ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ވޯލްޑް ކަޕަށް ދިޔަ ކުޅުންތެރިންނަށް ކޮންޓޭ ރެސްޓު ދެނީ

ޓޮޓެންހަމްގެ ކޯޗު ކޮންޓޭ އަދި ކެޕްޓަން ކޭން.-- ފޮޓޯ: ގެޓީ އިމޭޖަސް

ލަންޑަން (ޑިސެމްބަރު 26) - ވޯލްޑް ކަޕަށް ފަހު އަލުން އިނގިރޭސި ޕްރިމިއާ ލީގު ފަށާއިރު، ވޯލްޑް ކަޕަށް ދިޔަ ޓޮޓެންހަމް ހޮޓްސްޕާސްގެ ހުރިހާ ކުޅުންތެރިންނަށް އެ ޓީމުގެ ފުރަތަމަ މެޗުގައި އަރާމު ކުރަން ފުރުސަތު ދޭން ކޯޗު އެންޓޯނިއޯ ކޮންޓޭ ނިންމައިފި އެވެ.

ޓޮޓެންހަމުން 12 ކުޅުންތެރިން ވޯލްޑް ކަޕަށް ފޮނުވި އިރު، އޭގެ ތެރޭގައި ވޯލްޑް ކަފް ފައިނަލް ކުޅުނު ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އާއި އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އަދި ކެޕްޓަން ހެރީ ކޭން ހިމެނެ އެވެ.

ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށާނީ ބްރެންޓްފޯޑާއި ޓޮޓެންހަމް މިއަދު ހަވީރު 5:30 ގައި ކުޅޭ މެޗުންނެވެ. ނަމަވެސް ވޯލްޑް ކަޕަށް ދިޔަ ކުޅުންތެރިން ނުލައި ކުޅެން ކޮންޓޭ ހުރީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ.

"އަހަރެން ހަގީގަތުގައި އެހާ އުފަލެއް ނުވޭ. އެއްގޮތަކުން ކުލަބަށްޓަކައި އުފާވޭ. ޓޮޓެންހަމްގެ 12 ކުޅުންތެރިން ވޯލްޑް ކަޕް ގައި ކުޅުމުގެ މާނައަކީ އަހަރެމެން މި ދަނީ ރަނގަޅު މިސްރާބުގަ އޭ. ވާދަވެރި ކުޅުމަކާ އެކު ކަމެއް ހާސިލް ކުރަން އެބަ މަސައްކަތް ކުރެއޭ،" ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކޮންޓޭ ބުންޏެވެ.

"އެކަމަކު މިއީ އާދައިގެ ކަމެއް، މިފަދަ މުބާރާތެއްގައި ގިނަ ކުޅުންތެރިންތަކެއް ކުޅުމުން، ހާއްސަކޮށް ސީޒަންގެ މި ހިސާބުގައި ފަސޭހައެއް ނުވާނެ، ކުޅުންތެރިން ތިބޭނީ ފިޒިކަލީ އެންމެ މަތީ ލެވެލަކު ނޫން. ކުޅުންތެރިންނަށް މާ ބޮޑު ރެސްޓެއް ދިނުމަކީ ވެސް ފަސޭހަ ކަމެއް ނޫން، އެކަމަކު ވޯލްޑް ކަޕަށް ނުދާ ކުޅުންތެރިންނާ އެކު ހަތަރު ހަފްތާ ވަންދެން މަސައްކަތް ކުރެވިއްޖެ. އެ މީހުންގެ ފިޒިކަލް ހާލަތު ވަރަށް ރަނގަޅު. ޓެކްނިކަލީ އަދި ފިޒިކަލީ ވެސް މަސައްކަތް ކުރިން. އެ ކުޅުންތެރިން މިހާރު ތިބީ ވޯލްޑް ކަޕް ކުޅުންތެރިންނަށް ވުރެ ރަނގަޅު ފެންވަރެއްގައި."

