ކުޅިވަރު / ނިއުރޭޑިއަންޓް ސ.ކ

ގޮފާގެ ފޮތުން ސަފުހާއެއް: ސަޕޯޓަރުން ކުރިމަތީ ކުޅުންތެރިން ލަދުގަންނަވާލުން

ދިވެހި ފުޓްބޯޅަ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ބިދޭސީ ކޯޗަކީ ސުވާލެއް ނެތް ގޮތެއްގައި ސްލޮވާކިއާގެ ލަޑިމިއާ ގޮފާ އެވެ. އޭނާ އަކީ، ދެ ކްލަބަކަށް، ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ދިވެހި ލީގު ކާމިޔާބުކޮށްދިން ފުރަތަމަ ކޯޗެވެ. އެންމެ ފުރަތަމަ އެ އައްޑަނަ އޭނާ އުފުލާލަދިނީ، އޭރު އާދައިގެ ސްކޮޑެއް އޮތް ހުއްރިއްޔާ އަށް 2005 ގަ އެވެ. ޖެހިގެން އައި އަހަރު ތަރިން ގިނަ ނިއު ރޭޑިއަންޓަށް އެ ކާމިޔާބީ ތަކުރާރުކޮށްދިނެވެ.

އެކަމަކު ގޮފާގެ މަތިން ރާއްޖޭގެ ގިނަ ކުޅުންތެރިން ހަނދާން ކުރާނީ ބުރަކޮށް މަސައްކަތްކުރުވާ ޓްރެއިނަރެއްގެ ގޮތުގަ އެވެ. އޮފިޝަލުން އޭނާ ސިފަކުރާނީ ގެންގުޅެން އުނދަގޫ މީހެއްގެ ގޮތުގަ އެވެ. ސަޕޯޓަރުންނަށް އޭނާ ފެނިފައި ހުންނާނީ ހަރުކަށި ކޯޗެއްގެ ގޮތުގަ އެވެ. ނޫސްވެރިން އޭނާ ބަލައިގަތީ ހިތުގައި އޮންނަ އެއްޗެއް ސީދަލަށް ބުނާ ރައްޓެއްސެއްގެ ގޮތުގަ އެވެ.

އެ ހުރިހާ އެންމެންނާ މެދު، ހާއްސަކޮށް ރާއްޖެއާ މެދު ގޮފާ ދެކޭ ގޮތް އޭނާ ވަނީ ދާދި ފަހުން ޝާއިއުކުރި ބަޔޯގްރަފީ ފޮތުގައި ލިޔެފަ އެވެ. ޗެކްސްލޮވާކިއާގެ ގޮތުގައި ސްލޮވާކިއާ އޮތް ޒަމާނުގައި މަތީ ފަންތީގެ ކްލަބްތަކަށް ކުޅުނު އަދި ފަހުން އެ ގައުމުގެ 21 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދިން ގޮފާ ރާއްޖެއާ މެދު ލިޔުނު ވާހަކަތަކުގެ އުސްއައްޔަކީ، ދިވެހި ކުޅުންތެރިންގެ އަހުލާގު ރަނގަޅު ކުރުމަށާއި މަސައްކަތުގެ ރޭޓު މަތިކުރަން އޭނާ ކުރި ހިތްމަތެވެ.

އޭގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލާފައި ހުންނާނީ، ރާއްޖޭގައި އެހެން ކޯޗަކު ކޮށްފައި ނެތް، އަދި ބެލެވޭ ގޮތުގައި ދުނިޔޭގައި ވެސް ހިނގާފައިވާ ނެތް ކަމެކެވެ. އެއީ ގޮފާ ރާއްޖޭގައި ހޭދަކުރި ދެ ވަނަ ސީޒަނުގައި، 2006 ގެ ދިވެހި ލީގުގައި އޭރު ގޮފާ ކޯޗުކޮށްދިން ނިއު އާއި މާޒިޔާ ކުޅުނު މެޗެކެވެ. ލީގު ކާމިޔާބުކުރަން މޮޅުވާން ނިއު އަށް މުހިއްމު އެ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަތީޖާއަކަށްވީ އެ އަހަރު އަލަށް ފުރަތަމަ ޑިވިޝަނަށް އެރި މާޒިޔާ އިން ނިއު ކޮޅަށް ލަނޑު ޖެހުމެވެ. ކުޅުން ރަނގަޅުކުރަން ގޮފާ ކެނޑިނޭޅި ދެމުން ދިޔަ އިރުޝާދުތައް ނިއުގެ ކުޅުންތެރިންނަށް އިވޭ ކަމަކަށް ނުވި އެވެ.

