ކުޅިވަރު / ޗެލްސީ

ޗެލްސީގެ ޓްރާންސްފާ އުސޫލުތަކާ ގުޅިގެން ޔޫއެފާއިން އެފްއެފްޕީ ގަވާއިދު ބަދަލުކުރަނީ: ރިޕޯޓް

ޗެލްސީގެ ޓްރާންސްފާ ޑީލްތަކުގައި އެންމެ އިސްކޮށް އުޅޭ ކުލަބުގެ އޯނަރު، ޓޮޑް ބޯލީ.--

މި ޓްރާންސްފާ ބާޒާރުގައި ޗެލްސީ އިން ދިގު މުއްދަތަކަށް ކުޅުންތެރިން ގަންނަން ހަރަދު ކުރަމުން ގެންދާ އުސޫލާ ގުޅިގެން، ޔޫއެފާގެ ފައިނޭންޝަލް ޕެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދަށް ބަދަލު ގެންނަން އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ޗެލްސީ އިން މިހާރު އަމަލުކުރަމުން ގެންދާ އުސޫލާއެކު ދިގު މުއްދަތަކަށް ކުޅުންތެރިން ސޮއިކުރުވައި، ޓީމުގެ އަހަރީ މާލީ ރިޕޯޓުގައި، ކުޅުންތެރިޔާގެ ކޮންޓްރެކްޓުގެ މުއްދަތަށް ޓްރާންސްފާ ފީ ޓްރާންސްފާ ފީ ބަހާލެވެ އެވެ.

އެންމެ ފަހުން ޗެލްސީ އިން ޔުކްރޭނުގެ ވިންގާ މިކައިލޯ މުޑްރިކް ގެނައީ 100 މިލިއަން ޔޫރޯ (108 މިލިއަން ޑޮލަރު) ގެ އަގަކަށް، އަށް އަހަރާ ބައިގެ މުއްދަތަކަށެވެ. އަދި އޭނާގެ ޓްރާންސްފާ ފީ ރެކޯޑް ކުރެވޭނީ އަހަރަކު ގާތްގަނޑަކަށް 12 މިލިއަން ޑޮލަރުގެ ރޭޓުންނެވެ.

ޗެލްސީ އިން މި އުސޫލުން އަމަލު ކުރަން ފެށުމާ އެކު ޔޫއެފާ އިން އަންނަނީ، ކިތަންމެ ދިގު މުއްދަތަކަށް ކުޅުންތެރިޔާގެ ކޮންޓްރެކްޓް ހެދި ނަމަވެސް، ޓްރާންސްފާ ފީ ބަހާލެވޭނެ އެންމެ ދިގު މުއްދަތަކީ ފަސް އަހަރު ކަމަށް ނިންމަން ތައްޔާރު ވަމުންނެވެ.

ޔޫއެފާގެ މި ނިންމުމަށް އަމަލުކުރަން ތައްޔާރުވަމުން އަންނަނީ މި އަހަރުގެ ހޫނު މޫސުލުގެ ޓްރާންސްފާ ބާޒާރުގަ އެވެ.

މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި ޗެލްސީ އިން ވެސްލީ ފޮފާނާ ގަތީ ހަތް އަހަރުގެ މުއްދަތަކަށެވެ. ވާތު ބެކް މާކް ކުކުރޭލާ ހަ އަހަރު ދުވަހަށް ގެނައި އިރު ރަހީމް ސްޓާލިން ގެނައީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޗެލްސީ އިން ވަނީ މި މަހުގެ ކުރީކޮޅު ފްރާންސްގެ ޑިފެންޑަރު ބެނޯއީ ބަޑިއާޝިލޭ އާއި އައިވަރީ ކޯސްޓުގެ ފޯވާޑް ޑޭވިޑް ޑާޓްރޯ ފޮފާނާގެ ސޮއި ހަ އަހަރާ ބައިގެ މުއްދަތަކަށް ހޯދައިފަ އެވެ. އަދި މުޑްރިކް ގެ ސޮއި ހޯދުމަށް ފަހު ޒުވާން ވިންގާ ނޮނީ މަޑުއެކޭ ގެނައީ ހަތް އަހަރާ ބައިގެ މުއްދަތަކަށެވެ.

މަޑުއެކޭގެ ޓްރާންސްފާ އާއެކު ޗެލްސީން މި ސީޒަންގެ ޓްރާންސްފާ ހަރަދުތައް ވަނީ 450 މިލިއަން ޕައުންޑް (554 މިލިއަން ޑޮލަރު) އާ ގާތް ކޮށްފަ އެވެ. ނަމަވެސް ދިގު ކޮންޓްރެކްޓުތަކުގެ ސަބަބުން ކުލަބަށް އެފްއެފްޕީ ގަވާއިދުތަކަށް އަމަލުކުރަން އެހީވެދެ އެވެ.

ޗެލްސީން މި މަހު ގެނައި ބައެއް ކުޅުންތެރިން؛ (ކ-ވ: ފޮފާނާ، މަޑުއެކޭ، މުޑްރިކް، ބަޑިއަޝިލޭ).--

ޔޫއެފާގެ މިހާރުގެ ގަވާއިދުގެ ދަށުން ކްލަބްތަކަށް ތިން އަހަރު ދުވަހުން ލިބޭ އާމްދަނީ އަށް ވުރެ ފަސް މިލިއަން ޔޫރޯ އިތުރަށް ހޭދަ ކުރުމުގެ ފުރުސަތު އޮވެ އެވެ. އަދި މީގެ އިތުރަށް ކުލަބުގެ ވެރި ފަރާތުން ނުވަތަ އެ ފަރާތާ ގުޅުން ހުރި ފަރާތަކުން ސީދާ ކޮންޓްރިބިއުޓް ކޮށްގެން މި އަދަދު 30 މިލިއަން ޔޫރޯ އަށް އިތުރު ކުރެވޭނެ އެވެ.

ގަވާއިދާ ހިލާފުވާ ކުލަބުތަކަށް ގަވާއިދާ ހިލާފުވާ ކުލަބުތަކަށް ހަރުކަށި އަދަބު ދޭން ވެސް އެ އެސޯސިއޭޝަނުން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި އިންޒާރާއި ޖޫރިމަނާ ކުރުމުގެ އިތުރުން ޕޮއިންޓް އުނިކުރުމާއި، ދަށް ރޭންކިންގެ ލީގަކަށް ރެލިގޭޓް ކޮށްލުން ނުވަތަ ޔޫރަޕުގެ ފުޓުބޯޅައިގެ ކާމިޔާބީތައް އަތުލުން ވެސް ހިމެނެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޔޫއެފާ އިން އަލަށް ތައާރަފް ކުރި ގަވާއިދުގެ ދަށުން މުސާރަ އާއި ޓްރާންސްފާ އަދި އެޖެންޓުންގެ ފީ އަށް 2025 ވަނަ އަހަރުން ފެށިގެން ހަރަދު ކުރެވޭނީ ކުލަބުގެ އާމްދަނީގެ 70 ޕަސެންޓެވެ. މިއާ އެކު ވެސް ތިން އަހަރުގެ މުއްދަތަކަށް ގިނަވެގެން 60 މިލިއަން ޔޫރޯގެ ދަރަންޏެއް ބޭއްވިދާނެ އެވެ.

ޔޫއެފާ އިން މި އުސޫލު ތަންފީޒު ކުރަން ނިންމީ ދުވަސްތަކަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ 2023/2024 ސީޒަން ގައި ކުލަބުގެ އާމްދަނީގެ 90 ޕަސެންޓް ހަރަދުކުރުމުގެ ހުއްދަ ދޭނެ އެވެ. ޖެހިގެން އަންނަ 2024/2025 ސީޒަން ގައި 80 ޕަސެންޓަށް ދަށް ވާނެ އެވެ. އަދި 70 ޕަސެންޓު ހަރަދު ކުރެވޭ އުސޫލު ތަންފީޒު ކުރަން ފަށާނީ 2025/2026 ސީޒަނުން ފެށިގެންނެވެ.

ޕްރިމިއާ ލީގުގެ ގަވާއިދުގެ ދަށުން ތިން އަހަރުގެ މުއްދަތަކަށް 105 މިލިއަން ޕައުންޑްގެ ދަރަންޏެއް ބޭއްވޭނެ އެވެ. ދަރަނި އެއަށް ވުރެ އިތުރު ވާނަމަ ބޮޑު އަދަދުން ޖޫރިމަނާ ކޮށް، ޕޮއިންޓު އުނިކުރުން ފަދަ އަދަބުތައް ކަނޑައެޅިފައިވެ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޯޗް

26 January 2023

އެމެރިކާނަކު ވަދެއްޖެތަނެއް ރަނގަޅެއްނުވާނެއެވެ. އޭގެ މީހަކާ ގުޅޭކަމެއް ވިއްޔާވެސް ދާނީ ގޯހުންގޯހަށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454