ކުޅިވަރު / ކްރިކެޓް

ވަސީމް އަކްރަމްގެ އިރުޝާދު ދިވެހި ކްރިކެޓް ކުޅުންތެރިންނަށް

ވަސީމް ދިވެހި ކުޅުންތެރިންނަށް އިރުޝާދު ދެނީ. --ފޮޓޯ: ރާއިފް ޔޫސުފް (ސްޕޯޓްސް މިނިސްޓްރީ)

"މިއީ ސިމެންތި ޕިޗެއްދޯ؟"

މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައި ފަރިތަކުރަން ތިބި ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރަން އެތަނަށް އައި، ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން ވަސީމް އަކްރަމްގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ޕިޗެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފާސްޓް ބޯލަރު، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ ދައުވަތަކަށް މާލެ އައީ، ދިވެހި ކުޅުންތެރިންނަށް ހިތްވަރުގެ ބަހެއް ރައްދުކޮށްލުމަށެވެ.

އެކަމަކު، ވަސީމް ފުރަތަމަ ވެސް އަލިއަޅުވާން ޖެހުނީ، ކްރިކެޓުގެ ދުނިޔޭގައި ރަސްކަން ކުރަމުން އަންނަ އިންޑިއާ އާއި ސްރީ ލަންކާ ފަދަ ގައުމުތައް ވަށައިގެން ތިބި ނަމަވެސް މި ކުޅިވަރުން ރާއްޖެ އަށް އެންމެ އެދެވޭ ހިސާބަށް ނުދެވޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއް ސަބަބަށެވެ؛ އެކަށީގެންވާ ވަސީލަތްތައް ނެތުމެވެ.

ސިމެންތި ޕިޗެއްގައި ފަރިތަކުރުމަށް ފަހު، އަންނަ މަހު ތައިލެންޑުގައި އޮންނަ އޭސީސީ 50 އޯވަރުގެ މުބާރާތުގައި ދިވެހި ކުޅުންތެރިން ކުޅޭނީ ޓާފް ޕިޗެއްގައެވެ. ކްރިކެޓް ދަނޑުގެ މެދުގައި، ދެ ވިކެޓް ދެމެދުގައި އަޅާފައި އޮންނަ ވިއްސަކަށް މީޓަރު ދިގު އަދި ތިން މީޓަރު ފުޅާ ޕިޗަކީ ކްރިކެޓުގެ އެންމެ މުހިއްމު އެއް ކޮމްޕޯނެންޓެވެ. ޕިޗުގެ ފެންވަރު ރަނގަޅުވުމަކީ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ވަސީމް (ކ) ދިވެހި ކުޅުންތެރިންނަށް އިރުޝާދު ދެނީ. --ފޮޓޯ: ރާއިފް ޔޫސުފް (ސްޕޯޓްސް މިނިސްޓްރީ)

"ހަނދާން ކުރާތި! މުބާރާތަށް ގޮސް ކުޅޭއިރު އެތާ އޮންނަ ޕިޗު، ތި ޕިޗާ ވަރަށް ތަފާތު ވާނެ. ބޯޅައިގެ މިސްރާބަށް ބަދަލު އަންނާނެ،" ޕާކިސްތާނުން 1992 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ވަސީމް، ދިވެހި ކުޅުންތެރިންނަށް ފުރަތަމަ ވެސް ދިނީ އެ އިރުޝާދެވެ.

އާއްމުން ކަސްރަތަށް، ޕްރޮފެޝަނަލް ދުވުންތެރިން ބުންވަރަށް، އަދި ޖޫނިއާ ދުވުންތެރިން ތަމްރީނަށް ބޭނުންކުރާ ޓްރެކުގެ އެތެރޭގައި އޮންނަ އެ ދަނޑަކީ، މާލެ ސަރަހައްދުގައި ހާރަކަސް ތަރާވީހަކަސް، ކްރިކެޓަށް އޮތް ހަމައެކަނި ދަނޑެވެ. އެތަނަކީ އެކި ބޭނުމަށް، އޮންނަ ދަނޑަކަށް ވާތީ، ފެންވަރު ރަނގަޅު ޕިޗެއް އަޅައިގެން މެއިންޓެއިން ކުރަން އުނދަގޫވާނެ ކަމަށް ކްރިކެޓް ބޯޑުން ބުނެ އެވެ.

