އާޖެންޓީނާގެ ވޯލްޑް ކަޕު ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި އުފާފާޅުކުރުންތަކުގައި މެސީ ތަށީގައި ހިފަހައްޓާލައިގެން: އޭނާ ޕީއެސްޖީގައި މަޑު ކުރަން އެއްބަސްވެފައިވާ ކަމަށް މީޑިއާތަކުން ބުނޭ --- ފޮޓޯ: އޭއެފްޕީ
22 ޑިސެމްބަރ 2022 - 10:45
ޕެރިސް (ޑިސެމްބަރު 22) - ޕީއެސްޖީގައި އިތުރު އަހަރަކަށް މަޑުކުރުމަށް، އެ ކްލަބާއެކު ލިއޮނެލް މެސީ އަނގަބަހުން އެއްބަސްވެއްޖެ އެވެ.
ޕީއެސްޖީ އާއެކު މެސީ ދެ އަހަރު ދުވަހަށް ސޮއި ކުރި އެއްބަސްވުން އަންނަ ޖޫން މަހު ހަމަވާނެ އެވެ. މެސީ ގެންދަން އެހެން ކްލަބަކުން ބޭނުންނަމަ މި މަހު 31 ގެ ފަހުން އޭނާގެ ޓްރާންސްފާ އާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ އިހުތިޔާރު ލިބެ އެވެ.
އޭނާ އަލުން ގެންދަން ކުރީގެ ބާސެލޯނާއިން އުންމީދު ކުރާކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެ އެވެ. ނަމަވެސް ވޯލްޑް ކަޕުގެ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަންގެ ކޮންޓްރެކްޓް އާ ކުރުމަށް ޕީއެސްޖީން އޭނާ އާއެކު އަނގަބަހުން މިހާރު އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް ޓްރާންސްފާ ޚަބަރުތަކުގެ އެކްސްޕާޓް ފެބްރިޒިއޯ ރޮމާނޯ ބުނެ އެވެ.
ވޯލްޑް ކަޕުގެ ފައިނަލަށް ފަހު ޕީއެސްޖީގެ ރައީސް ނަސީރު އަލް ހެލާފީ ވަނީ ލުސައިލް ސްޓޭޑިއަމްގައި އާޖެންޓީނާގެ ޗޭޖިން ރޫމަށް ގޮސް މެސީ އާ ބައްދަލުކޮށް މަރުހަބާ ކިޔައިފަ އެވެ. މެސީ އާއި އަލް ހެލާފީ އާދެމެދު ރަނގަޅު ގުޅުމެއް އޮންނަކަން މީގެ ކުރިން ވެސް މީޑީއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ބާސެލޯނާ ނިސްބަތްވާ ކަޓަލާންގެ ކުޅިވަރު ނޫސް "ސްޕޯޓްސް" އިން ބުނި ގޮތުގައި ހިލޭ ޓްރާންސްފާގައި މެސީ، ބާސާ އަށް ގެންނަން އެ ކްލަބްގެ ރައީސް ޔޮއާން ލަޕޯޓާ ދަނީ މަސައްކަތް ކުރަމުންނެވެ.
މެސީ ގެންދަން ޝައުގުވެރިވާ އަނެއް ކްލަބަކީ އެމެރިކާގެ އިންޓަ މިއާމީ އެވެ. ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް، ހިންގާ ކްލަބުން މެސީ އަށް ޝައުގުވެރިވިޔަސް އެކަމާ ބެހޭގޮތުން އެއްވެސް މުއާމަލާތެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy