ނާސިރު (ކ) ކޯލްޓަން އަށް އިންޓަވިއު ދެއްވަނީ.
21 ޖެނުއަރީ 2023 - 08:36
އެމެރިކާގެ އެ ނޫސްވެރިޔާ އަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެނގިފައި އޮތީ ހާއްސަ އުސޫލުތަކެއް ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެންގެވި ގަޑިއަށް ނުދެވިއްޖެ ނަމަ އެކަމެއް ކެންސަލް ވެސް ކުރައްވަފާނެ އެވެ. އެހެންވެ ރައީސް އެޕޮއިންޓްމަންޓް ދެއްވި ގަޑިއަށް ވެލާނާގެ އަށް ދިއުމަށްޓަކައި ވަރަށް ކުރިން އޭނާ ގެއިން ނުކުތެވެ. ބައިސިކަލް ހަން ފަޅައިގެން ގޮސް ތުރާލެއް ޖެހިދާނެތީވެ ދިޔައީ ވެސް ހިނގައިފަ އެވެ. ނޯޓު ނަގަނިކޮށް ގަލަމުން ދެލި ހުސްވެދާނެ ކަމުގެ ބިރަށް، އޭނާ ދެ ތިން ގަލަން ވެސް ގެންދިޔަ އެވެ.
ޕީއެޗްޑީ ތީސީސް އަށް ރާއްޖޭގެ އެންތުރޮޕޮލޮޖީ ދިރާސާއެއް ކުރުމަށް މާލޭ އައިސް ހުރި ހުރުމުގައި، އެމެރިކާގެ ނޫސް އޭޖެންސީ ރޮއިޓާސްގެ ކޮރެސްޕޮންޑެންޓަކަށް މަސައްކަތްކުރަމުން ދިޔަ އެލިޒަބަތު ކޯލްޓަން އަކީ އިބްރާހީމް ނާސިރު އެޕޮއިންޓްމަންޓެއް ދެއްވި ފުރަތަމަ ނޫސްވެރިޔާ އެވެ. ސްރީ ލަންކާގެ އެއާޕޯޓުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބެއް ދެއްވުން ފިޔަވައި، އޭރު ވިއްސަކަށް އަހަރު ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ނާސިރަކީ މީޑިއާއާ ބީރައްޓެހި ބޭފުޅެކެވެ.
އޮކްޓޫބަރު 26، 1977 ގައި ނާސިރު އެ އިންޓަވިއު ކޯލްޓަން އަށް ދެއްވަން ނިންމެވީ އަމިއްލަ އެދުންފުޅެއް އޮތުމުންނެވެ. ރާއްޖެއާ ބެހޭގޮތުން އެމަނިކުފާނުގެ ކެބިނެޓުން ނިންމެވި ވަރުގަދަ ނިންމެވުމެއް، މުޅި ދުނިޔެ އަށް އެންގެވުމުގެ ބޭނުންފުޅުގަ އެވެ. އެ އިންޓަވިއުގެ ފައިދާ ކޯލްޓަން އަށް ވެސް ނުހަނު ބޮޑަށް ކުރި އެވެ. ދުނިޔޭގެ ސިޔާސީ-އަސްކަރީ މަސްރަހާ ގުޅުން ހުރި އެ ބޮޑު ހަބަރު ކޯލްޓަން ހޯދުމުން، ރޮއިޓާސްގެ އިތުބާރު އޭނާ އަށް ލިބުނެވެ. ދުނިޔޭގެ އެތައް ނޫހަކަށް އޭނާގެ ބައި-ލައިން އެރި އެވެ.
އެކަމަކު ކުޑައިރުން ފެށިގެން ނޫސްވެރިއަކަށް ވާން ބޭނުންވި ކޯލްޓަންގެ ނޫސްވެރިކަމުގެ ކެރިއަރުގެ އެ މުހިއްމު ފުރުސަތު ލިބުނީ، އަންހެނުންނަށް ބޭރުގެ ކޮރެސްޕޮންޑެންޓުންނަށް ވެވެން ނެތުމުން، ޒުވާން ދުވަސްވަރު އޭނާގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކުރި ކުރުމުގެ ތެރެއިން ގައިދޮށްވި މަންޒިލަކުންނެވެ.
އެކަމަކު އެ މަންޒިލަކީ 1950ގެ އަހަރުތަކުގައި ކޯލްޓަން ސްކޫލުގައި ޖޯގްރަފީ ކިޔެވިއިރު އިންޑިއާ ކަނޑަށް ހުއްޓުނު ނަޒަރުގެ ތެރެއިން ވެސް ޒަމީރުގެ ދުރުމިއަށް ނާރާ އޮތް ގައުމެކެވެ. އިންޑިއާ ކަނޑުގައި ފަތުރާލާފައިވާ ހާރެއްގެ މުތްތަކެއްގެ ގޮތުގައި ކޯލްޓަން އަށް ސިފަވި މި ގައުމު އޭނާގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ، އެމެރިކާގެ ޕީސް ކޯގެ ވޮލަންޓިއަރެއްގެ ގޮތުން 1968 ގައި ކެންޔާގައި އިނގިރޭސި ކިޔަވައިދޭން އުޅުނުއިރެވެ.
އުމުރު ދުވަހުގެ ޝައުގާ ގުޅިފައިވާ އިންޑިއާ ކަނޑުގައި އޮތް، ގޮތްނޭގޭ މި ގައުމާ މެދު ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދަން ބްރިޓޭނިކާ އެންސައިކްލޮޕީޑިއާގެ ގަނޑުތައް އޭނާ އުކި އެވެ. އެކަމަކު 14 ވަނަ ގަރުނުގައި ރާއްޖެ އަށް ވަޑައިގެންނެވި ސައްޔާހެއް ކަމަށްވާ އިބްނު ބަތޫތާ އަށް ހަވާލާދީފައިވާ ދެ ތިން ޖުމްލަ ފިޔަވައި އެހެން އެއްޗެއް ނުފެނުނެވެ.
އެހިސާބުން ކޯލްޓަން ނިންމީ އިނގިރޭސި ވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގައި އެންތުރޮޕޮލީޖީ އިން ޕީއެޗްޑީ ހާސިލްކުރާއިރު، ރާއްޖެއާ ބެހޭގޮތުން ތީސީސް ލިޔުމަށެވެ. އަދި އިންޑިއާ ކަނޑުގެ އެހެން ޖަޒީރާއެއް ކަމަށްވާ މަޑަގަސްކަރައާ ބެހޭގޮތުން ތީސީސް ލިޔުނު، އެ ސްކޫލުގެ މައުރީސް ބްލޮޗް، ސުޕަވައިޒަރަކަށް ހަމަޖައްސައި މަސައްކަތް ފަށައިގަތެވެ.
ލަންކާ އާއި ރާއްޖެއާ ދެމެދު ކޮމާޝަލް ފްލައިޓްތަކެއް އޮންނަކަން އެނގި ރާއްޖެ އަށް އަންނަން އޭނާ މަސައްކަތްކުރި އެވެ. އެކަމަކު ރާއްޖޭގެ ޓޫރިޒަމްގެ އަލަތު އެ ދުވަސްވަރު، ޓޫރިސްޓުންނާއި ޓްރެވެލް އޭޖެންޓުންނާއިގެން ފުރިބާރުވެފައި އޮންނަ ފްލައިޓްތަކުން ޖާގައެއް ލިބޭ ގޮތެއް ނުވި އެވެ.
އަނެއްކޮޅުން ދިރާސާ ކުރުމަށް ރާއްޖޭގައި ގިނަ ދުވަހު ހުރެވޭ ވަރަށް އޭނާގެ އަތަކު ފައިސާއެއް ވެސް ނެތެވެ. އެހެންވެ ދިރާސާ އިހަށް ފަސްކޮށްލާފައި 1975 ވަނަ އަހަރު ކޯލްޓަން ދިޔައީ އެމެރިކާގައި ހުންނަ އދ. މައިމަރުކަޒުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނިން ޑިޕާޓާމްންޓުގެ އެންތްރޮޕޮލިޖިސްޓެއްގެ ވަޒީފާއަށެވެ.
އޭރު ރާއްޖެ އޮތީ އދ. ގައި ބައިވެރިވެފައި ކަމުން އެތަނުން ދިވެއްސަކާ ބައްދަލުވެވިދާނެ ކަމަށް އުއްމީދުކުރި ނަމަވެސް އޭނާ އަށް އެނގުނީ ރާއްޖޭގެ މަންދޫބުން އާއްމު ޖަލްސާއަށް ހާޒިރުނުވާ ކަމެވެ. ނަމަވެސް އެ އަހަރު އޮތް 30 ވަނަ އާއްމު ޖަލްސާގައި ރާއްޖޭން ދެ މަންދޫބުން ބައިވެރިވާކަން ޕްރޮޓޮކޯލް އޮފީހުން ކޯލްޓަން އަށް އެންގި އެވެ. ވަގުތުން އޭނާ ރާއްޖޭގެ މަންދޫބުންނަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވި އެވެ. ރާއްޖެއާ ބެހޭ ދިރާސާއެއް ކުރަން ބޭނުންވި ނަމަވެސް ކުރިއަށްދާނެ ގޮތެއް ނޭނގޭތީ އެހީގެ އަތެއް ދިއްކޮށްލެވިދާނެތޯ ބެލުމަށެވެ.
ޖެހިގެން އައި ދުވަހު ކޯލްޓަން އަށް ފޯނުކޯލެއް އަ އެވެ. ވާހަކަ ދެއްކީ ފުރިހަމަ އިނގިރޭސި ބަހުން ދިވެއްސެކެވެ. ވިދާޅުވީ މިއީ މައުމޫން އަބްދުލްގައްޔޫމް ކަމަށާއި އޭނާ އަކީ ޖަލްސާގައި ބައިވެރިވާ ދިވެހި ވަފްދުގެ މެމްބަރެއް ކަމަށެވެ. އަދި ވަފްދުގެ އިސްވެރިޔާ ކަނޑި އަހުމަދު އިސްމާއީލް މަނިކުއާ އެކު، އދ. ގެ އޮފީހުގެ ޑެލިގޭޝަން ލައުންޖުގައި ބައްދަލުވުމަށް ކޯލްޓަން އަށް މައުމޫން ދައުވަތު ދެއްވި އެވެ.
ކޯލްޓަން (ވ) މައުމޫން އަރިހުގައި.
އެ ބައްދަލުވުމުގައި، ރާއްޖެއަށް ޒިޔާރަތްކުރުމުގެ ދައުވަތު ކޯލްޓަން އަށް މައުމޫން ދެއްވި އެވެ. އަދި އޭނާ ނިއުޔޯކުގައި ހުންނެވި ދެ މަހެއްހާ ދުވަހު، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޯލްޓަންއާ ބައްދަލުކުރައްވައި ދިވެހި ބަހާއި ސަގާފަތް ދަސްކޮށްދެއްވި އެވެ. މައުމޫން ދެއްވި ހިތްވަރާ އެކު ކޯލްޓަން 1976 ވަނަ އަހަރު އދ. ގެ ވަޒީފާ ދޫކޮށް އެނބުރި ލަންޑަނަށް ގޮސް ކިޔެވުމުގެ މަރުހަލާ ފެށި އެވެ. އަދި ދިރާސާ ހެދުމަށް ފަންޑް ހޯދި އެވެ.
