ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ނިއުކާސަލް އަށް ހުއްޓުމެއް ނައި، ޓޮޓެންހަމް އެއްވަރު

ޖޮއެލިންޓަން (ވ)، ނިއުކާސަލްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނިއުކާސަލް (ޑިސެމްބަރު 26) - މެދުކެނޑުމަކަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށިއިރު، މި ސީޒަން ގައި ތަފާތު މޮޅު ފޯމެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑުން ރަށުން ބޭރުގައި ލެސްޓާ ސިޓީ އާ ވާދަކޮށް 3-0 އިން މޮޅު ވެއްޖެ އެވެ.

މޮޅު ކުޅުމަކާ އެކު މެޗުގެ ތިން ލަނޑު ވެސް ނިއުކާސަލް ކާމިޔާބު ކުރީ ފުރަތަމަ ހާފުގަ އެވެ. ޑެނިއެލް އަމާޓޭ އޭރިއާ ތެރެއިން ޖޮއެލިންޓަން އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން ތިންވަ ނަ މިނިޓުގައި ނިއުކާސަލް އަށް ލީޑު ނަގައިދިނީ ކްރިސް ވުޑް އެވެ. އޭގެ ހަތަރު މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިން ލަނޑު ޖަހައިދިނީ މިގޭލް އަލްމިރޯން އެވެ. މިއީ އަލްމިރޯން ލީގުގައި ޖަހައިދިން ނުވަ ވަނަ ލަނޑެވެ.

ނިއުކާސަލްގެ ތިން ވަނަ ލަނޑު 32 ވަނަ މިނިޓުގައި ކީރެން ޓްރިޕިއާ ނަގައިދިން ކޯނަރަކުން ޖަހައިދިނީ ޖޮއެލިންޓަން އެވެ.

މެޗަށް ފަހު ނިއުކާސަލްގެ ކޯޗު އެޑީ ހޯވް، އަލްމިރޯން އާއެކު. -- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު ނިއުކާސަލް ވަނީ 16 މެޗުން 33 ޕޮއިންޓް ހޯދައިގެން ތާވަލްގެ ދެ ވަނައަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އާސެނަލް އޮތީ 14 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. އަދި މެންޗެސްޓާ ސިޓީ ތިންވަނައިގައި އޮތީ 14 މެޗުން ހޯދި 32 ޕޮއިންޓާ އެކު އެވެ.

އެއްވަރު ވިއަސް ހެރީ ކޭން އަށް ރެކޯޑެއް

ލީގު އަލުން ފެށީ ހަވީރު، ބްރެންޓްފޯޑާއި ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗުންނެވެ. ބްރެންޓްފޯޑުން ދެ ގޯލުގެ ލީޑެއް ނަގައިފައި ވަނިކޮށް ޓޮޓެންހަމުން ވަނީ ފަހަތުން އަރައި 2-2 އިން ނަތީޖާ އެއްވަރު ކޮށްފަ އެވެ.

ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ވޯލްޑް ކަޕް ފައިނަލް ގައި ކުޅުނު އެޓީމުގެ ކެޕްޓަން ހޫގޯ ލޮރިސް، ބެންޗުގައި ބައިންދައި، ބަދަލު ކީޕަރު ފްރޭޒާ ފޮސްޓާ އަށް ފުރުސަތު ދީފަ އެވެ. ނަމަވެސް އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އާއި އެރިކް ޑަޔާ، ޑެންމާކްގެ ޕިއޭ އެމީލް ހޮއިބިއޭ އަދި ކްރޮއޭޝިއާގެ އިވާން ޕެރިސިޗާއި ދެކުނު ކޮރެއާގެ ސޮން ހެއުން މިން ފުރަތަމަ 11 ގައި ކުޅުވި އެވެ.

މެޗުގެ 15 ވަނަ މިނިޓުގައި ވިޓަލީ ޔަނެލްޓް ބްރެންޓްފޯޑަށް ލީޑު ނަގައިދިނީ މެތިއަސް ޔެންސެން ގެ ހަމަލާ، ކީޕަރު ފޮސްޓާ އަތުގައި ޖެހިފައި ރީބައުންސްވި ބޯޅައިންނެވެ. އަދި ދެ ވަނަ ހާފު ފެށިގެން، މެޗުގެ 54 ވަނަ މިނިޓުގައި ބްރެންޓްފޯޑްގެ ލީޑު ފުޅާ ކޮށްދިނީ އައިވާން ޓޮނޭ އެވެ.

ޓޮޓެންހަމާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗުގައި ކޭން، ހަމަލާއެއް ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމްގެ ފުރަތަމަ ލަނޑު 65 ވަނަ މިނިޓުގައި ޖެހީ ހެރީ ކޭން އެވެ. މިއީ ބްރެންޓްފޯޑް ކޮޅަށް އޭނާ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މިއާ އެކު ކޭން ވަނީ ޕްރިމިއާ ލީގުގައި އޭނާ ދެކޮޅަށް ކުޅުނު 32 ޓީމާ ދެކޮޅަށް ވެސް ގޯލު ޖަހައިފަ އެވެ.

ޓޮޓެންހަމުން ނަތީޖާ އެއްވަރު ކުރި ލަނޑު 71 ވަނަ މިނިޓުގައި ޖަހައިދިނީ ހޮއިބިއޭ އެވެ.

ޓޮޓެންހަމްގެ މެޗު އެއްވަރު ވުމާ އެކު އެޓީމަށް ވަނީ ވަގުތީގޮތުން ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ޓޮޓެންހަމް ހަތަރު ވަނައިގައި އޮތީ 16 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ.

ލޮޕެޓެގީ ޕްރިމިއާ ލީގު ފެށީ މޮޅަކުން

ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ކޯޗުކަން ކުރާ ސްޕެއިން އާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހޫލެން ލޮޕެޓެގީ ވެސް އޭނާގެ އާ ޓީމު ވުލްވްސް އާއެކު ފެށީ މޮޅަކުންނެވެ.

ލީގު މެދުކަނޑާލުމުގެ ކުރިން ދެ މެޗު ކާމިޔާބުކޮށް ތާވަލްގެ ފުލުގައި އޮތް ވުލްވްސް ވަނީ ލޮޕެޓެގީ އާއެކު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި، ރަށުން ބޭރުގައި ފަހަތުން އަރައި 2-1 އިން އެވަޓަން ބަލިކޮށްފަ އެވެ.

މިއާ އެކު އެޓީމުން ވަނީ 17 ވަނައިގައި އޮތް އެވަޓަންއާ ޕޮއިންޓަކާ ގާތްކޮށް، ތާވަލްގެ 18 ވަނައަށް ޖެހިލައިފަ އެވެ.

އެވަޓަން އިން ލީޑު ނެގީ މެޗުގެ ހަތް ވަނަ މިނިޓުގައި ޔެރީ މިނާ ޖަހައިދިން ގޯލުންނެވެ. ނަމަވެސް 22 ވަނަ މިނިޓުގައި ޔާއޯ މޮޓީނިއޯ ދިން ރީތި ބޯޅައަކުން ވުލްވްސް އަށް އެއްވަރު ކޮށްދިނީ ޑެނިއެލް ޕޮޑެންސް އެވެ.

އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑާއި ވުލްވްސްގެ ކީޕަރު ޖޯސޭ ސާ، މެޗުގައި މުހިއްމު ސޭވްތަކެއް ކުރި އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ވެސް އެންމެ ފަހު ވަގުތުކޮޅު ވުލްވްސްގެ އަޑަމާ ޓްރައޯރޭ ދިން ބޯޅައިން ޑިފެންޑަރު ރަޔާން އައިޓް ނޫރީ ފޮނުވާލި ހަމަލާ، ކީޕަރު ޕިކްފޯޑަށް ދިފާއެއް ނުކުރެވުނެވެ.

ލީގުގެ ފުލުގައި މިވަގުތު އޮތީ ބްރައިޓަން އަތުން އަމިއްލަ ދަނޑުގައި 3-1 އިން ބަލިވި ސައުތެމްޓަން އެވެ.

ފުލަމް ވެސް ވަނީ މިރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް ބަލި ކޮށްފަ އެވެ. ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރު ޓައިރިކް މިޓްޝެލް އާއި ޖޭމްސް ޓޮމްސްކިން އަށް ރަތް ކާޑު ދެއްކި މި މެޗު ފުލަމް ކާމިޔާބު ކުރީ 3-0 އިންނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454