟ޓެރަރިސްޓް ހަމަލާއެއް ނުދޭކަން އެއީ އަހަރުމެންގެ ނަސީބު، އެހެންނޫނީ މިއޮށް ކުޑަ ތިންކޮޅުގަ ކިތައް ފުރާނަ ދާނެ؟
ހަސަނު
12 December 2022
އާ ގަނޫނު އަސާސީއަކާ ޑިމޮކްރަސީއެއް ގެނައިފަހުން ރައްޔިތުންނަށް ލިބުނީ މީހުން މަރާން ރެޑީގަ ތިބި ހައްދު ފަހަނަ އެޅީ ދެތިން ހާސް މިހުނާ ސަތޭކައެއްހާ ގޭނގާ ތިން ހަތަރު ހާސް ގޭންގު ކުދިން..
މަ ބުނީ
11 December 2022
މަ ބުނީ "މީ 'މިނިވަން ދިވެހި ރާއްޖެ ' ސާފު ދިވެހި ރާއްޖ، އެވެ"މި ޝިޢާރު ގެ ދިވެހި މާނަ ވަރަށް ސާފެވެ. "ޔަޢުނީ ' ލިބެއް އޮތްގޮތަކަ' ލިބިގަންނާށެވެ ' "ކެވުނު ގޮތަކަށް ކާށެވެ' މައްސަލަ ޖެހުމުން ކޯޓުން ދޫކޮށްލައިދޭނެއެވެ' އޭރުން މިނިވަށްވެ ސާފުވީއެވެ.
ޏާއްކޮ
11 December 2022
މީ އަނެއްކާ ރާޅާ ދެކޮޅަށް ފަތާތީ ހައްޔަރު ކުރި މީހެއްތަ؟ ލޮލް
ދުންމާރިި
11 December 2022
ކުއްވެރިޔާ ހައްގުތައް މިގައުމުގައި މާ ފުޅާވެފަ ގިނަވާނެ. ނިކަމެތި ރައްޔިތުން ތިބެން ޖެހޭނީ އެމީޙުން ކުރިމަތީ ކުޑަކަކޫ ޖަހައިގެން. ފުލުހުން އެއް ދޮރުން ވައްދާފައި އަނެއްދޮރުން ނެރޭނެ. ފުލުހުން ބަންދުކޮށްފިއްޔާ ކޯޓުން އަނެއްދޮރުން ނެރޭނެ. ދޭން އޭނަގޮސް ތަނެއް ގޮއްވާލީމައި ތިތިން ފަނޑިޔާރުން ތިބޭނެ ހެއްކެއްނެތޭ ކިޔާލަ ކިޔާލާ. ރައްޔިތުން ނިކުމެ ކުރަންޖެހޭ ކަމެއް ކުރަންވީ.. ހައްގުތަކާ ކޮރަޕްޝަން ބޮޑުކަމުން މުއައްސަސާތަކުން ލިބޭނެ އެހީއެއް ނެތް.
ސޮއްލެ
11 December 2022
އެއީ ނަމެއްވެސް ނެތް މީހެއް ދޯ؟ ލޮލް!!! ތިވަރުވަންޏާ ކީއްކުރަންތަ ހައްޔަރުކުރަނީ؟
ފާޑު ފާޑު
11 December 2022
ޓެރަރިސްޓުންނަށް މިނިވަންކަން، ޢާއްމުންނަށް ނިކަމެތިކަން
ފާޑުފާޑޭ
11 December 2022
ވަގުންނަށާ މަސްތުވާމީހުންނަށާ މަގުފޭރޭމީހުންނަށާ ބަރަހާ ކަނމަތީ އުޅޭމީހުންނަށާ ލާދީނީނިޔަތު ފަތުރާ މީހުންނަށް މިނިވަންކަމުގެ އައްޑަނަ މިހާރު އޮތީ.
އިދުރީސް 1
11 December 2022
ދިފާއީ ވަކީލުން ފަނޑިޔާރުނަށް ވުމުން، ތި ކަމަކާ ހައިރާން ނުވޭ
ތައްޚާން
11 December 2022
ރައްޔިތުންގެ ސަލާމަތާ މެދު ނުވިސްނަނީ ބާ؟ ް
އިބްރ
11 December 2022
ބޭރުން ފައިސާކޮޅު ލިބުނުކަން ކަށަވަރުކުރާތި އެންމެން ދޫކޮށްލުމުގެކުރީގައި.