އެކަމަކު އޭގެ ކުރިން، ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގެ އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް ޑިޕާޓްމަންޓުގެ ދިވެހި ބަހުގެ ޕްރޮފެސަރު ކްރިސްޓަފާ ރޭނޯލްޑްސްގެ ކައިރިން ކޯލްޓަން ދިވެހި ވަރަށް ބޮޑަށް ދަސްކުރި އެވެ. އަދި ރާއްޖެ ދިއުމަށްޓަކައި ލަންކާ އަށް ގޮސް އެ ގައުމުގެ މީހުންގެ ކިބައިން ރާއްޖެއާ ބެހޭ މައުލޫމާތު އެއްކުރި އެވެ. އޭނާ އަށް ލިބުނު ލަފައަކީ، ރާއްޖެ ދިޔަ ނަމަވެސް ގައުމުގެ ސިޔާސީ މަސްރަހާ މެދު ސަމާލުވެގެން ހުރުމަށެވެ. ކޯލްޓަން ލަފާ ހޯދި މީހުން ރާއްޖެ ސިފަކުރީ ސިއްރުވެރި، ހުދުމުހުތާރު ވެރިކަމެއް އޮތް އަދި ބަގާވާތްތަކާ ދޯޅު ގައުމެއްގެ ގޮތުގަ އެވެ.
އެކަމަކު ސެޕްޓެމްބަރު 5، 1976 ގައި 14 ގޮނޑީގެ ޕްރޮޓެލާ ބޯޓެއްގައި ކުރި ދެ ގަޑިއިރުގެ ދަތުރަކަށް ފަހު ހުޅުލެއާ ދިމާލަށް ބޯޓު ތިރިކުރިއިރު ވަގުތު އެ ހުރިހާ ހާސްކަމެއް އޭނާގެ ހިތުން ފިލި އެވެ. ކޯލްޓަން އަށް ފެންނަން ފެށީ ފެހިކަން ގަދަ ރިޒޯޓްތަކާއި ހުދުކަން ގަދަ މާލެ އާއި ނޫކަން ގަދަ ކަނޑެވެ. އަދި އެތެރެވަރީގައި ދަތުރުކުރަމުން ދިޔަ ރިޔާނެގި ކުދި ދޯނިތަކާއި ކަނޑުއޮޅިން ބޭރުވަމުން ދިޔަ ކުދި އާގުބޯޓުތައް ވެސް މެ އެވެ.
ބޯޓުގެ ދޮރުހުޅުވާލުމާ އެކު އޭނާ އަށް މަރުހަބާކީ އިރުގެ ރަން ދޯދިތަކާއި ކަނޑުގެ ސާފު ވައިރޯޅިތަކެވެ. އޭރު ފަސިންޖަރުންގެ އިންތިޒާރުގައި، ރަންވޭގެ އަރިމަތީގައި ހުރި ބަބުކެޔޮ ގަހެއްގެ ހިޔަލުގައި މުވައްޒަފުން ތިއްބެވެ. އެ މީހުންގެ ކަފުގައި ކުޑަކުޑަ ޓާމިނަލް އިމާރާތުގެ ތެރެއަށް ވަދެ، ސިއްހީ ސެޓްފިކެޓް ދައްކާ ކިއޫގައި މަޑުކޮށްލި އެވެ. އޭރު ބައެއް ޓޫރިސްޓުން ދިޔައީ ޕާސްޕޯޓުގައި އެތެރެވި ކަމުގެ ތަތްގަނޑު ނުޖަހާތީ މައްސަލަ ޖައްސަމުންނެވެ. އެތަނުގައި ހުއްޓާ ހިނިތުންވެފައި ތިބި ރިޒޯޓްތަކުގެ ރެޕުން އައިސް ދާން ބޭނުންވަނީ ކޮން ރިޒޯޓަކަށް ސުވާލުކުރި އެވެ. ދާން ބޭނުންވަނީ މާލެ ކަމަށް ކޯލްޓަން ބުނުމުން ހައިރާންވެފައި ތިބި އެ ރެޕުން އޭނާ ދޫކޮށް އެހެން ޓޫރިސްޓުންތަކެއްގެ ކައިރިއަށް ދިޔައެވެ.
ކޯލްޓަން ރާއްޖެ އަންނަ ދުވަހެއް ސާފުކުރަން މައުމޫން އޮތީ މެސެޖްކުރައްވައިފަ އެވެ. އެހެންވެ ލަންކާ އިން ފުރުމުގެ ކުރިން ކޭބަލް މެސެޖެއް މެދުވެރިކޮށް އެ ތަފްސީލް ކޯލްޓަން އޮތީ މައުމޫނަށް ދީފަ އެވެ. އެކަމަކު އޭނާ ބަލާ މައުމޫން ވަޑައިގެންފާނެ ކަމަށް ކޯލްޓަން ހީނުކުރެ އެވެ. ޓާމިނަލުން ނުކުތް ވަގުތު ކޯލްޓަންގެ ލޮލުގައި މައުމޫން އަޅައިގަތެވެ. ހައިރާން ވެސް ވި އެވެ. އެކަމަކު އެއަށް ވުރެ ބޮޑަށްވީ އުފަލެވެ. މައުމޫން އަރިހުގައި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ހުންނެވި އެވެ. އަދި ނަސްރީނާގެ ބޭބެ އައްބާސް އިބްރާހީމާއި ކޮއްކޮ ފަރީޝާ އިބްރާހީމާއި އޭނާގެ ފިރިކަލުން ސަމަރުބުލޫ އިބްރާހީމް މަނިކު ވެސް ހުންނެވި އެވެ.
