މަރަދޫފޭދޫ އެމްޑީޕީ ޖަގަހައިގައި ދިދަ ނަންގަވައިދެއްވުމަށް ފަހު، ހޮނިހިރު ދުވަހުގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މިހާރު
25 ޖެނުއަރީ 2023 - 00:20
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ޓީމުން ފައިސާ ބަހާނެ ކަމަށާއި އެ ފައިސާގައި ހިފުމަށް އެ ޕްރައިމަރީގައި ދެން ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ރޭ އެދިވަޑައިގެންފި އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް ކުރައްވާ ދަތުރުފުޅުގައި، މަރަދޫފޭދޫގެ އެމްޑީޕީ ޖަގަހައިގައި ދިދަ ނަންގަވައިދެއްވުމަށް ފަހު، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މި ވޯޓު ގަތުމަށް އެ މަނިކުފާނުގެ ވާދަވެރިން ޕާޓީގެ މެމްބަރުންނަށް ފައިސާ ދޭނެ ކަމަށެވެ.
އެހެންވެ، ފައިސާގެ ދެބައިކުޅަ އެއްބައިގައި ނަމަވެސް ހިފުމަށް އެދިވަޑައިގެން، ނަޝީދު ވިދާޅުވީ، އެއްވެސް މީހެއްގެ ރިޒްގުގައި އަތްލަން އެ މަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވާދަވެރިން ފައިސާ ބަހާނެ ކަމަށް ނަޝީދު ހާމަކުރެއްވިއަސް އެއްވެސް ބޭފުޅެއްގެ ނަމެއް ވިދާޅެއް ނުވެ އެވެ. އެކަމަކު، އެ އިންތިހާބުގައި އެ މަނިކުފާނާ ވާދަކުރައްވާ އެންމެ ޒަމާންވީ ގާތް އެކުވެރިޔާ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
މަރަދޫފޭދޫ އެމްޑީޕީ ޖަގަހައިގައި ދިދަ ނަންގަވައިދެއްވުމަށް ފަހު ނަޝީދު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މިހާރު
ނަޝީދު އެދިވަޑައިގަތީ ވޯޓު ގަންނަން 10،000ރ. ހުށަހަޅާ ނަމަ އެ އަދަދު 20،000ރ. އަށް އިތުރުކޮށް އެ ނެގުމަށް ފަހު، އެ ފައިސާގެ ދެބައިކުޅަ އެއްބައި ރިޔާސީ އިންތިހާބަށް ބެހެއްޓުމަށެވެ.
"ތި ބޭފުޅުން އެ ފައިސާ ނަންގަވައި، ހުރިހާ ބޭފުޅުން. ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތުގައި އަޅުގަނޑު މި ވާހަކަ ދަންނަވަން ބޭނުން އަދި ހާއްސަކޮށް މި ވަގުތު އެމްޑީޕީ މެމްބަރުން ކައިރީގައި. ކަޅު ދަބަސް ހިފައިގެން، އަޅުގަނޑު ނަންތައް ދަންނަވާކަށް ނެތިން، ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތި ބޭފުޅުންގެ ރަށުގައި ފައިސާ ބަހަން އުޅެނީ ކާކުތޯ،" ނަޝީދު ވިދާޅުވި އެވެ.
"އެކަމާ ކަންބޮޑުވާނެ ކަމެއް ނޫން. އަވަހަށް ނަންގަވާ. އަދި 10،000 ދެއްވަން އުޅެންޏާ ވިއްސޭ ވިދާޅުވެ އެ ވަރު ވެސް ނަންގަވާ."
ނަޝީދު ވިދާޅުވީ ޕާޓީގެ ޕްރައިމަރީއާއެކު ރިޔާސީ އިންތިހާބުން ވެސް އެ ޓީމު މި ތިބީ މޮޅުވެފަ އެވެ. އެކަމަށް ޝައްކެއް ނެތް ކަމަށް ވިދާޅުވި އެވެ.
މަރަދޫފޭދޫ އެމްޑީޕީ ޖަގަހައިގައި ދިދަ ނަންގަވައިދެއްވުމަށް ފަހު، އެ އަވަށުގެ އެމްޑީޕީ ސަޕޯޓަރުންނާއެކު ނަޝީދު ފޮޓޯއަކަށް ހުއްޓިވަޑައިގެން.
