ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން: ބްރެޒިލުން އޭނާ އަށް ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ --- ފައިލް ފޮޓޯ: އޭއެފްޕީ
27 ޑިސެމްބަރ 2022 - 13:19
ޕެރިސް (ޑިސެމްބަރު 27) - ބްރެޒިލްގެ ގައުމީ ޓީމުން، ޒައިނުއްދީން ޒިދާން އަށް ޝައުގުވެރި ވިޔަސް އޭނާ އިސްކަން ދެނީ ފްރާންސްގެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވޯލްޑް ކަޕުގެ ނާކާމިޔާބާ އެކު އެ ޓީމުގެ ކުރީ ކޯޗު ޓީޓީ އިސްތިއުފާ ދިނުމުން ކޯޗުގެ މަގާމު އޮތީ ހުސްކޮށެވެ. ޕެޕް ގާޑިއޯލާ އާއި ކާލޯ އަންޗެލޮއްޓީ އަށް ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ހުށަހެޅުމުން އެ ދެ ކޯޗުން އެކަމަށް އިޖާބައެއް ނުދިނެވެ. އޭގެފަހުން ސީބީއެފްގެ ޝައުގުވެރިކަން ޒިދާނަށް މިހާރު ހުއްޓިފައިވާ ކަމަށް ފްރާންސްގެ ލެކީޕް ނޫހުން ބުނެ އެވެ. ބްރެޒިލުން ބޭނުން ވަނީ ޔޫރަޕްގެ ފުޓްބޯޅައިގައި ތަޖުރިބާ ހޯދައިފައިވާ ކޯޗެކެވެ.
ފްރާންސްގެ އެހެން މީޑިއާތައް ބުނާ ގޮތުން ޒިދާންގެ ޝައުގުވެރިކަން ބްރެޒިލަކަށް ނެތެވެ. އެކަމަކު އޭނާ ބަލަނީ މިހާރުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަމަލު ކުރާނެ ގޮތަކާ މެދުގައި ކަމަށް ވެސް އެ ނޫސްތަކުން ބުނެ އެވެ.
ނިމިދިޔަ ވޯލްޑް ކަޕުގެ ފައިނަލަށް ފްރާންސް ގެންގޮސް ދިން ޑެޝޯމްޕްސްގެ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ. ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް އެ ޓީމު ގެންދިއުމުން އޭނާ ބޭނުންނަމަ ގައުމީ ޓީމާއެކު ކުރިއަށް ދިއުމުގެ ފުރުސަތު ފްރާންސްގެ އެފްއޭއިން ދޭން ޖެހޭނެ އެވެ.
އޭނާ އާއެކު 2026 ގެ ވޯލްޑް ކަޕު ނިމެންދެން މަސައްކަތް ކުރަން ފްރާންސްގެ އެފްޢޭއިން އެއްބަސްވެފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. އެކަމަކު މިހާތަނަށް އެއްބަސްވުމުގައި ސޮއި ނުކުރާތީ އެކަން އެއްވެސް ފަރާތަކުން ކަށަވަރުކޮށެއް ނުދެ އެވެ.
ރެއާލް އަށް ޔޫއެފާ ޗެމްޕިއަންސް ލީގު ވިދިވިެން ތިން ފަހަރު ހޯދައިދިން ޒިދާން މިދިޔަ އަހަރު އެ ޓީމުގެ ކޯޗުކަން ދޫކޮށްލި ފަހުން އޭނ ހުރީ އެއްވެސް ވަޒީފާއެއް ނެތި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
27 December 2022
މަބުނީ ބުރެޒިލުގެ ކޯޗުކަމައް ރާއްޖޭގެ ބައްސާމު ނޫނީ ސުޒޭނުމެން ކަހަލަ މީހަކު ލާންވީނު.
ގުރުބާ
27 December 2022
ހާދަ މަޖަލޭ ދޯ