ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައެއް ފުވައްމުލަކުގައި މިރޭ ހުޅުއްވައި ދެއްވުމަށް ފަހު، އެ މަނިކުފާނާއި ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގް ސަކާމް ކުރައްވަނީ.
21 ޖެނުއަރީ 2023 - 22:47
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިދިޔަ ހަތަރު އަހަރު ފުވައްމުލަކަށް ކޮށްދެއްވި ކަންތައްތަކަށް ބައްލަވައި، އެ މަނިކުފާނަށް ދެއްވާނީ އޭ ޕްލަސް ކަމަށް ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް އެ މަނިކުފާނު ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާގައި މޭޔަރު އިސްމާއިލް ވިދާޅުވީ، އޭނާ ބޭނުންވަނީ މި ސިޓީ އަށް ހާއްސަ ކޮށްފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށެވެ.
އޭނާ ވިދާޅުވީ، 2013 އިން ފެށިގެން މަސައްކަތްކުރީ ފުވައްމުލަކުގެ ތުނޑިއާ ޖެހިގެން 2.9 ކިލޯމީޓަރުގެ މަގެއް ހެދުމުގެ ކަންތައް ކަމަށާއި އެ ކަން އެތައް ފަހަރަކު ކުރަން ޖެހުނު ކަމަށެވެ.
"މަގުމަތި ކަހައި ސާފުކުރާނެ. ގަސްތައް ކަނޑާނެ. މި ވެރިކަމުގައި އެ މަގުގައި ތާރު އަޅާފައި ރައްޔިތުންނަށް ދައްކާނީ. އެ ޔަގީންކަން އެބައޮތް. އެ ޔަގީންކަމާއެކު އަޅުގަނޑުމެން ނުކުތީ،" މޭޔަރު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ވާހަކަ ދައްކަވަނީ.
އޭނާ ވިދާޅުވިގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަން އެންމެ ބޮޑު ދުވަސްވަރު ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހަދަން ފަށާނެ ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެ އެވެ. އެކަމަކު، އެ މަޝްރޫއު ވެސް ފަށައި 18.5 ކިލޯމީޓަރު ވަރަށް އަވަހަށް ނިންމާލާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އެހެންވީމާ އެކަމަށްޓަކައި އެ ޔަގީންކަން ލިބިގެން މިއަދު އަޅުގަނޑު ރައީސް އިބޫއާއެކު މި ނުކުތީ. މި ގޮތަށް ބައިވަރު ޕްރޮޖެކްޓް އެބަހުރި،" އިސްމާއިލް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށާއި ފުވައްމުލަކުގެ މީހުން އެދޭ ކަންކަން ކޮށްދެއްވާ ކަމަށެވެ. ހަމައެކަނި އަޑުއައްސަވާފައި ރައީސް ނިންމައި ނުލައްވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ފުވައްމުލަކުގެ ހައުސިން މަޝްރޫއެވެ. ސަރުކާރުން ފުރަތަމަ ހާއްސަކުރީ 200 ހައުސިން ޔުނިޓް ކަމަށް ވިޔަސް އިތުރު 200 ޔުނިޓް ހަދައި ދިނުމަށް ކައުންސިލުން އެދުމުން އެ ކަން ރައީސް ކޮށްދެއްވި ކަމަށެވެ.
"އެ ކަންތައް އެ އޮތީ އިއުލާން ކޮށްދެއްވާފައި. މިހާރު ޓެންޑަ ބޯޑުގައި. ޝުކުރިއްޔާ ރައީސް. އެ ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެކަން އެނގޭތީ އަޅުގަނޑު ރައީސާއެކު ނުކުތީ،" މޭޔަރު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން އޮފީސް ފުވައްމުލަކުގައި ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.
އޭނާ ދެން ފާހަގަ ކުރެއްވީ ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއުގެ ވާހަކަ އެވެ. މި ސިޓީގެ މަގުތަކުގައި ރަނގަޅު ފެންވަރަކަށް ތާރު އެޅުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 10 ކިލޯ މީޓަރުގެ ސަރަހައްދެއް ހަދަން ފުރަތަމަ ވާހަކަ ދެއްކެވުނު ނަމަވެސް ކައުންސިލުން ފަހުން ބޭނުންވީ 12 ކިލޯ މީޓަރުގެ މަގު ނިންމަން ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އެކަމަކު، ކައުންސިލުން ބޭނުންވި ގޮތަށް ސަރުކާރުގެ ތެރެއިން ވަކި ހިސާބަކުން ކުރިއަށް ނުދިއުމުން އެ ވާހަކަ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވި ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އެ ކަންތައް [ރައީސް] ކޮށްދެއްވި. އެހެންވީމާ އަޅުގަނޑަށް އެނގޭ ރައީސަކީ ޔަގީނުން ވެސް ފުވައްމުލަކުގެ ތަރައްގީ އަށް އިސްކަން ދެއްވާ ބޭފުޅެއްކަން. އަދި ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްގީ އަށް ވެސް އިސްކަން ދެއްވާ ބޭފުޅެއްކަން. ހަމައެކަނި މާލެއެއް ނޫންކަން. އެ ކަމަށްޓަކައި އަޅުގަނޑު ރައީސާއެކު މި ހުރީ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ މި ފަހަރުގެ ރިޔާސީ ޕްރައިމަރީގައި ފުވައްމުލަކުގެ އަޣުލަބިއްޔަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯދައިދޭނެ ކަމަށެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބު އެ މަނިކުފާނު ކާމިޔާބު ކުރައްވައި، ފުވައްމުލަކުގެ މީހުން ބޭނުންވާ ތަރައްގީ ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޭޔަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީދޫ001
22 January 2023
ފުވައްމުލަކަކީ ތަޢްލީމީ ޒުވާނުން ގިނަ ރަށެއް. އެރަށުގައި އޭލެވެލް އަށް ކިޔަވައިދޭ ސަރުކާރުގެ ސްކޫލްތައް އަދި ޑިގްރީއަށް ކިޔަވއިދޭ އެކަމަކު އެރަށުގައި އުފައްދާކަމަށް ޖަލްސާތަކުގައި ގޮވަނީ ޓެލެފޯން އޮޕަރޭޓަރުންގެ ވަޒީފާ. ދެން ބަރަށް ގޮވަމުންދާ ރަށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ ޔާމީންގެ ސަރުކާރުން ފަންޑު ހޯދައި ނިންމާފައި އޮތް މަޝްރޫއެއް. އިބޫއަށް ފުވައްމުލަކު ރައްޔިތުންދޭނީ ޑީ އެއް!
ޓިނު
22 January 2023
ދެން ތިރަށުގަ އިތުރަށް ކުރަންޖެހޭނެކަމެއްނޯންނާނެއެއްނު؟
މުނާލް
22 January 2023
މޭޔަރަށް ތިޔަހެން މުޅި ރަށުގެ މީހުންގެ ފަރާތުން އެއްޗެހި ބުނުމުގެ ހައްގެއްނޯންނާނެ، ރަށުގެ ރައްޔިތުންގެ ތެރެއިން ހަމަ އެކަނި އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ފަރާތުން ތިޔަ ވާހަކަދައްވަނީ. ފޯއްމުލަކު މީހުން ނޫޅޭ މޮޔަވެގެންނެއް. މިފަހަރު އެމްޑީޕީ އަށް ނޫނެކޭބުނާ ފަހަރު މީ. ހަހަހަހަ
އެމްސް
21 January 2023
މަގެއްގަ ތާރުއަޅައިގެން އުފެދޭނެ ވަޒީފާއެއް ނެތް، އަނެއްކޮޅުން ދެކޮޅުޖެހޭ އާމްދަނީއަކާއި ނުލާ އަތްފޯރާނެ ހައުސިން ޔުނިޓެއްވެސް ނޯންނާނެ!
ބައްތި
21 January 2023
ހެހެ އެހެންވެ ތޭ ތިޔާ ޖަލުސާގަ 100 މީހުން ހަމަ ނުވީ؟؟
ހޯރަބޭ
21 January 2023
ސޯލިހު އަށް އަހަރަމެން ދޭނި އޭ ފުލަސް
ޞެަޚކދ
21 January 2023
ފުވައްމުލަކު މޭޔަރުވެސް މަޤާމު ގެއްލިދާނެތީ ހުންނާނީ ވަރަށް ކަންބޮޑުވެ ފިތިފައި.
ގެއްލިއްޖެ
22 January 2023
ގެއްލޭނެ. ސޯލިހުވެސް މިރޭ ވަރަށް ރުޅި އަންނާނެ. މިއޮތް ބޮޑު ފުވައްމުލަކު ހައެއްކަ މީހުން ވިއްޔަ