ކުރީގެ ރައީސް ޔާމީން އާއި ރިލްވާން މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރާ މުނާޒް: އޭނާ ފުރުވާލުމުގައި ޔާމީން އެހީވި ކަމަށް ކޮމިޝަނުން ތުހުމަތުކުރޭ.
15 ޑިސެމްބަރ 2022 - 22:13
ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ބޯ ބުރިކޮށް މަރާލުމުގައި ބައިވެރިވި އަބްދުﷲ މުނާޒް ރާއްޖެ އިން ބޭރަށް ފުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަމާ އެކުގައި ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނުން ބުނީ މުނާޒް ހިމެނެނީ ރިލްވާންގެ މަރަށް ފަހު ސީރިއާއަށް ފުރި މީހުންގެ ތެރޭގައި ކަމަށެވެ. ރާއްޖެ އިން ފުރުމުގެ ކުރިން އޭނާ ޔާމީންއާ ބައްދަލުކުރި ކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާ ކަމަށެވެ.
ކޮމިޝަނުން ބުނި ގޮތުގައި މުނާޒް ވަނީ ރިލްވާން މަރާލި ގޮތާއި އެކަމުގައި ބައިވެރިވި މީހުން އެ ބައްދަލުވުމުގައި ޔާމީނަށް ކިޔައިދީފަ އެވެ. އޭގެ ފަހުން އޭނާ ފުރީ ޔާމީންގެ އެހީތެރިކަމާ އެކުގައި ކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ވަނީ ރިލްވާނަށް ވީގޮތް ނުހޯދެނީސް، ޔާމީންގެ ކެމްޕޭން ޖަލްސާއެއްގައި އޭނާ މަރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި ކަން ވެސް ފާހަގަކޮށްފަ އެވެ.
ރިލްވާން މަރަށް ފަހު ސީރިއާ އަށް ދިޔަ ހަ މީހުން: މި އެންމެން މަރުވި ކަން އެއްވެސް އިދާރާއަކުން މަރު ކޮމިޝަނަށް ޔަގީންކުރެވިފައެއް ނުވޭ.
"މުނާޒް ސީރިއާއަށް ގޮސްފައި ވަނީ 2017 ވަނަ އަހަރު، ދެން ތިބި މީހުން ދިޔައީ 2014 ނިމުނު ހިސާބުގައި،" ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނި ގޮތުގައި ޔާމީންގެ އެހީއާ އެކު މުނާޒް ފުރުވާލި ވާހަކަ ކޮމިޝަނާ ހިއްސާކުރީ އޭނާއާ ގާތް ގުޅުމެއް އޮތް މީހެކެވެ. މުނާޒް ދިޔައީ ސީރިއާއަށް މީހުން ރެކްރޫޓްކުރަމުން ކަމުގެ ތުހުމަތު ވެސް ކޮމިޝަނުން ކުރި އެވެ.
ކޮމިޝަނުން ބުނީ ރިލްވާނަށް އިންޒާރުދީ ދުރާލައި ރާވައިގެން މަރާލާފައި ވަނީ ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ. އޭނާގެ މަރު ފޮރުވައި، އޮޅުވާލަން އެކި ގޮތްގޮތުން ދައުލަތުގެ އެހީތެރިކަން ހޯދި ކަމަށާއި އެ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
މަރު ކޮމިޝަނުން ބުނި ގޮތުގައި ރިލްވާންގެ މަރުގައި ތުހުމަތުވާ މީހުން ދިފާއުކޮށްދޭން ވެސް ސަރުކާރުގެ އިސްވެރިން ވަނީ ދައުރެއް ކުޅެދީފަ އެވެ. ތަހުގީގަށް އެއްކުރެވުނު މައުލޫމާތުން އެނގުނު ގޮތުގައި އެ ދުވަސްވަރު އެ މީހުންގެ ބާރު ސަރުކާރުގެ ތެރޭގައި ގަދަ ކަމަށް ވެސް ތުހުމަތުކުރި އެވެ.