ވޯލްޑް ކަޕަށް ދިޔަ ޓޮޓެންހަމްގެ ބައެއް ކުޅުންތެރިން.

ވޯލްޑް ކަޕް ގައި ކުޅުނު އުރުގުއޭ މިޑްފީލްޑަރު ރޮޑްރިގޯ ބެންޓެންކޫ ސަސްޕެންޝަނުގަ ހުރުމުގެ ސަބަބުން އޭނާ އަށް މެޗުގައި ނުކުޅެވޭނެ އެވެ. ސަސްޕެންޝަނުގެ އިތުރުން އޭނާ އަންނަނީ ފަލަމަސްގަނޑުގެ އަނިޔާއަކަށް ވެސް ފަރުވާ ހޯދަމުންނެވެ.

ހަމަ އެއާ އެކު ހޭމްސްޓްރިންގް މައްސަލައެއްގައި، ބްރެޒިލްގެ ރިޗާލިސަން ވެސް އެއް މަހަށް ކުޅުމާ ދުރުގައި ހުންނާނެ އެވެ. ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގައި ސާބިއާ ކޮޅަށް ރިޗާލިސަން ޖެހި ބައިސިކަލް ކިކު ވަނީ އެންމެ ގިނަ ވޯޓު ހޯދައިގެން މުބާރާތުގެ އެންމެ މޮޅު ގޯލުގެ މަގާމު ވެސް ހޯދައިފަ އެވެ.

ވޯލްޑް ކަޕް ސްކޮޑުގައި ނުހިމެނުނު ނަމަވެސް ބްރެޒިލްގެ ފޯވާޑް ލޫކަސް މޯރާ ވެސް ހުރީ އަނިޔާގަ އެވެ.

"އޭނާ [ލޫކަސް މޯރާ] އަންނަނީ ހައްލެއް ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. މިއީ ވަރަށް އުނދަގޫ ހާލަތެއް. އެއީ ސްކޮޑުގައި ރަނގަޅު ކުޅުްނތެރިއަކު ހުރެމެ، އޭނާގެ ބޭނުމެއް ނުހިފޭ. އެއީ ސްކޮޑުގައި ނެތް ކުޅުންތެރިއެއް ފަދަ،" މާޔޫސްކަމާ އެކު ކޮންޓޭ ބުންޏެވެ.

"ވަރަށް ހިތްދަތި ކަމެއް މިއީ އެއީ ރަނގަޅު ކުޅުންތެރިއެއްގެ ވާހަކަ މި ދައްކަނީ، އެކަމަކު އޭނާ އަންނަނީ އޭނާ އަށް ދިމާވެފައިވާ މައްސަލައިން [އަނިޔާއިން] އަރައިގަންނަން ބުރަކޮށް މަސައްކަތް ކުރަމުން. އޭނާގެ ކުރިމަގުގައި ވާނެ ގޮތެއް ބުނަން އަހަރެންނަކަށް ނޭނގޭ."

ވޯލްޑް ކަޕަށް ދިޔަ ޓޮޓެންހަމްގެ ކުޅުންތެރިން:

- އާޖެންޓީނާ: ކްރިސްޓިއަން ރޮމޭރޯ

- ފްރާންސް: ހޫގޯ ލޮރިސް

- ބްރެޒިލް: ރިޗާލިސަން

- ކްރޮއޭޝިއާ: އިވާން ޕެރިސިޗް

- ޑެންމާކް: ޕިއޭ އެމީލް ހޮއިބިއޭ

- އިންގްލެންޑް: އެރިކް ޑަޔާ، ހެރީ ކޭން

- ސެނެގާލް: ޕާޕޭ މަޓާ ސާ

- ދެކުނު ކޮރެއާ: ސޮން ހެއުން މިން

- އުރުގުއޭ: ރޮޑްރިގޯ ބެންޓެންކޫ

- ވޭލްސް: ބެން ޑޭވިސް، ޖޯ ރޮޑޮން

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454