އެކަމަކު ބޯޑުން އަންނަނީ، މިނިސްޓްރީގެ އެހީގައި، ފުވައްމުލަކު ކްރިކެޓް ދަނޑުގައި ޓާފް ޕިޗެއް އަޅަން މަސައްކަތްކުރަމުންނެވެ. އެކަމަކު މިވަގުތަށް އޮތީ، މުބާރާތުގެ ކުރިން އެ އޮންނަ ގައުމަކަށް ގޮސް ޕިޗަށް ފަރިތަކޮށްލުމެވެ. ވަސީމް މިއަދު ދިވެހި ކުޅުންތެރިން ގާތު އެދުނީ ވެސް އެކަމަށެވެ.

"ނުވަދިހަ ދެ ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިމްރާން އަހަރެމެން ގެންދިޔަ އެއް މަސް ކުރިން. ބޭނުންވީ މުބާރާތުގެ ވީހާ ވެސް ކުރިން މާހައުލަށް ހޭނިލުން،" ޕާކިސްތާނުގެ ބޮޑުވަޒީރުކަން ފަހުން ކުރެއްވި، އޭރުގެ ކެޕްޓަން އިމްރާން ހާނަށް އިޝާރާތްކޮށް ވަސީމް ބުންޏެވެ.

ވާތުން އުކާ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފާސްޓް ބޯލަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ވަސީމް ބުނީ، އޭނާ މޮޅު އުކުންތެރިޔަކަށްވީ ފަރިތަކޮށްގެން ކަމަށާއި އެއީ މިހާރުގެ ކުޅުންތެރިން ވިސްނަންވީ ކަމެއް ކަމަށެވެ.

"އަހަރެން އެތައް ގަޑިއިރެއް ވަންދެން އުކަން. ގިނައިން ފަރިތަކުރި ވަރަކަށް މޮޅުވާނީ،" ވަސީމް ބުންޏެވެ.

1992 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވިކެޓެއް ނެގުމަށް ފަހު ވަސީމް އުފާފާޅުކުރަނީ.

"އަހަރެން ކެރިއަރުގައި އުކީ ކިތަށް އޯވަރުކަން އެނގޭތަ؟،" އޭ ލިސްޓް ކްރިކެޓުގައި މުޅި ދުނިޔެ އިން ވެސް އެންމެ ގިނަ ވިކެޓް ނަގާފައިވާ ކުޅުންތެރިޔާ އެހި އެވެ.

ވަސީމް ބުނި ގޮތުގައި ފަސްޓް ކްލާސް އަދި ބައިނަލްއަގްވާމީ މެޗުތައް ހިމަނައިގެން އޭނާ ކެރިއަރުގައި ޖުމްލަ 80،000 އޯވަރު އުކި ކަމަށެވެ. އޭނާ އެހެން ބުނުމާ އަޑުއަހަން ތިބި ދިވެހި ކުޅުންތެރިންނަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.

"މި ބުނަނީ ޕްރެކްޓިހާއި ދައްކާލުމުގެ މެޗުތައް ނުހިމަނައި ހަމައެކަނި ވާދަވެރި މެޗުގައި އުކި ވަރު އިނގޭ!،"

ވަސީމް ބުނި ގޮތުގައި ހުނަރު ހުރެއްޖެ ނަމަ މޮޅު ބެޓްސްމަނަކަށް ނޫނީ މޮޅު އުކުންތެރިޔަކަށް ވެސް ވެވިދާނެ ކަމަށެވެ. އެކަމަކު ޔަގީނުން ވެސް ހޮވަން އަރައި މޮޅަށް ކުޅޭވޭނީ ފަރިތަކޮށްގެން ކަމަށް އޭނާ ބުންޏެވެ.

"ވީހާ ވެސް ގިނައިން، ފަރުވާތެރިކޮށް ފަރިތަކުރުމަކީ މުހިއްމު ކަމެއް،" ވަސީމް ބުންޏެވެ.

ވަސީމް (ކ) ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން އަދި ފަހުން އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި އިމްރާން ހާން އާ އެކު.

