އާ ފެލިކްސް: އޭނާ ޗެލްސީ އަށް ބަދަލު ވާނީ ލޯން އުސޫލުން
11 ޖެނުއަރީ 2023 - 10:47
ލަންޑަން (ޖެނުއަރީ 11) - އެތުލެޓިކޯ މެޑްރިޑުގެ ޔޯއާ ފެލިކްސް ލޯން އުސޫލުން ޗެލްސީ އަށް ބަދަލު ވެއްޖެ އެވެ.
ޗެލްސީން ފެލިކްސް ލައްވައި ސޮއި ކުރުވާނީ ޖޫން 30 ގެ ނިޔަލަށެވެ. ލޯން އުސޫލުން އޭނާ ގެންދިޔަ ނަމަވެސް ފީއެއްގެ ގޮތުގައި 11.1 މިލިއަން ޑޮލަރު އެތުލެޓިކޯ އަށް ދިނުމަށް ޗެލްސީން ވަނީ އެއްބަސްވެފަ އެވެ.
އެކަމަކު ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ފުރުސަތެއް ޗެލްސީ އަކަށް ނުލިބޭނެ އެވެ. ސީޒަނަށް ފަހު ފެލިކްސް އެނބުރި އެތުލެޓިކޯ އަށް އެނބުރި ދާން އެ ކްލަބުން ބޭނުންވެ އެވެ. އެތުލެޓިކޯ އާއެކު އޭނާ ހަދައިފައިވާ ކޮންޓްރެކްޓްގައި އަދީ ބާކީ ތިން އަހަރު އެބައޮތެވެ.
ބެންފީކާއިން 2019 ގައި އެތުލެޓިކޯ އަށް ބަދަލުވި ފެލިކްސް އަކީ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިޔަކަށް ވާނެ ކަމަށް ގިނަ ބަޔަކު ލަފާ ކުރި އެވެ. އޭނާ ގެންދަން އެތުލެޓިކޯއިން 120 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރުމުން އޭނާ އަށް އޮތް ސަމާލުކަން ބޮޑުވި އެވެ. އެކަމަކު ބެންފީކާގައި ދެއްކި ކުޅުމެއް އޭނާ އަކަށް ނުދެއްކުނެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެތުލެޓިކޯގައި އޭނާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެނީ އެ ޓީމުގައި ކޯޗު ޑިއޭގޯ ސިމިއޯނީ ކުޅުވާ ޑިފެންސިވް ގޭމްގެ ސަބަބުންނެވެ. އޭނާގެ އަސްލު ފެންވަރު ނެރުމުގައި ޗެލްސީގައި ކޯޗު ގްރަހަމް ޕޮޓާ އަށް ކާމިޔާބު ހޯދިއްޖެނަމަ ލޯން ޓްރާންސްފާގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ލަފާ ކުރެ އެވެ.
އުނދަގޫ ހާލަތަކަށް ވެއްޓިފައިވާ ޗެލްސީން ފެލިކްސް، 23، ގެ ލޯން ޓްރާންސްފާ ކާމިޔާބު ކުރީ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އިން ވެސް އޭނާ ގެންދަން މަސައްކަތް ކުރަމުން ދަނިކޮށެވެ.
ޓްރާންސްފާ ހަބަރުތައް ބުނާ ގޮތުން ޗެލްސީގައި ބާކީ ވެފައި ހުރި ފޯވާޑް ޕީއާ އެމްރިކް އޮބާމެޔަން އެހެން ކްލަބަކަށް ދޫކޮށްލަން އެ ކްލަބް އޮތީ ތައްޔާރަށެވެ. ނޮވެމްބަރުގެ ފަހުން އޭނާ އަށް މެޗަކުން ފުރުސަތެއް ނުދެ އެވެ. ފެލިކްސް ގެންދިއުމަށް ފަހު އޭނާ އަށް އޮބާމެޔަން އަށް ލިބޭ ފުރުސަތު ކުރިއަށް ވުރެ ވެސް މަދުވާނެ އެވެ. އެހެންވެ އޭނާ ވެސް ހުރީ ލޯން އުސޫލުން ވިޔަސް ކްލަބް ބަދަލު ކުރަން ތައްޔާރަށް ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.
ޕްރިމިއާ ލީގުގައި ޗެލްސީ އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy