ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ: ތަރުޖަމާނަކު ނެތި މީޑިއާ އާ މުއާމަލަތް ކުރަން އުނދަގޫ --- ފައިލް ފޮޓޯ: އެފްއޭއެމް
14 ޑިސެމްބަރ 2022 - 14:10
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި މިއަދު މެލޭޝިއާ އާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު ނެތި މީޑިއާއާ ވާހަކަ ދައްކަން ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އަށް އުނދަގޫވެއްޖެ އެވެ.
މެލޭޝިއާގައި މިއަދު ކުޅޭ މެޗާ ބެހޭގޮތުން އެ ގައުމުގެ ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދިނުމުގައި މޮރިއޭރޯ އުނދަގޫ ކުރިމަތިވީ ކޮށިކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ޖެހުމުންނެވެ. މީގެ ކުރިން ތަރުޖަމާނުގެ މެދުވެރިކޮށް ތަފްސީލުކޮށް މީޑިއާ އާ ވާހަކަ ދައްކާ މޮރިއޭރޯ އިއްޔެ ފުއްދާލީ ކުރު ޖަވާބު ތަކަކުންނެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހު ރާއްޖޭގެ ކޯޗު ކަމާ ހަވާލުވި މޮރިއޭރޯ މީޑީއާ އާ އިޓަލީ ބަހުން ވާހަކަ ދައްކާއިރު މީގެ ކުރިން ތަރުޖަމަނެއް ބޭނުން ކުރެ އެވެ. އެގޮތުން މިދިޔަ އަހަރު ނޮވެމްބަރުން ފެށިގެން މި އަހަރުގެ ޖޫން މަހާ ހަމައަށް މޮރިއޭރޯގެ ތަރުޖަމާނެއްގެ ގޮތުގައި އެމިލިއާނޯ ކިޔާ މީހަކު މަސައްކަތްކުރި އެވެ.
ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުން ފެށިގެން އޭޝިއަން ކަޕް ކޮލިފައިން ނިމެންދެން ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރި އެމިލިއޯ އެ ދައުރު އަދާ ކުރީ އެއް ވެސް މުސާރައެއް ނުލިބި އެވެ. ރާކަޕަކްސަ މުބާރާތުގައި މަސައްކަތް ކުރުމުން އޭނާ އަށް ދޭން ޖެހޭ 1،500 ޑޮލަރު ވެސް އެފްއޭއެމުން ދީފައިނުވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އިއްޔެގެ ޕްރެސް ކޮންފަރެންސްގައި މޮރިއޭރޯ ބުނީ މެޗުގެ ނަތީޖާ އަށް އޭނާ އިސްކަން ނުދޭ ކަމަށާއި އޭނާ އިސްކަން ދެނީ ރަނގަޅު ގޭމެއް ކުޅެން ކަމަށެވެ. އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިމުނުތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި ދެ މެޗަށް ތައްޔާރުވީ މާލޭގައި 20 ދުވަހު ކުރި ޓްރެއިނިންތަކުން ކަމަށެވެ.
ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ (ކ) އާއި އޭނާގެ ތަރުޖަމާނަކަށް ކުރިން މަސައްކަތް ކުރި އެމިލިއޯ --- ފައިލް ފޮޓޯ: އެފްއޭއެމް
"މެޗުގެ ފައިނަލް ނަތީޖާއާ މެދު ވިސްނާކަށް ބޭނުމެއް ނޫން. އަހަރެންނަން ކަމުދަނީ ހައި އިންޓެންސިޓީ އާއި އޯގަނައިޒްޑް ގޭމަކާ އެކު ޕޮޒިޓިވް ފުޓްބޯޅައެއް ކުޅުން. ހައި އިންޓެންސިޓީ މެޗުތަކުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ޓީމުގެ ވިސްނުން އެގޮތަށް ހޭނުމަކީ ވަރަށް މުހިންމު ކަމަކަށް ވާނެ. އެންމެ ފަހުން ސެޕްޓެމްބަރު މަހު ދެ މެޗު ކުޅުނު ޓީމުގެ ކުޅުންތެރިންނަށް ކުޅުމުގެ މިނިޓްތަކާއި މެޗު ފިޓްނަސް ލިބުމަކީ ވެސް ވަރަށް މުހިންމު ކަމެއް، އޯގަސްޓް މަހު ސީޒަން ނިމުނީ އާ ސީޒަން ފަށާނީ މާޗް މަހު،" ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ކޮށިކޮށިކޮށް އިނގިރޭސި ބަހުން މޮރިއޭރޯ ދެއްކި ވާހަކަ ދެއްކި އެވެ،
ތަރުޖަމާނަކު ނެތި ކުޅުންތެރިންނާ މުއާމަލާތް ކުރަން ޖެހުމުން ކުޅުންތެރިންނަށް އޭނާގެ ވާހަކަ ފަހުމު ވުމުގައި އުނދަގޫ ކުރިމަތިވާކަން ވަނީ އެނގިފަ އެވެ. އެކަމަކު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ކުރިން ބުނެފައި ވަނީ ބަސް މުހިންމު ނޫން ކަމަށެވެ. ދަނޑުމަތީގައި ކުރަން ޖެހޭ މޫވްތައް އެއްގޮތަކަށް ހުންނާތީ ދައްޗެއް ނުވާނެކަމަށް ސެންޓޭ ބުނެފައި ވެއެވެ. ނަމަވެސް ތަރުޖަމާނުގެ އެހީގައި މޮރިއޭރޯ ދޭ އިރުޝާދުތައް ނަގައިގަންނަށް ކުޅުންތެރިންނަށް ފަސޭހަކަން. އަނިޔާގެ ސަބަބުން ގައުމީ ޓީމާ ދުރުގައި ހުރި ފޯވާޑް މީގެ ކުރިން ބުނެފައި ވެއެވެ.
"މީގައި ބަހެއް ނޫން މުހިންމީކީ،" ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ދިވެހި ބަހުން ލަންކާގެ ނޫސްވެރިންނަށް ޖަވާބު ދެމުން ސެންޓޭ އޭރު ބުނެފައިވެ އެވެ. "ކޮންމެ ގޮތެއް ވިޔަސް ފީލްޑްގައި ކިޔައިދޭ އެއްޗެއް ވަރަށް ފަސޭހަ ވާނެ. މޫވްތައް މި ހުންނަނީ އެއްގޮތަކަށް. ދެން ޓްރާންސްލޭޓާ ވެސް އެބަހުރި. ކޯޗް ވަރަށް ފަސޭހަކޮށް ހުރިހާ އެއްޗެއް ކިޔައިދެނީ. އެއްވެސް އުނދަގުލެއް ނެތް. ފެށުމުގެ ކުރިން އެ ކިޔައިދެނީ ފަށަންޖެހޭ ގޮތާއި މޫވްތައް އަންނަޖެހޭ ގޮތް. ވަރަށް ފަސޭހަ ކޯޗާ އެކު މަސައްކަތްކުރަން."
ގައުމީ ޓީމުން މެލޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 6 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެނީ
14 December 2022
ދިވެހިންގެ ތެރޭގައި މަދެއް ނުވާނެ އިޓަލީ ބަހުން ފަރިތަކޮށް ވާހަކަ ދައްކާ
އިޙްސާސް.
14 December 2022
ކޯޗަށް މުސާރަދޭތަ އަނެއްކާ؟ ނޫނީ ނިދާލާނެތަނަކާ ކާއެތިކޮޅެއްދޭތީ ކޯޗު މިޤައުމުގެ ފަސްގަނޑު ފެނިފަ ހުންނަނީތަ. އިޓަލީ މީހުން ނުލާހިކު ރާއްޖެ އަންނަހިތްވެ.
ސަމްސުންނިސާ
14 December 2022
އެމިލިއޯއަކީވެސް ރާއްޖޭގާއުޅޭ އިޓަލީކުއްޖެއްތަ؟
އަހްމަދ
14 December 2022
ޖާބިރު އަށް އިޓަލީބަސް ފެންފަދަކަން ބައްސާމަށް ނޭންގެނީތަ؟
ާއަލިމޯޑު
14 December 2022
ކޯޗަކު ގެންނައިރު އެފްއޭއެމް އިން ބަލަން ޖެހޭނެ އެމީހަކަށް އިނގިރޭސި އެނގޭތޯ. އިނގިރޭސި ނޭނގޭ މީހަކު ގެނައިމަ އިތުރު މީހަކަށް މުސާރަ ދީގެން ގެންގުޅެންޖެހޭ އެބަ.ދެން ވަރަށް މޮޅު ތަޖުރިބާކާރު އަދި އެފްއޭއެމްގެ ބަޖެޓަށް ފެތޭވަރު ކޯޗެއްނަމަ އޯކޭ އިނގިރޭސި ނޭނގުނަސް ގެންނަން. ތިކޯޗަކީ އޭނަގެ ސީވީގަ އެކްސްޕީރިއަންސް ބައިގައި އިންޓަނޭޝަނަލް ތަޖުރިބާ ލިޔެލަން އައި މީހެއް
އަހްމް
14 December 2022
ދިވެހި ކުޅުން ތެރިންނަށް އިޓަލީބަސް ދަސްކޮށްދިނުމަކީ ތިކަމުގެ ހައްލު..