ކްލަބް ވެމްކޯ ކުޅުންތެރިން ގައުމީ ތަށި އުފުލާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
28 ޖެނުއަރީ 2023 - 09:32
ފައިނަލުގައި ކްލަބް ވޮލީބޯލް އަތުން ބަދަލު ހިފައި 3-1 ސެޓުން މޮޅުވެ، ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ ހޯދައިފި އެވެ.
ލީގު ބުރުގައި ވެމްކޯ ވަނީ ހަމަ މި ނަތީޖާއިން ކްލަބް ވޮލީބޯލް އަތުން ބަލިވެފަ އެވެ. ފައިނަލް މެޗުގެ ސެޓްތައް ވެމްކޯ ގެންދިޔައީ 25-11، 22-25، 25-19 އަދި 25-14 އިންނެވެ.
މިއީ ވެމްކޯ ގައުމީ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެޓީމު ވަނީ އެންމެ ފަހުން އޮތް މުބާރާތް، 2019 ވަނަ އަހަރުގެ ފައިނަލް ގައި ވާދަކޮށް ޕޮލިސް ކުލަބް އަތުން ބަލިވެފަ އެވެ.
ފައިނަލް މެޗުގައި ވެމްކޯގެ ޕްރަތީބާ ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލުގައި ރޭ ކުޅުނު ފައިނަކް މެޗު ވެމްކޯ ފެށީ ވަރުގަދަ ކޮށެވެ. ބޮޑު ލީޑަކުން ފުރަތަމަ ސެޓް ކާމިޔާބު ކުރި ނަމަވެސް ކްލަބް ވޮލީބޯލް ވަނީ ވާދަވެރި ކުޅުމަކަށް ފަހު ދެވަނަ ސެޓް ހޯދައިފަ އެވެ. އެކަމަކު ވެމްކޯ ޓީމުން ވަނީ އިތުބާރާ އެކު ކުޅެ ފަހު ދެ ސެޓް ކާމިޔާބު ކޮށްފަ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ކްލަބް ވެމްކޯގެ ނޭޕާލް ކުޅުންތެރިޔާ ޕްރަތީބާ މަލީ އެވެ. މިއީ ޕްރަތީބާ ރާއްޖޭގެ ގައުމީ މުބާރާތް ކާމިޔާބު ކުރި ހަތަރު ވަނަ ފަހަރެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ޕޮލިސް ކުލަބުން ވެމްކޯ ބަލިކުރި އިރު ޕްރަތީބާ އަކީ ޕޮލިސް ކުލަބްގެ މުހިއްމު ކުޅުންތެރިއެކެވެ. އޭގެ ކުރިން އޭނާ ގައުމީ މުބާރާތް ކާމިޔާބު ކުރީ 2016 އަދި 2017 ވަނަ އަހަރު ފުވައްމުލަކު މިސްކިތްމަގު ޓީމާ އެކު އެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ވެމްކޯގެ ޖޫޒާން ޒަރީރު، އާމިނަތު އަރީޝާ، އާމިނަތު ރިޔާޝާ އަދި އައިޝަތު މާޖިދާ ގެ އިތުރުން ކްލަބް ވޮލީބޯލްގެ ޝާނިޔާ އަހުމަދު ނިޒާމް އާއި ނަރީމާ އިދުރީސް އެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ކްލަބް ވޮލީބޯލްގެ ފާތިމަތު ލިވާ ހޮވުނު އިރު އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އައިޝަތު ނާޒިމާ އެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ މާޖިދާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
28 January 2023
ވެމްކޯ ކުދިންނަށް ސާބަސް