އިނގިރޭސި ވިލާތުގައި ނެރޭ 'ވިސްޑެން' އިން އެކުލަވާލި އެންމެ މޮޅު 11 ޓެސްޓް ކުޅުންތެރިންގެ ލިސްޓުން ޖާގަ ލިބުނު ޕާކިސްތާނުގެ ހަމައެކަނި ކުޅުންތެރިޔާ ބުނީ ފިޓްނަސް އަށް ވެސް މުހިއްމު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ. ވިހި އޯވަރުގެ ކްރިކެޓާ އެކު، ފިޓްނަސް އަށް ދޭ ސަމާލުކަން ކުޑަވެއްޖެ ކަމަށް އިޝާރާތްކޮށް ވަސީމް ބުނީ، ގަދަޔަށް ނުދުވެ، މި ކުޅިވަރުގައި ކުރިއަށް ނުދެވޭނެ ކަމަށެވެ.

"އަހަންނާއި އިމްރާން، ޕްރެކްޓިސް ސެޝަނުގެ ކުރިން ފަސް ބުރު ދުވެލަން، އޭގެ ފަހުން ސްޕްރިންޓް ބުރެއް އޮންނާނެ،" ލިމިޓެޑް އޯވާ ކްރިކެޓުގައި 500 ވިކެޓް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ ބުންޏެވެ.

މި ޒަމާނުގައި ގިނަ ކުޅުންތެރިން އިހުތިޔާރުކުރާނީ ހަމައެކަނި އެއާކަންޑިޝަން ކުރި ޖިމެއްގައި ކަސްރަތުކުރަން ކަމަށާއި އެކަމަކު އޭނާ އިރުޝާދުދޭނީ، ފިޓްނަސް ރަނގަޅުކުރަން ދުވުން ވެސް ޕްރޮގްރާމުގައި ހިމަނަން ކަމަށް ވަސީމް ބުންޏެވެ.

"ދެން ފަހަރަކު އިރާދަކުރެވިއްޔާ ތި ކުޅުންތެރިންނާ އެކު އަހަރެން ޕްރެކްޓިސް ސެޝަނެއްގައި ބައިވެރިވާނަން. މިއީ ވައުދެއް،" ރާއްޖޭގައި ހުންނަވާ ޕާކިސްތާން އެމްބެސެޑަރު މުހައްމަދު ފައްޔާޒް ޖީލާނީ ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ވަސީމް ބުންޏެވެ.

6 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޭއޮފްރިޒަރެކްޝަން

10 January 2023

އ‫ަހުންނަށް ޔަގީންވާ ކަމަކީ ވަސީމް ބަރާބަރަށް ފަސްވަގުތު ނާޅާ ނަމާދު ކުރާނެކަން ދިވެހި ކުޅުންތެރިން ކުރެން އަހާލާހިއްވޭ އެންމެފަހުން ފަތިސް ނަމާދު ޖަމާއަތުގައި ކުރީ ކޮންދުވަހަކުތޯ

The name is already taken The name is available. Register?

ކަކުނިބޯ

10 January 2023

މާދެން ނަމާދުވާ މީހެއްދޯ އެންމެ ރަކުޢަތެއް އުމުރުގަވެސް ކުރެވުނުތަ ދުނިޔެވީ އެއްވެސް ހިޔާލެއްނެތި؟

The name is already taken The name is available. Register?

ޗީޗޭ

10 January 2023

ދެންފެންނާނީ ސަޗިން ޓެންޑުލްކާރ ނުވަތް ވިރާޓް ކޯލީބާ؟

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

09 January 2023

މަހޭ، ވަސީމާއެކު ސެލްފީއެއް ނެގިބާ؟

The name is already taken The name is available. Register?

ވާޑު

09 January 2023

ރަދީފް ވަރަށް ތާއީދުކުރާނެ ވަސީމު އަކުރަމަށާ ވަގާރު ޔޫނުސަށް.

The name is already taken The name is available. Register?

ތުނޑުހަސަނު

10 January 2023

އެއީ ލެޖެންޑުން ދޯ. އެމީހުންނަށް އަބަދުވެސް އިޙްތިރާމްކުރުން އޮންނަންވާނެ. ލެޖެންޑުންގެ ތެރެއިން ވެސް ވަރުގަދަ ލެޖެންޑަކީ ސަޗިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454