މަޑަގަސްކަރައިގެ އަންޓަލަހާ ސަރަހައްދުގައި ފެންބޮޑުވެފައި
30 ޖެނުއަރީ 2023 - 15:46
މިދިޔަ ހަފުތާގައި މަޑަގަސްކަރަ އަށް އެރި ބާރުގަދަ ތޫފާނުގައި މަރުވި މީހުންގެ އަދަދު 25 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ރަސްމީ އިދާރާތަކުން މިއަދު ބުނެފި އެވެ.
މަޑަގަސްކަރަގެ ސަރުކާރުން ބުނި ގޮތުގައި މިދިޔަ ހަފުތާގައި އެ ގައުމަށް އެރި ބާރުގަދަ ތޫފާނުގެ ސަބަބުން، އެ ގައުމުގެ ބޮޑު ސަރަހައްދުގައި ފެންބޮޑުވެ އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. ބައެއް ސަރަހައްދުތަކުގައި ބޮޑުވި ފެންގަނޑުގެ ތެރެއަށް ބައެއް ގެތައް ގެނބި ދިރިއުޅުން ދަތިވެފައިވާ އިރު، އެތައް ހާސް ބަޔަކު މިހާރު ތިބީ ގެދޮރު ނެތިފައި ކަމަށް ސަރުކާރުން ބުނެ އެވެ.
ޗެނެސޯގެ ނަން ދީފައިވާ ތޫފާން، މަޑަގަސްކަރަ އަށް އެރީ މީގެ 10 ދުވަސް ކުރިންނެވެ. އެ ގައުމުގެ އިރުއުތުރުން ކަނޑު ތެރޭގައި އުފެދުނު ބާރުގަދަ ތޫފާން، އެގައުމުގެ އެއްގަމަށް އެރުމާ ގުޅިގެން، ބާރު ވަޔާއެކު ވަރަށް ބޯކޮށް ވާރޭ ވެހި، ބޮޑު ސަރަހައްދެއްގައި ފެންބޮޑުވި އެވެ. އެއަށް ފަހު އެ ގައުމުގެ އިރު ދެކުނު ސަރަހައްދަށް ތޫފާން ދަތުރުކޮށް، އޭގެ ބާރު ކެނޑިގެން ދިޔައިރު، އެތައް ގެއެއް ބިމާ ހަމަވެ ބައެއް ސްކޫލްތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މަޑަގަސްކަރައިގެ ސަމްބަވާ ސަހަރުގައި ފެން ބޮޑުވެފައި
ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ތޫފާންގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން، ބައެއް ބޮޑެތި މަގުތައް ހަލާކުވެ އާންމު އެއްގަމު ދަތުރުތަކަށް ވަނީ ހުރަސް އެޅިފަ އެވެ. އެ ގައުމުގެ އޮފީސް ފޯރ ރިސްކް އެންޑް ޑިޒާސްޓާ މެނޭޖްމަންޓުން ބުނި ގޮތުގައި މަރުވި މީހުންގެ އަދަދު 25 އަށް އަރާފައިވާ އިރު، ވީނުވީއެއް ނޭނގި ގެއްލިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދުވެސް 21 އަށް އަރައިފި އެވެ.
މި ތޫފާނުގެ ސަބަބުން ސީދާ ގޮތުން ގެއްލުން ލިބުނު މީހުންގެ އަދަދު 83181 އަށް އަރާއިރު، ގާތްގަނޑަކަށް 38 ހާސް މީހުން ވަނީ ގެދޮރު ނެތިފަ އެވެ. ބޮޑުވެފައިވާ ފެންގަނޑުގެ ތެރޭގައި ހުރި ގެތަކުގެ އަދަދު 23600 އަށް އަރާއިރު، އިތުރު 500 ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް މުޅިން ހަލާކުވެފަ އެވެ.
މި މަހުގެ 19 ވަނަ ދުވަހު މަޑަގަސްކަރަ އަށް ތޫފާން އެރި އިރު ވައިގެ ބާރުމިން ހުރީ ގަޑިއަކު 110 ކިލޯމީޓަރުގަ އެވެ. އަދި ތޫފާންގެ މުއްދަތުގައި ވައިގެ ބާރުމިން ހުރީ އެވްރެޖް ގޮތެއްގައި ގަޑިއަކު 118-166 ކިލޯމީޓަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy