ބަހުރެއިންގައި މަރުގެ ހުކުމް ތަންފީޒުކޮށް މަރާލި ތިން މީހުން
16 ޖެނުއަރީ 2017 - 06:30
ބަހުރެއިންގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ އަހަރުތަކެއް ފަހުން ތިން މީހެއްގެ މައްޗަށް އިއްޔެ މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
މަރުގެ ހުކުމް ތަންފީޒުކުރީ 2014 ވަނަ އަހަރު ބޮމުގެ ހަމަލާއެއް ދީ ފުލުހުންގެ ތިން މީހަކު މަރާލުމުގެ ކުށް ސާބިތުވި ޝީއީންގެ ތިން މީހަކަށެވެ. ބަހްރެއިންގެ ގައުމީ ނިއުސް އެޖެންސީ ބީއެންއޭ އިން ބުނީ މި ތިން މީހުން މަރާލީ ބަޑި ޖަހައިގެން ކަމަށެވެ.
މި ހުކުމް ތަންފީޒުކުރުމާ އެކު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމާއަތްތަކުން ބުނެފައި ވަނީ މަރާލި ތިން މީހުންގެ މައްޗަށް ތަހުގީގު ހިންގާފައި ވަނީ އިންސާފުން ކަމަށް ނުބެލެވޭ ކަމަށާއި އެ މީހުން ކުށަށް އިއުތިރާފުވީ އަނިޔާކުރުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދީ ބަހްރެއިން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ މަރުގެ ހުކުމް ތަންފީޒުކޮށްފައި ވާނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މަރާލި މީހުންނަކީ ބަހްރެއިންގައި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޔާ އައް އަޝްތާރަށް ނިސްބަތްވާ ތިން މީހުންނެވެ. މިއީ 2011 ވަނަ އަހަރު ބަހްރެއިންގައި ކުރި މުޒާހަރާތަކާއި ހަމަނުޖެހުންތަކަށް ފަހު ބައެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ.
ސުންނީންގެ ރަސްކަމެއް އޮންނަ ބަހްރެއިންގައި ޝީއީންނާއި ސުންނީންނާ ދެމެދު ކުރިމަތިލުންތައް ހިނގައި މިދިޔަ އަހަރު ވަނީ އެ ގައުމުގެ ޝީއީންގެ އެންމެ އިސް އިމާމަކީ އެ ގައުމުގެ ރައްޔިތެއް ނޫން ކަމަށް ވެސް ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުން
16 January 2017
އިންސާނީ ހައްގުތަކައްމަސައްކައް ކުރާ ޖަމިއްޔާ ގަބޫލް ކުރާ ގޮތުގައި ކުއްކުޜާ މީހުން މަރާ މީހުން ނަކީ ތިބެން ޖެހޭ ބަޔެއް އަދަބެއް ނުދީ . އެކަމު އިޒުރޭލުން ކިތަން މެ ބަޔަކު މެރިޔަސް އެކަން ރަގަޅު. ތިއީ ދުނިޔެ ފަސާދަ ކުރާ ޖަމިއްޔާ އެއް