ދުނިޔެ / ޗައިނާ

އިރުމަތީ އޭޝިޔާއަށް އާދަޔާ ޚިލާފު ފިނި މޫސުމެއް

26 ޖެނުއަރީ 2023 - 09:47

1 comments

އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ އާންމު ރައްޔިތުންގެ ސަމާލުކަން މިދުވަސްވަރު ހުއްޓިފައި ހުރީ، ޗައިނާގެ އާ އަހަރު ފާހަގަކުރުމުގެ އިހުތިފާލުތަކަށް ކަމަށް ވިޔަސް، މިހާރު ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ފިނިކަމުގެ ސަބަބުން، އާއަހަރުގެ އުފާވެރިކަމަށް ވަނީ ހިޔަނި އެޅިފަ އެވެ.

ޗައިނާ އިން ފެށިގެން ޖަޕާނާ ދެމެދުގައި ހުރި ގައުމުތަކުގައި އިއްޔެއަކީ އާދަޔާ ޚިލާފަށް ފިނި ގަދަ ދުވަހެކެވެ. އެ ސަރަހައްދުގެ އެތައް މިލިއަން ބަޔަކު އިއްޔެ އުޅެމުން ދިޔައީ ސުން ދަރަޖައަށް ވުރެ ވެސް ގަދަ ފިނީގަ އެވެ. އޭގެ އިތުރުން ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން، ބައެއް ސަރަހައްދުތަކުގައި އާންމު ދަތުރުފަތުރުތަކަށް ވެސް އޮތީ ހުރަސް އެޅިފަ އެވެ.

މި ހަފުތާ ފެށުނީއްސުރެ ދެކުނު ކޮރެއާގައި އޮތީ ސްނޯ ފައިބާނެތީ ރައްކާތެރިވެގެން އުޅުމަށް، މޫސުމާ ބެހޭ އިދާރާތަކުން އަންގައިފަ އެވެ. މި ހަފުތާގައި ވެރިރަށް ސޯލްގެ އެވްރެޖް ފިނިހޫނުމިން، މައިނަސް 15 ދަރަޖައިގައި ހުރި އިރު، ގިނަ ސަރަހައްދުތަކުގައި ފިނިހޫނުމިން ހުރީ އެއަށް ވުރެ ވެސް ދަށުގަ އެވެ.

ޓޫރިސްޓުންގެ މަގުބޫލު މަންޒިލެއް ކަމަށްވާ ޖޭޖޫ ޖަޒީރާގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް ދަށަށް ދިއުމާ ގުޅިގެން، ޓޫރިސްޓުން ގޮވައިގެން އެ ސަރަހައްދަށް ދަތުރުކުރަން ހަމަޖެހިފައި ހުރި ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ކަނޑުގެ ބަނދަރުގައި އޮތް ކްރޫޒް ލައިނާތަކުގައި ތިބި ޓޫރިސްޓުން ވެސް ތިބީ، މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން އެއްގަމަށް ފޭބޭނެ ގޮތެއް ނެތިފަ އެވެ.

ދެކުނު ކޮރެއާގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އެ ގައުމުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މި ދުވަސްވަރު ދަށަށް ގޮސްފައިވަނީ، ދުނިޔޭގެ އުތުރު ޕޯލުން އުފެދިގެން އަންނަ ފިނި ވައި ރޯޅިތައް ރަޝިޔާ އާއި ޗައިނާ ހުރަސްކޮށް އެ ގައުމަށް މިހާރު ފޯރާފައިވާތީ އެވެ.

އުތުރު ކޮރެއާގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އެ ގައުމުގެ ހުރިހާ ސަރަހައްދެއްގެ ވެސް ފިނިހޫނުމިން މިހާރު ހުރީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ގިނަ ސަރަހައްދުތަކުގައި ފިނިމިން މައިނަސް 30 ދަރަޖައިގައި އަދި ބައެއް ސަރަހައްދުތަކުގައި އެއަށް ވުރެ ވެސް ދަށުގައި ހުރި އިރު، ބައެއް ސަރަހައްދުތަކަށް ވަނީ ބޯކޮށް ސްނޯ ވެސް ފައިބައިފަ އެވެ.

ޖަޕާނަށް ވެސް އާދަޔާ ޚިލާފަށް ބޯކޮށް ސްނޯ ފައިބައި ވައި ބާރުވުމާ ގުޅިގެން ދުރު ފެންނަ ނިސްބަތް ދަށްވުމުގެ ސަބަބުން، އަންގާރަ ދުވަހާއި ބުދަ ދުވަހު ވެސް ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްކޮށްފަ އެވެ. އެ ގައުމުގެ ބޮޑެތި އެއާލައިންތައް ކަމަށްވާ ޖަޕާން އެއާލައިން އާއި އޯލް ނިޕޯން އެއާވޭސް އިން މިދިޔަ ދެ ދުވަހު ޖުމްލަ 229 ވައިގެ ދަތުރު ކެންސަލް ކުރި އެވެ.

އޭގެ އިތުރުން ފުކުޝީމާ އާއި ޝިންޖޯއާ ދެމެދު ކުރާ ހައި ސްޕީޑް ރޭލުގެ ދަތުރުތައް ވެސް އިއްޔެ އާއި އޭގެ ކުރީ ދުވަހު ވަނީ ކެންސަލްކޮށްފަ އެވެ.

ޗައިނާ އިން ބުނި ގޮތުގައި އެ ގައުމުގެ އެންމެ އުތުރު ސަރަހައްދުގައި މި ހަފުތާގެ ތެރޭގައި ހުރި އެވްރެޖް ފިނިހޫނުމިނަކީ މައިނަސް 53 ދަރަޖަ އެވެ. މިއީ ޗައިނާގެ ތާރީޚުގައި ވެސް ފިނިހޫނުމިން މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ.

އޭގެ އިތުރުން ގިނަ ސަރަހައްދުތަކަށް ބޯކޮށް ސްނޯ ފައިބައި، އެއްގަމު ދަތުރުތަކަށް ހުރަސް އެޅިފައިވާ އިރު، ކުރިއަށް އޮތް ހަފުތާގައި ވެސް ވަރަށް ފިނިވާނެ ކަމަށް ވަނީ އިންޒާރުކޮށްފަ އެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ދިރާސާކުރާ ސައެންޓިސްޓުން ބުނާ ގޮތުގައި މިހާރަކަށް އައިސް ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވުމާއި ފިނި މޫސުމުގައި އާދަޔާ ޚިލާފަށް ފިނި ގަދަވުމަކީ، މޫސުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމުގެ ހެއްކެކެވެ.

އަދި މިހާރު މޫސުމަށް މިއަންނަ ބަދަލުތަކަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް މޫސުން އޮންނާނެ ގޮތުގެ އާ އާންމު އުސޫލަށް ވާނެ ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިބަސް

27 January 2023

ލިޔުން ވަރަށް ފުރިހަމަ. ދިވެހިބަހުން ހަބަރު ގެނެސްފަ ހުރިގޮތް ވަރަށް ހިތްހަމަޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454