ކުޅިވަރު / ޔޫއޭއީ

ޔޫއޭއީގެ ފުރަތަމަ ޓީ20 ކްރިކެޓް ލީގުގައި ތަފާތު އެވޯޑްތަކެއް

ދުބާއީ ކެޕިޓަލްސް އަށް ކުޅޭ އަފްގާނިސްތާނުގެ އުކުންތެރިޔާ މުޖީބުއް ރަހްމާން (ކ) ހުދު ބެލްޓު ހިފައިގެން، އަދި ގަލްފް ޖަޔަންޓްސްގެ ކެޕްޓަން، އިންގްލެންޑްގެ ބެޓްސްމަން ޖޭމްސް ވިންސް ފެހި ބެލްޓް ހިފައިގެން..- ފޮޓޯ: އައިއެލްޓީ20

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުރަތަމަ ޓީ20 ކްރިކެޓް ލީގު މި މަހު ފެށިގެން ކުރިއަށް ދާއިރު، ލީގު އިންތިޒާމް ކުރާ އިންތިޒާމް ކުރާ ފަރާތުން ވަނީ އުފެއްދުންތެރި ކޮންސެޕްޓްތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދީފަ އެވެ.

ޑީޕީ ވޯލްޑް އިންޓަނޭޝަނަލް ލީގު ޓީ20 ގައި ސްމާޓްބޯލް ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން މުބާރާތުގައި ދޭ އެވޯޑްތަކާއި ދޭ ގޮތް ވެސް ތަފާތެވެ.

އާއްމުކޮށް މޮޅުވާ އެތުލީޓަށް ބެލްޓު ލިބެނީ ކަރާޓީ ފަދަ ކުޅިވަރުތަކުގަ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ފެށި މި މުބާރާތުގައި އެމިރޭޓްސް ކްރިކެޓް ބޯޑުން ވަނީ އެކި ވަނަތަކަށް ފަސް ބެލްޓެއް ދޭން ނިންމައިފަ އެވެ. އެއީ ފެހި ބެލްޓް، ހުދު ބެލްޓް، ކަޅު ބެލްޓް، ރަތް ބެލްޓް އަދި ނޫ ބެލްޓެވެ.

"ކުޅުންތެރިންގެ އެވޯޑާ ގުޅޭގޮތުން މުޅިން އާ ކަމެއް ކުރަން ބޭނުންވީ. ބެލްޓުތައް ތައާރަފް ކުރުމުން މުބާރާތުގެ ފޯރި ވަރަށް ގަދަވާނެ،" އެވޯޑްތަކާ ގުޅޭގޮތުން އެމިރޭޓްސް ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީ މުބައްޝިރު އުސްމާނީ ވިދާޅުވި އެވެ.

"ބެލްޓުތަކަކީ ކުޅުންތެރިންގެ މެދުގައި ވެސް މަގުބޫލު ކަމަކަށް ވާނެ ކަމަށް ދެކެން. ކުޅުންތެރިން އެ ހޯދަން މަސައްކަތް ކުރާނެ. އަދި ސަޕޯޓަރުން ވެސް އެއީ ޝަރަފްވެރި ރަމްޒެއް ގޮތުގައި ދެކޭނެ."

ފެހި ބެލްޓް ލިބޭނީ މުބާރާތުގައި އެންމެ ގިނަ ލަނޑު ހަދާ ކުޅުންތެރިޔާއަށެވެ. އަދި އެންމެ ގިނަ ވިކެޓް ނަގާ ކުޅުންތެރިއަކަށް ހުދު ބެލްޓް ދޭން ވަނީ ހަމަޖެހިފަ އެވެ.

މުބާރާތް ކުރިއަށް ދާވަރަކަށް ލީޑާބޯޑުގެ އެންމެ ކުރީގައި އޮންނަ ކުޅުންތެރިންނަށް ފެހި ބެލްޓާއި ހުދު ބެލްޓް ލިބޭނެ އެވެ. އެއީ ކުޅުންތެރިންގެ ވާދަވެރިކަން ބޮޑުކޮށް، ސަޕޯޓަރުންގެ ފޯރި ގަދަކޮށްލުމުގެ މަގުސަދުގަ އެވެ.

ލީގު ކާމިޔާބު ކުރާ ޓީމަކަށް ޓްރޮފީ ހަވާލް ކުރުމަށް ފަހު، އެ ޓީމުގެ އޯނަރަށް ކަޅު ބެލްޓް ހަވާލް ކުރާނެ އެވެ. އަދި ލީގުގެ އެންމެ މޮޅު ކުޅުންތެެރިއަކަށް ދޭން ހަމަޖެހިފައި ވަނީ ރަތް ބެލްޓެވެ.

ނޫ ބެލްޓް ލިބޭނީ މުބާރާތުގައި އެންމެ މޮޅަށް ކުޅުނު ޔޫއޭއީ ގެ ކުޅުންތެރިޔާއަށެވެ. މި ލީގުގައި ޔޫއޭއީގެ ޖުމްލަ 24 ކުޅުންތެރިން ކުޅެ އެވެ.

ފެބްރުއަރީ 12 އާ ހަމައަށް ކުރިއަށްދާ މި އިންޓަނޭޝަނަލް ލީގު ޓީ20 މުބާރާތުގައި ހަ ޓީމެއް ވާދަ ކުރެ އެވެ. އެއީ އަބޫ ދާބީ ނައިޓް ރައިޑާސް، ޑެޒާޓް ވައިޕާސް، ދުބާއީ ކެޕިޓަލްސް، ގަލްފް ޖަޔަންޓްސް، އެމްއައި އެމިރޭޓްސް އަދި ޝާރުޖާހް ވޯރިއާސް އެވެ.

ވާދަކުރާ ހަ ޓީމު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ލީގު ބުރުގައި ދެ މެޗު ކުޅޭނެ އެވެ. ފައިނަލް ޕްލޭއޮފުން ޖާގަ ލިބޭނީ ލީގު ބުރުގެ ގަދަ ހަތަރު ޓީމަށެވެ.

ކޮންމެ ކުޅުންތެރިއަކަށް ސީޒަނެއްގެ މައްޗަށް 450،000 ޑޮލަރުގެ އާމްދަނީއެއް ލިބޭނޭހެން ބައިނަލްއަގުވާމީ ގިނަ ތަރިންތަކެއް މި މުބާރާތުގައި ކުޅެ އެވެ. މިއީ އިންޑިއާގެ އައިޕީއެލް އަށް ފަހު ދެ ވަނައަށް އެންމެ މުސާރަ ބޮޑު ލީގެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454