ބައްސާމް (މ) ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ކ) އާއި އޭއެފްސީގެ ރައީސް ޝޭހް މުހައްމަދު ބިން ސަލްމާންއާ އެކު.
01 ފެބުރުއަރީ 2023 - 17:52
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެގްޒެކެޓިވް ކޮމިޓީ އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިހާބުވެއްޖެ އެވެ.
ކުރިއަށް އޮތް ހަތަރު އަހަރަށް އެ ކޮމިޓީ އަށް ބައްސާމް އިންތިހާބުވީ ބަހުރޭނުގައި މިހާރު ކުރިއަށްދާ އޭއެފްސީގެ ކޮންގްރެސްގަ އެވެ.
ބައްސާމް ވެގެންދާނީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރައްވާނެ ތިން ވަނަ ދިވެއްސަށެވެ. އަނެއް ދެ ބޭފުޅުންނަކީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދެވެ.
އޭޝިއާގެ ފުޓްބޯޅައިގެ ނުފޫޒު ގަދަ މަގާމަކަށް ބައްސާމް މި އިންތިހާބުވީ، އެފްއޭއެމް ވަރަށް ބޮޑަށް ދަރަނިވެރިވެ، އެ އެސޯސިއޭޝަނަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވަނިކޮށެވެ. ރާއްޖޭގެ ބައެއް ކުންފުނިތަކަށް އެފްއޭއެމް ދަރައި ކޯޓުގައި މައްސަލަ އޮތްއިރު އެ އެސޯސިއޭޝަނުގެ ކަރަންޓު ބިލު ނުދައްކައިގެން ސްޓެލްކޯ އިން ކަރަންޓު ވެސް ކަނޑާލާފައިވެ އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ދެއްވި ފައިސާ ވެސް ހަވާލުކޮށްފައެއް ނުވެ އެވެ.
އެކަމަކު ގިނަ ކްލަބްތައް ބައްސާމުގެ ކޮންޓްރޯލުގެ ދަށުގައި އޮތުމުން އޭނާ އަށް ޗެލެންޖް ކުރާނެ ބަޔަކު ނެތެވެ. އަދި މި ސަރުކާރުގެ ކުރީކޮޅު، އެފްއޭއެމްގެ މައްސަލަ ބަލަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މަސައްކަތް ކުރެއްވި ނަމަވެސް ފީފާ އާއި އޭއެފްސީގެ އިންޒާރާ އެކު، އޭނާ ވެސް މިހާރު ހުންނެވީ އެފްއޭއެމްއާ ގުޅުން ބޮޑުކޮށެވެ.
ފުޓްބޯޅަ އެސޯސިއޭޝަނެއްގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުވަތަ ތިން ވަނަ ނުފޫޒެއް ވަދެއްޖެ ނަމަ ފީފާ އާއި އޭއެފްސީން އެ އެސޯސިއޭޝަނެއް ސަސްޕެންޑްކުރާނެ އެވެ. އެސޯސިއޭޝަނެއްގެ މައްސަލަ ހުށަހެޅޭނީ ކްލަބްތަކަށެވެ. އަދި އެ މައްސަލައެއް ބަލާނީ ފީފާ ނުވަތަ އޭއެފްސީންނެވެ. ބައްސާމަކީ ފީފާ އާއި އޭއެފްސީގެ އިސްވެރިންނާ ގުޅުން ބޮޑު ބޭފުޅެކެވެ.
ވެލެންސިއާގެ މަސްއޫލުވެރިޔާ އަދީލް ޖަލީލްގެ ބޭފުޅެއް ކަމަށްވާ ބައްސާމް އެންމެ ފުރަތަމަ ފުޓްބޯޅައިގެ ތެރެއަށް ނުކުންނެވީ އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުންނެވެ. ނަމަވެސް ރަސްމީކޮށް ކުޅުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި އޭނާ ވަޑައިގެންނެވީ ރާއްޖޭން ބޭރަށް ކިޔަވާ ވިދާޅުވާށެވެ. އޭގެ ފަހުން އެނބުރި ރާއްޖެ ވަޑައިގެން ވެލެންސިއާ ހިންގުމުގެ ތެރޭގައި އުޅުއްވި އެވެ. އޭނާ އެންމެ ފުރަތަމަ އެފްއޭއެމްއާ ގުޅިވަޑައިގަތީ ޖެނެރަލް ސެކްރެޓަރީއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ރައީސްގެ މަގާމަށް ވަޑައިގެން، އޭނާ ވެފައިވަނީ އެ އެސޯސިއޭޝަނުގެ ތާރީހު ދުށް އެންމެ ނުފޫޒު ގަދަ އެއް ރައީސަށެވެ. އޭނާ އަށް ފާޑުކީ ބައެއް ކްލަބްތަކާއި ހިންގުންތެރިން މިހާރު ތިބީ އޭނާއާ އެއްކޮށެވެ.