ގޮފާ (ވ) ނިއުގެ އޭރުގެ ޗެއާމަން އަލީ އާޒިމްއާ އެކު.

އެކަން ގޮފާ އަށް ބަލައިނުގަނެވުނެވެ. އެހެންވެ އިންޓޯލު ގަޑީގައި ކުޅުންތެރިން އާއްމު އުސޫލުން ޗޭންޖިން ރޫމަށް ގެންދިއުމުގެ ބަދަލުގައި އޭނާ ބޭތިއްބީ ދަނޑު މެދުގަ އެވެ. ދަލުން ފޯވެފައި އޮތް ޖާޒީ ބަދަލުކޮށްލާނެ ފުރުސަތެއް ނުދިނެވެ. އަދި ފެން ބޮއި، ތާޒާވެލާނެ ވަގުތުކޮޅެއް ވެސް ނުދިނެވެ. ގޮފާ ބޭނުންވީ ދަނޑު މެދުގައި، ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުންތެރިން ބައިތިއްބައިގެން އިރުޝާދު ދޭށެވެ.

އެކަމުގެ ނަތީޖާ ނުކުތެވެ. ދެ ވަނަ ހާފުގައި ނިއު އިން ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ދެ ގޯލް ޖަހައި މާޒިޔާ 2-1 އިން ބަލިކޮށް ލީގު ތާވަލުގެ އެއް ވަނަ އަށް އެރި އެވެ. މެޗަށް ފަހު ގޮފާ ބުނީ އޭނާ އެގޮތަށް އަމަލުކުރީ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުންތެރިން ލަދުގަންނަވާލަން ކަމަށެވެ.

"އަހަރެމެން މި ކުޅެނީ ސަޕޯޓަރުންނަށްޓަކައި. އެހެންވެ އެ މީހުންގެ ކުރިމަތީގައި ބޭތިއްބުމުން ކުޅުންތެރިންނަށް ކޮންމެސް އެއްޗެއް އިހުސާސްކުރެވޭނެތީވެ ލަދުގަންނަވަން ދަނޑު މެދުގައި ބޭތިއްބީ،" މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ގޮފާ ބުންޏެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ވިޔަސް، އޭނާ ބުނާ ގޮތް ނަހަދާ ނަމަ އަދަބުދޭން، ފާޑުކިޔަން ގޮފާ ޖެހިލުމެއް ނުވެ އެވެ. ހެންވޭރު ދަނޑުގައި އޮތް ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން ކުޅުންތެރިޔަކު ފަރުވާކުޑަކުރުމުން ވަގުތުން ގެޔަށް ފޮނުވާލި އެވެ. އަދި ބޮޑު މެޗެއްގެ ކުރިން ރޭގަނޑު ނުނިދައި ސައިކަލް ބުރު ޖަހަން އުޅުނު ކުޅުންތެރިންތަކެއްގެ ނަން ނޫސްވެރިންނަށް ހާމަކޮށް އެ ކުޅުންތެރިން މެޗަށް ނުނަގާނެ ކަމަށް ވެސް ބުންޏެވެ. އަދި ކުޅުންތެރިން މެޗު އޮންނަ ދުވަސްދުވަހު ދަނޑަށް އަންނަލެއް ލަސްކަމުން އެ ވާހަކަ ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި އެވެ.

ގޮފާގެ ކޯޗުކަމުގައި ލީގު ޗެމްޕިއަންކަން ހޯދި ނިއުގެ ޓީމު ލީގު އައްޑަނައާ އެކު.