ކޮމިޝަނުން ބުނީ ކުށެއްގެ ތުހުމަތުގައި ހ. ހިލްޓަން އަޒްލިފް ރައޫފް ގޭބަންދުގައި ހުރި އިރު ބަންދު އަމުރާ ޚިލާފަށް، ޔާމީން ބައިވެރިވެވަޑައިގަތް އިވެންޓެއްގައި ބައިވެރިވި ކަމަށެވެ. އޭނާއަށް 2014 ގައި ސީރިއާއަށް ފުރުނީ ގާނޫނާ ޚިލާފަށް ބަންދު އަމުރުން ދޫކޮށްލުމުން ކަމަށް ރިޕޯޓުގައިވެ އެވެ.
ރިލްވާނަށް ފާރަލީ ކަމަށް ތުހުމަތު ކުރެވޭ މުހައްމަދު ސުއައިދު ބަންދުން ދޫކޮށްލީ ވެސް ގޯސްކޮށް ކަމަށް ކޮމިޝަނުން ބުންޏެވެ. ތުހުމަތު ކުރެވޭ މި މީހުން ދޫކޮށްލުމުގައި ސަރުކާރުގެ ވެރިންގެ ބައިވެރިވުން އެކި މިންވަރަށް އޮތް ކަަމަށް ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ.
ކޮމިޝަނުން ބުނީ ރިލްވާން ވަގަށް ނަގައިގެން ގޮސް ކަންނެލި ދޯންޏެއްގައި ކަރު ބުރިކޮށް ކަނޑު ފެއްތި ހަ މީހަކު ވަނީ ސީރިއާއަށް ގޮސްފަ އެވެ. އެކަމަކު އެ މީހުން މަރުވި ކަމެއް ރަސްމީ އިދާރާއަކުން ޔަގީން ނުވާ ކަމަށެވެ. މި މަރުގައި ދައުވާ އުފުލާފައި ވަނީ ތިން މީހުންގެ މައްޗަށެވެ.
ކޮމިޝަނުން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު މީގެ ފެށުމަކީ ޑިސެމްބަރު 10، 2011 ގައި އާޓިފިޝަލް ބީޗުގައި ތަފާތު ހިޔާލުތަކުގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންނާ މެދު ހިނގި ކުރިމަތިލުމެވެ. މި ކުރިމަތިލުމުގައި މ. ލެގޫންވިއު، އަބްދުﷲ އިސްމާއިލް ވަނީ މީހެއްގެ ބޯ ފަޅާލައިފަ އެވެ. އެކަމަކު އޭނާގެ މައްސަލަ ފުލުހުން ތަހުގީގެއް ނުކުރެ އެވެ.
އެ ހިމޭން މުޒާހަރާ ރާވައި ހިންގި އެންމެ އިސް މީހާއަށް އޭގެ ފަހުން ވެސް މަގުމަތިން ހަމަލާދިން ކަމަށް ރިޕޯޓުގައިވެ އެވެ.
ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތައް ވަރުގަދަވާން ފެށީ ކޮމިޝަނުން ބުނާ ގޮތުގައި އެމްޑީޕީއަކީ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދޭން ވަކާލާތުކުރާ ޕާޓީއެއް ކަމަށް ތުހުމަތުކޮށް ސިލްސިލާ މުޒާހަރާތައް ފެށުމުންނެވެ. އެ މުޒާހަރާތަކުގައި ދީން ބޭނުންކުރީ ހަތިޔާރެއްގެ ގޮތަށް ކަމަށް ކޮމިޝަނުން ބުންޏެވެ.
ރިޕޯޓުގެ ތަފްސީލް އާއްމުކުރައްވަމުން ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަށް ހަމަލާދީ އަވަހާރަކޮށްލީ ވެސް ހަރުކަށި ފިކުރުގެ ގްރޫޕްތަކުގެ ހަލަބޮލިކަމުގެ ތެރޭގައި ކަމަށެވެ. ރިޕޯޓުގައި ވަނީ ގޭންގުތަކާއި ހަރުކަށި ފިކުރު އެކައްޗަކަށް ވެފައިވާ ކަން ފާހަގަކޮށްފަ އެވެ.