އެ ބޭފުޅުންނާ އެކު ލޯންޗެއްގައި މާލެ ގޮސް ފައިމަގުގައި ދިޔައީ ނަސްރީނާގެ އާއިލީ ގެކޮޅު ކަމަށްވާ މ. އެންދެރިމާގެ އަށެވެ. ފެންފޯއްރުކާއި އަނބާއި، ބަބުކޭލާއި، ފަޅޯ އަދި ފަތްކެޔޮ ގަސްތަކުން ފުރިފައި އޮތް އެގޭގެ ގޯތިތެރެއިން ކޯލްޓަން އަށް މަރުހަބާ ދެންނެވީ މައުމޫންގެ ތުއްތު ބޭފުޅުންނެވެ. އެގެއިން އޭނާ އަށް ފުރަތަމަ ދިނީ ފިނިކުރި މޭވާ ޖޫސް ތަށްޓަކާއި ގަބުޅި ބޯކިބަލެވެ.
ކޯލްޓަން ރާއްޖޭގެ ރަށެއްގައި.
ހައިކަން ފިލުވާލުމަށް ފަހު ކޯލްޓަން އެގޭ މީހުންނާ އެކު އުނދޯލީގައި އެކި ވާހަކަތައް ދެއްކުމުގައި ވަގުތު ހޭދަކުރި އެވެ. އިރުއޮއްސި މިސްކިތުން ބަންގީގެ އަޑުއިވުމާ އެކު، ބުނެލުމެއް ނެތި އެންމެން ކުއްލިއަކަށް ތެދުވެގެން ދިޔަ އެވެ. ކޯލްޓަން ހައިރާންވި އެވެ. ކާގޭ ކުޑަދޮރުން އޭނާ އެތެރެ ބަލާލިއިރު ފެންނަނީ އެންމެން ވަރަށް އަވަސް އަވަހަށް ކަމުން ދިޔަ މަންޒަރެވެ. އެ އެންމެން ވަރަށް އަވަހަށް އެނބުރި އަ އެވެ. އަދި މިއީ ރޯދަ މަސް ކަމާއި ދިޔައީ ރޯދަ ވީއްލަން ކަމަށް ބުންޏެވެ.
އަމީނިއްޔާ ސްކޫލުގައި އެރޭ އޮތް ކޮންސަޓަކަށް މައުމޫން، ކޯލްޓަން ގެންދިޔަ އެވެ. އޭނާ ހީކޮށްގެން ހުރީ ފެންނާނީ ސަގާފީ ހަރަކާތްތަކެއް ކަމަށެވެ. އެކަމަކު ކޯލްޓަންގެ ހައިރާންކޮށްލީ، ހުޅަނގުގެ އެންމެ ފަހުގެ ރޮކް ހިޓްތައް ދިވެހި ޒުވާން ބޭންޑަކުން ކުޅެމުން ދިއުމުންނެވެ. ގައުމު ކުޑަޔަސް ދިވެހިންނަށް ބޭރުގެ އާޖުފާޖު އެނގޭކަން ކޯލްޓަން އަށް އިހުސާސްކުރެވުނީ އެރެ އެވެ.
ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ މުޖުތަމައު އަށް އައިސްފައިވާ އިޖްތިމާއީ ބަދަލުތަކާ ބެހޭގޮތުން ދިރާސާކުރަން އައި ނަމަވެސް، ކޯލްޓަން އޭނާގެ ދިރާސާ ބަދަލުކޮށްލި އެވެ. އޭނާ ނިންމީ މާލޭގެ ބޮޑުންނާއި ބޭފުޅުންގެ މެދުގައި އޮންނަ ގުޅުންތަކާއި އެކަމުން ސިޔާސީ މަސްރަހަށް ކުރާ އަސަރުތަކާ ބެހޭގޮތުން ދިރާސާކުރުމަށެވެ.
ކޯލްޓަން މާލޭގައި ފުރަތަމަ ކުރި މަސައްކަތަކީ ޝޭހް މުހައްމަދު ޖަމީލްދީދީ އާއި ހަބީބާ ހުސެއިން ހަބީބް ފަދަ ބޭފުޅުންގެ އަރިހުން ތާނަ ލިޔާށާއި ކިޔަން ދަސްކުރުމެވެ. އެ މަސައްކަތުގެ ތެރެއިން، މާންދޫގެ އަށް ވަޑައިގެން ހަބީބާ އާއި އެކަމަނާގެ މަންމާފުޅު އަލްއަމީރާ ޝަހީމާ ޝަމްސުއްދީން (ތުއްތުގޮމަފުޅު) އާ ގާތް ގުޅުމެއް އުފެއްދި އެވެ.
އެކަމަކު އިލްމީ ދިރާސާއެއް ކުރަން އައިސް އުޅޭ މީހަކަށްވާތީ މާލޭގެ ބޮޑުންނާއި ބޭފުޅުން، ކޯލްޓަން އަށް އެތެރެ ބުރުން ޖާގައެއް ނުދެ އެވެ. ބޮޑެތި ހަފުލާތަކާއި ޕާޓީތަކަށް ދައުވަތެއް ނުލިބެ އެވެ. އެކަން ބަދަލުވީ، އޭނާ އެންމެ ކުރާ ހިތްވާ މަސައްކަތް ކަމަށްވާ ނޫސްވެރިކަމުގެ ތެރެއިންނެވެ. މާލޭގައި ލިބޭ ހުސް ވަގުތުތަކުގައި، ރާއްޖެއާ ބެހޭގޮތުން ލިޔުންތައް ލިޔެ ބައިނަލްއަގްވާމީ ނޫސްތަކަށް ފޮނުވަން ފެށުމުން، ރޮއިޓާސް އިން އޭނާ އަށް ކޮރެސްޕޮންޑެންޓެއްގެ ވަޒީފާ ދިނެވެ.