"ބައެއް ކުޅުންތެރިން މެޗު ފަށަންވާއިރަށް ވެސް ދަނޑަށް ނައިސްގެން ޗެއާމަން ގުޅީމަ ބުނީ ބަލިވެއޭ ނޫނީ ކޮންމެވެސް ކަމެއް ވެގެންނޭ މި އުޅެނީ. މިއީ ވަރަށް ދެރަ ކަމެއް. ޑިސިޕްލިން ރަނގަޅުނުވުން އެންމެ ބޮޑު މައްސަލައަކީ. ކިހިނެއް އެކަން ރަނގަޅު ނުކޮށް އެހެން ކަންތައް ރަނގަޅު ކުރާނީ؟"

ގޮފާ އަށް އޭގެ ކުރީ އަހަރު ހުއްރިއްޔާ ގައި ވެސް ގޮންޖެހުމާ ކުރިމަތިވި އެވެ. ރާއްޖެ އަށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޖޯސެފް ޔަންކޭ ދިން ފުރުސަތެއްގައި ރާއްޖެ އައި ގޮފާ، ކ. ހުރާ އަށް ދިޔައިރު އިނގިރޭސިއެއް ނޭނގެ އެވެ. ކުޅުންތެރިންނާ ވާހަކަ ދައްކަން ޖެހުނީ އަތާއި ފައިގެ ހަރަކާތުންނެވެ. ޔޫރަޕުގެ ފިނީގައި އުޅެފައި، ރާއްޖޭގެ ހޫނުގައި މަސައްކަތްކުރަން ޖެހުންވީ އޭނާ އަށް ތުރާލަކަށެވެ.

އެއަށް ވުރެ ބޮޑު މައްސަލައަކަށްވީ، ހުރާގައި އޭރު ތިބި ޒުވާން ކުޅުންތެރިން ދުވަހަކު ވެސް ޕްރޮފެޝަނަލް ތަމްރީނެއް ހަދާފައި ނެތުމެވެ. އެ ކުޅުންތެރިންނަށް ފަރިވެފައި އޮތީ ހަވީރު ފިނީގައި މަޖަލަށް ބޯޅަ ކުޅެލުމެވެ. ގޮފާ އެކަން ބަދަލުކުރި އެވެ. ކުޅުންތެރިން ހެނދުނާއި ހަވީރު ނެރެގެން ޕްރެކްޓިސްކުރުވި އެވެ. އޭނާގެ އެ އުނދަގޫ ޝެޑިއުލްގެ ސަބަބުން މެނޭޖްމަންޓާ މައްސަލަ ޖެހި ފޮނުވާލަން ވެސް އުޅުނެވެ. އެކަމަކު ފަހުން ބެހެއްޓީ އެވެ.

ގޮފާގެ އެ މަސައްކަތުގެ ނަތީޖާ ވެސް ވަރަށް ފޮންޏެވެ. ހުއްރިއްޔާގައި އޮތް އާދައިގެ ސްކޮޑް، މަތީ ފެންވަރުގެ ޓީމަކަށް ބަދަލުކޮށް އެ އަހަރު އެ ޓީމަށް ދިވެހި ލީގު ކާމިޔާބުކޮށްދިނެވެ. ރަށުގައި ޕްރެކްޓިސްކޮށް، ހަމައެކަނި މެޗަށް މާލެ އަންނަ ހުއްރިއްޔާ ވެގެންދިޔައީ ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދި މާލޭން ބޭރު ފުރަތަމަ ކްލަބަށެވެ.

ހުއްރިއްޔާ ކުޅުންތެރިން ގޮފާ އުފުލާލައިގެން ކާމިޔާބީގެ އުފާފާޅުކުރަނީ.

އެ ކާމިޔާބީއާ އެކު ވެސް ޖެހިގެން އައި އަހަރު ހުރިއްޔާ އިން އޭނާ އަށް ފުރުސަތެއް ނުދިނެވެ. މެނޭޖްމަންޓާ މައްސަލަ ދިމާވެގެންނެވެ. އޭގެ ފައިދާ ނަގައި ނިއު އިން އޭނާ އެ ސީޒަނުގެ ވަކި ހިސާބަކުން ގެނަ އެވެ. އެފްއޭ ކަޕް ކާމިޔާބުކުރި ނަމަވެސް އެދެވޭ ކުޅުމެއް ނުދެއްކި އޮތް ނިއުގެ ޓީމު ވެސް ހަމަޔަކަށް އަޅުވާލީ ގޮފާ އެވެ. ނިއުގައި ހުނަރުވެރި ކުޅުންތެރިން ތިބި ނަމަވެސް ޑިސިޕްލިންގެ މައްސަލަ ދިމާވާތީ، އޭނާ އަށް ޖެހުނީ އެ ޓީމުގައި ވެސް ހަރުކަށިވާށެވެ.

"އަހަރެން ރަނގަޅު ގޮތުގައި ކުޅުންތެރިން މޯޓިވޭޓްކުރުމުގައި ކާމިޔާބު ހޯދިން. އެ ކުޅުންތެރިންނަށް އިތުރު ޒިންމާ ހަވާލުކޮށް، ކާމިޔާބަށް ފެންބޮވައިގަންނަވަރުކުރިން. އެއާ އެކު ކޮންމެ ބުރަކަށް ފަހު އަހަރެމެން ތާވަލުގެ އުހަށް އަރަމުން ދިޔައިން،" ގޮފާ ލިޔެފައިވެ އެވެ.

ނިއުގައި ގޮފާ އަށް ކާމިޔާބު ލިބުނީ ވެސް އެފަދަ ގޮތަކަށެވެ. ފަހު މެޗުގައި ވިކްޓްރީއާ އެއްވަރުކޮށްގެން ލީގު ލިބެން އޮއްވާ އެ މެޗުގެ ފަހު މިނެޓުގައި ވިކްޓްރީގެ އިސްމާއީލް އަނިލް އެ ޓީމަށް ލީޑު ނަގައިދިނީ އެވެ. އެއާ އެކު ވިކްޓްރީ އަށް ލީގު ލިބުނީ ކަމަށް ބަލައި އެ ޓީމުގެ ސަޕޯޓަރުން ކާމިޔާބީގެ މެސެޖުތައް ޖަހާފައިވާ ބެނާތައް ދަނޑުގައި ދަމާލި އެވެ. އަދި ނިއުގެ ސަޕޯޓަރުން ދަނޑުން ނުކުތެވެ. އެކަމަކު ފަހު ސިކުންތުގައި އަލީ އަޝްފާގް (ދަގަނޑޭ) ވައްދާލި ގޯލާ އެކު މެޗު އެއްވަރުވެ ނިއު އަށް ފުރަތަމަ ފަހަރަށް ލީގު ކަށަވަރުވި އެވެ.

އެއާ އެކު ދަނޑުން ނުކުމެ ތިބި ނިއުގެ ސަޕޯޓަރުން އެނބުރި ވަދެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަން ފެށި އެވެ. އޭރު ގޮފާ އޮތީ ބެންޗާ ދިމާލުން ދަނޑުމަތީގައި ބަންޑުން އޮށޯވެލައިގެންނެވެ.

ދަގަނޑޭގެ ގޯލާ އެކު ގޮފާ ދަނޑުމަތީ އޮށޯވެގެން.

"އެއީ އުފާވެރިކަމުގެ ޖަޒުބާތުތައް އަހަރެންގެ ހަށިގަނޑުގައި ކެކި އަރައިގަތުމުން ކުރެވުނު ކަމެއް،" ގޮފާ ލިޔެފައިވެ އެވެ.

ގޮފާގެ ފޮތުގައި އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ އުފަލެއް ލިބުނު އެއް ވަގުތުކޮޅުގެ ގޮތުގައި ސިފަކޮށްފައި އޮތީ އެ ހިނދުކޮޅެވެ. އެކަމަކު އެ ވަގުތުކޮޅު އޭނާ އަށް ގެނެވުނީ، ދިވެހި ބައެއް ކުޅުންތެރިންގެ އަހުލާގު ރަނގަޅުކުރާށާއި އެ ކުޅުންތެރިންގެ ހަގީގީ ހުނަރު ނެރުމަށްޓަކައި ޕްރެކްޓިހާއި މެޗުގެ ތެރޭގައި ދަނޑިމާރު އަޅައިގެން ކުރި ބުރަ މަސައްކަތްތަކުންނެވެ.

ދިވެހި ފުޓްބޯޅަ އޭނާ މަތިން ހަނދާން ކުރާނީ ކުޅުންތެރިޔާ ކިތަންމެ މަޝްހޫރަސް، ކިތަންމެ މޮޅަސް، ކުރިމަތީ ކުޑަކަކޫ ނުޖަހާ، ކާމިޔާބު ހޯދި ހިދުމަތްތެރި ކޯޗެއްގެ ގޮތުގަ އެވެ.

