މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައި ކައުންސިލުގެ މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
21 ޑިސެމްބަރ 2022 - 20:40
ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދައަށް މާލޭ ސިޓީ ކައުންސިލުން އެދުނުތާ އަހަރެއްވީއިރު އަދިވެސް އެ ހުއްދަ ނުދޭތީ އެ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބޭއްވި އާންމު ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައިވާ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް އެންމެ ފުރަތަމަ ފުރިހަމަކުރީ އެ ކައުންސިލުން ކަމަށެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް އެ ހުއްދަ އަދިވެސް ނުދޭ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވިގޮތުގައި، ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށަހެޅީ ގަވާއިދާ އެއްގޮތަށެވެ. އެކަމަކު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށަހެޅިތާ އަށް މަސްދުވަސް ފަހުން ގަވާއިދު ބަދަލުކުރި ކަމަށެވެ.
މިދިޔަ އަހަރު އިކޮނޮމިކް މިިނިސްޓްރީން ވަނީ ލަމާރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލުތަކަށް ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީކޮށްދިނުމުގެ އުސޫލެއް ހަދައި އާންމުކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މިއަދުގެ ޖަލްސާގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ކުންފުނި އުފެއްދުމުގެ ކަންކަމުގައި ސިޓީ ކައުންސިލުން އިކޮނޮމިކް މިނިސްޓްރީ އާއި ރެޖިސްޓްރާ އޮފް ކޮމްޕެނީސް އާއި ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ބައްދަލުކޮށްފައިވާ ކަމަށާއި އެ އިދާރާތަކުން އެންގި ގޮތަށް ލިޔެކިއުންތަކަށް ބަދަލުތައް ވެސް ގެނެސްފައިވާނެ ކަމަށެވެ.
"ނަމަވެސް ސަރުކާރުން އެކަން މާލެ ސިޓީ ކައުންސިލަށް ނުކޮށްދިން،" ނަރީޝް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވި ގޮތުގައި ސަރުކާރުން ސިޓީ ކައުންސިލަށް އެކަން ނުކޮށްދީގެން އުޅެނީ ސިޔާސީ ބޭނުމަކަށެވެ.
އެކަމަށް ފާޑުވިދާޅުވެ، ސިޓީ ކައުންސިލުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ތަމްސީލުކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ ރާއްޖޭގެ 187 ރަށް އޮތްއިރު އޭގެ ތެރެއިން އެންމެ ރަށެއްގެ ކައުންސިލަށް ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރުސަތު ދިނުމަކީ ސަރުކާރުން ހާސިލުކުރި މޮޅުކަމެއްގެ ގޮތުގައި ބުނެވެން ނެތް ކަމަށެވެ.
"ރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދިރިއުޅެމުންދާ މާލޭ ސިޓީގެ ކައުންސިލަށް ކުންފުނި ރަޖިސްޓްރީ ކުރުމަށް، ސަރުކާރުން ގެނައި ގަވާއިދުތަކުގެ ބަދަލުތަކުގެ ސަބަބުން ފުރުސަތު ނެތް،" އޭނާ ވިދާޅުވި އެވެ.
ކުންފުނި ހަދަން ސިޓީ ކައުންސިލަށް ހުއްދަ ނުދީގެން އެކަމުގެ ކަންބޮޑުވުން މި ފާޅުކުރީ އއ. ތޮއްޑޫ ކައުންސިލަށް މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީ އެ ހުއްދަ ދިނުމުންނެވެ. އެއީ ލަމާރުކަޒީ ގާނޫނުގެ ދަށުން ކުންފުންޏެއް ހަދަން ހުއްދަ ދިން ފުރަތަމަ ކައުންސިލެވެ. އެހެން ބައެއް ކައުންސިލުތަކުން ވެސް ވަނީ އިކޮނޮމިކް މިނިސްޓްރީގައި އެކަމުގެ ހުއްދައަށް އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
22 December 2022
ސިޓީ ކައުންސިލަށް އެކިކަންކަމުގަ އަހަރުމެން ހުއްދަ ހޯދަން އެދުނީމަ ލަސްކޮށް އިގްނޯ ކުރާ ކުރުން މިވަގުތު އިހްސާސް ވާނެ.ހެހެހެހެހެހެ
ރަދީފްއޮފިޝަލް
22 December 2022
ސާބަހޭ އެލްޖީއޭ.ކައުންސިލް އުވާލާ.
ބަޑިތަކުރު
22 December 2022
ކުންފުނިހަދައިގެން ކަންތައްކުރާނީ ކިހިނެއްކަން މިހާރު ލަފާކުރެވޭ. ގަސްވިއްކާ ފިހާރަ ހަދައިގެންވެސް ކުރާކަމަކީ އެކަންފުޅާދާއިރާއެއްގައި ކުރާ މީހުންގެ ވިޔަފާރި ހިންގައިދެނީ. ބޮޑުއަގުގައި އެމީހުންގެ އަތުން ގަސްގަނެގެން ދައުލަތުގެ ވަޞީލަތްތައް ބޭނުންކޮށްގެން އެތަކެތި ވިއްކައިދެނީ.
ށ.އސ
21 December 2022
ކަލޭމެންގެ ބާރުއޮތް ދުވަހު މާލޭ ސިޓީ ކައުންސިލަށް ޖެއްސިހާލު ހަނދާންނެތުނީތޯ!!
ކެހެރި
22 December 2022
އަދިވެސް ހަމަ ކުރީ ސަރުކާރު ކިޔާލާ ކިޔާލާ ހުރޭ..
އޮނަރަބްލް އަފީފު ދީދީ
21 December 2022
އައްޑޫސިޓީއަށް މިފަދަކުންފުންޏެއް މުހިންމު. ހުވަދޫ، ފުވައްމުލަށް އަދި އައްޑޫކައުންސިލާއި ތިން ކައުންސިލްގެދަށުގައި ރަށްވެހިވެފައިތިބި ރައްޔިތުންގެބައިވެރިވުމާއިއެކު ޕަބްލިކްކުންފުންޏެއްހަދާ، ރީޖަންތެރޭގައި ހެޔޮއަގުގައި ވައިގެމަގުން ދަތުރުކުރެވޭނެ ނިޒާމަކާއި، ބަލިމީހުންއުފުލުމާއި އިމަރޖަންސީ ހާލަތްތަކުގައިބޭނުންކުރުމަށް "Air Ambulance" ސިސްޓަމެއްޤާއިމްކުރާން މިފަދަ ވިޔަފާރިކުންފުންޏެއް ކޮންމެހެންވެސް ބޭނުންވޭ. މިކަމަށް އައްޑޫ މޭޔަރ އިސްނަގަންޖެހޭ.
ނިޒާރު.
21 December 2022
ފުރަތަމަ އެތެރޭގެ އެއްގަމު ދަތުރު ތަކާއި ކަނޑުގެ ދަތުރުތައް މާލޭ ކުންފުންޏަކުން ކުރަން ދޫކޮށްފައި ބޭއްވުމުގެ ބަދަލުގައި އެކަން ކުރަން ފައްޓާ0 އަދި ކަރަންޓާއި ކުނި އުކާލުންވެސް އަމިއްލައަށް ކުރެވޭތޯ ބެލުން ކިހިނެއްވާނެ. އޭރުން އަމިއްލަ ރަށުން ބޭރުވާ ފައިސާގެ އަދަދު މަދުކުރެވޭނީ. މާލޭ ސިޓީ ކައުންސިލުންވެސް ވެމްކޯ އެމީހުންގެ ދަށަށް ގެންނާން އުޅެނީ އެހެންވެ.