ސަރަހައްދީ އަދި ބައިނަލްއަގްވާމީ ނޫސްތަކުން ވެސް ރާއްޖެ އަށް މާބޮޑު ސަމާލުކަމެއް ނުދޭތީވެ، ރާއްޖޭގެ ވާހަކަތައް ބޭރު ނޫސްތަކުގައި ޖަހައިދޭނެ ނޫސްވެރިޔަކު މާލޭގައި ގާއިމްވެ ހުރުންވީ ވެރިންނަށް ބޮޑު އުފަލަކަށެވެ. ކޯލްޓަންގެ ހައިބަތު އުފުލުނެވެ. އަދި ވެރިންގެ އާއިލާތަކުގެ އިހުތިރާމް އޭނާ އަށް ލިބުނެވެ. އަދި މާލޭގެ ބޮޑުންގެ ގޭގޭ ހަފޮޅުން އެތެރެވެވި، ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރެވޭހާ ފުނަށް އޭނާ އަށް ފީނޭ ގޮތްވި އެވެ.
ނާސިރުގެ ވެރިކަމުގެ ފަހު ދެ އަހަރާ ދިމާވި އެ މުއްދަތުގައި ކޯލްޓަން ރާއްޖޭގައި ހުރި ހުރުމުގައި އެމަނިކުފާނުގެ ތަރައްގީ ލޮލަށް ފެނި އަތުން ހިފުނެވެ. މުވާސަލާތީ ގޮތުން ދުނިޔެއާ ރާއްޖެ ގުޅުވާލަދިން ސެޓެލައިޓް އާތު ސްޓޭޝަނަކާއި، މަސްދަޅު ބަންދުކުރާ ކާރުނާހާއެއް އަދި ޓީވީ ސްޓޭޝަން ހުޅުވުމުން ފެށިގެން ކޮމާޝަލް ޖެޓްޕްލޭނުގެ ދަތުރުތައް ރާއްޖެ އަށް ފެށުން އޭގެ ތެރޭގައި ހިމެނެ އެވެ.
އެކަމަކު ކޯލްޓަންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ، އައްޑު އަތޮޅު ގަމުން 1976 ގައި އިނގިރޭސިން ފޭބުމުން، ނާސިރު އެ ރަށް އެހެން ބަޔަކަށް ކުއްޔަށްދޭން ބައިނަލްއަގްވާމީ ބީލަމަށް ލެއްވުމުން އެކަމަށެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ރާއްޖޭން ވަކިފަރާތަކަށް ނުޖެހޭ ހަރަކާތާ ގުޅި، ގަން ބީލަމުން ނެގި އެވެ. އެކަމަކު 1977 ގައި އަނެއްކާ ވެސް ގަން، ބީލަމަށް ލިޔެ އެވެ. އެ ރަށް އިގްތިސާދީ ގޮތުން ތަރައްގީކުރާނެ ބައެއް ވޭތޯ އެވެ. އެ ދުވަސްވަރު ސޯވިއެޓް ޔޫނިއަންގެ އޮފިޝަލުންތަކެއް އެ ރަށަށް ގޮސް އިންސްޕެކްޝަންތަކެއް ހެދި އެވެ. ދެން އިވިގެން ދިޔައީ، އެ ގައުމުން އެއް މިލިއަން ޑޮލަރަށް ގަން ކުއްޔަށް ހިފަން ހުށަހެޅި ވާހަކަ އެވެ. ސޯވިއެޓުން، ގަން ބޭނުންވީ އޭރު އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރަމުން ދިޔަ އެ ގައުމުގެ ބޯޓުތައް މަރާމާތުކުރާނެ ޔާޑެއް ހެދުމަށް ކަމަށް ވެސް އަޑުފެތުރި އެވެ.
އެކަމަކު އޭރު ހިނގަމުން ދިޔަ ފިނި ހަނގުރާމައިގައި ސޯވިއެޓުންގެ ދުޝްމިނުން ކަމަށްވާ އެމެރިކާ އިން އަސްކަރީ މަރުކަޒެއް ހަދާފައިވާ ޑިއެގޯ ގާސިއާއާ 200 މޭލުން އުތުރުގައި އޮތް ގަން ސޯވިއެޓުން ބޭނުންވީ އަސްކަރީ މަރުކަޒެއް ހަދަންކަން ނާސިރަށް އެނގިވަޑައިގަނެ އެވެ. އެހެންވިޔަސް ބޭރު ފައިސާ އަށް ރާއްޖެ ޖެހިފައިވާތީ ސޯވިއެޓުންގެ އެ ހުށަހެޅުމާ މެދު ނާސިރު ކެބިނެޓުގައި މަޝްވަރާކުރެއްވި އެވެ.
ނާސިރު (ކ) ހަވަރުތިނަދު އަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށު ފާލަންމަތީގައި.
ގިނަ ދުވަސްތަކެއްގެ މަޝްވަރާއަށް ފަހު ނާސިރު ނިންމެވީ ސޯވިއެޓުންގެ ހުށަހެޅުމަށް ނޫނެކޭ ވިދާޅުވާށެވެ. ސަބަބަކީ، އެހެން ގައުމެއްގެ އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ރަށެއް ދޭން ބޭނުންފުޅުނުވުމެވެ. އަދި ދުނިޔޭގެ ސުޕަ ޕަވަރެއްގެ ހާޒިރު ރާއްޖޭގައި ބާއްވަން ބޭނުންފުޅުނުވުމެވެ. ހަމައެއާ އެކު، ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުމާ މެދު ސުވާލު އުފައްދާނެ ޖާގަ ވެސް ނުދިނުމަށެވެ.