8 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 93%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިއްޕަޓޭ

28 December 2022

90ގެ ފަހުކޮޅުން ފެށިގެން 2009 އާއި ހަމައަށް ދިވެހި ކްލަބްތަކުން ވަރަށް ހުނަރުވެރި ކޯޗުން ފެނިގެންދިޔަ. އެދުވަސްވަރު ގައުމީޓީމުގެ ނަތީޖާތައް ރަނގަޅުވެގެން ދިޔަކަމަކީ ހައިރާންވާކަމެއްނޫން. މިއަދު ތިބި ދިވެހިކޯޗުންގެ ކިބައިގާ ހުނަރު ހުއްޓަސް، އެއްވެސްވަރަކަށް ކުޅުންތެރިންގެ ޑިސިޕްލިން ކޮންޓްރޯލްކުރާކަށް ބޭނުމެއްނުވޭ. ކުޅުންތެރިން ގެންގުޅެނީ ވަރަށްބޮޑަށް ދޫކޮށްލައިގެން. މިއީ ހަގީގަތުގަ ބޮޑު މައްސަލައެއް.

The name is already taken The name is available. Register?

ދިއްދޫމީހާ

28 December 2022

ކޯޗް ކިސްއަކީވެސް ހަމަ މިކަހަލަ ކޯޗެއް

The name is already taken The name is available. Register?

ބޯހަލާކު

28 December 2022

ތިބުނީ ހަމަތެދެއް.އެފްއޭއެމް ބޭނުންވާ ޒާތުގެ ކޯޗުން އެމީހުންގެންނާނީ. އެމީހުންނަށް ޒައްރެއްގެ މިންވަރަށްވެސް ޕްރެޝަރ ކުރާ ކޯޗެއް ބަލައެއް ނުގަނެވޭނެ. އަދި އެފަދަ ކުޅުންތެރިއެއްވެސް ބަލައެއް ނުގަނެވޭނެ. ފުޓުބޯޅަ ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތާއި އުފުލަންޖެހޭ ބުރައަށްވުރެ އެމީހުންނަށް ބޭނުންވާނީ އެމީހުންގެ ޖާހާއި ޝާންޝައުކަތު އަދި ބޭފުޅިޒަމަށް އިހުތިރާމުކޮށް ސަނާކިޔާ މީހުން.ރާއްޖޭގެ އެހެން މުއައްސަސާތަކުގައިވެސް ކޮންމެގޮތަކަށް ކަމެއްހިނގިޔަސް އޮހެންޖެހޭނީ ތައުރީފު.

The name is already taken The name is available. Register?

325ޑ

28 December 2022

100/100

The name is already taken The name is available. Register?

ނަގިއްޔާ

28 December 2022

އަހަރުމެންގެ ފުޓްބޯޅައިގެ ސަގާފަތް އޮންނަނީ އަހަރުމެން ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތައް. އަހަރެމެން ލޯބިކުރަނީ ކަންނެތްކަމަށް. އެންމެ ބޮޑުކަމަކަށް ސިގިރެޓެއް ދަމާލުން ނުނީ ކޮފީ ބޯލެވުނީމަ ނިމުނީ. މައިންބަފައިން އެތިބީއެއްނުން އެމީހުން އަތުން ފައިސާހޯދޭނެނުން. ދިރިއުޅުމަށް އަދި ހާސްވާކަށް ނުޖެހޭ، ކޮންމެވެސް ތަނަކުން ވަޒީފާއެއް ލިބިދާނެއެއްނުން. އެ ވިސްނުން ތިބެނީ. ދެން އެހެން ނިދުމެއްނެތި ދަންވަރުގެ މަޖަލުގައި ތިއްބާ ވަގުތުފާއިތުވަނީ.

The name is already taken The name is available. Register?

ޗަކޮއި

28 December 2022

100 ގެ ކޮމެންޓެއް. ޖީލެއްވާނެތް

The name is already taken The name is available. Register?

އޮފްސޭޑް

28 December 2022

އެފްއޭއެމުން ނުކެރޭނެ މީގެ ކޯޗެއް ގައުމީ ޓީމަށް ގެންނާކަށް

The name is already taken The name is available. Register?

ސއއ32ެ3

28 December 2022

ސްޕޯޓްސް ޑިސިޕްލިން ނުހިފެއްޓޭ އަސްލު ގިނަ ކުޅުންތެރިންނަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454