ކޮމިޝަނުން ބުނި ގޮތުގައި ޔާމީންގެ ވެރިކަމުގައި ގޭންގްތައް ބާރުވެރިވީ ސަރުކާރުގެ ވެސް އެހީއާ އެކުގަ އެވެ. އެ މީހުން އަރައިގަންނަ ކުށްތައް ދިފާއުކުރަން ދައްކަނީ ދީނީ އެކި ސަބަބުތަކެވެ. ރިޔާސީ އިންތިހާބަށް 2013 ގައި އަދި އޭގެ ފަހުން ވެސް ގޭންގްތަކާ އެކު ގުޅުން ބަދަހިކުރި ކަމަށް ތަހުގީގަށް ކަށަވަރުވި ކަމަށް ކޮމިޝަނުން ބުންޏެވެ.
"ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ތަފާތު ހިޔާލުތަކުގެ މީހުންނާ ހަރުކަށި ފިކުރުގެ މީހުން ދެމުން ދިޔަ ބަހުގެ ހަމަލާތަކުގައި ގޭންގުތަކުން ވެސް ބައިވެރިވެ އަނިޔާކުރުމާއި ބިރުދެއްކުމުގެ އަމަލުތައް ހިންގަން ފެށީ،" ފަރީޝާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އަމަލުތައް ހިންގުމުގައި އެންމެ އިސްކޮށް ތިބީ މއ. ފާގަފިލާގެ، އަހްމަދު އިސްމާއިލް އާއި އަހްމަދު މުއާޒްކަން ތަހުގީގަށް އެނގެ އެވެ.
ކޮމިޝަނުން ބުނި ގޮތުގައި މުއާޒް ވަނީ 2014 ގެ ކުރީކޮޅު ޒުވާނުންތަކެއް އޭރުގެ ދައުލަތުގެ ދެ ވަޒީރަކާ އެކު ބޭއްވި ދެ ބައްދަލުވުމެއްގައި ބައިވެރިވެފަ އެވެ. މި ދެ ބައްދަލުވުން ހަމަޖައްސައިދިނުމުގައި ހޯމް މިނިސްޓްރީގެ އޭރުގެ ނައިބު ހާނިމްގެ ދައުރެއް އަދާކޮށްފައިވާ ކަން ތަހުގީގަށް ހޯދުނު ކަމަށް ކޮމިޝަނުން ބުންޏެވެ.
އެ ބައްދަލުވުންތަކުގެ ތެރެއިން މުއާޒް ވަނީ، ކޮމިޝަނުން ބުނި ގޮތުގައި، އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދުއާ ވެސް ބައްދަލުކޮށްފަ އެވެ. ރިލްވާންގެ މައްސަލަ ތަހުގީގު ކުރިއިރު ޔާމީންގެ ސަރުކާރުގައި ގޭންގްތަކަށް ލިބިފައި އޮތް ބާރާއި ނުފޫޒު ދައްކުވައިދޭ ގިނަ ހެކިތައް ލިބުނު ކަމަށް ކޮމިޝަނުން ބުންޏެވެ.
"މުއާޒް އަކީ އޭރު ޕޮލިސް ކޮމިޝަނާ (ހުސެއިން ވަހީދު) އާ ގާތް ގުޅުމެއް އޮތް ފަރާތެއް ކަން ވެސް ތަހުގީގަށް ވަނީ ފާހަގަކުރެވިފައި. މީހުންނަށް ބިރު ދެއްކުމުގެ ކަންތައް ހިންގަން ފެށީ މުއާޒްގެ މި ބައްދަލުވުންތަކަށް ފަހު،" ފަރީޝާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ގޭންގުތަކެއް ނެތް ކަމަށާއި ޒުވާނުންނަށް ސިފަވާ ގޮތަށް ގޭންގުތަކޭ ނުބުނެވޭނެ ކަމަށް އޭރުގެ ސަރުކާރުގެ އިސްވެރިއަކު ވަނީ ވިދާޅުވެފަ އެވެ. މިއީ ގޭންގުތަކަށް އިތުރު ހިތްވަރެއް ލިބުނު ކަމެއް ކަމަށް ވިދާޅުވި އެވެ.
ކޮމިޝަނުން ބުނި ގޮތުގައި ގޭންގްތަކަށް ނިސްބަތްވާ ގިނަ ޒުވާނުންނަށް ކުރީގެ ސަރުކާރުގެ އެކި ވަޒީފާތައް ހަމަޖައްސައިދިނެވެ. އޭގެތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމެނެ އެވެ.
"ސަރުކާރު އޮފީހެއްގައި ވަޒީފާ އަދާކުރުމާ އެކު ކުށްކުރާ ގޭންގެއްގައި ހަރަކާތްތެރިވަމުން ދިޔައީ،" އޭނާ ވިދާޅުވި އެވެ.
މުޒާހަރާތައް ރޫޅާލުމާއި ކެމްޕޭން ހަރަކާތްތަކުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ދިނުން ފަދަ ކުށްތަކަށް އަރައިގަތުމަށް ވެސް އޭރުގެ ސަރުކާރުން ގޭންގުތައް ބޭނުންކުރި ކަމަށް ކޮމިޝަނުން ބުންޏެވެ. ސިޔާސީ ފަރާތްތަކާއި ފަނޑިޔާރުންނާއި ފުލުހުންނާ ވެސް ގޭންގުތަކުން ވަނީ ގުޅުންތައް ބާއްވައިފަ އެވެ.
ކޮމިޝަނުން ބުނި ގޮތުގައި މީގެ ސަބަބުން ނުކުތް ނަތީޖާ އަކީ ކުށްކުރާ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބުމެވެ. އަދި ރިލްވާންގެ ތަހުގީގަށް ހުރަސްއެޅި ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައުމޫން އ
20 December 2022
މިއީ ބްރެއިންވޮޝްވެފަ ތިބި ޒުވާނުންގެ ހާލަތު ދިނިޔޭގަ އެކިއެކި ޕްރޮޕެގެންޑަތަކުގަ ރެކްރޫޓްވެ ނުއެގި ދަނީ މިހާރު އެކަންގަބޫލްކުރި ގިނަބަޔަކުބުނާނެ އެއީ މޮޔަކަމެކޭ ނޭގުމެއްގަ ކުރެވުޖުކަމެކޭ
hasn
17 December 2022
މިހާރު ރިލްވާން މަށްޗަށް އަރައިގެން އުޅެނީ ، ކެމްޕޭން ގެ ދުވަސްވަރު ވީމަ ވިއްކާނެ އެއްޗެއް އޮތްތޯ ވަކަރަށް ޖަހައިލުން ! މިއަކުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ، އިބްލީހުގެ ކައިވެންޏަށްވެ ތިކަން ނިމިދާނެ ! ތިހުންނަނީ ފިސާރި ، ޑައިނަމިކް ، ހަރުދަނާ ، އަދިހަރު ކަށި ، ވެރިންނަށް ނޫނީ ނުވާނެ ކަންތައްތައް ! މިދެންނެވި އެއްވެސް ސިފައެއް ހުރިބޭކަލެއް ނޫން މިހާރު ހުރީކީ ! ތިއީ ނަންހުރި ޒީރޯޓޮލަރެންސް ! ވައްސަލާމް !
ގުގުރާންް
17 December 2022
ކުރީގެ ރައީސްގެ ފޭޝަލް އެކްސްޕްރެޝަންއަށް ބަލާލީމަ ވަރަށް ގިނަކަންކަން އޮޅުން ފިލާނެ ތަހުގީގަށް ސުވާލުކުރަން ގެންދިޔައީމަ އިހުތިޔާރުކުރީ އެއްވެސް ސުވާލަކަށް ޖަވާބުނުދީ ހަނުހުންނެވުމަށް
އެދުރުކަލޭގެފާނު
16 December 2022
ވެރިކަން ގެއްލި ބާރުނެތުނީމައި ނޫސްވެރިންގެ މުހިއްމުއެވެ. ވެރިކަމުގައި ހުރިއިރު ނޫސްވެރިންނާއި ބޮލޮގަރުން އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ފުރާނައަށް އެދުނު ހަމައެކަނި ދިވެހި ވެރިޔަކަށް ޔާމީނު ވާނެއެވެ. މިކަމުގެ ހެެއްކަކަށް ކުރީގެ ހަވީރު ނޫސްއަށް ކަންތައް ކުރިގޮތް ފުދޭނެއެވެ. ނަމަވެސް މިކަންތަކާއި ރައީސް ޔާމީނު ފާޅުގައި މިހާރު އިތުރުފުޅު ހައްދަވައެވެ. ރައީސް ޔާމީނަށް ބަރުލިބި ގޮނޑީގައި އިށީންނަން ލިބިއްޖެނަމަ ރާއްޖެދެކޭނީ ކަޅުދުވަސްތަކެކެވެ.