ނާސިރު ބޭނުންފުޅުވީ، ރާއްޖޭގެ އެ ސިޔާސަތު މުޅި ދުނިޔެ އަށް އެންގެވުމަށެވެ. ކޯލްޓަން އަށް އިންޓަވިއު ދެއްވަން އެމަނިކުފާނު ނިންމެވީ އެހެންވެ އެވެ. ކޯލްޓަން ނެންގެވި އެ އިންޓަވިއުގެ ހަބަރު ޖެހިގެން އައި ދުވަހު ރޮއިޓާސް އިން ދުނިޔޭގެ އެކި ނޫސްތަކަށް ފޮނުވާލުމުން "ކުޑަކުޑަ ގައުމުން، ބިޔަބޮޑު ގައުމަށް ނޫނެކޭ ބުނެފި" ކަމަށް މުޅި ދުނިޔޭގައި އަޑުފެތުރުނެވެ. ނާސިރު މަގުސަދު ހާސިލްކުރެއްވީ އެވެ.
އެކަމަކު ދިވެހިންނަށް އެ އިންޓަވިއު ހާއްސަވީ މުޅިން އެހެން ސަބަބަކާ ހެދި އެވެ. ކޯލްޓަން އަށް ނާސިރު އިންޓަވިއު ދެއްވަން ހުއްޓާ ރައީސް އޮފީހުގެ ފޮޓޯގްރާފަރު ހަސަން ނަޖުމީ ނެންގެވި ފޮޓޯއިން ފެންނަނީ ނާސިރު ވަރަށް ބޮޑަށް ހިނިފުޅުވަޑުވައިގެން ހުންނަވަނިކޮށެވެ. އެމަނިކުފާނުގެ ފިނިލޯފުޅުން ހޫނު ނަޒަރެއް ދެއްވުމީ އެހާތަނަށް ވެފައި އޮތް ކަމެއް ނޫނެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ނާސިރު އުފާވެފައި އެ ހުންނެވީ އިންޓަވިއުއާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާތީހެން،" އެމެރިކާގައި ދިރިއުޅުއްވާ ކޯލްޓަން "މިހާރު" އަށް ބުންޏެވެ.
"އަޅުގަނޑު ހީލީމާ ނާސިރު ޖަވާބުގައި ހިނިފުޅުވެޑުވީ. އޭގެން ދައްކުވައިދެނީ ހީލުމުގެ އަގު."
އެ ބޮޑު އިންޓަވިއު އަށް ފަހު، އަދި "އޭޝިއާ ވީކްލީ" ގައި ރާއްޖެއާ ބެހޭ އެތައް ލިޔުމެއް ލިޔުމަށް ފަހު އަދި ދިރާސާ ވެސް ނިންމާލުމަށް ފަހު ކޯލްޓަން ޖެހިގެން އައި އަހަރު ރާއްޖެ ދޫކޮށް ފުރި އެވެ. ކުރުނބާ ވިލެޖް ރިސޯޓުގައި ބޭއްވި ކުލަގަދަ ފެއާވެލް ޕާޓީއަކަށް ފަހު ކޯލްޓަން ރާއްޖޭން ފުރުމުން، ދިވެހި ނޫސްތަކުން އޭނާގެ އަގުވަޒަންކޮށް ލިޔުންތައް ޝާއިއުކުރި އެވެ.
"ކޯލްޓަން ވަނީ ރާއްޖޭގެ ހަގީގަތްތައް ބޭރަށް ހާމަކުރެއްވުމުގައި ގަލަމުގެ ހަނގުރާމައެއް ކުރައްވާފައި،" އޭރު ނެރުނު "މޫންލައިޓް ވީކްލީ" ގައި ޖަހާފައިވެ އެވެ.
"އޭޝިއާގެ ޗާޓުގައި ރާއްޖެ ހިމެނުމަށް އޭނާ ރަނގަޅު މަސައްކަތްތެއް ކުރި. އަދި ރާއްޖެ އަށް ރަނގަޅު ޕަބްލިސިޓީއެއް ހޯދައިދިން."
އޭޕްރިލް 2، 1978 ގައި ކޯލްޓަން އިނގިރޭސި ވިލާތަށް ދިޔަ މަގުމަތީގައި ސީޝެލްސްގައި މަޑުކޮށް، އެ ގައުމުގައި އޭރު ހުންނެވި، ދެކުނު ބަގާވާތުގެ ލީޑަރު އަފީފް ދީދީއާ އިންޓަވިއުކުރި އެވެ. އަފީފް ކިޔައިދެއްވި ވާހަކަތަކެއް ކޯލްޓަން މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ.
ކޯލްޓަން (ވ) އަފީފް ދީދީއާ އެކު.
އިނގިރޭސި ވިލާތުގައި ދުވަސްކޮޅުގައި ހުރުމަށް ފަހު، އެ އަހަރުގެ ނޮވެމްބަރު މަހު ކޯލްޓަން އަނެއްކާ ވެސް އެނބުރި ރާއްޖެ އަ އެވެ. މި ފަހަރު ވަރަށް ހާއްސަ މުނާސަބަތަކަށެވެ. އޭނާގެ އެކުވެރިޔާ މައުމޫން ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ދަރުބާރުގައި ބައިވެރިވުމަށެވެ.
