09 ޖެނުއަރީ 2023 - 13:15
ބްރެޒިލްގެ ކުރީގެ ރައީސް ޖައީރް ބޮލްސޮނާރޯ އަށް ތާއީދުކުރާ މީހުން، ސަރުކާރުގެ ބައެއް އޮފީސް އިމާރާތްތައް ހިފައި އެ ތަންތަނަށް ވަދެ ތަކެއްޗަށް ގެއްލުން ދޭން ފެށުމާއެކު، ފުލުހުން ބާރުގެ ބޭނުންކޮށް، އެމީހުން އެ ތަންތަނުން ނެރެ، އެ އިމާރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މިދިޔަ އޮކްޓޫބަރު ބޭއްވި ރިއާސީ އިންތިޚާބުގައި ބޮލްސޮނާރޯ އަށް ނާކާމިޔާބުވުމާ ގުޅިގެން، އޭނާގެ ސަޕޯޓަރުން ގެންދަނީ، ސަރުކާރުގެ މައި އިމާރާތްތައް ހުންނަ ސަރަހައްދުގައި ފޭލިގެ ޖަހައި، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. ގާތްގަނޑަކަށް ތިން މަސް ދުވަހު މުޒާހަރާ ކުރުމަށް ފަހު، ބޮލްސޮނާރޯގެ ސަޕޯޓަރުން އިއްޔެ ރިއާސީ ގަނޑުވަރަށާއި ސުޕްރީމް ކޯޓަށާއި ގާނޫނު ހަދާ މަޖިލިސް ހިންގާ އިމާރާތަށް ވަދެގަތެވެ.
Mass arrests of Brazilian Spring protesters at the presidential palace after the invasion of National Congress. pic.twitter.com/26IFtZ3lxj
— The Rio Times (@TheRioTimes) January 9, 2023
މުޒާހަރާ ކުރާ މީހުން ސަރުކާރުގެ އިމާރާތްތައް ހިފުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންދްރޭ ދި މޮރައޭސް ވަނީ، ބޮލްސޮނާރޯގެ ސަޕޯޓަރުން ހަދާފައިވާ ފޭލިގެތައް، 24 ގަޑިއިރުގެ ތެރޭގައި ރޫޅައިލުމަށް ސިފައިންގެ މައްޗަށް އަމުރެއް ނެރުއްވައިފަ އެވެ. އަދި މަގުމަތީގައި މުޒާހަރާކުރާ ކޮންމެ މީހަކު ހައްޔަރުކުރުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރެއް ނެރުއްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ސިފައިންނާއި ފުލުހުން ނުކުމެ، ބާރުގެ ބޭނުންކޮށް ސަރުކާރުގެ އިމާރާތްތަކުގެ ތެރެއިން މުޒާހަރާ ކުރާ މީހުން ނެރެ، އެ ތަންތަން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ސަރުކާރުގެ އިމާރާތްތަކުން މީހުން ނެރުމަށް ފުލުހުން މަސައްކަތަށް ހުރަސް އަޅައި ދެކޮޅު ހެދުމުން، ހައްޔަރުކުރި މީހުންގެ އަދަދު 400 އަށް އަރާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
Brazilian National Congress was completely taken by Brazilian Spring Protesters. pic.twitter.com/UrrA28UjKV
— The Rio Times (@TheRioTimes) January 8, 2023