ބަސް
16 December 2022
‘ރިލްވާން މަރުގައި ތުހުމަތުކުރެވޭ މުނާޒް ފުރީ ޔާމީންގެ އެހީތެރިކަމާ އެކު: ކޮމިޝަން‘. ސުވާލެއް އޮތްކަމެއް ނޫން ތިއީ. އެކި މައްސަލަތަކުގެ ތާށިވެފަ ތިބިމީހުންނަށް އެހެންނޫނީ ނުފުރޭނެ. މިތާގަ ސިޔާސީ ސިޔާސީ ކިޔައިގެން ކޮމެންޓް ކުރިޔަސް ހަޤީޤަތް މިއޮތީ ލޯކުރިމަތީ ފެންނަން.
ވިސްނާލުމަށް އެދެމޭ
16 December 2022
މިސަރުކާރު އައިފަހުން ދީނަށް ފުރައްސާރަކުރި ކިތައް މީހުން ރާއްޖެދޫކޮށް ފުރައިފި އެމީހުން ފުރީ އިބުރާހިމު މުހައްމަދު ސޯލިހު އެހީވެގެން ފުރުވާލީމަ ކަމަށްތައް ތިބުނަނީ..ކުއްވެރިން ކުރާ ކުއްތަކުގެ ޒިންމާ ރައީސުން ނަގަންޖެހެންޏާ މިހާރުހުރި ރައީސް ޒިންމާއުފުލަން ޖެހޭ ހާދަ ކުށެއް މި4އަހަރުވެއްޖޭ ކޮބާ ޝިމާގެމަރުގެ ޒިންމާނަގާމީހުން.ހަސަދަވިޔަސް ރުޅިއަޔަސް ބުއްދިހަމަޖޭ ވާހަކަދައްކާ ރައީސަކަށް ހުންނަމީހަކަށް ނޭގި ކުށް ނުކުރެވޭނެކަމަށް ދެކެންޏާ އިބޫ ފަހަތުން
ވެބޫ
16 December 2022
ތިޔަށް ވުރެ ރަނގަޅުވީސް ހެއްޔާންބޯ އަށް އަރަތެއްގެ ގޮތުގަ ތިޔަމައްސަލަ ލިނަމަ މާރަގަޅު ޖަވާބު ތިލަވީސް
ކުޅިމަސް
16 December 2022
ޢޭރުގެ ސަރުކާރުން ގޭންގުތަކަށް ފަންޑުކުރިކަން އެއީ އެންމެން ދަންނަ ބޮޑު ަަަަަަަަިަަަަަަަަަަަަަަިަަަަަަަަަަަަަަިަަަަަަަަަަަަަަިަަަަަަިސ ސިއްރެއް
މިސްރާބު
16 December 2022
"ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތައް ވަރުގަދަވާން ފެށީ ކޮމިޝަނުން ބުނާ ގޮތުގައި އެމްޑީޕީއަކީ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދޭން ވަކާލާތުކުރާ ޕާޓީއެއް ކަމަށް ތުހުމަތުކޮށް ... " މަށަށް މީގެން ދޭހަވަނީ އަސްލު ފެށުމަކީ އެމްޑީޕީ އުފެދުން ކަމަށް. އެމްޑީޕީ ނެތްނަމަ މިކަމަކާ ނުޖެހުނީސް ދޯ؟ މީ ކޮންކަހަލަ ރިޕޯޓެއް؟
ޢެމެރިކާ
16 December 2022
މިކަމުގަ މުޅިންވެސް ތިބީ އެމްޑީޕީ ތެރޭން ފެންނަ މީހުން.
ޔޯލަ
16 December 2022
ލަދު ކޮބާ އަހަރެމެންގެ ފައިސާއިން މުސާރަނަގާފަ އޭނަބުނީ މީނަބުނީ ރިޕޯޓެއް ނެރެން ތީގެން ސާފުވީ އެންމެ ކަމެއް ތިމާމެންގެ ގާބިލު ކަމެއް ނެތްކަމާ ބުނި ބުންޏަށް ކޮންމެފަދަކަމެއްވެސް ކަލޭމެން ނިންމާނެކަން