ބައްސާމްއާ ދެކޮޅަށް ނިއު ރޭޑިއަންޓާއި ވިކްޓްރީން 2018 ގައި ނުކުތް ނަމަވެސް، މާލީ މައްސަލަތަކެއް ކުރިމަތިވެ އެ ދެ ކްލަބަށް އައީ ސަސްޕެންޝަނެކެވެ. އޭގެ ފަހުން ބައްސާމްއާ ދެކޮޅަށް އެއްވެސް ބަޔަކު ނުކުމެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
02 February 2023
ސުވާލަކީ މިކަހަލ ބޮޑު އެސޯސޮއޭޝަނެއްގެ ކަންކަން ކުރެވޭހާ ޤާބިލު މީހެއްތޯ. ޖަވާބު ވަރަށް ސާފު ކުޑަކުޑަ މި ރާއްޖޭގައި މިއޮތް މަދު ޓީމުތަކުގެ ކަންކަން ރަގަޅަށް ނުހިންގޭ މީހަކަށް އެއަށްވުރެ ބޮޑު ޒިންމާ އަދާ ކުރެވޭނެ ކަމަކަށް ހަމަ ބުއްދި ނުދެކޭނެ. 1 ކިލޯ ނޫފުލޭ މީހަކަށް 2 ކިލޯ އުފުއްލޭނެ ގޮތެއް ނޯންނަނެ.
ވިޝަން
02 February 2023
ތިޔަ ދެން އޭޝިޔާގެ ފުޓްބޯޅައިގެ ވެސް ދުވަސް ދިޔައީ
އަންޑޭ
02 February 2023
ފުޓުބޯޅަ ހިޓްލަރު ބައްސާމުގެ ކިބައިން އޭ.އެފް.ސީ ސަލާމަތްކުރައްވާންދޭ! އާމީން
2023
02 February 2023
ތިދިޔައީ އޭސިޔާގެ ފުޓްބޯޅަ ޒަމާން.... ބޮއިހަލަކި
ހަލީފާ
02 February 2023
ދެރަ ކަންކަން. ގައުމުގެ ފުޓުބޯޅަ ދަރަނިކޮށްފައި ބޮޑެތި މަގާމުތަކަށް. ކުރެވޭނެ ކަމެއްނެތް. އިންފަންޓީނޯ ފީފާގެ ރައީސް ކަމަށް ހޮވުނީ ރާއްޖޭގެ އެފް.އޭ.އެމް އިން ބައްސާމް ދިން ވޯޓުން. އެހެންވީމަ އެމީހުން އެމީހުންނަށް ހެޔޮ މިތާ ކޮންމެ ގޮތެއްވިޔަސް.
ޖޭމުގޭ އަހައްމައިދީ
02 February 2023
ދުފައިގެން ކުޅު ތަޅާފަ މިތަނުގަ ކޮމެންޓް ކުރާ ކޮހުންތައް ދެން ފިއްތާލާ. ބައްސާމު ކުޅޭނީ ހަކުޅި ކުރިއަށް
އިސްލާހު
02 February 2023
ކަރަޕްޓް މީހުން ކަރަޕްޓް މީހުންނާ ގުޅިގެން ކުރިއަރައި ދިއުމުގެ ލާމަސީލު މީސާލެކެވެ.
މިސް ކީނު
01 February 2023
މި ރީޖަނުގެ ފުޓުބޯޅަ ނިމުނީ!
48343
01 February 2023
މަހުލޫފުމެން ސުޒޭނުމެނަށް ބައްސާމު އަތުނުވާ ސަބަބު ވަރަށް ސާފު. ބައްސާމު ކުޅެނީ ހަކުޅި ކުރިޔަށް. އެކަމަކު ނަންވާނީ އަންނި ހަކުޅި ކުރިއަށް ކުޅޭކަމަށް.
ހުސެއިންސް
01 February 2023
ދިވެހި ފުޓްބޯޅަ އިދާރާ ދަރުވާ އިނދަޖައްސާލައިފަގޮސް ބޮޑު މަގާމެއްހޯދުމަކީ އެހާ އަބުރުވެރިކަމެއް ނޫން ދިވެހި އެފް.އޭ.އެމް އިނދަޖެހުނީ ބައްސާމުގެ ނާގާބިލުކަމުން ކަމާމެދު ޝައްކެއްނެތް
އެފއެއެމް
02 February 2023
އެފް އޭ އެމް އިނދަޖެހުނީ ސަރުކާރުގެ އުނދަގުލާއި ދުއްތުރާލުގެ ސަބަބުން. ކީއްވެތަ ހަޖަމް ނުވަނީ