ދުސްތޫރީ ބާރު ދެމެހެއްޓުމުގެ ގޮތުން، ސިފައިންނާއި ފުލުހުންގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި، ދީފައިވާ ވަގުތުގެ ތެރޭގައި އެ އަމުރު ތަންފީޒު ނުކޮށްފި ނަމަ، ސިފައިންނާއި ފުލުހުންގެ ކޮމާންޑަރުންނާއި ދިފާއީ ވަޒީރު ކޯޓަށް ހާޒިރުކޮށް ޒިންމާދާރު ކުރުވާނެ އެވެ. އަދި އެ އަމުރު ނެރުނުތާ 24 ގަޑިއިރު ހަމަވާ އިރު، ވެރިރަށް ބްރަސީލިއާގެ ހައިވޭތަކުން، މުޒާހަރާ ކުރާ މީހުން ހުސްކޮށް، އެއްގަމު ދަތުރުތަކަށް މަގުތައް ހުޅުވައިލަންޖެހޭނެ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
ބޮލްސޮނާރޯ އަށް ތާއީދުކުރާ މީހުން ސަރުކާރުގެ މައި އިމާރާތްތަކަށް ވަދެގަތުމާ ގުޅިގެން، ބްރެޒީލްގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ދަ ސިލްވް އިއްޔެ ވިދާޅުވި ގޮތުގައި މުޒާހަރާ ކުރާ މީހުން ސަރުކާރުގެ އިމާރާތްތަކަށް ވަނުމަށް ފުރުސަތު ލިބުނީ ސަލާމަތީ ފިޔަވަޅުތައް ދޯދިޔާކަމުން ކަމަށެވެ. ރިއާސީ ގަނޑުވަރާއި ސުޕްރީމް ކޯޓާއި ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ސިފައިން ސަލާމަތީ ކަންތައް ބަލަހައްޓަން ތިއްބައި، މުޒާހަރާ ކުރާ މީހުން އެތަންތަނަށް ވަދެވުނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެރިރަށް ބްރަސީލިއާގެ އެންމެ މުހިންމު ސަރަހައްދުތަކަށް، ބޮލްސޮނާރޯގެ ސަޕޯޓަރުން އެއްވެ ތިން މަސްދުވަސް ވަންދެން މުޒާހަރާކޮށް، ސަރުކާރުގެ މައި އިމާރާތްތައް ހިފާ ހިސާބަށް ކަންތައް ދިޔުމުން، ސުޕްރީމް ކޯޓުގެ ފާޑުކިޔުންވެސް ވަނީ ލޯކަލް އިދާރާތަކަށް އަމާޒުވެފަ އެވެ. އަދި އިއްޔެގެ މުޒާހަރާގެ ތެރެއިން ބައެއް މީހުން ސަރުކާރުގެ މައި އިމާރާތްތަކަށް ވަދެގަތުމާ ގުޅިގެން، ފެޑެރަލް ޑިސްޓްރިކްޓްގެ ގަވަރުނަރު އިބަނެއީސް ރޯޝާ، އިއްޔެ އިން ފެށިގެން ތިން މަސްދުވަހަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށް ވެސް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ.
އިއްޔެގެ ހަމަނުޖެހުންތަކަށް ފަހު ރައީސް އިނާޝިއޯ ލޫލާ އޭނާގެ ފޭސްބުޕް ޕޭޖްގައި ލިޔުއްވާފައިވާ ގޮތުގައި ދައުލަތުގެ މުދަލަށް ގެއްލުންދިނުމަށް ހިތްވަރު ލިބިދޭ ގޮތަށް ބަޣާވާތްކުރި މީހުން މިހާރު ވަނީ ދެނެގަނެވިފަ އެވެ. އަދި މިއަދުން ފެށިގެން ރިއާސީ ގަނޑުވަރުގައި މަސައްކަތްތައް ފައްޓަވާނެ ކަމަށާއި، ބަޣާވާތް ކުރި މީހުންނަށް އަދަބު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހަންމަދު ކަލޯ
09 January 2023
ދިވެހި ރާއްޖޭގެ ޕީޕީ އެމް ވެސް ތިބީ މިކަހަލަ ސަޕޯރޓަރުން ވައްކަން ހަލާލު - ހުކުމް ހަރާމް
ސައިނީސް
09 January 2023
މިކަހަލަ ކަންކަމުގައި ރައީސް މީހަ ހައްޔަރުކޮށް ހުކުން އިއްވަންޖެހޭ ، ފުޓްބޯލަގައިވެސް ޕަސޯޓަރުން ކުރާކަންކަމުން ޓީމަށް އަދަބުއާދޭ ދޯ!
ސައިންސް
09 January 2023
ޕަސޯޓަރުންނޭ؟؟؟