"[ފައިސާ] ނަންގަވާ، އޭގެ ދެބައިކުޅަ އެއްބައި ބަހައްޓަވާ ދެއްވާށޭ ސެޕްޓެމްބަރު 9 ގައި އިރާދަކުރެއްވިއްޔާ މި އިންތިހާބުން އަޅުގަނޑުމެން މި ތިބީ މޮޅުވެފައި. އެކަމަކަށް އަޅުގަނޑުގެ ހިތުގައި ޝައްކެއް ނެތް. އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހެނީ ސެޕްޓެމްބަރު 9 ގެ އިންތިހާބަށް. ދެން ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މަތިންދާ ބޯޓުގެ ޓިކެޓެއްގެ އަގު، ލޯންޗު ދަތުރެއްގެ ވެސް އަގު. އިންތިހާބުތަކަކީ ހަރަދު ހިނގާ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި ފަހަރު މި ދިމާވީ ރަނގަޅަށް ކަމަށެވެ. އެއީ ރިޔާސީ ޕްރައިމަރީ އަށް ޕާޓީގެ ޓިކެޓު ލިބުމާއި ކެމްޕެއިންގެ ހަރަދު ވެސް ލިބުމެވެ. އެކަމަށް، ވާދަވެރިންނަށް ޝުކުރު ދަންނަވައި ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް ރަނގަޅީ ޕާޓީގެ އާއްމުންނަށް ގިނައިން ފައިސާ ދިން ވަރެއް ކަމަށެވެ.
"އަޅުގަނޑުގެ ވާދަވެރި ފައިސާވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ތި ބޭފުޅުން ތި ކޮށްދެއްވާ މަސައްކަތަށް. އަޅުގަނޑަށް ބޮޑަށް ރަނގަޅީ ގިނަ ފައިސާ ދެއްވިއްޔާ. އޭރަށް އަޅުގަނޑުމެންނަށް ސެޕްޓެމްބަރު 9 ގައި އަޅުގަނޑުމެންގެ އިންތިހާބަށް ވަރަށް މަސައްކަތްކޮށް ކުރިއަށް ގެންދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިގި
26 January 2023
އަންނި މޮޔަގޮވަނީ، އެސޮރު ގިނަގިނައިންވާހަކަ ދައްކާވަރަކަށްވާނީ ބޭޒާރު. ކާކުތަ މޮޔަގޮވަނީ ؟ ކާކުތަ ނުބައިމަގަށް ގޮވަނީ؟ ކާކުތަ ރިޝްވަތުގަ ހިފަން އެއްބާރުދެނީ ؟ ހަމަ ތިޔަ އަންނި ނޫންތޯ ؟
ކުޑައާދަނު
25 January 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައިސާ ބަހާނެ ކަމަށާއި އެ ފައިސާގައި ހިފުމަށް އެ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ބަސްފުޅަކީ އެމްޑީޕީގެ ފެންވަރު ހެއްޔެވެ؟ ޕާޓީގެ އެތެރޭގެ އިންތިހާބެއްގާ ރިސްވަތުގެ ކުލަވަރު މިވަރަށް ޖެހޭ އިރު އެޕާޓިގެ ވެރިކަމުގަވެސް މިކުލަވަރު ހުންނާނެކަން ދިވެހިންނަށް މިހާރު ޔަގީންވީދޯއެވެ. ނަޝީދުގެ ތި ވިސްނުމަށް ވަރަށް ސަލާމް
އައްބެ
25 January 2023
ތިޔަބުނެވުނީ ރިޝްވަތުގައި ހިފާށޭ. ޙަރާމް ހަލާލް ނޭނގޭ މީހަކު ވެރިކަމަށް ހޮވަން ހެޔޮވާނެތޯ؟ މާދަމާ ބުނެފާނެ ފިހާރަތަކުގެ ވަތްގަނޑުގައި އެހުންނަނީ ރިޒްގޭ އެވެސް ނަގާށޭ.
އައިނ
25 January 2023
ދެ ކެނޑިޑޭޓުންގެ އެއްވެސް ތަފާތެއް ނުފެނޭ. އިންޑިއާއަށް ޤައުމު ވިއްކާ ޣައްދާރުން.