އޭގެ ފަހުން އޭނާ 1980 ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތެއް ކުރި އެވެ. ދުވަސްކޮޅަކު ހުރުމަށް ފަހު ފުރުމުގެ ކުރިން މައުމޫނަށް އަލްވަދާއު ދެންނެވުމަށް ތީމުގެ އަށް ކޯލްޓަން ދިއުމުން މައުމޫން ދެއްވީ ހައިރާންކުރުވަނިވި ހަބަރެކެވެ. އެމަނިކުފާނާ ދެކޮޅަށް ބަގާވާތެއް ކުރުމަށް، ޑައިވަރުން ކަމަށް ހެދިގެން ކުލީ ސިފައިންތަކެއް ރާއްޖެ އައިސްފައިވާ ކަމަށާއި ނަމަވެސް އިލްޔާސް އިބްރާހީމް އިސްވެ ހުންނަވައި އެކަން ނާކާމިޔާބުކޮށްލައިފި ކަމަށެވެ. ތަހުގީގަށް ގަބޫލުކުރެވެނީ އެކަމުގެ ފަހަތުގައި ތިއްބެވީ ނާސިރާއި އެމަނިކުފާނުގެ އަނބިކަނބަލުން ހ. ހިކިފިނިފެންމާގެ ނަސީމާ މުހައްމަދު ކަލޭފާނުގެ އާއިލާ ބޭފުޅުން ކަމަށް ވެސް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ކޯލްޓަންގެ ކިބައިން އެދިވަޑައިގަތީ އިހަށް ސިންގަޕޫރަށް ގޮސް ނާސިރުއާ އިންޓަވިއުކޮށް، މިކަމާ ބެހޭ ސުވާލުކުރުމަށެވެ. އެކަމަށް ކޯލްޓަން އެއްބަސްވީ، އޭނާ އޭރު ލިޔަމުން ދިޔަ ލިޔުންތަކަށް ބޭނުންވާ ކޮލި އަލިމަނިކުގެ އިންޓަވިއު ސިންގަޕޫރުން ލިބޭނެ ކަމަށް މައުމޫން ވިދާޅުވުމުންނެވެ.
ކޯލްޓަން ސިންގަޕޫރަށް ގޮސް ނާސިރުގެ ގެކޮޅުގައި އެމަނިކުފާނާ އިންޓަވިއު ކުރެއްވި އެވެ. ނާސިރު ވިދާޅުވީ ބަގާވާތެއްގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. ކޯލްޓަން ލަންޑަނަށް ގޮސް އެ ހަބަރު ރޮއިޓާސް އަށް ފައިލްކުރި އެވެ. އޭރު މައުމޫނުގެ ސަރުކާރުން ވަނީ ނާސިރާއި ނަސީމާގެ އާއިލާ މެމްބަރުންނާއި ބައެއް ގާތް މީހުންނަށް ތުހުމަތުކޮށް ހައްޔަރުކުރަން ފަށައިފަ އެވެ. ނާސިރާއި ބަގާވާތާ ގުޅުމެއް ނެތްކަން ދުނިޔެ އަށް ހާމަކުރީ ކޯލްޓަން ކަމަށްވާތީ، ރާއްޖޭގައި ތިބި މައުމޫނުގެ ވަފާތެރިން ކޯލްޓަން ލޭބަލްކުރީ ނާސިރުގެ މީހެއްގެ ގޮތުގަ އެވެ.
އެ ވާހަކަތައް ބާރު ލިބުނީ، އެ މައްސަލައިގައި އަރުވާލައި ފަހުން މައާފް ދެއްވުމުން ލަންޑަނަށް ވަޑައިގެންނެވި ނާސިރު ސަރުކާރުގެ ހެލްތު މިނިސްޓަރު މޫމިނާ ހަލީމް، ކޯލްޓަންގެ އެޕާޓްމަންޓުގައި ދިރިއުޅުއްވަން ފެށްޓެވުމުންނެވެ. ކުވޭތުން ނަރުހެއްގެ ވަޒީފާ ހޯދައިގެން އެ ގައުމަށް ދިއުމާ ހަމައަށް މޫމިނާ ހުންނެވީ ކޯލްޓަންގެ އެޕާޓްމަންޓުގަ އެވެ.
ކޯލްޓަންގެ ފަހުގެ ފޮޓޯއެއް.
އެއާ އެކު ބާގީންނާއި ކުށްވެރިންނަށް ހިމާޔަތްދޭ މީހެއްގެ ގޮތުގައި ކޯލްޓަން ލޭބަލްވެ އޭނާ ރާއްޖެ ދެން ދިއުން ނުރައްކާތެރި ކަމަކަށް ވެސް ވި އެވެ. އެކަމަކު ހަގީގަތުގައި ނާސިރުއާ ކޯލްޓަންއާ ހާއްސަ ގުޅުމެއް ނެތެވެ. މައުމޫން ސަރުކާރުން ނާސިރުގެ އަރިސް މީހުން ހައްޔަރުކުރަން ފެށުމުން އެ އެންމެން އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ތިބި ތިބުމުގައި، ކޯލްޓަންގެ އެޕާޓްމަންޓުގައި ދިރިއުޅެ، ޒިޔާރާތްކޮށް ހެދީ އޭރު ލަންޑަނުގައި އެ މީހުން ދަންނަ މީހަކަށް ހުރީ ކޯލްޓަން އެކަނި ކަމަށްވާތީވެ އެވެ.
މައުމޫނަށް ވެސް އެކަން އެނގިވަޑައިގަނެ އެވެ. އެހެންވެ ކިލަނބުވެފައިވާ އެކުވެރިޔާގެ ނަން ސާފުކޮށްދެއްވަން އެމަނިކުފާނު ބޭނުންފުޅުވި އެވެ. އެ ނިޔަތުގައި 1983 ގައި ކޯލްޓަން ރާއްޖެ އައުމަށް މައުމޫން ދައުވަތު ދެއްވި އެވެ. އަދި އޭނާގެ އިސްތިގުބާލަށް ރައީސް އޮފީސް ދޮރުމައްޗަށް މައުމޫން ނުކުމެވަޑައިގަތެވެ. ކޯލްޓަން އެ ފަހަރު ބެހެއްޓީ ވިލިނގިލީ ރިޒޯޓުގައި ފުރިހަމަ މެހެމާންދާރީގަ އެވެ.
"ނިއުސްވީކް" ގެ ކޮރެސްޕޮންޑެއްޓެގެ ގޮތުން 1983 ގައި މިސްރުގެ ގާހިރާގައި މަސައްކަތްކޮށް ލީބިޔާގެ ކާނަލް މުއައްމަރަލް ގައްޒާފީ އާއި އިރާގުގެ ސައްދާމް ހުސެއިން ފަދަ ލީޑަރުންނާ އިންޓަވިއު ކުރުމުގެ ކުރިން، ރާއްޖެ އަށް އެ ޒިޔާރަތްކުރެވުމަކީ ކޯލްޓަން އަށް ލިބުނު ހިތްހަމަޖެހުމެކެވެ. އޭނާގެ ހަޔާތުގެ އެތައް އުފާވެރި ހަނދާންތަކާ ގުޅިފައި ގައުމުގެ ބައެއް ރައްޔިތުންގެ ހިތުގައި އުފެދިފައި އޮތް ނުރުހުން ފިލައިގެން ދިޔައީ އެ ދަތުރުގެ ސަބަބުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔެސް
22 January 2023
ޔެސް ޖަޑިބު. ޔޫއާ ރައިޓް
ކިޔުންތެެރިއެއް
22 January 2023
އިބާރާތް ކުރުން ވ.ފުރިހަމަ އަދި ކިޔާލަން ފަސޭހަ ޝައުގުވެރި ލިޔުމެއް
ހަސީ އަލީ
22 January 2023
ވަރަށް ޝައުޤުވެރި ލިޔުމެއް. އެކަމަކު ލިޔުން ނިމުނީ ކުއްލިއަކަށް ކަހަލަ ގޮތަކަށެވެ. އަދި ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ބޭފުޅުންނާއި އެހާ ގާތްގުޅުމެއްއޮތްއިރު ކޯލްޓަން ގެ ޚާއްޞަ ވާހަކަތައް (މައުމޫނާއި ނަޞީރާ) އެކަު ދެކެވުނު މަދުކަން ފާހަގަކުރެވުނެވެ.
އަފީފީ
22 January 2023
އަފީފު ދީދީގެ އިންޓަވިއު ވަރަށް އެނގެން ބޭނުން
ހިލަބެ
22 January 2023
ނާޞިރުގެ މިފޮޓޯއިން ކާމިޔާބުގެ އުފަވެރިކަން މޫނުމަތިން ވަރަށްސާފުކޮންއެބަފެނޭ ވަރަށް ޝައުގުވެރި ކިޔާލީހިތްވާ ލިއުމެއް ....
ގައްޔޫމީ
22 January 2023
މައުމޫނުގެ ހަސީލަތުގައި ހުރި އުނިކަން މިހިރަ އެނގެނީ
ޢަރުތަ
21 January 2023
ލިއުން ކިތަންމެ ދިގުނަމަވެސް އެއްވެސް ކަހަލަ ފޫހި ކަމެއް ނެތި ވަރަށް ޝައުގުވެރިކަމާއެކު ކިޔާލެވިއްޖެ، ވަރަށް "ފައްކާ"، ސާފުނުވީ ކޯލްޓަން ރާއްޖޭގަ އެހާ ގިނަ ދުވަހު ހުރީ ކޮންބާވަތެއްގެ ވިސާގަތޯ، އެހާ ގިނަ ދުވަހު ދިރިއުޅުނީ ކޮންތާކުތޯ!
ބަނބޫ
22 January 2023
އޭރަކު ނޯންނާނެ ވިސާއެއް. ހަމަ އައިސް އުޅޭންވީ.
ވެއިޓިންގް
21 January 2023
އަފީފް ދީދީގެ ވާހަކަ މި އާރޓިކަލްގައި އޮތީމައި މިތާގައި ކޮމެންޓް ކުރާ އޮނަރަބަލް އަފީފު ދީދީ ގެ ކޮޮމެންޓްއަކަށް އިންތިޒާރުގައި..
ޢަހައަމަދު
21 January 2023
އިބާރާތްކުރުން 100. ޥަރަށް އިންޓަރެސްޓިންގ
މުލޭ
22 January 2023
ބަގާވާތަކީ ކޯންޗެއް؟
ހެހެހެހެހެ
22 January 2023
އެއީ ތެދެއް "ބަގާވާތް" އެއީ ކޮން އެއްޗެއް؟؟؟
ވަހީދުބޭބެ
21 January 2023
އިސްތިއުމާރު ކުރެވުނު ގައުމުތަކަށް (މިނިވަންކަމުގެ) ލައިސަންސް ދިނަސް އެމީހުންގެ އަޅުވެތިކަމުގެވަކިތަކުން މުޅިން ސަލާމަތް ނުވެވޭ. ގައުމުތަކުގެ ވެރިންލުމާއި ހަދާ އެގްރީމެންޓްތަކީ އަދި ވެސް އެމީހުންގެ ކޮންޓްރޯލުގައި އޮންނަކަންކަން. އޭގެ ބައެއް މައުމޫނު ވެރިކަމަށް އައުމުގެ ކުރިން ހިނގާފަތިއޮތީ.
އެމްސް
21 January 2023
އަޅުވެތިކަމުން އެރޭނީ ފުދުންތެރިވެގެން، މިޤައުމު ސަލާމްޖެހުމުން އަރައިގެން!