ހަސަންކާރި
25 January 2023
ކޮރަޕްޝަންގައި ޔާމީނާ ހަމަ އެއް ވިސްނުމެއް މިސޮރުގެވެސް މިހުންނަނީ... ޕީޕީއެމްގެ ކެނޑިޑޭޓަކަށްވާން ކުފޫހަމަވޭ ހަމަ
މާހިރު
25 January 2023
މަނިކުފާނު އުއްޗު ކައިރިއަށް ދިޔައީ ވޯޓެއް ދޭށޭ ބުނަންތޯއެވެ. ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް ދެން ތިފިކުރު ދިރިދާނެހެނެއް ހަމަ ހިއެއް ނުވެއެވެ. އެމް.ޑީ.ޕީ ގެ ކޮންމެވެސް ބަޔަކު ތިފިކުރު ބަލައިގަތަސް ތިއީ ދިވެހިރައްޔިތުން ތަޖުރިބާކޮށް، ފެއިލް ވެފައިވާ ފިކުރެކެވެ. ހުޅަނގުގެ ޑިމޮކްރަސީ ފިކުރަކީ ދިވެހި ރައްޔިތުން ބަލައިގަންނަން ބޭނުންވާ ފިކުރެއްނޫނެވެ.
ޜޮޒޭ
25 January 2023
މަނިކްފާން މަސައްކަތް ތިކުރައްވަނީ މަނިކްފާނަކީވެސް އަދިވެސް އެންމެ ރަގަޅު ވަރަށް ސަޕޯޓް އޮތް ކޮންމެވެސް މީހެއްކަން އެންގުމަށް !؟ ރިޔާސީ ޕްރައިމަރީ ކާމިޔާބް ކުރާކަށް ނޫން ނުވެސްވާނެކަން އިގޭނެ. މަނިކްފާން އަނބި ދަރިން ދޫކޮށްފަ ވަޖިދަވެގެން އުޅޭކަމެއްތީ ތިކަން ކުރިޔައް ގެންދަންވީހަމައިގޭތޯ..
ގޮރުނުދޮހޮރު
25 January 2023
ހަލާލެއް ހަރާމެއް ބަލާނެކަމެއް ނެތް، އޮތަ؟ ތިޔަހަރަ ކޯލިޝަން ހެދުނީނު އޮޓޯއިން ޕީޕީއެމާ ޕީއެންސިޔާ
ހުސްނުހީނާ
25 January 2023
ވަރަށްމޮޅުވާހަކައެއް ތިވިދާޅުވެވުނީ. މިއޮއްހާދުވަހު ވޯޓުގަނެވިއްކާ ކަންތައްް ގޯސްވެގެން އެވާހަކަ އެއްމެގިނައިން ދެއްކެވި އެއްބޭފުޅަކީ ތިބޭފުޅާ. މިހާރު ތިވިދާޅުވަނީ އެކަންކުރާށޯ. މިބޭފުޅުން ދައްކަވާ ވާހަކަ ގަބޫލުކުރަން ހެޔޮނުވާނެ.
ވަކީލްް
25 January 2023
ނަޝީދުގެ ހާލު ހުރި ގޮތް ފެންނަމުންމިދަނީ، ވޯޓަށް ރިޝްވަތު ހިފަން ފާޅުގައި ގޮވާލައި، އެފައިސާއަކީ ރިޒުގެއްކަމަށް ބުނަމުން މިދަނީ. ވެރިކަމަށް ދަހިވެތިވެފަ ހުރިވަރު ފެނިގެން މިދަނީ. ރައްޔިތުން ވިސްނާ ވިސްނާ.
މުނައްވަރް
25 January 2023
ވޯޓު ހޯދުމަށްޓަކައި ހުށަހަޅާ އެޑްވާންސަކީ ރިޝްވަތެއްނޫން. ވޯޓުހޯދުމަށްޓަކައި ވާވައުދުތައް ފުއްދުމަކީ އެއްކަލަ ދެއްކި އެޑްވާންސް ހިމެނޭ މުއާމަލާތުގެ ބާކީބައި އަދާކުރުން. ވީމާމީވަރަށްވެސް އާދައިގެ ވިޔަފާރީގެ މުއާމަލާތެއް. ދޭފައިސާއަކީ ރިޝްވަތަށް ވަންޏާވާވައުދުތައް ފުއްދުމަކީވެސް ރިޝްވަތު. ސޭހުން އަތުގަ ލާރި ނެތުމަކީ މަހުޖަނުންގެ މައްސަލައެއްނޫން :ޕ
ޖުހާނާ
25 January 2023
ކަލޭ ތިޔައީ ހާދަ މޮޅު ދީނީ ޢިލްމުވެރިޔެކޭ ދޯ؟